ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ވަކިކުރި ޓްރައިބިއުނަލްގެ މެންބަރުން ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
28 އެޕްރީލް 2025 - 15:26
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުން ވަކިކުރި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރަކު ރައީސް އޮފީހާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް އިއްޔެ ކަނޑައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ވަކިކުރެއްވީ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު މުނައްވަރު އަލީ އާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހުސައިން ޒައިދާން ޖަލީލް އަދި މެންބަރުންގެ ގޮތުގައި ތިއްބެވި އަހުމަދު އަޝްރަފާއި ހަދީޖާ ނައީމެވެ.
އޭގެ ތެރެއިން ހަދީޖާ ނައީމް ފިޔަވައި އެހެން މެންބަރުން ވަނީ އެ ބޭފުޅުން ވަކިކުރީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޖުޑިޝަލް ރިވިއު މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި އެދުނީ މުސާރަ އާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލާއި ޝަރީއަތުގެ ހަރަދު ނަގައިދިނުމަށެވެ.
ނަމަވެސް، އެ މައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ދައުލަތުން ވަނީ ކޯޓުގެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފަ އެވެ.
ދައުލަތުން ސިވިލް ކޯޓުގައި ބުނެފައިވަނީ މެންބަރެއްގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވި ކަމަށް ކަނޑައަޅާ ފަރާތަކީ ރައީސް ކަމަށެވެ. އަދި މަސްއޫލިއްޔަތުތައް އަދާކުރުމުގައި މެންބަރަކު އިހުމާލުވި ކަމަށް ރައީސް ކަނޑައެޅުއްވި ކަނޑައެޅުއްވުން ބިނާކުރި ސަބަބާ ބެހޭގޮތުން ގޮތެއް ކަނޑައެޅުމަށް އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވި ކަމަށް ރައީސް ނިންމެވި ނިންމުމާ މެދު އަދި އެ ނިންމުން ބިނާކުރީ ކޮން ސަބަބުތަކެއްގެ މައްޗަށްތޯ ބެލުމަކީ ނުވަތަ މައްސަލައިގެ މައުޟޫއުގެ ތެރެއަށް ކޯޓުން ވަދެ ފީނުމަކީ ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.
ރައީސްގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި އެ މަގާމުތަކުން މީހުން ވަކިކުރުމުގެ ފުރިހަމަ މިނިވަންކަން ރައީސަށް އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ރައީސްގެ ނިންމެވުން ބިނާކުރި ސަބަބުތަކުގެ މައްޗަށް ބަހުސްކޮށް އެއާ މެދު ގޮތެއް ނިންމުމުގެ ބާރު ކޯޓަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ބުނީ
29 April 2025
މި ރާއްޖެގައި ފޮތުގައިލިޔެފައިމުވާ އެހެންނަމަވެސް ތަންގަޑުޖެހިފައިވާ ހުކުމެއްވެއެވެ ! އެއީ ނިކަމެތި ރައްޔިތެއް ނުވަތަ މަޤާމްގެ ހަތްސިއްޔަތުގެއްލޭ ވެރިއެއްވިއަސް ދައުލަތާ ދެކޮޅަށްކުރާ ދައުވާއެއްނަމަ ދުވާލުގެ އިރުހާ ސާފުހެކިހުއްޓަސް މައްސަލައިން ނާކާމިޔާގެ ނިޔާ ލުރިމަތިވުމެވެ ސަރުކާރު ރުހިއްޖެނަމަ ކިތާބީހެއްކެއްނެތަސް މައްސަލައިގެ ނިޔާ އެކޮޅަކަށް ބުރަވުމެވެ މިއީ ތިން މަރުޙަލާގެވެސް ހާލެވެ !!!!!!
ޒުމްރާން
28 April 2025
ތާކު ތަނެއް އޮތިއްޔާ ބޯ ނުލާށޭ. މިކަހަލަ މަގާމު ތަކަކީ 4 ނޫނީ 5 އަހަރު ގެ ކަމެކޭ. އެވެސް އިފް ޔޫ އާ ލަކީ.