ވޭމަންޑޫގައި ދިރިއުޅޭ ފްރާންސް އާއިލާގެ ބައެއް ކުދިން،
13 މެއި 2025 - 14:52
ވިސާ ނެތި ތ. ވޭމަންޑޫގައި ދިރިއުޅޭ ފްރާންސް އާއިލާ ފޮނުވާނުލެވި ދިގުލައިގެން ހިނގައްޖެ އެވެ.
ރާއްޖޭގައި ވިސާ ނެތި ދިރިއުޅޭތާ 12 ވަރަކަށް އަހަރު ފަހުން، އެ މުސްލިމް އާއިލާގެ މައްސަލަ އިމިގްރޭޝަންގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ ޖުލައި 12 އިގަ އެވެ. އެއާއެކު، އެ މައްސަލަ ބަލަން ފަށައި ހަތް މީހުންގެ އެ އާއިލާ ރާއްޖެ އިން ފޮނުވާލަން އިމިގްރޭޝަނުން ނިންމި އެވެ.
ނަމަވެސް، އެކަން އެނގުނުތާ އަހަރެއްވާން ކައިރި ވީއިރު ވެސް އެ އާއިލާއާ ދެކޮޅަށް އަދި ފިޔަވަޅެއް ނޭޅެ އެވެ.
އެ މައްސަލައާ ގުޅިގެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މިދިޔަ ފެބްރުއަރީ މަހު ވިދާޅުވީ، އެ އާއިލާ މީހުންގެ ޕާސްޕޯޓު/ޓްރެވެލް ޑޮކިއުމަންޓް ހޯދުމުގެ ރިކުއެސްޓް އޮތީ ފްރާންސްގެ ކޮންސިއުލޭޓުގައި ކަމަށާއި އެ ޑޮކިއުމަންޓުތައް ހަމަޖެހުމުން އެ އާއިލާ ބޭނުންވާ ގައުމަކަށް ދިއުމަށް އެހީތެރިކަން ދޭނެ ކަމަށެވެ.
އެކަމަކު، އޭގެ ފަހުން، އެ މީހުން ފޮނުވާލުމުގެ އިތުރު ތަފުސީލެއް އިމިގްރޭޝަނުން މިހާތަނަކަށް ލިބޭ ގޮތެއް ނުވި އެވެ. "މިހާރު" އިން އެކި ދުވަސް މަތިން ގުޅި ނަމަވެސް އިމިގްރޭޝަންގެ ކަމާ ގުޅޭ އޮފިސަރުގެ ފަރާތުން ވަކި ހާއްސަ ޖަވާބެއް ނުލިބުނެވެ.
އެ އާއިލާގެ ކަންތައްތައް ބަލަހައްޓާ އިސް ފިރިހެން މީހާ އިމިގްރޭޝަނަށް ހާޒިރު ކުރުމުން ރާއްޖޭގައި ދިރިއުޅޭ ސަބަބާއި ރަށްވެހިކަން ހޯދަން ބޭނުންވާ ވާހަކަ ބުނި ކަމަށް ޝަމްއާން އޭރު ވިދާޅުވި އެވެ. ނަމަވެސް، އެކަން ކުރެވޭނީ ފޮރިން މިނިސްޓްރީ އަށް ހުށަހަޅައިގެން ކަމަށް އެންގުމުން އެ މިނިސްޓްރީއަށް ވެސް އޭނާ ދިޔަ ކަމަށާއި އެކަމަކު އެކަން ކުރަން އޮތް މަރުހަލާ އުނދަގޫވުމުން އެ މީހުން ރާއްޖެއިން ދާން ބޭނުންވީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިސްލާމްވެ، ސައީދުގެ ނަމުގައި އުޅޭ ފިރިހެން މީހާ ފުރަތަމަ ރާއްޖެ އައީ ޓޫރިސްޓު ވިސާގައި އޭނާ އެކަންޏެވެ. ނަމަވެސް، އަނބުރާ ގައުމަށް ގޮސް 2013 ވަނަ އަހަރު އަލުން އައީ ފަޔަ ފައިޓަރެއްގެ ގޮތުގައި އުޅެން ވޯކް ވިސާ ނަގައިގެންނެވެ. އޭނާގެ އަންހެނުންނާއި އޭރު ތިބި ދެ ކުދިން ޓޫރިސްޓު ވިސާގައި ރާއްޖެ އައީ އޭގެ ފަހުންނެވެ. އެ ވިސާގެ މުއްދަތަކީ ތިން މަސް ދުވަހެވެ.
އެ ފިރިހެން މީހާއަށް 2019 ވަނަ އަހަރާ ހަމައަށް ވިސާ އޮތެވެ. އެކަމަކު، އޭރު ވެސް އޭނާ މަސައްކަތްކުރީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށެވެ. އެހެންވެ، ސްޕޮންސާ ކޮށްފައި އޮތް ކުންފުނި ބަދަލުކުރަން އޭނާ އަށް އެންގި ކަމަށާއި އެކަމަކު އެ ކުންފުނިން އޭނާއަށް ފުރުސަތު ދިނުމުން ވެސް އެކަން ކޮށްފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ މީހުން ރާއްޖެ އައިސް ފުރަތަމަ ދިޔައީ ގދ. ތިނަދުއަށެވެ. އޭގެ ފަހުން ލ. އަތޮޅުގައި އުޅުމަށް ފަހު ތ. ތިމަރަފުއްޓަށް ބަދަލުވި އެވެ. ނަމަވެސް އެ ރަށުގައި ހަރުކަށި ފިކުރުގެ ކަންތައް ބޮޑު ކަމަށް ބުނެ ވޭމަންޑު އަށް ބަދަލުވިތާ ވެސް މިހާރު ހަ އަހަރު ވެއްޖެ އެވެ. އެ ދެމަފިރިންގެ ހަގަށް ތިބި ތިން ކުދިން ލިބުނީ ރާއްޖެ އަށް އައި ފަހުންނެވެ. އޭގެ ތެރެއިން ދެ ކުދިން ވިހެއީ ވޭމަންޑޫގަ އެވެ.
އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން، ވިސާގެ މުއްދަތަށް ވުރެ އިތުރަށް މަޑުކޮށްފި ނަމަ އަނބުރާ ދެވޭނީ ޖޫރިމަނާ ފައިސާ ދެކުމުންނެވެ. އެއް ދުވަސް ވެސް އިތުރަށް މަޑުކޮށްފި ނަމަ އެ ޖޫރިމަނާ ފެށެނީ 15،000ރ. އިންނެވެ. ވަކި މުއްދަތެއް ވެއްޖެ ނަމަ ލީގަލް އިން މައްސަލަ ބެލުމަށް ފަހު، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލަ އެވެ.
އެ ޖޫރިމަނާ މައާފުކުރަން ނުވަތަ ކުޑަ ކޮށްދޭން ކޮންޓްރޯލާއަކަށް ގާނޫނުން ބާރެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިލް
13 May 2025
މާލޭގަ އެކަނި ވެސް ވިސާ ނެތި އެތަށް ބައިވަރު ބޭރު މީހުން އުޅޭއިރު, މިހާރު ނޫސް ގެ ރާޑަރަކަށް ނާރާ! ވިސާ ނެތް ބޭރު މީހުންގެ ގައިގައި އަޅައިގެނެގެން ވެއްޓުނަސް, ފެންނަ ކަމަކަށް ވެސް ނަހަދާ! މިހާރު ނޫސް އަށް ފެނުނީ އެންމެ އާއިލާ އެއް... މިހާރު ނޫސް އިން ދެކޭ ގޮތުގައި ދެން ތިބީ ހުސް ލީގަލް ވިސާ ހޯލަޑާރސް... ވަރަށް ޒިންމާދާރު ނޫސް ވެރިކަމެއް... ނިކަމެތި އާއިލާ އަކަށް އަނިޔާވެރިވީ...
ޢަލީ މޮހިރީ
13 May 2025
ޢަޅެ ކަލޭމެން އެމީހުން މިތާ އުޅޭތީ ދެފައި ކައިރި ނުވަނީތަ؟
މުސްލިމްމުސްލިމ
13 May 2025
ދޮންވީމަ ފޮނުވާނުލެވިގެން. މުސްލިމް ކާޑުކުޅުނީމަ ދިވެހިން ތިބޭނެ ހެވިފަ
މުސްލިމްމުސްލިމް
13 May 2025
މުސްލިމުން ވީމަ ފޮނުވާ ނުލެވިގެން
މޫސަގެ ދަރި
13 May 2025
ލިޔުންތެރިޔާ އަށް އިމިގްރޭޝަނުން ގަސްތުގަ އޮޅުވާލާފަ ތިއޮތީ ! އެމީހުން ފުރައިގެން ދިޔަތާ 15 ދުވަހައްވުރެ ގިނަވެއްޖެ!
އަހަމީ
13 May 2025
ސާބަސް އޭނަ ފުރައިފި އާއިލާއާ އެކީ. މިހާރު ކުދިން ހާދަ މައުލޫމާތު ނޭނގިއޭ ތިޖަހަނީ.
ރަދީފްއޮފިޝަލް / މައިގްރޭޝަން
13 May 2025
އިންޓަނޭޝަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ލަފައެއް މިކަމުގަ އިދާރާތަކުން ހޯދި ބާ؟؟ މިހެން މިއެހީ ރާއްޖެއަކީ ވެސް މިބުނި ޖަމާއަތުގެ މެމްބަރަކަށްވީތިީވެ.
ބެރި
13 May 2025
އަހަރުމެން ދިވެހިންނަކީ ވެސް ކޮންމެވެސް ތަނަކުން އައި ބައެއްގެ ދަރިން. ތިޔަ މީހުން ރާއްޖޭގައި އުޅެދީބަލަ ދިވެހިންގެ ކާބަފައިން މިތާ އުޅެން އޭރު ހުރި ވެރިއަކު ހުއްެދަ ދިން ގޮތަށް.
ބަންގާޅީން
13 May 2025
ރާއްޖޭގައި ތިބި ބަންގާޅީންނަށްވެސް މިފުރުޞަތު ދެއްވާތި
އެމްސް
13 May 2025
މިޤައުމުގަ އެތައްލައްކަ ބޭރުމީހުން އުޅެނީ މިޤައުމުން އާމްދަނީ ހޯދައިގެންނެވެ! މިޤައުމު އޮތީ ސަލާމްޖަހާވަރަށް ދަރަނިވެރިވެފައެވެ!
ދައިލް
13 May 2025
ބަންގާޅީން... ނުފެނޭތަ އެ ފުރުސަތު ގަ ލައްކަޔަކަށް ވުރެން ގިނަ ބަންގަލްދޭޝް ބޭފުޅުން އުޅުއްވާ ތަން... ދިވެހި ރާއްޖޭގަ މިހާރު ވެސް ލައްކަޔަކަށް ވުރެން ގިނަ ބަންގްލަދޭޝް ބޭފުޅުން އުޅުއްވާ, ގިނައީ ވިސާ ނެތް ބަންގްލަދޭޝް ބޭފުޅުން... އެކި ގޮތްގޮތުން އިމިގްރޭޝަން ސިސްޓަމް ތެރެޔަށް ވައްދައިގެން, ބަންގްލަދޭޝް ބޭފުޅުން ނުފޮނުވާ ބަހައްޓާ... މިހާރު ނޫހުން ވެސް ބަންގްދޭޝް ބޭފުޅުންގެ ވާހަކަ އެއް ނުގެންނާނެ