ގޭސްފުޅިއެއް ގޮވައި ރޭ ފަތިހު އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ހިނގީ މއ. ދޫގަސްވިލާގައި ކަމަށާއި ޖެހިގެން ހުރި އިމާރާތަށް ވެސް އެ ހާދިސާގައި ގެއްލުންވެ، 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ. 

އެ އިދާރާ އިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭގެ އިމަޖެންސީ މެނޭޖްމަންޓް ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. 

އެ އޮތޯރިޓީން ބުނި ގޮތުގައި އެ ހާދިސާގައި އަލިފާން ފުރަތަމަ ރޯވީ ދެ ބުރިއަށް ހަދާފައިވާ މއ. ދޫގަސްވިލާގަ އެވެ. އެ ތަނުގައި ހުރި ފަސް ކޮޓަރިއެއްގައި 15 ބިދޭސީން އޭރު ތިބި ކަމަށާއި އެ މީހުން ރައްކާތެރިކަމާ އެކު އިވެކުއޭޓް ކުރެވުނު ކަމަށް ބުންޏެވެ. 

އެންޑީއެމްއޭ އިން ބުނީ އެ ގެއާ އިންވެގެން ހުރި މއ. ދޫގަސް 1 އަކީ ފަސް ބުރީގެ އިމާރާތެއް ކަމަށާއި އެ ހާދިސާއާ ގުޅިގެން އެ ގޭގެ ފެނުގެ ހިދުމަތް މެދުކެނޑި، އެ އިމާރާތުގައި ދިރިއުޅޭ 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެެވެ. އެއީ 20 ދިވެހިންނާއި ހަ ބިދޭސީންނެވެ. 

އެހެންވެ، އެ ހާދިސާގެ އަސަރު ކޮށްގެން ވަގުތީގޮތުން 41 މީހަކު އިވޭކުއޭޓް ކުރަންޖެހުނެވެ. 

އެންޑީއެމްއޭ އިން ބުނީ އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބިދޭސީންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ހަމަޖެއްސުމަށް އެ ފަރާތްތަކުގެ ސްޕޮންސާއަށް ގުޅައި، ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައިވާ ކަމަށް ބުންޏެވެ. 

އަލިފާން ރޯވި ގޭގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އެކަކަށް ފަރުވާދެނީ އިމަޖެންސީ ރޫމުގަ އެވެ. އަދި އަނެއް މީހާއަށް ފަރުވާދެމުން ދަނީ ވޯޑުގަ އެވެ. 

އެންޑީއެމްއޭ އިން ބުނެފައިވާ ގޮތުގައި ފިހިގެން ފަރުވާދެމުން އަންނަ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން މީހަކާއި ސްރީ ލަންކާގެ މީހެކެވެ.