އަލީ ހުސެއިން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ: މެންބަރުންގެ ގޮނޑި ގެއްލޭ އެއްވެސް އިޖުރާއަތެއް ހިންގުން ހުއްޓުވަން ވަގުތީ އަމުރަކަށް ވަނީ އެދިފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
25 ފެބުރުއަރީ 2025 - 11:08
ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކާ މެދު އިޖުރާއަތެއް ހިންގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ވަގުތީ އަމުރަށް އެދިފައި ވަނީ މެންބަރަކު ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއިންނެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް، ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި ޝަރީއަތް ފަށާފައިވާ މައްސަލާގައި އެދިފައިވަނީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދޭށެވެ. އެއީ އެ އިސްލާހު ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އާއި ފަސް ވަނަ އަދި އަށް ވަނަ މާއްދާއާ ވެސް ހިލާފުވާތީ އަދި 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފުވާ ކަމަށް ބުނެ އެވެ.
އެ އިސްލާހަކީ މިހާރު ތިބި މަޖިލީހުގެ މެންބަރުންނަށް އެއްވެސް ގޮތަކުން އެޕްލައި ކުރެވޭނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.
އެ މައްސަލާގައި އަލީ ހުސައިން ތަމްސީލު ކުރައްވާ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ، ގާނޫނަކީ ފަހަތަށް ރަޖުއީކޮށް ހިންގޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ގާނޫނު ހެދުމުގެ އެންމެ މައިގަނޑު އެއް އަސާސް ކަމަށެވެ. މަޖިލީހުގެ މިހާރުގެ މެންބަރުން ޕާޓީގެ ޓިކެޓެއް ހޯއްދަވައި، އިންތިހާބުވިއިރު ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަން އެއީ ތަސައްވުރު ކުރެވިފައި އޮތް ކަމެއް ނޫން ކަމަށް މަހުފޫޒު ވިދާޅުވި އެވެ. އެހެންވެ، ގާނޫނުއަސާސީ އަށް ގެނައި ހަ ވަނަ އިސްލާހު ދެމި އޮންނަ މުއްދަތުގައި ވެސް މިހާރުގެ މެންބަރުންނަށް އެ އިސްލާހުގެ އުސޫލު ނުހިނގާނެ ކަމަށް ކަނޑައަޅަން މަހުފޫޒު އެދިވަޑައިގަތެވެ.
ވަކީލް ވިދާޅުވީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފުވާ ކަމަށާއި އެގޮތުން ދައުލަތުގެ ބާރުތައް ދެމިގެން ދާނީ ރައްޔިތުންގެ ކިބައިގައި ކަމަށް އޮންނަ އޮތުމާ ފުށުއަރާ ކަމަށެވެ. މިހާރު ދައުލަތުގެ ބާރުތައް އޮތީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ އަތްމަތީގައި ކަމަށާއި ނަމަވެސް މެންބަރުން ވަކިކުރުމުގެ ބާރު އޮންނަން ވާނީ ރައްޔިތުންގެ އަތުގައި ކަަމަށް މަހުފޫޒު ވިދާޅުވި އެވެ.
މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހާ އެކު ދައުލަތުގެ ނިޒާމް ގަޑުބަޑުވެފައިވާ ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ. ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމް ކަމަށާއި ގާނޫނުއަސާސީ ވެސް ބައްޓަންކޮށްފައިވަނީ އެގޮތުގެ މަތިން ކަން އޭނާ ފާހަގަ ކުރެއްވި އެވެ. މަހުފޫޒު ވިދާޅުވި ގޮތުގައި ޕާޓީން ވަކިވެއްޖެ ނަމަ، ގޮނޑި ގެއްލުމަކީ ބަރުލަމާނީ ނިޒާމްގެ ސިފައެކެވެ.
މަހުފޫޒު ވިދާޅުވީ އިސްލާހުގެ ސަބަބުން ދައުލަތުގެ ބާރުތައް ވެސް މަސްހުނިގަނޑަކަށް ވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެކަމާ މެދު ގޮތެއް ނުނިންމާ ސުޕްރީމް ކޯޓުން ނިންމީ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާށެވެ. އެ މައްސަލަ އޮއްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޔަވަޅު
25 February 2025
މި ނުވޭތަ ފަނޑިޔާރު ގެއަޢް އަތް ބޭނުމަކައް . ބަލަ . މިމީހުންވެސް ބެނުން ވެގެން މިއުޅެނީ ރައީސް ވެރިކަމުން ދުރުކުރަން މަޖިލިސް ބޭނުންކޮއްގެން . ފަނޑިޔާރުންވެސް ސިޔާސީ ވަންޏާ ޖެހޭނީ ވަކި ކުރަން . މި ޤައުމު މީ ވަކިބައެއްގެ ގައުމެއް ނޫން. ބަލަ. ކާކުތަ ހުރީ ތިބުނާ އެންމެން ރުހޭ ގޮތައް ވެރިކަންކުރެވޭ.
ޢިދްރީސް
25 February 2025
ހާދަ ވަރަކަށް ތެޅި ފޮޅެނީ މި ، ބަގާވާތެއް ކުރަން ރާވާފަ އޮތީހެން ހާދަ ހީވޭ
އައްބެ
25 February 2025
އަމުރަކަށް އެދެވޭނެނަމަ މިމީހުން މަރު ފަސްކުރަންވެސް އަމުރަކަށް އެދޭނެ. އެކަމަކު އެއަކީ ނިކަމެތި އިންސާނާއަށް އޮތް ބާރެއްނޫން. އެކަމަކު ނިކަމެތި އިންސާނާ (އަހަރެންވެސް ހިމެނގޮތަށް) މިބިންމަތީގައި އުޅެމުން މިދަނީ ހިތުހުރިހާގޮތަކަށް. ކޮންމެ މީހަކު އެމީހަކަށް މިއުޅެވެނީ ހެޔޮކޮށްތޯ ވިސްނާލައި ރަނގަޅުކޮށްލަމާތޯ!
ބަގު
25 February 2025
އަހަރެން މީ އެއްވެސް ޕާޓީއެއްގެ މެންބަރެއްނޫން، ވޯޓްދީ އަމިއްލައިސްނަގައިގެން ކެންޕޭން ކޮއްދީ ގޮނޑިއައް ލައިދިނީ އޭނާއަކީ ރަނގަޅު މީހަކަށް ވާތީ އެހެންކަމުން އޭނާ ވަކިކުރުމުގެ ބާރު ޕާޓީއައް ލިބުންއެއީ އެއްގޮތަކައްވެސް ގަބޫލު ކުރެވޭ ކަމެއްނޫން. ޕާޓީމީހުން އެކަނި ހޮވި މެންބަރުންނެއްނޫން އެއީކީ