އޮގަސްޓް 5، 2023 ގައި ސިނަމާލެ ބްރިޖާއި ހުޅުލެއާ ގުޅޭ ހިސާބަށް އުދަ އަރައި ހިނގި ނުރައްކާތެރި ހާދިސާ.
27 ޖޫން 2025 - 15:20
މި ދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ހެނދުނު ނެރުނު "މިއަދުގެ މޫސުން" ނޯޓުގައި ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދޭ ކަމަށެވެ.
އިއްޔެ އާއި މިއަދު ވަނީ މާލޭގެ އިރުމަތީ ފަރާތު، ކާނިވާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ. އަދި އިއްޔެ މާލޭގެ ދެކުނު ފަރާތުގައި އޮންނަ އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިވެ އެވެ.
މެޓް އޮފީހުން ބުނީ މިއަދު އުތުރުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރުފަހު 2:29 ހާއިރު ކަމަށެވެ. އެ ވަގުތުގައި 2.9 ފޫޓަށް ދިޔަވަރު ބޮޑުވުން އެކަށީގެންވެ އެވެ. އަދި މެދު ރާއްޖެ ތެރޭގެ ރަށްރަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރުފަހު 3:12 ހާއިރު ކަމަށާއި އެ ވަގުތުގައި 2.7 ފޫޓަށް ދިޔަވަރު ބޮޑުވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.
މީގެ މާލެއަށް އުދަ އެރި ދުވަހެއްގައި ރާޅުގަނޑު ސަރަހައްދުން ނެގި ބޮޑެތި ރާޅުތައް.-- ފޮޓޯ: މިހާރު
ދެކުނުގެ ރަށްރަށަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު ފަހު 3:58 ހާއިރެވެ. އެ ވަގުތުގައި ތިން ފޫޓަށް ދިޔަވަރު ބޮޑުވުން އެކަށީގެންވެ އެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއިރު، ރާޅުގެ އުސްމިން ހުންނާނީ 4-6 ފޫޓާ ދެމެދުގަ އެވެ. އަދި ދެކުނުގެ ހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއިރު، ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓާ ދެމެދުގަ އެވެ.
ދިޔަވަރު ބޮޑުވާ ވަރު ދެނެގަތުމަށް މެޓް އޮފީހުގެ ތިން ޓައިޑް ސްޓޭޝަން ރާއްޖޭގައި ހުރެ އެވެ. އެއީ ހދ. ހަނިމާދު އާއި ހުޅުލެ އާއި ސ. ގަމުގައި ހުންނަ ސްޓޭޝަންތަކެވެ.
މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްރަތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޝް
28 June 2025
ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ނެތި ދިއުމުގެ ބިރުއޮތް ގައުމަކަށްވެފަ އަދި މޫސުމީ ކަންތަކާ އެވަރަށް ވަކާލާތުކޮށް ގިނަ މުއާހަދާތަކާއި އެއްބަސްވުންތަކުގަ ސޮއިކޮށްފަވާއިރު މިތަނުން އެހެންތަނަކަށް ހިޖުރަކުރުމަށް ދިވެހިންނަށް ފަހި ފުރުސަތުތަކެއް ހޯދިފަވޭތޯ؟