ހޮޅުދޫ ރައްޔިތުން މުޒާހަރާ ކުރަނީ.-- ފޮޓޯ: ހައްޒަ ހައްޒަ / ފޭސްބުކް
10 އެޕްރީލް 2025 - 16:16
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ގަބުރު ކޮނެގެން ނެގުމަށް ފަހު، އޭނާގެ އޮޓޮޕްސީ ހެދުމާ ބެހޭގޮތުން މަޝްވަރާކުރަން ޒަކިއްޔާގެ އާއިލާ ބަޔަކު ކަމާބެހޭ އިދާރާތަކުގައި އެދިއްޖެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފަށް އާއިލާގެ ބަޔަކު ސިޓީއެއް ފޮނުވާފައި ވަނީ ފުލުހުންގެ ޓީމެއް އިންޑިއާ އަށް ގޮސްގެން ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ހަދާފައި ވަނިކޮށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު މައްސަލާގައި އާއިލާގެ ބަޔަކު ވަނީ މީގެ ކުރިން ވެސް ރަށުގައި އިހުތިޖާޖުކޮށް، އެ މައްސަލައިގެ ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ
ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ރަށުގައި ބޭއްވި އިހުތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވި.
އެ ވަރުގެ ކަމެއް ޒަކިއްޔާ އަމިއްލަ އަށް ނުކުރެވޭނެ ކަމަށް އެ މީހުން އޭރު ވެސް ބުނަމުން ގެންދިޔަ އެވެ.
އެ މައްސަލާގައި މިނިސްޓަރު އިހުސާނާއި ޕީޖީ އައްބާސް އަށް ޒަކިއްޔާގެ އާއިލާގެ ބަޔަކު ފޮނުވި ސިޓީގައި ބުނީ ޓްރެޑިޝަނަލް އޮޓޮޕްސީއެއް ނުވަތަ ވާޗުއަލް އޮޓޮޕްސީއެއް ހެދިޔަސް އިންސާނަކު އޭނާގެ ކަރުގައި ވާއަތް ފަރާތުގައި އަމިއްލަ އަށް ތިން ފަހަރު ވަޅި އަޅައި، ކަނާއަތް ފަރާތުގައި ދެ ފަހަރު ވަޅި އަޅައިގެން އަމިއްލަ އަށް މަރުވެދާނެ ކަމަށް ދެކުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ.
އެހެންވެ، މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފުލުހުން ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ނަމަ އެ ރިޕޯޓު އަލުން ބެލުމަށް އެ މީހުން އެދުނެވެ.
"މައްޔިތާ ވަޅުލުމަށްފަހު ވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓްޕްސީ ހެދުމަކީ ދުނިޔޭގައި ކުރާ ކަމެކެވެ. ރާއްޖޭގައި ވެސް އާ ކަމެއްނޫނެވެ. ވީމާ، ހަށިގަނޑު އަލުން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމާއި ގުޅޭގޮތުންނާއި އެ އިޖުރާއަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އަޅުގަނޑުމެން ބޭނުންވެއެވެ،" އެ ސިޓީގައިވެ އެވެ.
އާއިލާ އިން ބުނީ އެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން އެ ތަހުގީގުގައި ފުލުހުން ޝާމިލުވުމަކީ މަސްލަހަތަށް ފުށުއަރާ ކަމެއް ކަަމަށް ދެކޭ ކަމަށެވެ. އެހެންވެ، އެ ތަހުގީގުން އެކަހެރިވެ، މުޅި ތަހުގީގު އެޗްއާރުސީއެމްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އެދިފައިވެ އެވެ.
ވަކި ގޮތަކަށް ތަހުގީގު ނިމިފައި ނުވާ ކަމެއްގައި އަދި އެ މައްސަލާގައި ރަށު ތެރޭގައި ނުތަނަވަސްކަން ވެސް އޮއްވައި، ވާޗުއަލް އޮޓޮޕްސީ ހަދާފައިވާ ކަމާއި ނަފްސާނީ ބަލި ހުރުމުން، އަމިއްލަ އަށް މަރުވީ ކަމަށް ދޭހަވާ މޭރުމުން ޚަބަރު ފެތުރިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމީހުން ބުންޏެެވެ.
- މަރުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް މަރުގެ ހަގީގަތް ހޯދަން އެކަށީގެންވާ ތަހުގީގެއް ހިންގާފައިވާ ކަމަށް ނުދެކުން. - އޮޓޮޕްސީ ނަހަދާ ދޫކޮށްލުމަކީ ރަނގަޅަށް ކުރެވުނު ކަމެއްނޫން ކަމެއް ކަމަށާއި އެއީ ތަހުގީގު މަރުހަލާގައި ހެދުނު ގޯހެއް ކަމަށް ހޯމް މިނިސްޓަރު ފާހަގަކުރެއްވި.
- އެހެންވެ، އޮޓޮޕްސީ ހެދުމަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ ފަރާތުން ކުރުމަށް ގަސްދުކޮށްފައިވާ ކަމަކަށްނުވާއިރު ޒަކިއްޔާ މަރުވިތާ 6 މަހާއި 29 ދުވަސް ފަހުން ކުއްލިއަކަށް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށްބުނެ މީޑިއާ އަށް ނުސީދާގޮތެއްގައި ފުލުހުންގެ މައުލޫމާތުދީފައިވާތީ ކަންބޮޑުވުން.
- ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާނަމަ، ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުގެ ކޮޕީ ނުވަތަ ރިޕޯޓުގެ ކޮޕީ ހިއްސާކުރެވެން ނެތްނަމަ ކަމާބެހޭ ފަންނީ ބޭފުޅަކާއެކު އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް މިނިސްޓްރީން ނުވަތަ ފުލުހުންގެ ކަނޑައަޅާ ތަނެއްގައި ކަނޑައަޅާ ގޮތެއްގެ މަތިން ބަލައި ދިރާސާ ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދިނުން.
- ވާޗުއަލް އޮޓޮޕްސީ ހެދުމަށް ގަސްތުކުރި ތާރީހަކީ ކޮބައިކަން ސާފުކުރުން.
- ވާޗުއަލް އޮޓޮޕްސީއެއް ހެދުމުގެ ވިސްނުން ގެންގުޅެ، އެ ވިސްނުމުގެ މައްޗަށް ބިނާކޮށް ނުވަތަ އެ ނިޔަތުގައި އެގޮތަށް ނަގާފައިވާ އެއްވެސް ސްކޭނެއް އޮތްކަން ނުވަތަ ނޫންކަން ހާމަކުރުން.
- ރާއްޖެއިން ބާރުގެ އެއްވެސް ޑޮކްޓަރެއްގެ ނުވަތަ ކަމާބެހޭ މާހިރެއްގެ ލަފާ ހޯދާފައިވާނަމަ ލަފާ ހޯދި ހޮސްޕިޓަލުގެ ނުވަތަ އެނޫންވެސް ކަމާގުޅުންހުރި އެއްވެސް ފަރާތެއް ކަމުގައިވިޔަސް އެކަމާ ގުޅިގެން ލަފާ ހޯދާފައިވާ ކަމަށް ބުނާ ފަރާތްތަކުގެ ނަންތަކާއި ލަފާ ދިން ތާރީހުތަކާއި އެބޭފުޅުންގެ ވަނަވަރު އާންމުކުރުން.
- ފުލުހުންގެ އިދާރާއިން ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށްޓަކާ ނަގާފައިވާ ނުވަތަ އެމަގްސަދަށް ބަލައިގެން ސީދާ އެބޭނުމަށް ނަގާފައިވާ ސްކޭންތަކެއްތޯ ނުވަތަ ސީނަށް ގޮސް ނަގާފައިވާ ފޮޓޯތަކެއްތޯ ސާފުކުރުން.
- ތަހްގީގުކުރާ ފަރާތުން ޒަކިއްޔާ މޫސާގެ ފޮރެންސިކް ނުވަތަ މެޑިކޯ ލީގަލް އޮޓޮޕްސީއެއް ހަދާފައިވޭތޯ އާއި އެފަދަ ރިޕޯޓެއް ހަދާފައިވާ ކަމަށް ބުނާނަމަ އެ ރިޕޯޓު ހެދި ތާރީހަކީ ކޮބައިކަން.
- މެޑިކަލް ޓޮކްސިކޮލޮޖީ ރިޕޯޓެއް ތައްޔާރުކޮށްފައިވާނަމަ އެކަމުގެ މައުލޫމާތާއި އެ ރިޕޯޓު ހިއްސާކޮށްދިނުމަށް ނުވަތަ ހާމަކޮށްދިނުން.
- އޮޓޮޕްސީ ހެދުމުގައި އިހުމާލުވި ފުލުހުންގެ މައްސަލަތައް ބަލައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކުރުން.
- ޒަކިއްޔާގެ ނަފްސާނީ ބަލި ހާލަތުގެ ގޮތުގައި ޑައިގްނޯސް ކުރެވިފައިވަނީ ކޮން ބާވަތެއްގެ ބައްޔެއްތޯ އެކަމާއި ގުޅޭގޮތުން ހުރި ލިޔެކިޔުންތައް ހިއްސާކުރުން.
ޒަކިއްޔާ، 50، ގެ ވާޗުއަލް އޮޓޮޕްސީ ހެދީ ފުލުހުންގެ ޓީމެއް މިދިޔަ މަހު އިންޑިއާއަށް ގޮސްގެން، އިންޑިއާގެ އެންމެ ދުވަސްވީ އެއް މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ތަޖުރިބާކާރު ޑޮކްޓަރުން ލައްވަ އެވެ.
ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެ އެވެ.
ނަފްސާނީ މައްސަލަތަކެއް ވެސް ތަހަންމަލްކުރަމުން ދިޔަ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި މަރާލީ ކަމަށް އާއިލާގެ ބައެއް މީހުންނާއި ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އޭނާގެ ކަރު އޮތީ ކިރިޔާ ބުރި ނުވެ ކަމަށް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސދގފގ
12 April 2025
ޒަކިއްޔާގެ މަރުގެ ތަހުގީގު ފުލުހުންނަށް ނުވަންޏާ ތިރަށު މީހުން އެބަޖެހޭ ޕުރައިވެޓް އިންވެސްޓިގޭޝަނެއް ހިންގާ ކަންވީގޮތް ދިވެހި ރައްޔަތުންނަށް ކިޔާދޭން.
މުލޭ
12 April 2025
ތިޔަ ސަކަރާތެއް ޖެހުމުގެ މާބޮޑު ބޭނުމެއް މިހާރަކު ނެތް. މީހަކު ކުރި ކަމަކަަށް ވިޔަސް އަމިއްލައަށް ކުރިކަމަކަށްވިޔަސް އިންސާފު ލިބޭނެ ދުވަހެއް އެބައޮތް. އެދުވަހުން މާރަނގަޅަށް އިންސާފު ލިބޭނެ. ރެކިގަނެގެން ނުދެވޭނެ. އަމިއްލަ ގުނަވަންތަކުން ހެކިދޭނެ. އެކަމަކަށް އެއްވެސް ޝައްކެއް ނެތް. އެމީހަކު ކުރިކަމެއް އެމީހަކަށް. އެހެން މީހަކު ކުރިކަމެއްނަމަ އެމީހަކަށް މިދުނިޔޭގައި ވެސް އަދި އާޚިރަތުގައިވެސް އެކަމުގެ ޖަޒާ ލިބޭނެ.
އަދާލަތު
12 April 2025
މަލާމާތްކޮށް ފުރައްސާރަކުރައްވާބޭފުޅުންނަށް އަމިއްލައަތްޕުޅުން އެވަރަށް ކަރު ބުރިކޮށްލެވެންދެން ކޮޅަށްހުންނެވޭނެތޯ؟
މޯޑް
11 April 2025
ތި މަންސާލާގަ އަހަރެންވެސް ހޮޅުދޫ ރަށްޓެހިންނާ ވާހަކަ ދަޑްކާލިން އެމީހުން ވަރަށް ޔަގީން ކަމާއެކު ބުނަނި ފުލުހުންނަށް ހެދުނި ޅައެއްޗެއްގެ ސަބަބުންނޭ ގާތިލު ނުހޯދިގެން މި އުަޅެނި. ފުލުހުން މިކަމުން މިންޖުނުވެވިގެން އުޅޭ ތަނޭ ފެންނަނި.. މީ 100 ފަސެންޓް ބަޔަކު ނޫނީ މީހަލު ކޮށްފަ އޮތް ކަމެކޭ.
މޮހޮނު123
11 April 2025
މައްޔިތާ ކައްވަޅުން ނަގައިގެން ދެންހަދާ އޮޓޮޕްސީއަކުން ނުލިބޭނެ އިތުރު މަޢުލޫމާތެއް. ސަބަބަކީ، ޒަޚަމްތައް ހުންނަ ސިފަ، ފުންމިން، ހުންނަތަން މިހާރު ފާހަގައެއް ނުވާނެ، އެކަންތައް ވާނީ ކުރިން ބެލިފަ. އެ ޒަޚަމްތަކަކީ އެމީހާ އަމިއްލައަށް ދިން ޒަޚަމްތަކެއްތޯ ދެނެގަނެވޭނީ ކުރިންދެންނެވި މަޢުލޫމާތުން. އިތުރަށް ދެންބަލަންޖެހޭނީ، އެމާޙައުލު، ސުވާލު ކުރަންޖެހޭނީ އެކަމާ ގުޅުންހުރެދާނެކަމަށް ބެލެވޭ މިހުންނާ.
ކިހާ ދެރަކަމެއް..
11 April 2025
ޒަކިއްޔާ މަރުވީ އަމިއްލަޔަށް އޭނަ ފުރަތަމަ ކަރުގަ ވަޅި އެޅުމުގެ ކުރިން ވަޅެއް ކޮނުނީ. ދެން ވަޅާ ސީދާ ކޮށްފަ ބުރިކޮށްލީ ދެން އެވަރުން ނުވެގެން ފަސް ތަނުގަ ވަޅި އަޅާފަ ލޭ ހުސްވީމަ ވަޅައް ފަސްލާފަ އައިސް އޮށޯތީ ވަޅި ކައިރީ. ޥާޗުއަލް އޮޓޮޕޮސީ. ކްރައިމް ޕެޓްރޯލް.މިހެންވެސް ފުލުހުން ބުނެފިޔާ ދެން އެ ހަމަ ކަން ވީގޮތް. ނަފްސާނިީ ވެގެން ތަނަކުން ފުންމާލުން ގަބޫލު ކުރެވިދާވެ. އެއްފަހަރު ވަޅި ހެރުން ވެސް. ދަން ޖެހުންވެސް. އެކަމް.
މީއަދި ދުވަހެއް ނޫނޭ
11 April 2025
ދެން އެކަމާ ނޫޅެ. މައްޔިތާ އަށް އުނދަގޫ ނުކުރޭ
ހޮޓްކިންގ
11 April 2025
އެއްވެސް ވާޗުއަލެއް ކިޔާނެ ކަމެއްނެތް. މިއާޓިކަލް ކިޔާލުމުން ލިބުުނު މަޢުލޫމާތުގެ އަލީގައި، ނޫހުގައި ލިޔފައިހުރީ ދޮގުނޫން ކަމަށްވާނަމަ އެއީ އަމިއްލައަށްވީ މަރެއްނޫންކަމާއި އެހެންމީހެއްގެ އަތެއް އެކަމުގަ އޮތްކަން ޔަގީން މުޖައްރިބު ކަމާއެކު ބުނަން.
އޮތޮޕްސީ
10 April 2025
ތި އޮޓޮޕްސީ ހަދަން ތިރަށުން ދެތިން ދައްތައިންނާ ބޭބެއިންގެ ކޮމިޓީއެއް ނަގާފަ ހަވާލުކޮއްލާ. އެރަށުގަ މާ އެކްސްޕާޓުން ގިނަވީމަ.
އލށފތ.
11 April 2025
ކޮމެންޓުކުރަނީ ފުލުހެއް. ބުނަންތަ ވާހަކައެއް ކަލޭމެންގެ ސޭވިސް ކިތަންމެވަރަކައް ކަރާމާތް މަތިކުރަން އުޅުނަސް އަމަލުން ފެއިލުވީމަ އަނިޔާލިބޭ ނިކަމެތި މީހާ ގުބޯ ހައްދަން އުޅުނަސް އެކަންވެސް ނުވާނެ، ފާޑުވެސް ކިޔާނެ، ބަދު ދުއާ ވެސް ކުރާނެ. ހަމަޖެހިގެން ހަވާލުކޮއްފަވާ މަސައްކަތުގަ އުހްލާސްތެރިކަމަކާއި ފަހި ނަތީޖާތަކެއް ދައްކަބަލަ ފަޅޮލޭ ނުކިޔާ.
ގެރެ
11 April 2025
ޔަގީނެއްނު
ދޮހޮއްތުބެ
10 April 2025
ޕުރޮފެޝަނަލުންނައްވުރެ ދޭދޭ މީހުން މޮޅުވީމާ ވާނީ މިހެން. އެއްބައި ރައްރަށުގަ ބަނދަރު ހަދާ ޑިޒައިންވެސް އެނގެނީ ރައްޔިތުންނައް
ދޮންފަނު
11 April 2025
އެހެންވެދޯ ކުރާސާވޭގެ މޮޅުކަމުން ރިވެޓްމަންޓް ޖެހީމާ ދެންއޮތްބައި ފަތުއަޑުކިޔާފަ ގިރަނީ.