ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
އޭނާ ހައްޔަރުކުރީ މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު ރޫޅާލުމުގެ ތެރޭގަ އެވެ.
މައުރޫފުގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރަން ގާޒީ އަމުރު ކުރެއްވި އެވެ. މައުރޫފާ އެކު އެހެން ދެ މީހަކު ވެސް އެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރު ކުރި އެވެ.
ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބޮޑަށް އަލިއަޅުވާފައި ވަނީ، މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާ މައުރޫފް އިއްޔެ އައިޖީއެމްއެޗުގައި އެޑްމިޓު ކުރުމާ ގުޅިގެން ފެތުރިފައިވާ ވާހަކަތަކަށެވެ.
ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 12:24 ހާއިރު މައުރޫފް ހައްޔަރު ކޮށްފައި ވަނިކޮށް، އޭނާ ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގެންދިޔައީ އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ. އަދި މައުރޫފް ހޮސްޕިޓަލަށް ގެންދިޔައީ ކަސްޓޯޑިއަލްގައި އެ ވަގުތު ހުރި ޑޮކްޓަރުގެ ލަފަޔާ އެކު، ފުލުހުންގެ ކަސްޓޯޑިއަލް ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި އަމަލުކުރާ އުސޫލުގެ މަތިން ކަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
"ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކާ ގުޅިގެން ނޫން ކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އެމަނިކުފާނު މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފަ އެވެ،" ރޭގެ ދަންވަރު 12 ޖަހާކަންހާއިރު ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ހައްގުތައް ރައްކާތެރިކޮށް، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ފުލުހުން ގެންގުޅެ އެވެ. އޭގެ ތެރޭގައި، ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރު ކުރަން ބޮޑު ސަމާލުކަމެއް ދޭ ކަމަށް ބުންޏެވެ.
"ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ޒާތީ ކަންކަމާ ގުޅޭގޮތުން މީޑިއާގެ ތަފާތު މަންސަތަކުގައި މިފަދަ ސައްހަ ނޫން މައުލޫމާތު ޝާއިއު ކުރުމަކީ އާންމުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދި ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އޮންނަ އިތުބާރު ހީނަރުވެގެން ދާނެ ކަމެކެވެ،" މެމްބަރު މައުރޫފް ހޮސްޕިޓަލަށް ގެންދިޔައީ އޭނާ އަށް އަނިޔާވެ، އޮޕަރޭޝަނެއް ކުރަން ޖެހިގެން ކަމަށް ބުނެ ފަތުރާފައިވާ ވާހަކަތައް ދޮގުކޮށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
"އެހެންކަމުން، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުށްވެރި ކުރަމެވެ. އަދި މިފަދަ އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ."
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު ރޫޅާލައި ބަޔަކު ހައްޔަރުކުރި މައްސަލަ އެމްޑީޕީން ވަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް ވެސް ހުށަހަޅައިފަ އެވެ.