ހޯމް މިނިސްޓްރީން މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ/ހޯމް މިނިސްޓްރީ
04 މެއި 2025 - 15:52
ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޑިޒާސްޓާ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް ހެދުމަށް ސްރީ ލަންކާގެ ކުންފުންޏަކާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި، އެ ޕްލޭން ހެދުމުގެ މަސައްކަތް ލަންކާގެ، ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޮލޮޖީއާ ހަވާލުކުރީ 45,525 ޑޮލަރު (ހަތް ލައްކަ ރުފިޔާ) އަށެވެ. އެއީ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޮލޮޖީއަކީ 1987 އިން ފެށިގެން އެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.
ހޯމް މިނިސްޓްރީން ބުނީ ސަރުކާރު އޮފީސްތައް ބަރޯސާވެފައި އޮތީ ޑިޖިޓަލް ސަރުކާރެއް އޮޕަރޭޓް ކުރުމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ގާއިމުކޮށްފައިވާ މުވާސަލާތީ އިންފްރާސްޓްރަކްޗާތަކުގެ މައްޗަށް ކަމަށެވެ.
އެކަމަކު ދިމާވާ ހާދިސާއެއްގައި އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ސަރުކާރު ހިންގުން ހުއްޓުވިޔަ ނުދީ ކުރިއަށް ގެންދާނެ ގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށީ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަސައްކަތް ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) މަޝްރޫއުގެ ހިލޭ އެހީގެ ދަށުން ކަމަށް ހޯމް މިނިސްޓްރީން ބުންޏެެވެ.
އެންސީއައިޓީގެ އިސްވެރިޔާ އަދި ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތާއި ކޭބީއެސްއެލްގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަނޭޝަނަލް ބިޒްނަސް، ކްރިޝާން ޕެރޭރާ އެއްބަސްވުމުގައި ސޮއި ކުރައްވަނީ.
އެ މިނިސްޓްރީން ބުނީ ލަންކާގެ ކުންފުނިން ތައްޔާރުކުރާ ޕްލޭނަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށް ވާންޖެހޭ ކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުން އަންނަ 22 އަހަރު ވެފައިވާ އިންފްރާސްޓްރަކްޗާގެ މިވަގުތުގެ ހާލަތާއި ގުދުރަތީ ކާރިސާތަކާއި ސައިބާ ހަމަލާތަކާއި ކަރަންޓު ދިއުމާއި އަލިފާނުގެ ހާދިސާތަކާ ގުޅޭ ރިސްކް އެސެސްމަންޓެއް ވެސް ހަދަން ޖެހެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެފަދަ ޕްލޭނެއް ތަންފީޒު ކުރުމާ ގުޅޭގޮތުން މުވައްޒަފުންގެ ހުންނަން ޖެހޭ ހުނަރާއި އިންސާނީ ވަސީލަތް ތަރައްގީ ކުރަން ބޭނުންވާނެ ތަމްރީނުތައް ވެސް ކަނޑައަޅާނެ އެވެ. އެ ފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބޭނެ ކަމަށް ބުންޏެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޮސެސަރ
05 May 2025
ދިވެހިން ބައިވެރި ނުކޮށް ބޭރުމީހުން ގޮވައިގެން ސަރުކާރުން މިފަދަ ޕްރޮޖެކްޓް ހިންގުމަކީ އަބަދުގެ އާދެއެވެ. މިހަރަ ދިދަޔޭ ކިޔައިގެން ހުވާކޮށް އަހަރެން ހިތުން މިކަހަލަކަންތަށް ހައްލުކޮށްދޭނެއެވެ. ނަމަވެސް އެކުރެވުނީ ހަމަ ކުށްހީއެކެވެ. އިތުރަށް ގޯސްކަންނޭގޭވީ!
ކަކުނިބޯ
05 May 2025
ލަންކާ ކުންފުނިތަކަށް މިނިސްޓްރީތަށްވެސް މިދާ ރޭޓްން ހިންގަންދޭނެއެވެ. ބޯނެތް ކަކުނި އުޅޭހެން ދިވެހިން އަބަދު އުޅޭނީ.
ހުސާ
05 May 2025
އެންސީއައިޓީގައި ތިބީ ދިވެހިންތޯއެވެ؟ ހަމަ އަހާލީ؟ ރައީސް ދައްކާ ވާހަކައާއި ކުރާކަމާއި ދިމާވާތަން ނުފެނެއެވެ. ތިމަންނާ ބަލާނަމޭ ބުނުން ފިޔަވައި އެއްވެސްކަމެއް ނުކުރެއެވެ. މިއީ އަބަދުގެ ހާލެތެވެ.
ނަސްލު
05 May 2025
ތިޔަކަމަކީ ދިވެހިންނަށް ވާނެ އަދި ދިވެހިން ގޮވައިގެން ކުރެވޭނެ ކަމެކެވެ. ރައީސް ޔާމީނު ވެރިކަމުގައި ހުރިނަމަ..... މިއަދު ދިވެހިންގެ ދިވެހިވަންތަކަމުގެ ވާހަކައަކީ ޕޯޑިއަމްތަކުގައި ދައްކާ ޔޯލަ ވާހަކައަކަށް ވަނީ ވެފައެވެ.
ރިޒާބެ
05 May 2025
މިޤައުމުގައި ތިބި ޓެކްނިކަލް މަސައްކަތް ދިވެހިންނަށް ދިވެހި ކުންފުނިތަކަށް ނުދީ ލަންކާއަށް ދޭން ޖެހޭ ސައްޚަސަބަބެއް ނޯންނާއެވެ. އެކަމަކުވެސް ހަމަ ކޮންމެ ސަރުކާރެއްގައިވެސް ހަދަނީ މިހެންނެވެ. ދިވެހިންނަށް ދިވެހިން ހަރާމްކޯރުވީމައި ދެން ކުރާނެ ކަމެއްނެތެވެ.
ރަންފިލާ
05 May 2025
މޯލްޑިވްސް 2.0 ޕަވާޑް ބައި ލަންކާ!!! ސަޅިއެއް ނޫންތަ؟ ލަންކާ މީހުންނަށް މިޤައުމުގެ ކްރިޓިކަލް އިންފްރާސްޓްރްކްޗާ ދެނީ ހަމަ ޤައުމު ދެކެވާ ލޯބި ބޮޑީއެވެ.
ރާޒީ
05 May 2025
ދިވެހިންނަށްވެސް ކުރެވޭނެ ފަދަ ކަންތަށްވެސް މިހާރު ދެނީ ބޭރު މީހުންނަށެވެ. ދިވެހިންނަކީ މިހާރު ވޯޓްލާން ތިބޭ މީހުންނެވެ. މިޤައުމުގެ ވެރިން ކުރިމަތީގައި އައިޓީ މީހުންނެއްނެތެވެ.
ރަންދެލި
05 May 2025
ލަންކާއަށް މުޅި ޤައުމު ހިބަކޮށް ފަތްފޯރުވާށެވެ. މިއީ އަޅެ ކޮންކަހަލަ ސަރުކާރެއްތޯއެވެ؟ ވޯޓްކައިރިވީމައި ދިވެހިންނެވެ. ޕްރޮޖެކްޓްދޭން ވީމައި ލަންކާއެވެ. މިފަހަރު ރިޔާސީ އިންތިޚާބުގައި ލަންކާމީހުންނަށް ވޯޓްލެވޭ ގޮތްވެސް އަދި ހަދަންޖެހޭނެއެވެ!
ކާރު އިއްބެ
05 May 2025
ލަންކާގެ އައިޓީ ގިނަ ކުންފުނިތަށް ހިންގަނީ ދިވެހިން ފެލާލައިގެންނެވެ. ދިވެހިންނަށް ނުދީ ލަންކާމީހުންނަށް ޕޮރްޖެކްޓްދީގެން 5ރ ކަޓް ހޯދައިގެން ތިބުމުގެ ނަތީޖާ ފަހުން ހިތިވާނެއެވެ.
ށިބޮށި
05 May 2025
ލަންކާގެ ކުންފުނިތަކުން މިޤައުމު ފެލާލައިގެން ދާއިރު އަހަރުމެން ހަމަ ހޭން ތިބޭނީއެވެ. ދިވެހި އެއްވެސް ކުންފުންޏަކަށް ގައިމު ލަންކާގެ އާއްމު ފިހާރައެއްގެ ކޮމްޕިއުޓަރުގެ ކީ ބޯޑާއި ހަމައަށްވެސް ނުދެވެނޭއެވެ. މިއީ ދިވެހި ސަރުކާރުގެ ޤައުމީއްޔަތު އޮތް މިންވަރު އެނގޭނެ ބެންޗްމާކެކެވެ.