ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލޭގެ ތުރީޑީ މޮޑެލްއެއް ދައްކާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 މެއި 2025 - 13:47
އެޗްޑީސީން ހުޅުމާލޭގެ މާސްޓަޕްލޭނަށް މުހިންމު ބައެއް ބަދަލުތަކެއް ގެެނެސް މިއަދު އާންމުކޮށްފި އެވެ.
ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ 2 ގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ މާސްޓަޕްލޭނަަށް ބަދަލު ގެނައީ ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީ އަށް ބޭނުންވާ ގިނަ ކަންތައްތައް މަގުފަހި ކުރުމަށް ކަމަށެވެ. ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބައެއް ހިއްކާފައިވުމުން، ބިމުގެ ޖާގަ އިތުރުވުމާ ގުޅިގެން އެ ބިންތައް ބޭނުންކުރާނެ ގޮތްތަކާ މެދު ފަންނީ ގިނަ މަޝްވަރާތަކާއި ލަފާތައް އެޗްޑީސީގެ މެނޭޖްމަންޓުން ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޕްލޭން އިފްތިތާހުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޒަމާނަށް އަންނަ ބަދަލާ އެކު، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތަކާއި އިތުރު ވަސީލަތްތައް ގާއިމްކުރުމަށް އާ ޕްލޭންގައި ވަނީ ހިމަނައިފަ އެވެ. އަދި ވިޔަފާރި އާއި އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް، ކުރީގެ ޕްލޭންގައި ނެތް ގިނަ ކަންކަން ވެސް ހިމަނާފައިވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގެ މާސްޓަ ޕްލޭންގެ ތުރީޑީ މޮޑެލް އެއް ވެސް ދައްކާލައިފަ އެވެ. އަދި އެޗްޑީސީގެ އާ ވެބްސައިޓު ވެސް އެ ރަސްމިއްޔާތުގައި އިފުތިތާހުކުރެއްވި އެވެ.
ހުޅުމާލެއަށް 21 އަހަރުވީ އިރު، އެ ތަނުގެ މާސްޓަޕްލޭނަށް އެކި ފަހަރު މަތިން ބަދަލު ގެެނެސްފައިވެ އެވެ. ހުޅުމާލެ މާސްޓަޕްލޭނަށް އެންމެފަހުން ބަދަލު ގެނެސްފައި ވަނީ ޑިސެމްބަރު 2023 ގަ އެވެ.
އެޗްޑީސީން މިއަދު ބޭއްވި އިވެންޓުގައި ވަނީ މި މާސްޓަޕްލޭނަށް ގެނައި ބަދަލުތައް ފެންނަ ހާއްސަ ޕްޒެންޓޭޝަނަށް ދައްކައިފަ އެވެ.
އެ ފްރެޒެންޓޭޝަނުން ފެންނަ ގޮތުގައި، އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ މިހާރު ހިއްކަމުން އަންނަ ހުޅުމާލެ 3 ގެ ބިމުގެ ސަރަހައްދަށެވެ. ހުޅުމާލެ 2 އާއި 3 ގެ ދެމެދުގައި ކުރިން "ކޯރެއްގެ" ގޮތުގައި ކަނޑައަޅާފައި އޮތް ބައި ހިއްކައި، ދެ ސަރަހައްދު އެއްކޮށްލަން ވަނީ ނިންމައިފަ އެވެ. އެ ބައި ހިއްކަނީ އެ ސަރަހައްދުގެ ކަނެކްޓިވިޓީ ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ގެންނަ ބަދަލެއްގެ ގޮތުގަ އެވެ.
ހުޅުމާލޭގެ ބަނދަރު ސަރަހައްދުގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ 36 ހެކްޓަރުގެ ސަރަހައްދު 53 ހެކްޓަރަށް ބޮޑުކުރުމަށް ކަނޑައަޅާފައިވެ އެވެ. އެއާ އެކު، ހުޅުމާލޭގެ ބަނދަރުގައި އުޅަނދުފަހަރު އެޅުމަށާއި ލޮޖިސްޓިކަށާއި އުޅަނދުތަކަށް ބޭނުންވާ އެ ނޫން ކަންކަމަށް ލިބޭ ޖާގަ ތަނަވަސްވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ "ރިވައިޒްޑް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ބައެއް އިސްވެރިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް އިމާރާތްތަކާއި ގްރީން ސްޕޭސް އާއި އެ ނޫން ވެސް އަސާސީ ހިދުމަތްތައް ދޭނެ ބިންތައް ހުޅުމާލޭގެ އެކި ނެއިބަހުޑްތަކާ ކައިރިން ކަނޑައަޅާފައިވެ އެވެ. އެ ބިންތައް ކަނޑައަޅާފައި ވަނީ ކޮންމެ ނެއިބަހުޑަކުން ފަސް މިނެޓުން ހިނގާފައި ދެވޭނެ ދުރުމިނުގަ އެވެ.
"ކޮންމެ މީހަކަށް 2.5 ސްކެއާ މީޓަރުގެ އޯޕަން ސްޕޭސްއަކާ އެކު، މި ޕްލޭން އެކުލަވާލެވިފައި ފެހި އަދި ހިތްފަސޭހަ ޖާތަކާ އެކުގައި،" އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ 1 ގައި 194 ހެކްޓަރު ބިން އޮތްއިރު، އެއީ 100،000 މީހުން އާބާދީއަކަށް އަމާޒުކޮށް ތަރައްގީ ކޮށްފައިވާ ސަރަހައްދެކެވެ. މިހާރު ހިއްކަމުން އަންނަ ބަޔަކާ އެކު ހުޅުމާލެ 2 ގައި ޖުމްލަ 251 ހެކްޓަރުގެ ބިން އޮންނާނެ އިރު، އެ ސަރަހައްދުގައި ދިރިއުޅޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 250،000 މީހުންގެ އާބާދީއެކެވެ.
Our new revisions to the masterplan reimagine Hulhumalé as an island city.
— Housing Development Corporation (@hdcmaldives) May 26, 2025
With intelligent, innovative, and sustainable development at its heart, we’re committed to unlocking the island’s unrealized potential — together #withHDC and the people of Maldives.
Your thoughts shape… pic.twitter.com/DMFeICO3js
• 29.84 ޕަސެންޓް ބިން ރެޒިޑެންޝަލް ބޭނުންތަކަށް
• 10.41 ޕަސެންޓް ބިންތައް ސްކޫލްތަކާއި މިސްކިތްތަކާއި ކޮމިއުނިޓީ ބޭނުންތަކަށް
• 5.56 ޕަސެންޓް ބިން ކޮމާޝަލް ބޭނުންތަކަށް
• 1.44 ޕަސެންޓް ބިން މިކްސްޑް ރެސިޑެންޝަލް ކޮމާޝަލް ޒޯނުގެ ގޮތުގައި
• 30.62 ޕަސެންޓް ބިން ގްރީން ސްޕޭސް އާއި ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބޭނުންތަކަށް
• 3.64 ޕަސެންޓް ބިނން އޮފީސް ޖާގަ އާއި އެހެނިހެން ބޭނުންތަކަށް
• 5.76 ޕަސެންޓް ބިން އިންޑަސްޓްރިއަލް މަސައްކަތްތަކަށް
މާސްޓަޕްލޭނަށް ގެނައި ބަދަލުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް އެޗްޑީސީން ވަނީ ދީފަ އެވެ. އެކަމަށް ހާއްސަކޮށް އެޗްޑީސީގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް އަންނަ މަހު 16 ގެ ނިޔަލަށް ހިޔާލު ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަފަފަ
27 May 2025
އެއްވެސް އުންމީދެއްނެތް. އަނެއްކާވެސް މާލޭ މީހުންނަށް ގޯތި ދޭން ވީ ތި ހިއްކާ ސަރަހައްދުން
ހުޅުމާލެ 2.0
27 May 2025
ކޮބާ ބާކީ %12.73 ؟؟؟؟
ސީއެލްޑީ
27 May 2025
ސާބަހޭ ރައީސް މިވަރެއް ނެތް
ޞޭނުމޫ
26 May 2025
ކީއްތޯ ވާނީ ފުރަތަމަ އެޗްދީސީން މިހާރު ހަވާލުވެގައި ހުރި ޖާހްގެ ގާޑަންސް އެޕާޓްމަންޓްތައް ނިންމައި ކަސްޓަމަރުންނާ ތަން ހަވާލުކުރިއްޔާ؟؟. 6 އަހަރު ވީ އެޗްޑީސީން ތަން ނިންމަން ކަނޑައެޅި މުއްދަތު ފަހަނައޅައި.
Hussain Rasheed
26 May 2025
ކިތަންމެ ތަރައްގީ ކުރިޔަސް ބުރި ބުރިޔަ ޕާކިންގް ބިލްޑިންގްތައް ހުޅުމާލެ ފޭސް ތަކުގައި ނައަޅަނީ ކީއްވެ؟ ހަމަ ހުރިހާ މަގެއްގެ ދެފަރާތް އަދި ކަންކަންމަތި މިހާރު މިފެންނަ ގޮތަށް އުޅަނދުތަކުން ފުރާލާފައި ބޭއްވުމައްތަ؟ އަޅެ މިކަން ހައްލުކުރާނެ މީހަކު ނެތީތަ؟ ޕާކިންގް ބިލްޑިންގްތައް އަޅާފަ އަގުނަގާ ގޮތަށް ޕާކްކިރެވޭ ގޮތް ހަދަފަ މަގުތައް “ތާހިރު“ ކުރަން ނުވިސްނަނީތަ؟ ދެރަކަމެއް!
މަނަސް
26 May 2025
ތިޔަ ކޯރުނެގުމަކީ ވަރައް ދެރަކަމެއް! އެންމެހިއްފަސޭހަ ތަނައްވާން ވީތަން މިނައްތާލީ !!!!
ޕިކްސް
26 May 2025
މާލީ ފްރީ ޒޯނުގެ ބިންގާ އެޅީ އިހަށްދުވަހު. މި ޕުލޭންގަ އެއަކަށް ނެތް ޖާގައެއް
ޕާޕަރު
26 May 2025
ކޮބާ ޕާކުކުރާނެ ބިން ެބަހުރިތޭ......
ރާވެރިބެ
26 May 2025
ކޮންމެ މީހެއްގެ ސައިކު ޕާކު ކުރާނީ އެމީހެއްގެ އެދު ދަށުގަ. ކާރު ދުއްވާނެ ބޭނުމެއް ނެތް. ސަރުކާރު ޓެކްސީ ދޮރު މަތިން ލިބޭނެ
ރިއްފަތު
26 May 2025
ފޭސް 2 ދިން ގޯތިތަށް މިހާރުވެސް ބޮޑު އަގުގަ ކުއްޔަދީފަ.ފޭސް 2 ފުލެޓްތަކުގަ ދިރި އުޅޭ މީހުން ކުލި ދަކަމުން ދަނީ.
ނޱހޱހޱޱހ
26 May 2025
މާސްޓަރ ޕްލޭން ހެދިއިރުފެސް 2 އިން ހިލޭ ބެހި ގޯތިތައް ނަގައި ގުޅި ފަޅަށް ބަދަލު ނުކުރީ ކީއްވެ؟ ފޭސް 2 ގެ ބޮޑު އާބާދީއަށް އެކަށޯގެންވާ މިސްކިތް ސްކޫލް ޕާކް ހޮސޕިޓަލްތައް ހެދޭނެ ޖާގަ ކުރަި ސަރުކާރުން ސިޔާސީ ބޭނުމަށް ބަހާލީ. މުއިއްޒު ގެނައީ އެކަންކަން ރަމގަޅުކުރަން. އެކަމަކު މުއިއްޒުވެސް މާލެ ބޭފުޅުންދެކެ ބިރުން އެކަން ހައްލެއް ޖުކުރި. ފޭސް 2 ގަ ދިރިއުޅޭ މޯހެއްގެ ހައިސިއްޔަތުން މުއިއްޒުއަށް ވޯޓު މިފަހަރު ނުދޭނެ ސަބަބެއް އެއީ
ޓެކްސްފައިސާގެ އަމާ
27 May 2025
ކީއްކުރަން ހަމައެކަނި މާލޭގެ 6 ވަނަ އަވަށް ކަމައްވާ ހުޅުމާލޭގެ ގޯތިތައް ނަގަންވީ؟ މާލޭގެ 5 ވަނަ އަވަށް ކަމައްވާ ވިލިމާލެއާއި މާލޭގެ ދެން އޮތް 4 އަވަށުގައި ހިލޭ ބަހާފައިވާ ގޯތިތައްވެސް ނަގަންވީނު. އޭގެ އިތުރުން ހުރިހާ އަތޮޅުތަކުގެ ބޭފުޅުންނަށް ހިލޭ ބަހާފައިވާ ގޯތިތައްވެސް ނަގަންވީ.