އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގާ 20 ޕަސެންޓްފެ ޓެރިފް  ނުވަތަ ޑިއުޓީ ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމުމުން، އެގައުމުގެ ކަނޑުމަހުގެ ބާޒާރުން ރާއްޖެއަށް ބޮޑު ހިއްސާއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮފްރާމްގައި މުންދު ވިދާޅުވީ އިނގިރޭސި މާކެޓްގައި ރާއްޖެއާ ވާދަކުރާ ގައުމުތަކަށް ކުރިއްސުރެ ވެސް ޑިއުޓީ ދައްކަން ނުޖެހޭ ކަމަށާއި އެހެންވެ އެ އެގައުމުތަކަށް ރާއްޖޭގެ މައްޗަށް އެޑްވާންޓޭޖް އޮތް ކަަމަށެވެ. އިނގިރޭސި މާކެޓްގައި ރާއްޖޭގެ ވާދަވެރިންނަކީ އޭނާ ވިދާޅުވި ގޮތުގައި އިކްއެޑޯ، މޮރިޝަސް، ސީޝެލް، ގާނާ، ފިލިޕީންސް، ސްޕެއިން އަދި ނެދަލެންޑްސް އެވެ.

"މިގައުމުތަކުން އިނގިރޭސިވިލާތަށް [ކަނޑުމަހުގެ އުފެއްދުންތައް] އެކްސްޕޯޓްކުރާ އިރު ނުޖެހޭ ޓެކުހެއް ދައްކާކަށް. މިއޮތްހާ ދުވަހު އަޅުގަނޑުމެން މި ގައުމުތަކާ އެކު މާކެޓް އެކްސެސްއަށް ވާދަމިކުރީ މި 20 އިންސައްތައިގެ ޓެކުހުގެ ބުރަދަނާ އެކުގައި،" މުންދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތަށް ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރާ ގައުމުގެ ތަކުގެ ތެރޭގައި ރާއްޖެ މިހާރު އޮތީ ނުވަ ވަނައިގައި އެވެ. ނަމަވެސް މި ފަހަރު ލިބުނު ލުޔާ އެކު އެކަން ބަދަލުކޮށް، އެ ގައުމަށް ރާއްޖޭން އެކްސްޕޯޓްކުރާ އަދަދުތައް އިތުރުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހަމަ އޮތް ޔަގީންކަމަކީ، އަޅުގަނޑުމެންގެ ވިޔަފާރިވެރިންނަކީ ވެސް ހަމަ ވަރަށް ކުޅަދާނަ ބޭފުޅުން އަދި އޭގެ ތެރޭގައި ދައުލަތުގެ ކުންފުނިތައް ވެސް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވަަރަށް ބޮޑުތަން އަޅުގަނޑުމެން ޔޫކޭގެ އެކްސްޕޯޓްސް  ޕާސޭ، އަދަދުތައް ވެސް އިތުރުވެގެން ދާނެ،" މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭން އިނގިރޭސިވިލާތަށް އެތެކުރާ ބާވަތްތައް ކަމަށްވާ ދަޅުމަހާއި ޕައުޗް ޓޫނާ އަކީ އިނގިރޭސިވިލާތުގައި ވަރަށް މަގުބޫލު އުފެއްދުންތަކެއް ކަމަށެވެ. ނަމަސް މިހާރު އޮތް ގޮތުން، ރާއްޖޭގެ އުފެއްދުންތައް ވިއްކަން އުނދަގުލީ ނަގަމުން އައި ޓެރިފްގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެކަން ބަދަލުކޮށް، މާކެޓްގައި ވަރަށް ބޮޑު ޕަސެންޓޭޖެއް ނެގުމުގެ ފުރުސަތު އެބަ އޮތް،" މުންދު ވިދާޅުވި އެވެ.

 

މިފްކޯގެ މަސްކިރާ ބޯޓެއް ކައިރީގައި މަސްއޮޑިތައް މަސްކިރުމަށް ކިއޫ ހަދައިފައި: މަސްދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިފްކޯގެ މަސްކިރާ ބޯޓެއް ކައިރީގައި މަސްއޮޑިތައް މަސްކިރުމަށް ކިއޫ ހަދައިފައި: މަސްދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 20 ޕަސެންޓް ނަގަމުންދާތީ މަހުގެ އަގު ދަށްވުމުގެ ޝަކުވާ ދިވެހި މަސްވެރިން ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. 

އެ ޑިއުޓީ ކަނޑާލަން އިނގިރޭސި ވިލާތާ އެކު އެކި ސަރުކާރުތަކުން މަޝްވަރާ ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. އެކި ފެންވަރުގައި އެ މަޝްވަރާތައް ކޮށްފައިވީ ނަމަވެސް އޮތީ ހައްލެއް ނުލިބި އެވެ. 

އެކަމަކު، އިނގިރޭސި ވިލާތުގެ ނިންމުން މި ވަގުތަށް ބަދަލުކޮށް، ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ސަސްޕެންޑްކުރަން ކަނޑައެޅީ 2028 ވަނަ އަހަރާ ހަމައަށެވެ.