ޕީޖީ އޮފީހުން ބުނީ ހެކިންނަށް ނުފޫޒު ފޯރުވާ ހާލަތެއް ނުވަތަ ފިލާފާނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މަންޑޭ ހައްޔަރުކުރަން އެދޭނެ ކަމަށް.
ކޭޕާކް މަންޑޭ.
03 ޖުލައި 2025 - 13:34
ކޭ ޕާކު ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނަމަވެސް ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.
ކޭޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޖުލައި މަހު ފެށި އެ ދައުވާތަކާ ގުޅޭ ގިނަ އަޑުއެހުންތައް ކުރިއަަކަށް ނުގެންދެވެ އެވެ.
އަޑުއެހުންތައް ގިނައިން ކެންސަލް ކުރަން ޖެހުނީ މަންޑޭ ޝަރީއަތަށް ހާޒިރުނުވާތީ އެވެ. އަޑުއެހުންތަކަށް ހާޒިރުވާން އުޒުރުވެރިވެ، ޑޮކްޓަރުގެ ލިޔުންތަކެއް ވެސް އޭނާ ހުށަހެޅި އެވެ.
އެކަމަކު މިދިޔަ މަހުގެ 23 ގައި ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ، މަންޑޭ ކޯޓަށް ހާޒިރު ނުވެވޭ ފަަދަ ބައްޔެއް ހުރި ކަން ޑޮކްޓަރުގެ ލިޔުމުގައި ފާހަަގަކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ޝަރީއަތް ނިމެންދެން މަންޑޭ ބަންދުގައި ބަހައްޓަން ކޯޓުން އަމުރެއް ނެރުނެވެ.
ނަމަވެސް ކޭޕާކުގެ މައްސަލާގައި ބާއްވާ ޝަރީއަތުގެ ހުރިހާ އަޑުއެހުމަކަށް މަންޑޭ ހާޒިރުވާން ޝަރުތުކޮށް މިއަދު ބަންދުން ދޫކޮށްލާފައިވާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ. ހެކިންނަށް ނުފޫޒު ފޯރުވައި ފިލާފާނެ ހާލަތެއް އޮތް ނަމަ އޭނާ އަލުން ބަންދުކުރުމުގެ އަމުރަކަށް އެދޭނެ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
ކޭޕާކުގެ މައްސަލާގައި އެންމެ އަވަހަށް ވެސް އަޑުއެހުމެއް ބޭއްވޭނީ އަންނަ އޮގަސްޓްމަހުގެ ފަހުކޮޅުގައި ކަމަށް އެނގިފައި ވެ އެވެ. އެ މައްސަލާގައި އަދި 13 މީހެއްގެ ހެކިބަސް ނަގަން ޖެހޭއިރު އޭގެ ތެރެއިން ގިނަ މީހުން މި ވަގުތު ތިބީ ރާއްޖެ އިން ބޭރުގަ އެވެ.
އެ މައްސަލައިގައި ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު، މީގެ ކުރިން އަޑުއެހުމުގައި ކޭޕާކް ފްލެޓް ގަތް ބައެއް މީހުން ވަނީ ހެކިބަސް ދީފަ އެވެ.
މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެންމެ ގިނައިން ދައުވާކުރާ މައްސަލަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ.
ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރުގެ ފަރާތުންނެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކޮށް، އަދި އޭނާގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
04 July 2025
ފައިސާގަ ވަހެއް ނުހުންނާނޭ ބުނަނީ މިހެންވެ. 'މަނީ ޓޯކްސް' އޭ ނުވަތަ ބާރު ހުންނަނީ ފައިސާގައޭ ބުނަނީ ވެސް މިހެން ވާތީ.
އަލިކޮ
04 July 2025
ގައުމީ ސަލާމް ކިޔުނީމަ ވީ
އަބްޑޫޅް +
04 July 2025
ޙޫމް. ލާރި ކޭ ޕާކު މަންޑޭ ތަ؟
ޑރ ވާންޗޯ
03 July 2025
މިއަންނަ ދައުރުގަ ވާނެ ވެރިކަމަށް ކުރިމަތިލާން. ހުރިހާ ސަރުތެއް ހަމަވެފަ ތިހިރީ
ބުރަތޭރީ
03 July 2025
މި މައްސަލައިގާ ޕީ ޖީ އާއި ކޯޓުގެ ގާޒީގެ މައްސަލައެއް އެބައުޅޭ...
ަސދފ
03 July 2025
ނަންވާނީ ސާލިހު.
އަސް
03 July 2025
މިތަނުހެ ހާލަތު، 25 ނުވަތަ 30 އަހަރަށް ޖަލަށް ލާފަ 1 އަހަރު ނުވާނެ ދޫކޮށްލާނެ. ދެން ކުރިމަތި ލާނީ މަޖިލީހަށް، ރައްޔަތުން ބޮޑުތަނުން އޭނަ ހޮވާނެ. އެހިސާބުން އިއްޒަތްތެރި އަކަށްވީ. މަށަށް ހީވަނީ ރައްޔަތުން ރަގަޅު ނުވެ ކަންކަން ރަގަޅު ނުވާނެހެން.
ސަޅި ގައުމެއް
03 July 2025
މިީ އަޅެ ދައުލަތެއް ތަ؟ ރިހާކުރު ފުޅީގަ އަތް ނުލާ މުޅި ދައުލަތް ލޫޓް ވާލިޔަސް ގައުމީ ބަތަލަކަށް ވަނީ. އެންމެން ހުދު ގަމީސް ލައިގެން ދައުލަތް ލޫޓްވަނީ
ޕީ އެން ސީ
03 July 2025
ދައުލަތޭ ނުކިޔާ ގުރޫޕެކޭ ކިޔަމާ ! މަޤާމާއި ފައިސާ ގެ މައްޗަށް ޤާނޫން ނުހިންގޭއިރު ދައުލަތޭކިޔަށް ވަރަށްހަޑި !
އަންފެއަރ
03 July 2025
ސަދޫމް ކޯޓުތައް. އަހަރުން ފިހާރަ އަކުން ވައްކަން ކޮއްލީމަ 2 އަހަރު ޖަލު ހުކުމް. މިމީހުން ހެޔޮ 100 ދައުވާ އޮތަސް އެންމެ ލުއި ގޮތް ހަދަން ޖެހޭ. އަދީބު މެން ގައުމު ދަވާލީމަ ވެސް އޯކޭ.