ވިހި ވަނަ ގަރުނުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން ދިޔަ ޕޯލިއޯ އަދި މީސަލްސް/ރުބެއްލާއާ އެކު ދުނިޔެއަށް އައީ ހުއްޓުމެކެވެ. އޭރު ހަގީގަތް ނޭނގޭ މި ބަލީގައި އެތައް ބަޔަކު މަރުވަމުން ދިއުމުން ކުރިމަތިވީ ބޮޑު ހާސްކަމެކެވެ. 

އެ ކަންބޮޑުވުންތަކަށް ފަހު ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެމެރިކާގެ ބަޔޯމެޑިކަލް ސައިންޓިސްޓު ޑރ. ޖޯން އެންޑާ އުފެއްދި ވެކްސިނަށް 1963 ގައި ހުއްދަ ލިބުމުންނެވެ. އޭގެ ފަހުން ވައިރަސްއާ ގުޅޭ ކަންކަމުގެ ތަޖުރިބާކާރު ޑރ. މައުރިސް ހިލްމަން ވަނީ، ޑރ. ޖީން އުފެއްދެވި ވެކްސިން އިތުރަށް ތަރައްގީކޮށް 1968 ވަނަ އަހަރު މާކެޓަށް ނެރެފަ އެވެ.

ޑަބްލިއުއެޗްއޯގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ފަސޭހަކަމާ އެކު ފެތުރޭ ނުރައްކާތެރި މީސަލްސްގެ ވެކްސިންގެ ސަބަބުން 2000-2004 ވަނަ އަހަރާ ދެމެދު 59 މިލިއަން މީހުން ސަލާމަތްވި އެވެ. ރައްކާތެރި އަދި އަގުހެޔޮ ވެކްސިނެއް ލިބުނަސް، 2024 ވަނަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކުން ހިމަބިހި ޖެހިގެން 95،000 ކުދިން މަރުވެފައިވާ ކަމަށް އެ ޖަމިއްޔާއިން އަންދާޒާކުރެ އެވެ. އޭގެ ތެރޭގައި ގިނައީ ވެކްސިން ނުޖަހާ އަދި ވެކްސިން ނުޖަހާ ފަސް އަހަރުން ދަށުގެ ކުދިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ 1963 ވަނަ އަހަރު ހިމަބިހި ވެކްސިން ތައާރަފު ކުރުމުގެ ކުރިން، ކޮންމެ ދެތިން އަހަރުން އެއް ފަހަރު އެ ބަލި ބޮޑަށް ފެތުރޭ ކަމަށެވެ. އެއިން ކޮންމެ އަހަރަކު 2.6 މިލިއަން މީހުން މަރުވި އެވެ.

މީސްލްސް ވެކްސިން ޖެހުމަށް މީގެ ކުރިން ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި، ވެކްސިން ޖަހަން ތައްޔާރުވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
މީސްލްސް ވެކްސިން ޖެހުމަށް މީގެ ކުރިން ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި، ވެކްސިން ޖަހަން ތައްޔާރުވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އޭރު ރާއްޖޭގައި ހިމަބިއްސާއި ޕޯލިއޯ ޖެހުނު މީހުންނާއި އެ ބަލިތަކުގައި މަރުވި މީހުންގެ އަދަދުގެ ރަސްމީ ހިސާބެއް ނެތަސް މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި ހާލަތު ގޯސްވި އެވެ. އެކަމަކު ކޮމިއުނިޓީ ހެލްތު ވޯކަރުންގެ މަސައްކަތުން ރަނގަޅު ކާމިޔާބީއެއް ލިބުނެވެ.

ރާއްޖެއަށް މީގެ 43 އަހަރުކުރިން އެމްއެމްއާރު ވެކްސިން ތައާރަފްކޮށް އަދި އޭގެ ފަހުން ގައުމީ ވެކްސިން ޝެޑިއުލްގައި އެ ވަނީ ހިމަނައިފަ އެވެ. ސްކޫލަށް ކުދިން ވައްދާއިރު ވެކްސިން ޖަހާފައިވޭތޯ ބަލަން 1994 ވަނަ ފެށި އެވެ. އަދި 2000ގެ އަހަރުތައް ފެށުނުއިރު އާބާދީގެ ބޮޑު ބަޔަކަށް ވަނީ ވެކްސިން ދީފަ އެވެ.

އެކަންކަމުގެ ނަތީޖާއަކީ، ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން 2017 ވަނަ އަހަރު ރާއްޖެ ކަނޑައެޅުމެވެ. ރުބެއްލާ ނައްތާލި ކަމަށް އޭގެ ތިން އަހަރުފަހުން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް، ދޭތެރެދޭތެރެއިން، ރާއްޖެ އަންނަ ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ. އެކަމަކު، މި ފަހަރު ހިމަބިހީގައި އައުޓްބްރޭކެއް އައިސް، ދިވެހިން ވެސް ހިމެނޭ ގޮތަށް 11 މީހުންނަށް އެ ބަލި ޖެހިއްޖެ އެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖެއަށް ވެސް މިހާރު ކުރިމަތިވެގެން އުޅޭ އެންމެ ބޮޑު ނުރައްކަލަކީ، އެތައް އަހަރެއް ވަންދެން ސައިންސްވެރިން ކުރި ދިރާސާތަކަށް ފަހު އުފެއްދި ވެކްސިންތަކާ މެދު އުފައްދާ ޝައްކުތައް ގިނަ ބަޔަކަށް ގަބޫލުކުރެވުމެވެ. 

މިއީ ބޮޑު ކަންބޮޑުވުމެއް

ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ޑޮކްޓަރަކު ވިދާޅުވީ، އުފަންވާ ތަނުން ކުޑަކުދިންނަށް ދޭ ވެކްސިން ޖަހަން ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން މަދުން ނަމަވެސް ބައެއް ބެލެނިވެރިން ދެކޮޅު ހެދި ކަމަށެވެ. އެކަމަކު، ކޮވިޑަށް ފަހު އެ ހާލަތު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިމަބިހި: މި ބަލީގައި ބޮޑުވަރުވެ، ފުރާނަ ދިއުމުގެ ފުރުސަތު ބޮޑު.
ހިމަބިހި: މި ބަލީގައި ބޮޑުވަރުވެ، ފުރާނަ ދިއުމުގެ ފުރުސަތު ބޮޑު.

ޑޮކްޓަރު ވިދާޅުވި ގޮތުގައި މިހާރު މަހަކު އެވްރެޖުކޮށް އެކަކު، އަލަށް އުފަންވާ ދަރިފުޅަށް ވެކްސިން ޖަހަން ދެކޮޅު ހަދަ އެވެ. އެއީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އުފަންވާ ކުދިންނަށް، ޓީބީ ބަލިން ރައްކާތެރިވާން ބީސީޖީ އަދި ހެޕަޕައިޓިސް ބީ ވެކްސިން ޖަހައިދޭނީ އެ ކުއްޖަކު އުފަންވާ ހޮސްޕިޓަލަކުންނެވެ.

"ކުރީގައި މި ވަރަކަށް ނުފެނޭ [ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންނެއް]. ކުރީގައި ފެންނާނީ އަހަރަކު 2-3 ވަރު. ބައެއް ފަހަރު ނުފެނި ވެސް ދޭ،" ކުޑަކުދިންގެ ބަލީގެ ޑޮކްޓަރަކު ވިދާޅުވި އެވެ. 

"މިހާރު އެވްރެޖުކޮށް މަހަކު އެއް ކޭސް ފެނޭ."

އޭނާ ވިދާޅުވީ ވެކްސިން ޖަހަން ފަސްޖެހޭ މީހުން ގިނަވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގެއްލުން ދިނުމަށް ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ކަމަށެވެ.

"އަނެއް ކަމަކީ ވެކްސިނަކީ ވަރަށް ސަކްސެސްފުލް ސްޓޯރީއެއް. އެހެންވެ، ވަރަށް ގިނަ ބަލިތައް މިހާރު ނުފެނޭ. ނުފެނުނީމާ މީހުންނަކަށް ނޭނގޭ އަސްލު އެއީ ކޯއްޗެއް ކަމަށް،"

"ކަމެއް ދިމާވީމާ މި އެނގެނީ ވެކްސިންގެ ކާމިޔާބީ."

އޭނާ ވިދާޅުވި ގޮތުގައި 2007 ހިސާބުގައި ހިމަބިހި ކޭސްތައް ކޮންމެ ވެސް ވަރަކަށް ފެނުމުން ވެކްސިންގެ ދެ ޑޯޒު ތައާރަފްކުރި ކަމަށެވެ. އޭގެ ފަހުން، އެ ބަލި އެއްވެސް ވަރަކަށް ނުފެނެއޭ ބުނާ ވަރަށް ކޭސްތައް މަދުވި އެވެ. އެ ބަލި ރާއްޖެއިން ނައްތާލިކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން އަނެއްކާ ވެސް ބަލި ފެނުމުން "މަވެސް ޖަހައިފިން" ނަމުގައި ވެކްސިން ޖެހުމުގެ ކެމްޕެއިނެއް ފެށި އެވެ. އެކަން ހުއްޓުނީ، ކޮވިޑު ފެތުރެން ފެށުމާއެކުގަ އެވެ. 

އެ ގައުމަކުން ބައްޔެއް ކޮންޓްރޯލްކުރި ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅަނީ ޖެހިޖެހިގެން ތިން އަހަރު އެއްވެސް ކޭހެއް ނުފެނުމުންނެވެ. 

ހިމަބިހީގެ ވެކްސިން ޖެހުމުގެ ކެމްޕެއިނެއް 2020 ވަނަ އަހަރުގެ ކުރީކޮޅު ފަށައި، އަމީނިއްޔާގެ ދެ ކުއްޖަކު ވެކްސިން ޖަހަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހިމަބިހީގެ ވެކްސިން ޖެހުމުގެ ކެމްޕެއިނެއް 2020 ވަނަ އަހަރުގެ ކުރީކޮޅު ފަށައި، އަމީނިއްޔާގެ ދެ ކުއްޖަކު ވެކްސިން ޖަހަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑޮކްޓަރު ވިދާޅުވީ ވެކްސިން ދޭން ދެކޮޅު ހެދުމުން ވެކްސިން ދިނުމަށް ހޮސްޕިޓަލުން ވެސް ކައުންސެލިން ދޭ ކަމަށެވެ. އެވަރުން ވެސް ނުވިއްޔާ އެޗްޕީއޭއިން ވެސް ކައުންސެލިން ދޭނެ އެވެ. އަދި ވަކި ފިޔަވަހިތަކަކުން މަސައްކަތްކޮށްގެން ވެސް އެކަން ކާމިޔާބުނުވިއްޔާ އެޗްޕީއޭއިން އެ މީހާ ކަނޑައަޅާނީ ވެކްސިން ދޭން ދެކޮޅު ހެދި މީހެއްގެ ގޮތުގަ އެވެ. 

އެއަށްފަހު، ކޯޓަށް ހުށަހަޅައިގެން ވެސް ވެކްސިން ޖެހުމުގެ އަމުރެއް ނެރެވޭނެ އެވެ.

އޭނާ ވިދާޅުވީ ކައުންސެލިން ދިނުމުން ވެކްސިން ޖަހަން އެއް ބަޔަކު ގަބޫލުކުރާ ކަމަށެވެ. އަނެއް ބަޔަކު އެއްބަހެއް ނުވެ އެވެ. އެކަމަކު، މިކަން ކުރަން ގާނޫނުން ލާޒިމްކޮށްފައިވާ އެޗްޕީއޭގެ މަސައްކަތް ބާރު ދުވެލީގައި ހިންގަންޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. 

ހިމަބިހީގެ ވެކްސިން ދެނީ: ހިމަބިއްސަށް ދޭ ވެކްސިނަކީ ރައްކާތެރި، ޔަގީންކަން ބޮޑު އެއްޗެއް
ހިމަބިހީގެ ވެކްސިން ދެނީ: ހިމަބިއްސަށް ދޭ ވެކްސިނަކީ ރައްކާތެރި، ޔަގީންކަން ބޮޑު އެއްޗެއް

ނަމަވެސް، ދިރާސާތަކުން ދައްކާގޮތުގައި އިދާރާތަކަށް ވުރެ އާއްމުން ބޮޑަށް އިތުބާރުކުރަނީ ހެލްތު ޕްރޮފެޝަނަލުންނަށެވެ. 

އާއްމު ސިއްހަތުގައި ދިރާސާތައް ހަދާ "ވެލްކަމް ގްލޯބަލް މޮނިޓާ" އިން 2018 ވަނަ އަހަރު ހެދި ދިރާސާގައި ބުނީ ސިއްހީ ކަންކަމުގައި އިރުޝާދާ ގުޅޭގޮތުން ކޮންމެ 10 މީހުންގެ ތެރެއިން އަށް މީހުންނަށް ވުރެ ގިނައިން ނުވަތަ 84 ޕަސެންޓު މީހުން، ސިއްހީ ހިދުމަތްތެރިންނަށް އިތުބާރުކުރާ ކަމަށެވެ. ނަމަވެސް، ހަމަ އެ ކަމުގައި ސަރުކާރުގެ ސިއްހީ އިދާރާއަކުން ދައްކާ ވާހަކައަށް އިތުބާރުކުރާ އަދަދު 76 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ދައްކަ އެވެ.

ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ޑޮކްޓަރު ވެސް ވިދާޅުވީ ސިއްހީ ކަންކަމުގައި ޑޮކްޓަރުންނަށް އޮންނަ އިތުބާރު ބޮޑުވާތީ، ވެކްސިނާ ގުޅޭގޮތުން ޑޮކްޓަރުން ގިނައިން ވާހަކަދައްކަންޖެހޭ ކަމަށެވެ. އެކަމަކު، އެކަން ގިނަ ފަހަރަށް އޮންނަނީ އަޅާނުލެވި އެވެ. 

"ވަކި ގްރޫޕުތަކަށް ޓާގެޓުކޮށްގެން [ވެކްސިނާ ދެކޮޅު މީހުން] މިސްއިންފޮމޭޝަނާއި ޑިސްއިންފޮމޭޝަން ފަތުރަނީ،" އޭނާ ވިދާޅުވި އެވެ.

"އެކަމާ ދެކޮޅަށް މަސައްކަތްކުރަންޖެހޭ."

ޑޮކްޓަރު ވިދާޅުވީ ވެކްސިން ޖެހުމަށް ބާރުއަޅަން ޖެހޭ ކަމަށާއި މުޅި ދުނިޔެއިން ބަލި ނައްތާލެވެންދެން އެކަން ކުރެވެންޖެހޭ ކަމަށެވެ. ކަށިވިދުރި (ސްމޯލްޕޮކްސް) އަކީ މުޅި ދުނިޔެއިން ނައްތާލާފައިވާ ބައްޔެކެވެ. ޕޯލިއޯ ވެސް މިހާރު ހުރީ ނައްތާލެވިފައިވާ ހިސާބުގަ އެވެ. އެ ބަލި މިހާރު ފެންނަނީ ޕާކިސްތާނާއި އަފްޣާނިސްތާނުންނެވެ.

"މީސަލްސް ވެސް ރަނގަޅަށް ނައްތާލެވިދާނެ ރަނގަޅަށް ދަންޏާ."

ބޮޑު ގޮންޖެހުމެއް، އިތުރަށް މަސައްކަތް ވެސް ކުރަންޖެހޭ

އެޗްޕީއޭގެ މަސައްކަތްތައް އެނގޭ މީހަކު ބުނި ގޮތުގައި، ވެކްސިނާ ދެކޮޅަށް ރާއްޖޭގައި މީހަކު ފާޅުގައި ވާހަކަދައްކަން ފެށުމުން، އެކަމުގައި އަމަލުކުރާނެ ގޮތުގެ ލަފައަކަށް ޑަބްލިއުއެޗްއޯގައި އެދުނު ކަމަށެވެ. އެ ޖަމިއްޔާއިން އެދުނީ އެކަމަށް ރައްދު ނުދިނުމަށެވެ. ރައްދު ދީފި ނަމަ އެކަން ގިނަ ބަޔަކަށް އެނގި ނުރަނގަޅު މައުލުމާތު މާބޮޑަށް ފެތުރޭ ކަމަށް ޑަބްލިއުއެޗްއޯއިން މީގެ އަހަރުތަކެއް ކުރިން ދިން ލަފާގައި ބުނެފައިވެ އެވެ. 

ނަމަވެސް އޭނާގެ ކަންބޮޑުވުމަކީ ވެސް، ވެކްސިން ޖެހުމުގެ މުހިއްމުކަން އެޗްޕީއޭއިން ފުޅާދާއިރާގައި ކިޔައިނުދިނުމެވެ. ޓީވީ ޕްރޮގްރާމަކަށް އަރައި ދައްކާލާ ވާހަކަތަކަކުން ނިންމާ ނުލުމެވެ. 

ވެކްސިނާ ދެކޮޅު މީހުންގެ އަޑުތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގަދަވެއްޖެ އެވެ. އެކަމާ ދެކޮޅަށް ޗެޓު ގްރޫޕުތަކާއި ޗެނަލްތައް ހަދައިގެން، އެތައް ބަޔަކަށް އެ ވާހަކަތައް ފޯރުކޮށްދެ އެވެ. 

އެކަމަކު، އޭގެ އަނެއްކޮޅުން އެޗްޕީއޭގެ މަސައްކަތް އެ ވަރަކަށް ނުފެނެ އެވެ.

"ވެކްސިނާ ދެކޮޅު މީހުން ގިނަވަމުން ދިއުމަކީ އެޗްޕީއޭއަށް ވެސް ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަކު، ވެކްސިންގެ ރައްކާތެރިކަން ޕްރޮމޯޓުކުރާކަށް އެޗްޕީއޭއިން މަސައްކަތްކުރަންޖެހޭ ވަރަކަށް ނުކުރޭ. އެއީ މީގައި ދިމާވާ މައްސަލައަކީ." އޭނާ ބުންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ހުށަހެޅި ސުވާލުތަކަށް އެ އެޖެންސީން ދިން ޖަވާބުގައި ބުނީ ވެކްސިނާ ދެކޮޅަށް މަސައްކަތްކުރާ މީހުން ހިފައި ހައްޔަރުކުރުމުގެ ބަދަލުގައި އެތަނުން މަސައްކަތްކުރަނީ މީހުން ހޭލުންތެރިކުރުވަން ކަމަށެވެ. 

ހެލްތު މިނިސްޓްރީ ހިންގާ އިމާރާތް.
ހެލްތު މިނިސްޓްރީ ހިންގާ އިމާރާތް.

އޭގެ ތެރެއިން، ބެލެނިވެރިންނަށް ރައްކާތެރިކަމުގެ ސެޝަންތައް ނަގައިދިނުމާއި ޓީވީ/ރޭޑިއޯގެ އެކި ޕްރޮގްރާމްތައް މެދުވެރިކޮށް އާއްމުން ހޭލުންތެރިކުރުވާ ކަމަށް ބުންޏެވެ. މިހާރު ވެސް އެ މަސައްކަތް އިތުރަށް ފުޅާކުރަން އަންނަނީ މަސައްކަތްކުރަމުންނެވެ. 

އެ އެޖެންސީން ވެސް ބުނީ ވެކްސިނާ ދެކޮޅަށް ފަތުރާ ވާހަކައަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތަށް ދިމާވުމުން، ނައްތާލާފައިވާ ބަލިތައް އަލުން ފެނުމުގެ ފުރުސަތު ބޮޑުވުމާއި ހަޑް އިމިއުނިޓީ ނުވަތަ ޖަމާއީ ދިފާއީ ބާރު ކުޑަވުން ހިމެނެ އެވެ. 

"ސައިންޓިފިކް އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތު ސޯޝަލް މީޑިއާގައި ހަލުވިކަމާ އެކު ފެތުރުމަކީ އެޗްޕީއޭއަށް އޮތް ބޮޑު ހުރަހެކެވެ. މީގެ ސަބަބުން ބެލެނިވެރިންގެ މެދުގައި ބިރުވެރިކަން އުފެދި، ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އޮންނަ އިތުބާރު އާއްމުންގެ މެދުގައި ކުޑަވެ އެވެ." ލިޔުމުން ދިން ޖަވާބުގައި އެޗްޕީއޭއިން ބުންޏެވެ. 

ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ވެކްސިންތަކަކީ އެތައް އަހަރެއްގެ ދިރާސާތަކަށްފަހު އުފައްދާފައިވާ އެއްޗިއްސެވެ. އެހެންވެ، އެ ތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. ރާއްޖެއިން ނައްތާލާފައިވާ ބަލިތައް ފެނުމަކީ ނުރައްކަލުގެ ރަނގަބީލެކެވެ. އެކަމުގައި މިހާރަށް ވުރެ ބޮޑަށް މަސައްކަތްކުރަންޖެހެ އެވެ. އެ ކަން އަވަށްޓެރި ގައުމުތަކުން މިހާރު ވެސް ފެނެ އެވެ.

ވެކްސިންގެ ކަވަރޭޖު ދަށް އިންޑިއާ އައި ބަންގްލަދޭޝްގައި ހިމަބިހި ޖެހިގެން މިދިޔަ މަހު އެކަނި ވެސް އެތައް ސަތޭކަ ކުދިންނެއް ވަނީ މަރުވެފަ އެވެ. ރާއްޖޭގައި އެ ބަލި ޖެހުނަސް، މަރުވާ ހިސާބަށް ނުދަނީ ވެކްސިންގެ ކަވަރޭޖު ރަނގަޅުވުމުންނެވެ.