މޯލްޑިވްސް-ޔޫކޭ ބައްދަލުވުމުގެ ތެރެއިން: މަހުގެ ޑިއުޓީ ކަނޑާލަން މަޝްވަރާކޮށްފައިނުވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
01 ޖޫން 2025 - 12:11
މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގައި، ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ އެއްކޮށް ކަނޑާލުމުގެ މަޝްވަރާ ހިމަނާފައިނުވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރި މަސައްކަތުން، އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހަށް ނަގަމުން އައި ޑިއުޓީ 24 ޕަސެންޓުން 20 ޕަސެންޓަށް ތިރިކުރެވުނު ކަމަށާއި އެ ޑިއުޓީ އެއްކޮށް ކަނޑާލުމަށް ދެ ގައުމުގެ ދެމެދުގައި ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔަ ކަމަށެވެ.
"މިފަހަރުގެ ޑަޔަލޮގުގައި އެކަން އުނިކޮށްފައިވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.
މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި މަހުގެ ޑިއުޓީ އެއްކޮށް ކަނޑާލެވޭ ގޮތަށް ގެންނަން މަޝްވަރާކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކައެއް ނެތެވެ. އޭގެ ބަދަލުގައި އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ވިސާ ލިބުމުގެ ދަތިތަކާ ގުޅޭ ގޮތުންނެވެ.
އެކަމާ ކަންބޮޑުވުންވެ، އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ސޯލިހުގެ ވެރިކަމުގައި މަސްވެރި ސިނާއަތުގެ މުސްތަގުބަލު ރަނގަޅު ކުރަން ފެށި އެންމެ އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް ކަމަށެވެ.
ޑިއުޓީ މުޅިން ކަނޑާލަން ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދަން ފުރަތަމަ މަޝްވަރާތައް ނިމި، އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުންގެ ހިޔާލު ހޯދަން 2023 ވަނަ އަހަރު ހުޅުވާލައިފައި ކަމަށާއި ދައުރު ނިމުނުއިރު މަސައްކަތް ތާވަލުކޮށްފައިވަނީ 2025 ވަނަ އަހަރު އެއްބަސްވުން ތަންފީޒު ކުރުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.
"އެމްޑީޕީން ދެކެނީ މި އެގްރިމެންޓަކީ މަސްވެރި ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ވަސީލަތެއް ކަމަށް، ރާއްޖެއިން ވެލިއުއެޑް ކުރެވިގެން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ދަޅުމަސް ކަމަށްވާއިރު މީގެތެރެއިން 50 ޕަސެންޓަށް ވުރެ ގިނައިން އެކްސްޕޯޓް ކުރަނީ އިނގިރޭސިވިލާތަށް،" އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ އިމްޕޯޓު ޑިއުޓީ 0 ޕަސެންޓަށް ބަދަލުވެގެން ދިއުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ޔަގީން ކަމަށާއި މަސްވެރިން އަތުން ގަންނަ މަހުގެ އަގު އެއާ އެކު މަތިވެގެންދާނެ ކަމަށެވެ.
"މި އުއްމީދުގައި ރައްޔިތުން ތިބިހިނދު މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑަޔަލޮކްގެ ބައްދަލުވުމުގައި އެޕްޓީއޭގެ ވާހަކަ ހިމަނާފައި ނުވާކަން ވަނީ ހާމަވެފައި. މިއީ އެމްޑީޕީން ނިހާޔަތަށް ކަންބޮޑުވާ ކަމެއް. މި ޑަޔަލޮގުގައި އެފްޓީއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ގޮވާލަން،" އެމްޑީޕީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދިޕާޓީ
02 June 2025
ވާހަކަ ނުދައްކާ ހުޅުމާލެ ބިންތައް ބަހާލާ މިލިއަނުން. ދެން ބުނޭ ހިޔާ ފުލެޓޭ ކޮތަރު ކޮއްޓޭ. އެމްޑީޕީ އަކީ ވެރިކަމުގެ ތިބޭއިރު އަޗާތަޅާފަ ވެރިކަން ގެއްލުނީމަ މާ ޑިމޮކްރަސީވެގެން އުޅޭ ބައިގަނޑެއް. ގައުމުގެ އިޖްތިމާޢީ ފޭރާން ވީދާ އޮރިޔާންކުރި ގުރޫޕްތީ
މުރާސިލް
01 June 2025
ކަލޭމެން ކޮންމެވެސް އެހެންކަމަކާއި އުޅޭށެވެ. މަޝްވަރާކުރާނެ ބަޔަކާއި ނުކުރާނެ ބައެއް އެނގޭނީ މިއަދު ސަރުކާރު ހިންގަން ތިބީ މީހުންނާށެވެ. އެއީ މިޤައުމު ލޫޓުވާލައިގެން ދިޔަ އެމްޑީީޕީން ނިންމަން ޖެހޭ ކަމެއް ނޫނެވެ. އެމްޑީޕީއަށް އަދިވެސް ހީވަނީ ވެރިކަމުގައި ތިބީ ތިމަންމެން ކަމަށެވެ.
ބަޓްސް
01 June 2025
ބްރޯ އެމީހުން އެއްބަސް ވާނީ އެމީހުން ބުނާހާގޮތަކަށް މިތާގެ ގާނޫނުތަކާއި އުސޫލުތައް ބަދަލުކޮށް އަންނި އެވަކާލާތު ކުރާ ހައްދެއްނެތް މިނިވަންކަން ގާނޫނަކުން ދިނީމަ. ޔޫކޭއަށް މިތަނުންލިބޭ ޑިއުޓީ އަކީ އެއްވެސް އެއްޗެއް ނޫން.
މުހަންނަދު
01 June 2025
ދެން ކޮންމެވެސް މޮޅު ވާހަކައެއް ދައްކާލާފަ ޚަބަރުގެ ސުރުހީއަށް އެރީ ދޯ؟ މިދިޔަ 5 އަހަރުގަ ވެރިކަމުގައި ތިބީ އެމްޑީޕީ ނޫންތަ؟
މައްކުބޭ
01 June 2025
މުޅީން ބޭކާރު ވާހަކަ ދައްކާ މީހެއް، އެމްޑީޕީ އަކީ އަބަދުވެސް ރާއްޖެއަށްވުރެ އެހެން ޤައުމުތަކުގެ އިންޓްރްސްޓާ ކުރިއށް ނެރޭ، ބައިކޮޅަށް ގޯލް ޖެހުމުގެ ސިޔާސަތާ އެކަންކަން ބަރާބަރަށް ތަންފީޒްކުރާ ބައެއް، ދުވަހަކުވެސް އެމްޑީޕީ އިން ދިވެހިންގެ ހައްޤުތައް ކުރިއަކަށްނުނެރޭނެ. ވެރިކަން ލިބިއްޖިއްޔާ ބިންކޮޅެއް ބަޔަކު ހިއްކާ އޮތިއްޔާ އެ ބިންކޮޅު ހިލޭ ބަހާލާ ދަރިންގެ ދަރިން ވެސް ބިކަކުރުމުގެ ސިޔާސަތު ގެންގުޅޭ ބައެއް.
ބާގިރުބޭ
01 June 2025
ބަލަ އެމްޑީޕީގެ ސަރުކާރުގައި ތިޔަ ބުނާ ވާހަކައެއް ދައްކައިގެން އެއްކޮށް ޑިއުޓީ ކަޑާނުލެވުނީ ކީއްވެބާ. ސައުވީހުން ހަތަރެއް ކާޑާލަން އޯކޭވީމަ އެއީ ކުރިއަށް އޮތް ވިހިތިރީސް އަހަރުގެ ދޫދިނުންކަމަށް ނިންމައިގެން އެތިބެނީ.
5 އަހަރުން ނުވީޔޯ؟
01 June 2025
ވޯޓަށް ވަގުތު ކުޑަތަންވީމާ، އެއްވެސް އިހްލާސްތެރިކަމެއް ނެތި، ހަމައެކަނި ވޯޓްގެ ބޭނުމަށް، މަސްވެރިން ސްކޭމެއްގައި ޖައްސާ ފާޑަށް މަހުގެ އަގު ސަރުކާރަަށް ނުވެސް ދެއްކޭހާ ބޮޑުކޮށްލި މަކަރު ގްރޫޕް މާ މޮޅުވާހަކަ ދައްކަން ނުހަދާ. ކީއްވެތަ ކަލޭމެންގެ އެކުވެރި ދޮންމީހުންގާތު ބުނެގެން 5 އަހަރު ވީއިރު އެއްބަސްވުން ނުހެދީ. ޑިއުޓީ 0 އަށް ނުހެދީ!؟ އަދިވެސް ރައްޔިތުން ވާވައްދަން އެބައުޅެޔޭ މި ބައިގަނޑު!
އެޑްމުންޑޯ
01 June 2025
މިމީހުންގެ ވެރިކަމުގައި ކޮންމެ ކަމެއްވެސް ޚިޔާލީ ދުނިޔެއެއްގައި އޮންނަނީ ނިމިފައި ، އެކަމަކު ވެރިކަން ނިމިގެންދާއިރުވެސް އެކަމެއް ނުވެއްނިމޭ ، ދެން ތިބެގެން އެއްޗެކޭ މީއްޗެކޭ ކިޔާނެ ،