ހުޅުމާލެ2 ގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވެ، އެތަނުގައި ދިރިނޫޅެވޭވަރަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެތަނުގައި ދިރިއުޅުނު ހަތަރު މީހަކަށް އެންޑީއެމްއޭ އިން މިހާރު ވަނީ އެހެން ތަނަކުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފަ އެވެ.

މިއަދު ހެނދުނު 7:41 ހާއިރު އަލިފާން ރޯވީ ވިނަރެސް ފްލެޓް ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގަ އެވެ. އެ ހާދިސާ ރިޕޯޓްކުރުމާ އެކު ހުޅުމާލޭގެ ފަޔާ ސްޓޭޝަނުން ވަނީ އަލިފާންގަނޑު ނިއްވާލައިފަ އެވެ.

ވިނަރެސް ފްލެޓުގެ ރޯވި އެޕާޓްމަންޓް-- ފޮޓޯ: އެންޑީއެމްއޭ
ވިނަރެސް ފްލެޓުގެ ރޯވި އެޕާޓްމަންޓް-- ފޮޓޯ: އެންޑީއެމްއޭ

އެންޑީއެމްއޭ އިން ބުނި ގޮތުގައި އެ ހާދިސާގައި، މީހުންނަށް ދިރިނޫޅެވޭވަރަށް އެޕާޓްމަންޓަށް ވަނީ ގެއްލުން ލިބިފަ އެވެ.

"ހަތަރު މީހަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދި 2 މީހަކަށް އަންނައުނު ވަނީ ފޯރުކޮށްދީފައި،" އެންޑީއެމްއޭ އިން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ނޭނގެ އެވެ. އެކަމަކު އެމްއެންޑީއެފުން ބުނި ގޮތުގައި އެންމެ ފުރަތަމަ ރޯވީ ގޮދަޑިއެއްގަ އެވެ.

ވިނަރެސް ފްލެޓުގެ ރޯވި އެޕާޓްމަންޓް-- ފޮޓޯ: އެންޑީއެމްއޭ
ވިނަރެސް ފްލެޓުގެ ރޯވި އެޕާޓްމަންޓް-- ފޮޓޯ: އެންޑީއެމްއޭ

އަލިފާން ރޯވި ތަނުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެޕާޓްމަންޓުގައި ހުރި ސާމާނުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. ބަންކް ބެޑެއް އެއްކޮށް އަނދާފައިވާ އިރު، ސިޓިންރޫމްގައި ހުރި ސާމާނު ވެސް ވަނީ ވަރަށް ބޮޑަށް އަނދައިފަ އެވެ. މުޅި އެޕާޓްމަންޓް ވަނީ ދުމުން ކަޅުވެފަ އެވެ.