ބަޔަކު އުމްރާގެ އަޅުކަމުގައި.-- ފޮޓޯ:އޭއެފްޕީ
10 މާޗް 2025 - 12:51
އާއިލާގެ ބަޔަކާ އެކު މި ރޯދަ މަހު އުމްރާގެ އަޅުކަމަށް ދާން ގިނަ އަދަދެއްގެ ފައިސާ ދެއްކި ފަހުން، ނުގެންދެވޭނެ ކަމަށް އެންގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އުމްރާއަށް ތައްޔާރުވި ފަހުން ނުގެންދެވޭނެ ކަން އެންގީ އަސްކޮއި ހައްޖު ގްރޫޕްގެ ހަވާލުގައި ދާން އުޅުނު ހަ މީހަކަށެވެ.
އެ އާއިލާ އިން ވާހަކަ ދެއްކި ހަލީމަތު ސިފްނީ "މިހާރު"އަށް ބުނީ އޭނާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ އިތުރު ތިން މީހުންނާ އެކު މި ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ހައްޖު ގްރޫޕަށް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމާފައިވާ ކަމަށެވެ.
އެ ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000ރ.ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ.
ސިފްނީ ބުނި ގޮތުގައި އުމްރާއަށް މި މަހުގެ 16 ގައި ފުރާނެ ކަމަށް އަސްކޮއި ގްރޫޕުން އޮތީ ޔަގީންކަން ދީފަ އެވެ. އެނބުރި ރާއްޖެ އަންނާނީ ޝައްވާލް މަހުގެ ހަ ވަނަ ދުވަހު ކަމަށާއި އުމްރާއަށް ދާ މީހުންނާ އެކު މާދަމާ ޖަލްސާ ބާއްވާނެ ކަމަށް ވެސް ކުރިން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ ހަ މީހުންގެ ފުރަތަމަ އުމްރާ ދަތުރަށް ފައިސާ ދައްކައި ހުރިހާ ކަމެއް ހަމަޖެހުމުން މުޅި އާއިލާ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ. އަދި ރަށުގައި ދިރިއުޅޭ އެ އާއިލާގެ އެންމެން އޮތީ މާލެ އައުމަށް ދަތުރު ހަމަޖައްސައިފަ އެވެ.
އެކަމަކު، މިއަދު މާލެ އަންނަން ހުރިހާ ކަމެއް ނިންމާފައިވަނިކޮށް ދިމާވި މައްސަލައަކުން ކަމަށް ބުނެ ފަހު 10ގެ އުމްރާއަށް ދަތުރުކުރެވެން ނެތް ކަމަށް އަސްކޮއި ގްރޫޕުން އެންގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސިފްނީ ބުންޏެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ސިފްނީއަށް ފޮނުވި މެސެޖުގައި ވަނީ އެ ކޮޅުން ދިމާވި ކަމެއްގެ ސަބަބުން ދަތުރަށް ވަރަށް ބޮޑަށް ބުރޫއަރައިގެން އެކަން ރަނގަޅުކުރެވޭތޯ ވަރަށް މަސައްކަތްކުރިއަސް އެކަން ހައްލުނުކުރެވޭތީ ދަތުރު ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށެވެ.
"ތަކުރާރުކޮށް މައާފަށް އެދުނަސް ތިބޭފުޅުންނަށް ގަބޫލުކުރައްވަން އުނދަގޫވާނެ ތި ބޭފުޅުންގެ ފައިސާ ދެވޭނެ އެހެނަސް ދަތުރު ނުކުރެވުމުން ލިބޭ މާޔޫސްކަން ބޮޑުވާނެ ކަން ގަބޫލުކުރަން. އޭޕްރީލް 15 އަށް ވުރެ ފަސްވެދާނެ ރުފިޔާ ހަވާލުކުރަން. މައާފާއެކު އެދެން ހިތާމައާ އެކު މިކަން ގަބޫލުކޮށް ދެއްވުމަށް. ހިތާ ދެކޮޅަށް ވެސް ގަބޫލުކުރައްވައިފި ނަމަ ފަސޭހަ ކަމާއެކު ރުފިޔާ ދެވޭނެ ވާހަކަ ދަންނަވަން. ވަރަށް މައާފާއެކު ގަބޫލުކޮށް ދެއްވުން އެދެން." އެ މެސެޖުގައިވެ އެވެ.
ސިފްނީ ބުނީ ދަތުރުކުރެވެން ނެތް ކަމަށް އަސްކޮއި ގްރޫޕުން އެންގުމާ އެކު ރިފަންޑު ހަމަޖައްސައިދިނުމަށް ވެސް އެދިފައިވާ ކަމަށެވެ. އަދި ރިފަންޑު ދީފިނަމަ އެހެން ގްރޫޕެއްގެ ހަވާލުގައި ހަ މީހުންނަށް މި ރޯދަ މަހު އުމްރާއަށް ދެވެން އެބައޮތެވެ، އަވަހަށް ފައިސާ ލިބޭނެ ގޮތެއް ނެތުމުން އެ އާއިލާއިން މިހާރު ވަނީ ޕޮލިހާއި އިސްލާމިކް މިނިސްޓްރީއަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
"މިނިސްޓްރީއަށް މައްސަލަ ހުށަހަޅައިފިއްޔާ ދަތިވެދާނެ ކަމަށް ބުނީމަ ހުށަނޭޅީ. އެކަމަކު، އަސްކޮއި ގްރޫޕަށް މުއްދަތެއް ދީފައި މައްސަލަ މިހާރު މި ހުށަހެޅީ،" ސިފްނީ ބުންޏެވެ.
އުމްރާއަށް ދާން ފައިސާ ދެއްކި ފަހުން އެތަނުން އެކަކު ވަނީ މިދިޔަ މަހުގެ 25 ގައި ނިޔާވެފަ އެވެ. މަސައްކަތުގައި އުޅެނިކޮށް ސިއްހީ މައްސަލައެއް ދިމާވެގެން މިދިޔަ މަހުގެ 19 ގައި 41 އަހަރުގެ އެ ފިރިހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން އާއިލާއިން ދިޔައީ އެކަން އުމްރާ ގްރޫޕަށް އަންގަމުންނެވެ.
އެ އާއިލާއިން ބޭނުންވީ ފިރިހެން މީހާއަށް ނުދެވިއްޖެނަމަ އޭނާގެ އަންހެނުން އުމްރާއަށް ގެންދާށެވެ. އެކަމަކު، އެކަން ވެސް ކުރެވެން ނެތް ކަމަށް އުމްރާ ގްރޫޕުން އެންގިކަމަށް ސިފްނާ ބުންޏެވެ.
އޭގެ އިތުރުން، މައިންބަފައިންގެ އުމުރުން ދުވަސްވެ އަދި ބައްޕަގެ ސިއްހީ މައްސަލަތައް ހުރުމުން އާއިލާއިން ބޭނުންވަނީ ދަތުރު ފަސްނުކޮށް ވީހާ ވެސް އަވަހަކަށް އުމްރާއަށް ދާށެވެ.
"އާއިލާގެ ބަޔަކު މީގެ ކުރިން އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ. ވަރަށް ރަނގަޅަށް ކަންތައްތައް ދިޔަ ކަމަށް ބުނީމަ ބޭނުންވީ އެ ގްރޫޕުން ދާން،" ސިފްނީ ބުންޏެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އަދި އަސްކޮއި ގްރޫޕުގެ ބަހެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
13 March 2025
މިޒަމާނުގައި ގުރޫޕްތަކަށް ފައިސާ ދައްކައިގެން ޢުމުރާއަށް ދިޔުމުގެ ބަދަލުގައި އަމިއްލައަށް ދިއުން ބުއްދިވެރި. ހުރިހާ ކަމެއް ފަސޭހައިން 1000 ޑޮލަރާ 1،500 ޑޮލަރާ ދޭތެރޭގެ ޢަދަދަކުން ހަމަޖެއްސޭނެ. ރަނގަޅު ހޮޓާތަކުގައި ތިބެފަ މީރު ކެއުން ކައިގެން ޢުމްރާކޮށްފަ އާދެވޭނެ. ތި ޖަމާޢަތްތަކަށް 42،000 ރުފިޔާ ދެއްކީމާ ތިޔަ ދެއްކެނީ 2،700 ޑޮލަރަށްވުރެ ގިނައިން. އަދި އެތަނަށް ގޮސް ވެސް އެކި ނަންނަމުގަ އެމީހުން ފައިސާ ނަގާނެ!
އަހުމަދުބޭ
12 March 2025
މީގެނ މިއިގެނީ މި އުމްރާގުރޫޕްމީހުން ވަރަށް ނިކަމެތިކަންދޯ، މީހަކު ރިފަންޑުދޭން އެދުމުން އެވަރުވެސް ދެވެން ނެތުން މިއީދެން ދެރަވަރު
ޑރ ވާންޗޯ
11 March 2025
ސަރުކާރުގެ ބޮޑުންނަށް ބައިއެޅިގެން ހިންގޭ ކޮރަޕްސަންނޫންނަމަ ތިކަމާ ހަރުކަށިފިޔަވަޅު އެޅުނީސް. މިހާރު ކޮންމެއަހަރަކުވެސް ގްރޫޕަކުން ލާރިތަކެއްކާލީމަ ސަރުކާރުން ހަރަދުބޮލުގައެޅީމަނިމުނީ.
މަގޭ ހިޔާލު
11 March 2025
އަސްކޮއި ގްރޫޕާއެކު މިދިޔަ ޑިސެމްބަރުގައި އުމްރާއައްދިޔަ މީހެއް ކިޔާދިނީ ގްރޫޕްގެ ފަރާތުން މީހުން ބޭތިއްބީ Raed Al Khair ކިޔާ ހޮޓަލެއްގައޭ. ހަޑި މުޑުދާރު ކުރަފި މީދާ އުޅޭ ފާހަނާ ދުވަހަކުސް ސާފު ނުކޮށްލާ. ޢެނދުގެ ބެޑްޝީޓު ވެސް ބަދަލު ނުކުރާކަމައް. ޢުމްރާގެ ފުރަތަމަ ރޭ އަންހެން އުމްރާވެރިން އެކަނި ހަރަމަ ދޫކޮށްލާފައި ނައްޓާލީ. މިހެންކަން ކުރީމާ ބަޔަކު ގެއްލިގެން އުޅެން ޖެހުނު. މި ގްޜޫޕާއެކު ނުދެވުމަކީ ﷲ ކަލޭމެން ހިއްދަތިކަމަކުން ސަލާމަތްކުރުން
ވަގުތު
10 March 2025
ފުރަން މިހާ ކައިރިވެފައިވާ އިރުގައި ތީގެން ގިނަ ފައިސާ އިންތިޒާމަށް ވާނީ ބޭނުން ކުރެވިފައި. ތިކަން ނިންމުމަށް ވަގުތު ނަގާނެ. މިގޮތަށް ގްރޫޕު ނަހަދާ އަމިއްލައަށް އިންޑިޔާ އަށް ދަތުރުދާ ގޮތަށް ދިއުން މިހާރު އުދަގުލެއް ނޫން. ވިސްނުން ބަދަލު ކޮށްލަންވީ
ވާންޗޯ
10 March 2025
މިދިޔަ އަހަރު މީހުންނަ ލަޑު ދިނީމަށް ދެން ފިޔަވަޅު ނޭޅޭތީ ވާގޮތްމީ
ވާންޗޯ
10 March 2025
ތީ މިދިޔަ އަހަރު ވެސް ބޮޑި ދިން މީހުން
އުމްރާ
10 March 2025
މިހާރު އުމްރާއަށް ދިއުމަށްގްރޫޕަކާނުގުޅިވެސް ދެވޭ. ޚަރަދާށްބެލިޔަސް ޚަރަދު ކުޑަ.
ސްކޭމް އެލާރޓް
10 March 2025
ހަމަ ރެލިޖަސް ޓުއަރިޒަމްގެ ގޮތުގައި މިކަން ބަޔަކު ކޮށް ގިނަބަޔަކަށް ލަނޑުދެމުން އެގެންދަނީ އެއްވެސް ޖެހިލުމެއްނެތި. ބޮޑެތި އަދަދުން ފައިސާނަގައިގެން އެކޮޅަށް ގެންގޮއްސަ އެނބުރިއަންނަދަތުރު ހަމަނުޖައްސާ މަގުމަތިކޮށްލުން. ފައިސާކޮޅު ނަގާފައި މިގޮތަށް "ކާލުން". ތިޔަ ފައިސާވެސް ލިބޭނޭކަމުގެ އުންމީދު ކުޑަ.
ާހެޔޮއެދުން
10 March 2025
ޒަކާތު ފަންޑުން މިމީހުންގެ ދަތުރު ލިބެން އޮތް ގުރޫޕަކުން ހަމަޖައްސާދެއްވާފަ ރިފަމްޑު ފައިސާ ޒަކާތު ފަންޑަށް ޖަމާކޮދެއްވުން ޝަހީމަށް ދަންނަވަން. މިމީހުން ބޭނުންވަނީ ފަހު 15 ގެ އުމްރާކަމަށްވާތީ. އަދި މި އޮޅުވާލުމާ ބިރުދެއްކުމުގެ މައްސަލަ ވަގުތުން ބަލަންފަށައި ވަހަކަށް ޝަރީއަތަށް ފޮނުވައކދެއްވައިގެން މައްސަލަ ނިންމާދެއްވުމަށްވެސް އެދެން