ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް ބޮޑުކަންނެލީގެ މަސްވެރިން މިިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ކުރި އިހުތިޖާޖު ރޫޅާލައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭހެން އިތުރު ބަޔަކު ހައްޔަރުކުރި މައްސަލަ އެ ޕާޓީން އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އަށް ހުށަހަޅައިފި އެވެ.

މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފުލުހުން ރޫޅާލައި ބައެއް މީހުން ބަންދުކުރިއިރު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭގެ ތެރެއިން ތިން މީހަކު ތަހުގީގުގެ ބޭނުމަށް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. އޭގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ އިތުރުން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ވެސް ހިމެނެ އެވެ.

އިދިކޮޅު އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޮޑުކަންނެލީގެ މަސްވެރިންގެ ހައްގުތައް ހޯދަން ކުރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށާއި އަދި ގާނޫނާ ހިލާފަށް އެ މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރު ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ މަސައްކަތްތެރިންގެ ބައިނަލްއަގްވާނީ އިދާރާ އަށް މިހާރު ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް މިދިޔަ ދުވަހު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް މިދިޔަ ދުވަހު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، މަސައްކަތްތެރިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށް ދެންނެވުނު ހުށަހެޅުމުގައި އެދިފައިވާނެ އެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އަދި މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ހެޔޮނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ މަޝްވަރާ ކުރަން ފަށަން ސަރުކާރަށް އަންގައި ދޭން ވެސް އައިއެލްއޯގައި އެދުނު ކަމަށް އެމްޑީޕީން ބުންޏެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު ކުރިއަށް ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު ކުރިއަށް ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެ ޕާޓީން ވަނީ މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން ދޫކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބާ ކަމަށެވެ. އަދި އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ފުލުހުން ބުނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިނުދެނީސް ހުއްޓާނުލާނެ ކަމަށް އެ މީހުން މިއަދު ވަނީ ބުނެފަ އެވެ.

މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންނަށް އަމިއްލަ ކުންފުނިތަކުން ފައިސާ ނުލިބޭ ކަމަށެވެ. ކަންނެލި ގަންނަ އަމިއްލަ ކުންފުނިތަކުން ފައިސާ ނުލިބި ތިން، ހަތަރު މަސް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމުގައި ހައްލެއް ނުފެންނަނީސް، ދެން މަސްވެރިން ނުފުރާނެ އެވެ.