އެޗްޑީސީ އަށް ލިބެން ޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާ އަށް އަރާ.
29 އެޕްރީލް 2025 - 15:39
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލު ނުކުރެވޭ ގޮތަށް ނިޒާމުތައް ބަދަލުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުން ފައިސާ ނުދައްކާ މައްސަލަ ބޮޑުވެ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެޗްޑީސީ އަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
އޭގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތައް ވެސް ހިމެނޭއިރު، އަމިއްލަ ކުންފުނިތަކުން 1.16 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނީ، ކުލީގެ ގޮތުގައި އެޗްޑީސީއަށް ފައިސާ ނުދައްކާ ގިނަ ކުންފުނިތަކަކީ، ހުޅުމާލޭގައި ވަރަށް ގިނަ ބިންތައް ނަގައި، އެ ބިންތައް ބޭނުންކޮށްގެން ވިޔަފާރި ކުރަމުންދާ ބައެއް ކަމަށްވާއިރު، އެ ކުންފުނިތަކަށް އިތުރު ބިންތައް ދޫކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން ބައެއް އެއްބަސްވުންތައް ބާތިލުކޮށްފައި ވިޔަސް، ލިބެންޖެހޭ ފައިސާ ހޯދުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، އެ ފައިސާ އެޗްޑީސީ އަށް ހޯދުމަށްޓަކައި ޖުމްލަ ހަތް ކަމެއް ކުރުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އެ ފައިސާ އަނބުރާ ހޯދާނެ ޕްލޭނަކާއި ކުންފުނިތަކަށް ލުއި ދިނުމާއި މައާފު ދިނުމުގެ އުސޫލެއް އެކުލަވާލައި، 30 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހެޅުމާއި ފައިސާ ނުދައްކާ ކުންފުނިތަކުގެ އެސެޓުތަކުގެ ތެރެއިން، އެޗްޑީސީއަށް އިހުތިޔާރު ލިބޭ އެސެޓުތައް ހިފެހެއްޓުމާއި އެޗްޑީސީގެ ބިޑުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އެ ކުންފުންޏަށް އެއްވެސް ދައްކަންޖެހޭ ފަރާތެއްތޯ ކަށަވަރު ކުރުން ހިމެނެ އެވެ.
މީގެއިތުރުން، ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކަކީ ސަރުކާރަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަޔަކަށް ފައިސާ ނުދައްކާ ކުންފުންޏެއްތޯ ކަށަވަރު ކޮށްފައި ނޫނީ މަޝްރޫއުތައް ހަވާލު ނުކުރުވޭ ގޮތަށް ނިޒާމް ބަދަލުކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އަދި ސަރުކާރުން ލިބެންޖެހޭ ފައިސާ އާއި ސަރުކާރުން ދޭންޖެހޭ ފައިސާ އޮފްސެޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ފިނޭންސަށް އެންގުމާ އެކު، މިހާރަށް ވުރެ ދެފުށް ފެންނަ ގޮތެއްގެ މަތިން ސީއެސްއާރުގެ ކަންކަން ކުރިއަށް ގެންދަން އެޗްޑީސީ އަށް އެންގުމަށް ވެސް ކޮމިޓީ ރިޕޯޓުގައިވެ އެވެ.
މާލިއްޔަތު ކޮމިޓީގެ މި ނިންމުންތަކާ އެކު ކޮމިޓީ ރިޕޯޓު މަޖިލީހުގެ މިއަދު ޖަލްސާގައި ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޛުން
30 April 2025
މާފު ދޭން ޖެހޭތަ؟ވަރަށް ހެއްވާ.ހޯދުނު ގޮތަކަށް ހޯދަންވީ.ރައްޔިތުންގެ ފައިސާ.
އަހްމަފުހު
30 April 2025
ކޮބައިހޭ ސަރުކާރުން އެހެން ކުންފުނިތަކަށް ދޭންޖެހޭ ލާރިކޮޅު
އައިމިނާ
29 April 2025
އަދި ނޫވިތާކަށް އަންނަ ކޮންމެ ސަރުކާރެއްގެ އިސްވެރިން 5 އަހަރު ނިންމާފަ ދާނީ ގައުމުގެ ތިޖޫތީ ދޮވެލާފަ. އެ މީހުންނަށް ވެރިކަމުން ފޭބީމަ އަނެއް 5 އަހަރު އުޅެވޭވަރު ކޮށްގެން. މަޖިލީހުގެ ޢިއްޒަތްތެރިންވެސް އެ ޢިއްޒަތްތެރިން ހޮވެން ކެމްޕޭނަށް ކުރި ޚަރަދު ހޯދާ ކުރިއަށް އޮންނަ 5 އަހަރަށް ވާނެ ވަރުކޮށްގެން ތައްޔާރުވެގެން ފައިބާވަޑައިގަންނަވަނީ. ރައްޔިތުން ބަލަން ތިބެން ޖެހޭނީ.
ލާމު
30 April 2025
މަޖްލީހުން ފައިބައިގެންދާ އެންމެނަކީ ދިވެހި ރައްޔިތުންނަށް އޮތް ބޮޑުސިންގާ ބުރައެއް. އެހެނީ އެމީހުން އެއްހާސްއަހަރުވަންދެން ދުނިޔޭގައި ތިއްބަސް އަހަރެމެންގެ ފައިސާއިން އެމީހުންނަށް ޚަރަދުކުރަންޖެހޭތީ. ކިހާސަޅި.
އައިމިނާ
29 April 2025
މި ދިވެހިރާއްޖޭގެ ސަރުކާރުތަކުން ނޫނީ ރައްޔިތުންނަށް ދުއްތުރާ ޖައްސާ ސަރުކާރުތަކެއް ނުތިބޭނެ. އެހެނިހެން ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ ރައްޔިތުންނަށް ފަސޭހަކޮށްދޭން.
ކުރުސީގެ އައްޕަ
29 April 2025
ލިކުއާންޔޫ ހެދިގޮތަކީ ޖަޕާނުގެ ކުންފުނިތަކަށް ސަރުކާރުގެ ބޮޑަތި ޕްރޮޖެކްޓްތައްހަވާލުކުރީ، ބަދަލުގައި ބޮޑަތިމޯލްތައް ޖަޕާނުކުންފުނިތަކަށް 99އަހަރަށް ދިނީ ކުޑަ ކުއްޔަކަށް. ށިންގަޕޫރުގެ ކުދު ވިޔަފާރިވެރިން އެމޯލްތަކުން ކުއްޔަށް ނެގީ، އެހެންވީމަ ށަރުކާރުން ޚަރަދެއްނުކުރޭ ލޯނެއްނުނަގާ، ގައުމު ތަރައްގީވެނިމުނީ!
ތައުބީރު
30 April 2025
މިގައުމުގަ ތިގޮތަށް ތަނެއް ތަރައްގީ ކުރަން ހަވާލުކުރި ބޭރު ބަޔަކަށް. އެވެސް އެންމެ 25 އަހަރަށް. އެމީހުންގެ ކުލަ ކަޅު ވީމަ ސިޔާސީ ބޭނުމަށް އެތަށް ބިލިއަން ރުފިޔާއެއް ގެއްލުމުގަ އެމީހުން ކުރީ ބޭރު. ނުވިތާކަށް އެމީހުން ކޮށްފަ ހުރި މަސައްކަތްވެސް ތަޅާކުދިކޮށް އުކާލީ. އޭގެ ފަހުން 12 އަހަރުވީ، އެކަމަށް ލޯނަކަށް ފަހު ލޯނެއް ނަގަމުން ދަރަމުން ދަނީ އެކަމު އަދިވެސް ބޭނުން ކުރަނީ ބާލިދީ.
ވަތަންގެ ދަރި
30 April 2025
މީ ސިންގަޕޫރެއްނޫނޭ. މިއުޅެނީ ސަޔުކާރުން ބޮޑަތި ލޯނު ނަގައިގެން ރައްޔިތު މީހާއަށް ބުނިބުނިހެން ކުލި ކުޑަކޮށްފަ ދޭ އެޕާރޓުމަންޓަށް ކުލީގެ ގޮތުގަ ދައްކަންޖެހޭ 4 ހާސް ރުފިޔާވެސް ސަރުކާރަށް ނުދައްކައިގެން. ވިހޭއްސުރެ 80 އަހަރުވެގެން ނިމިދަންވެސް ރައްޔިތުމީހާ ބެލެހެއްޓުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް ދެކޭ ބައެއް އުޅޭ ގައުމެއްމީ.
ކުފޫ
29 April 2025
އެމްއެމް އެކްސްޕޯޓުން ޖުރިމަނާގެ ގޮތުގައި ކިތައް މިލިއަން ދައްކަން އެބައޮތް؟ ބަރިބަރިއަށް އަދިވެސް އެމީހުނަށް ޕްރޮޖެކްޓް ތިދެނީ ކީއްވެ؟
އުނިކުރީ11
29 April 2025
އެނެމް މުހިންމު ކަންތައް ތިޔައޮތީ ގަސްދުގައި ވައްޓާލާފަތޯ. އެއީ ކުންފުނީގެ އޯނަރުން ބެލުން. ހަމަ ސޭމް އޯނަރ މާދަމާ އެހެން ކުންފުންޏެއް ހަދައިގެން ސޭމް ގޭމް ކުޅޭނެ. އެކަން ތިބޭފުޅޫންނަށްވެސް އެނގޭތީ، ތިބޭފުޅުންވެސް އެގޭމް ކުޅޭތީ އެބައި އުނިކުރީތޯ.
ބުހާރީ
29 April 2025
އެކި ކުންފުނިތަކަށް ސަރުކާރުވެސް އޮތީ ދަރާފައި، އެކުންފުނިތަކުން ސަރުކާރަށް ވެސް ތިގޮތަށް ފިޔަވަޅު އެޅެންޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ.
މުލޭ
29 April 2025
އެކުންފުނިތަކުން ސަރުކާރުގެ މަސައްކަތަކާ ޙަވާލުނުވީމަ ނިމުނީނުން. އޭރުން ހަމަހަމަ ވާނެ. އެނޫން ފިޔަވަޅެއް ނޭޅޭނެ. އޭރުން ވެސް ގެއްލުންވަނީ އެ ކުންފުންޏަކަށް.
އުސްމާނުބެ
29 April 2025
ދެން އެހެންވީމާ ، ސަރުކާރުން ކުންފުރިތަކައް ދަރާފަ ހުރީމަ ކިހިނެއްތޯވާނީ................ ބޯހަލާކު
ޢަލީ ކުރުސީ
29 April 2025
ފުރަތަމަ ކުންފުނިތަކަށް ދޭން ހުރި ފައިސާ ދީފައި ފާޑުފާޑުގެ މޮޅެތި ނިންމުންތައް ހަދާބަލަ! މިސަރުކާރި އައިއިރު މަސައްކަތްތައް ކުރަމުން ދިޔަ ކުންފުނިތަކަށް ފައިސާ ނުދީ އެތައްމަހެއް ބެހެއްޓުމަށްފަހު ކޮންޓްރްކެޓްތައް އުވާލީ އެގްރީމެންޓްގައި ވާ ގޮތަށް މަސައްކަތް ނުކުރެޔޭ ކިޔާފަ! ހުރިރާ ކުންފުންޏެއްގެ ދުވަސް ދުއްވާލީ!