ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން: ދަރަނީގެ ފައިސާ ދައްކާފައިވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހު
25 ޖޫން 2025 - 12:53
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ދަރަނީގެ ފައިސާ ދައްކާފައިވަނީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހު ކަމަށް ޝަރީއަތުގައި ވަކީލުން ވިދާޅުވެއްޖެ އެވެ.
ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާން އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނެއް ހުކުމާ އެއްގޮތަށް ދައްކާފައިނުވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ ޣާލިބު ސަލީމް ކިޔާ މީހެކެވެ.
މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ޝަރީއަތް ފަށައި، ބޭއްވި އަޑުއެހުމުގައި ޣާލިބުގެ ފަރާތުން ބުނެފައިވަނީ އިސްލާމިކް ބޭންކުން އިތުރު ބަޔަކާ އެކު ސިނާން ނެގި 2.5 މިލިއަން ރުފިޔާގެ ލޯނު ނުދައްކާ އޮތުމުން އިސްލާމިކް ބޭންކުން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ހުށަހެޅި ކަމަށެވެ.
އެ ކޯޓުން ސިނާންގެ ޣައިރު ހާޒިރުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުކުމްކުރީ ހަ މަސް ތެރޭ ފައިސާ ދެއްކުމަށެވެ. ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށް ވުރެ މަދު ނޫން އަދަދެއް ދައްކަން ޖެހޭނެ ކަމަށް ވެސް ހުކުމްގައި ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދައްކަމުން ނުދާތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭންކުން ތަންފީޒީ މައްސަލައެއް ކޯޓަށް ހުށަހެޅި އެވެ.
އެ މައްސަލަ ކޯޓުގައި އޮއްވައި، ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން މި އަހަރުގެ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ހަމަ އެ ދުވަހު ސިނާން ވަނީ ލޯނުގެ ފައިސާ އެއްކޮށް ދައްކައި ނިންމައިފަ އެވެ. އެހެންވެ، މެޖިސްޓްރޭޓް ކޯޓުގައި އޮތް ތަންފީޒީ މައްސަލަ މާޗް މަހުގެ ތެރޭގައި ވަނީ ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.
ޣާލިބުގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވީ ހަ މަސް ތެރޭ، ކޮންމެ މަހަކު ވެސް ވަކި ވަރެއް ދައްކަން ހުކުމް ކޮށްފައިވަނިކޮށް، ސިނާން އެގޮތަށް އަމަލުކޮށްފައިނުވާކަން ވަރަށް ސާފު ކަމަށެވެ. ސާބިތު ދަރަންޏެއް އޮވެ، އެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދިއުމަކީ ގާނޫނުއަސާސީގައި މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތެއް އުނިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ އެއްވަނަ ނަންބަރުގައި ބުނަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުމެވެ.
އެހެންކަމުން ޝިޔާމް ވިދާޅުވި ގޮތުގައި ސިނާންގެ ކިބައިން އެ ޝަރުތު އުނިވެފައިވާތީ، އޭނާގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަން ކަނޑައަޅައިދޭން ޝަރީއަތުގައި އެދޭ ކަމަށެވެ.
ޣާލިބުގެ ވަކީލް ޝިޔާމް: ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދައްކާފައިނުވާ ކަމަށް ވިދާޅުވި
ދައުވާއަށް ޖަވާބުދާރީވަމުން ސިނާންގެ ވަކީލް މޫސާ އާލިމް ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުން ސިނާންގެ މައްޗަށް ހުކުމް އިއްވިކަން އޭނާއަށް އެނގިފައި ނެތް ކަމަށާއި އެ މައްސަލައަށް ކަނޑައަޅާފައިހުރި ގާނޫނީ ވަކީލް މައްސަލައިން ތަނާޒަލްވެފައިވަނީ އެންގުމަކާ ނުލައި ކަމަށެވެ. އެ ހުކުމް ކުރިކަން ވެސް އެނގުނީ އާންމުންނަށް ވެސް މައްސަލައިގެ މައުލޫމާތު ލިބުނު ގޮތަށް، ތަންފީޒީ މައްސަލަ ކޯޓަށް ހުށަހެޅުމުން ކަމަށް އާލިމް ވިދާޅުވި އެވެ.
ނަމަވެސް، ހުކުމްގެ މައުލޫމާތު ސިނާންއަށް ސީދާ އެނގުނު ތާރީހެއް ބުނަން ނޭނގޭ ކަމަށާއި އެއީ ބޮޑަށް ބެލެވެނީ މި އަހަރުގެ ޖެނުއަރީ މަސް ތެރެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ތާރީހު ސާފުކޮށް، ކޯޓަށް ހުށަހަޅަން ޝަރީއަތުން އެންގި އެވެ.
އާލިމް ވިދާޅުވީ ހުކުމް އޮތް ކަން އެނގުމާ އެކު ފައިސާގެ އިންތިޒާމް ހަމަޖެއްސުމަށް ފަހު، ފައިސާ ދައްކައި ނިންމާފައިވާ ކަމަށާއި އެއީ އަމިއްލަ އިހްތިޔާރުގައި ކުރެއްވި ކަމެއް ކަމަށެވެ. އެހެންވެ، ތަންފީޒީ މައްސަލަ މިހާރު މެޖިސްޓްރޭޓް ކޯޓުން ވެސް ބާތިލްކޮށްފައިވާކަން ވަކީލް ފާހަގަކުރެއްވި އެވެ.
ސިނާން ފައިސާ ދައްކާފައިވަނީ ހުކުމްގައި ކަނޑައަޅާފައި އޮތް ހަ މަހުގެ މުއްދަތު ހަމަވުމުގެ ކުރިންކަން ވެސް އާލިމް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ހުކުމްގެ މުއްދަތުގެ ތެރޭ ސިނާން ފައިސާ ދައްކާފައިވާއިރު، އޭނާ ގާނޫނުއަސާސީއާ ހިލާފުވި ކަމަކަށް ނުބުނެވޭނެ ކަމަށެވެ. އޭނާ ހެޔޮ ނިޔަތުގައި ފައިސާ ދައްކައި ނިންމާފައިވަނީ ހުކުމަށް ނިހާއީ ބާރު ވެސް ނުލިބެނީސްކަން ވެސް ވަކީލް ފާހަގަކުރެއްވި އެވެ. އެހެންވެ، ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އުފަންނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ސިނާންގެ ވަކީލް އާލިމް: ހުކުމްގެ މުއްދަތުގެ ކުރިން ސިނާން ފައިސާ ދައްކާފައިވާ ކަމަށް ވިދާޅުވި
އާލިމްގެ ވާހަކަތަކަށް ރައްދު ދެއްވައި ޣާލިބުގެ އަނެއް ވަކީލް އަލީ ހުސެއިން ވިދާޅުވީ ޣައިރު ހާޒިރުގައި ކުރާ ހުކުމަކަށް އަމަލު ނުކުރުމަކީ އިހްތިޔާރެއް ނޫން ކަމަށެވެ. މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ދުވަހު، އެ ފައިސާ ދެއްކިއިރު ފައިސާ ނުދައްކާ ހަތަރު މަހާ ގާތްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ތިން މަހެއްހާ ދުވަހު ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންވެ، ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދެއްކި ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އެގޮތަށް ފައިސާ ނުދައްކާ އޮވެއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށާއި ޝަރުތެއް ވަނީ އުނިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ އެ ނޫން ގޮތަކަށް ނޫނީ ދެގޮތަކަށް މާނަކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއަށް ވުރެ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޝަރުތު ސާފު ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. މައްސަލަގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ. މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ސުޖޫން (ރިޔާސަތު) އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގަތްްް
25 June 2025
ވާގޮތަކީ ތިމާ ޕާރޓީމީހާ ކެޓީމާ، އެ ހިތްދަތި ކަމުން އަރައި ނުގަނެވެނީ، ސިނާ ނުލާހިކު ބަރާބަރު، ރަށުގެ ހައްގުގައު ނުކުމެ ބަސްބުނާތީ އެކަމާ ހަސަދަވަނީ
އުދުހޭ
25 June 2025
ޕީއެންސީ ކޮޅަށް ނުނިމިއްޖެއްޔާ އަނެއްކާވެސް ފަނޑިޔާރުން ބަދަލުވުން ގާތް
ޑރ ވާންޗޯ
25 June 2025
ކަލޯ ތިޔަގޮނޑި ތިއޮތީ އޮޔާގޮސްފަ އަތްނުފޯރާހިސާބަށް.
އޮނަރަބްލް އަފީފު ދީދީ
25 June 2025
އުއްތަމަ ފަނޑިޔާރުގެ ރުހުންވެސް ލިބިވަޑައިގެން ސަރުކާރުން ސުޕްރިމްކޯޓް ބެންޗްގައި ތިއްބެވި އެންމެ އިލްމީ އަދި ރާއްޖޭއާއި ރާއްޖެއިން ބޭރުގައި ވަކީލުކަން ކޮށް ރާއްޖޭގެ ކޯޓްތަކުގައި ފަނޑިޔާރުކަން ވެސް ކޮށްފައިވާ ތަޖުރިބާ ކާރު ފަނޑިޔާރުން ކަމަށްވާ ހުސްނު އަލް ސުޢޫދު އާއި އަޒްމިރަލްޑާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ވަކި ކުރުމުން އަދުނާނުގެ ދަރިފުޅު އިންނެވި ކަމަށްވިޔަސް ދެން ތިތަނުގައި މިވަގުތު އިލްމީ ޤާނޫނީ ނަޒަރަކުން ރަޢުޔު ނެރެވޭނެ މީހަކީ ޝޫޖޫން.
މަ ބުނީ
25 June 2025
ބަސްއަހާ ކުދިންކޮޅެއްިހާރު ތިބޭނީ މިހާރު ރަޢުޢު ނެރޭނީ ޕާޓީ އޮހީހުން.
ޢަބުދުލް ޤާދިރު
25 June 2025
ގޮނޑިއެއް ނުގެއްލޭނެ. އެއީ ސަރުކާރު ބޭނުންވާގޮތަށް ތިކަން ނިމޭނެތީ
ސުނާރު
25 June 2025
ކޮބާ ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ. 2 ބައި ކުޅަ އެއްބަޔަށް އެމައްސަލަ ބަލާފަ،ސުޕްރީމް ކޯޓު އޮތްފުށުން ނޫން އަނެއް ފުށަށްޖަހާފަ އަލުން އާމައްސަލަޔެއް މިބަލަނީ މިސޮރުގެ ގޮނޑި ގެއްލުވާލާފަ ސުޕްރީމް ކޯޓު ނަޒާހަތްތެރިޔޭ ބޮޓުންލައްވާ ބުނުވާފަ ގާނޫނު އަސާސީގެ މުހިންމު މައްސަލަ ބޭރުކޮއްލަންތަ
ދިވެހިންގެ ރާއްޖެ
25 June 2025
ހުކުމް ކުރި ކަން ނޭގޭ. ބޭންކުން ލޯނު ނެގި ކަން އެގޭބާ؟ ގަވާއިދުން ފައިސާ ނުދައްކާ ކަން ނޭގޭތަ؟ ކޯޓަށް މައްސަލ ހުށަހެޅި ކަން އެގޭތަ؟ ވަކީލު ހަމަޖެއްސިޔަސް ދައުވާ ރައްދުވާ މީހާޔަށް ކޯޓަށް ހާޒިރުވުމަށް އަމުރެއް ލިބޭނެ. ނުދިޔައީމަ ޣައިރު ހާޒިރުގައި ހުކުމް ކުރަނީ. ނޭގެޔޭ ބުނެގެން ނިމެންޏާ ކޯޓުގެ ބޭނުމެއް ނެތް
އެހެންޏާ
26 June 2025
ދެން ތިބި އެންމެންނަކީ ގަމާރުންކަމަށް ހީކުރާ އެފަދަ މީހުން ހޮވާ މީހުންނަށް އައްސަރިބަހާ ސާބަސް ދޭންޖެހޭ. ލޯނެއް ނެގުނުކަން ނޭނގި އެ ނުދައްކާހުރިކަން ނޭނގި އެކަމާ ބެހޭ މައްސަލަ ކޯޓުގައި ހިނގިކަން ނޭނގި އެކަމަށް ހުކުމެއް ކުރިކަން ނޭނގި އޭނަ ފަރާތުން ދިޔަ ވަކީލަށް ވަކީލު ފީ ދެވުނުކަން ނޭނގި. އެވަރަށް ނޭނގުނީމަ ކޮންމެވެސް ދިމާލަކުން ސިކުނޑީގެ ޓެސްޓެއް ކުރަންޖެހޭ
ފިނީނޯސޭ ހައިބާން
25 June 2025
ދެން އަހަރުމެނަށްވެސް އެނގޭ ސުޕުރީމު ކޯޓުގެ ހުކުމު އޮންނާނޭ ގޮތް، އެ ކޯޓަށް މައަސަލަ ހުށަހެޅުމުގެ ކުރިންވެސް މިހާރު. ކުރިން ވިއްޔާ ޔަޤީންކަން އޮވޭ ޢަދުލުވެރިކޮށް ނިންމާނޭކަން. މިހާރު އެ ޔަޤީންކަމެއް ނެތް.
ޏިމްޞަ
25 June 2025
ކަލޯ ތިހެން ބުނެފަ ހަމަ ފަރުޖައްސާލަނީ؟
ލަ ގޮނޑި
25 June 2025
މިފަހަރު ގޮނޑި ގެއްލޭނީ ކާކުގެ ބާ؟