ސައިކަލް ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލާގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވި މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށާއި އެ މައްސަލާގައި ދައުވާކުރުމާ މެދު ގޮތެއް ނިންމޭނީ އަންނަ މަހުގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ. 

ސައިކަލު ވިއްކާ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި ކިންގްސްޓަން އާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މާޗު މަހުގެ ތިންވަނަ ދުވަހު އެވެ.

ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށް ފަހު، އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވިއިރު އެ މައްސަލަ ބަލައިގަންނަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު، "މިހާރު" އަށް މިއަދު ވިދާޅުވީ ކިންގްސްޓަން އަށް ދައުވާކުރުމާ މެދު ކުރަންޖެހޭ ދިރާސާތައް  މިވަގުތު ކުރަމުން އަންނަ ކަމަށެވެ. 

އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. 

"މިހާރު ކުރަމުން މިދާ މަސައްކަތަކީ ދައުވާ ކުރުމަށްޓަކައި ދިރާސާކުރުމުގެ މަސައްކަތް. އަންނަ މަހުގެ ތެރޭގައި އެންމެ ލަސްވެގެން އެ މައްސަލާގައި އަޅުގަނޑުމެން ދައުވާކުރުމާ މެދު ގޮތެއް ނިންމާނަން." ޝަފީއު ވިދާޅުވި އެވެ. 

އެ މައްސަލާގައި ފުލުހުން ދައުވާ ކޮށްދޭން އެދި ފޮނުވީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި އެ ކުންފުނީގެ ވެރިޔާ ދ. ބަނޑިދޫ، ޕޯލާގްރޭސް، އަހްމަދު އާތިފް ހަސަން، 38 ގެ މައްޗަށެވެ. 

އެއީ ނޮވެމްބަރު 2023 އިން ފެށިގެން ކިންގްސްޓަގެ ފަރާތުން ސައިކަލް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކޮށް އޮގަސްޓް 8، 2024 ގައި ހުށަހެޅި މައްސަލައެކެވެ. 

އެ މައްސަލާގައި ޖުމްލަ 158 މީހެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764ރ. އާއި 8,398.18 ޑޮލަރު ނަގާފައިވާކަން ވެސް ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

މާލޭގައި ސައިކަލް ވިއްކާ ކިންގްސްޓަން އަށް ފައިސާ ދެއްކި ގިނަ ބަޔަކަށް ސައިކަލް ނުލިބި އެތައް މަހެއް ވުމުން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރި އެވެ. އަދި އެ ކުންފުނިން ލަނޑު ދީފައި ތިބި މީހުން އަމިއްލަ އަށް ފުލުހުންނަށް ރިޕޯޓްކުރުމަށް ވެސް އޭރު ފުރުސަތު ދިނެވެ.