މީގެކުރިން ފަނޑިޔާރު މަހާޒު ޖޭއެސްސީއަށް ހާޒިރުވެވަޑައިގަންނަވަނީ: މާދަމާ ވެސް އެ ކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
18 މާޗް 2025 - 13:27
ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފި އެވެ.
ޖޭއެސްސީން ފަނޑިޔާރުންނަށް ފޮނުވާފައިވާ ޗިޓްގައިވާ ގޮތުން އެ ދެ ފަނޑިޔާރުން ހާޒިރުކުރަނީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލައިގަ އެވެ.
އޮކްޓޫބަރު، 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްގޮތަށް ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީން އޮތީ ނިންމައިފަ އެވެ.
ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު އޭނާ ދާދިފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.
އެސިސްޓެންޓް ރަޖިސްޓްރާ ހަނީފްއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަން ފެށީ 2022 ގަ އެވެ. އެކަމަކު، އެ މައްސަލާގައި ކޮމިޝަނުން 2022 އިން ފެށިގެން މިހާތަނަށް ވެސް ވަކި ގޮތެއް ނުނިންމައި އޮތީ "ޕާކް" ކޮށްފަ އެވެ. ނަމަވެސް، މައްސަލަ ބެލި ކޮމިޓީން ވަނީ އެއީ ޖޭއެސްސީން ގޮތެއް ނިންމަންޖެހޭ ކަމަށް ފެންނަ މައްސަލައެއް ކަމަށް ބަޔާންކޮށް، ހުށަހަޅައިފަ އެވެ. އެހެންވެ، ޖޭއެސްސީގެ އަޣުލަބިއްޔަތުން ނިންމީ ސުއޫދު ފަނޑިޔާރުކަމުން ވަކިވެވަޑައިގަތަސް ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުގެ މައްސަލަ ބެލުމަށެވެ.
ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އިސްތިއުނާފްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ އިސްތިއުނާފްކުރި ފަރާތުގެ އާއިލާގެ މީހަކަށް ހައި ކޯޓުން ފޮނުވި އީމެއިލްއަކާއި އަމުރެއް ނެރުނު ނަމަ އެކަން ސާފުކޮށް ދިނުމަށާއި އިމިގްރޭޝަނަށް ފޮނުވި ސިޓީ ހިއްސާ ކުރުމަށް އެދުމުން އެކަން ނުކޮށް ލަސްވެ އަދި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިސްތިއުނާފް މައްސަލަ ނިންމަން ދަތިވި މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން އެހެން މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ވެސް ނަގައިފަ އެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބަލަމުންދާއިރު، އެ ތަހުގީގުގެ ބޭނުމަށް ފަނޑިޔާރުން ތިބީ ސަސްޕެންޑްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި އޮތް ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
19 March 2025
ކަތިނުލާ ތިޔަ ދިގުދައްމަނީ ހުކުރު ޢީދަކަށް ވާނެކަމަށް ހީކޮށް އެދުވަހުން ކަތިލަންތޯ؟ ފަހު ދިހައެއްގަ ކުރާނެ ކަމެއް ނެތިއްޔާ މަޑުން ތިބެބަލަ.
އޮނަރަބްލް އަފީފު ދީދީ
18 March 2025
ރައީސް އާއި ބަންޑާރަ ނައިބް. އަދި މަޖިލިސް ގުޅިގެން ޖޭއެސްސީ މެދުވެރިކޮށް ދައުލަތުގެ ސުޕްރީމްކޯޓްގައި ހިގަމުންދިޔަ ޝަރީޢަތެއް ހުއްޓުވާ ސުޕްރީމްކޯޓް ފަނޑިޔާރުން ސަސްޕެންޑްކޮށް އެކޯޓް ހުއްޓުމަކަށް ގެނައި މައްސަލައާއި ދެކޮޅަށް އިޙްތިޖާޖުކޮށް، އިސްތިޢުފާ ދެއްވާފައި އެކޯޓް ބެންޗްގައި އިންނެވި އެންމެ ތަޖުރިބާކާރު ފަނޑިޔާރު ހުސްނު އަލް ސުޢޫދު ވަނީ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނެސް ފަނޑިޔާރުންނާއި ސުޕްރިމްކޯޓްގެ ހިމާޔަތުގައި މަސައްކަތް ފައްޓަވާފައި.
ފަރަންކް
18 March 2025
މިހާ ގިނައިން ސުޕްރީމު ކޯޓާ ކުޅޭ ގައުމެއްވެސް ނޯންނާނެ. މިކަހަލަ ކަންކަން މިހެން ވަންޏާ ކިހިނެއްތަ ބަޔަކު މިތަނަށް އިންވެސްޓު ކުރާނީވެސް. އެމީހުންވެސް ބޭނުމެއް ނުވާނެ ދޯ ސަދޫމަށް އިންވެސްޓު ކުރާކަށް. ލޯނެއް ދޭނެ ބަޔަކުވެސް ނުވާނެ މިވަރުން ދަންޏަކާ.
ނުފޮށޭމީހާ
18 March 2025
މަހާޒަކީ މަހާޒު. ރޯދަމަސް ނިމި ޝައްވާލު މަސް ނިމެން ދެން ދުވާލަކު އެއްފަހަރު އޭނަ ގެންދިޔަޔަސް ވަރުބަލި ވާނެ މީހެއް ނޫންއެއީ. މިހާރު ތިޔަ ޖަހާ ސަކަރާތް ބާ ވެއްޖެ. މަޖިލީހާއި މުއިއްޒަށް ނުކުރޭ އެކަކުވެސް ތާއީދެއް
ދާއިމީއަތްބޭނުން
18 March 2025
ސުޕްރީމް ކޯޓުގައި ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރި މީހެއް މަމީ. އަޒްމިރާލްދާ އާއި މަހާޒު ގާނޫނާ ހިލާފެއް ނުވާނެ. އެ ދެމީހުންގެ ގާތުގައި ސަކަރާތް ނުޖެހޭނެ. އުސޫލީ ބައެއް ތީ. ތި ގޮތަށް ޖޭއެސްސީއަށް ދަމާ ވަރަކަށް ގެއްލޭނީ މުއިއްޒުގެ ތާއީދު
އެނަލިސްޓް65
19 March 2025
މި ޚަބަރު ޖެހިފަހުން ލައްކަ އިރެއް ވެއްޖެ. އަޅެ މިކަމަށް ޑިސްލައިކެއް ވެސް އަދި މިއީ ހަގީގަތާ ޚިލާފު ކަމެކޭ ބުނާނެ މީހެއްވެސް ހަމަ ނެތީތާ؟ ރާއްޖޭގަ މީހުން އިތުބާރު ކުރާ ފަނޑިޔާރުން ވެސް އެބަތިބި
ގާސިމްހާދީ
18 March 2025
ޖޭ.އެސް.ސީން ކަންތައް ކުރާ ގޮތުން ވެއްޓެނީ ރައީސް މުއިއްޒުގެ އަގު. އަދި ތިންވަނަ މައްސަލަ ވެސް ބަލާނެ. ހަތަރުވަނަ މައްސަލަ ވެސް ބަލާނެ. މިއޮތީ އަތްނުބާނާ ޖުޑީޝަރީއެކޯ
ހުދުމީހާ90
18 March 2025
ޖުޑީޝަރީގަ ތިބި އެންމެ ރަނގަޅު މީހުން އިތުބާރުކުރާ ދެ ފަނޑިޔާރުންތީ. މިއަދު އެމީހުންގެ ފަހަތުން ނުނެއްޓިގެން ތިއުޅެނީ
ރަދީފްއޮފިޝަލް / ހަނދަށް ދެވޭތޯ ނާސާއަށް ލިޔެގެން
18 March 2025
ކުރާނެ ކަމެއް ނޭނގިގެން އުޅޭ ބައެއް. ވަރުގަދަ ޖޭއެސް ސީ އެއް. ސީ. ލޮލް