އީސީގެ މެމްބަރު މުހައްމަދު އާސިފް: އީސީން އާސިފް ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
03 ޖުލައި 2025 - 16:06
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުން މުހައްމަދު އާސިފް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާސިފާއި އިލެކްޝަން ކޮމިޝަންގެ އޭރުގެ ނައިބު ރައީސް އަލީ ނަޝާތު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރީރެޖިސްޓްރޭޝަންގައި އޮޅުވާލުމުގެ އަމަލުތަކެއް ހިންގައި، އީސީގައި ހުރި މައުލޫމާތު ވިއްކި ކަމަށް ތުހުމަތުކޮށެވެ.
އެ މައްސަލާގައި ނަޝާތާއި އާސިފްގެ އިތުރުން އެ ކޮމިޝަންގެ މެމްބަރު ޑރ. މުހައްމަދު ޒާހިރަށް ވެސް މަޖިލީހުގެ ކޮމެޓީން އެ ތުހުމަތުތައް ކުރި އެވެ. އެކަމަކު އެ ތިން ބޭފުޅުންގެ ތެރެއިން ނަޝާތާއި އާސިފް ވަކިކުރުމަށްފަހު ޒާހިރު ވަކިނުކުރަން މަޖިލީހުގެ ތަޅުމުން ފާސްކުރި އެވެ.
އެ މައްސަލާގައި އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ކުރި ހުކުމްގައި ބުނީ ގާނޫނުއަސާސީގެ 177 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ހާލަތެއް އީސީގެ މެމްބަރަކަށް މެދުވެރިވެއްޖެކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެންނަނަމަ، މެމްބަރުކަމުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނަ ކަމަށެވެ.
ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލައިގެ ތެރެއިން އާސިފްގެ ފަރާތުން އެދޭ ކަމަކީ ގާނޫނުއަސާސީން މަޖިލީހަށް ލިބިފައިވާ ބާރުގެ ތެެރެއަށް ވަދެ، މަޖިލީހުން ނިންމި ނިންމުމަކީ ގޯސްކޮށް ނިންމާފައިވާ ނިންމެއް ކަމަށް ކޯޓުން ކަނޑައެޅުމަށް ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އީސީގެ މެމްބަރުކަމުން އޭނާ ވަކިކުރުމުގައި ގާނޫނުއަސާސީގައިވާ އިޖުރާއަތާ ހިލާފް ކަމެއް ހިނގި ކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެެހެންވެ، ކޯޓުން އެ މައްސަލަ ބެލުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއިން މަޖިލީހުން ނިންމާފައިވާ ނިންމުމަކަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާއާ ހިލާފަށް ޗެލެންޖް ކުރުމުގެ ފުރުސަތު ދިނުން ކަމަށްވާނެ ކަމަށާއި އެހެންވެ، ކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އާސިފް ވަކިކުރީ އޭނާގެ މެމްބަރުކަމުގެ މުއްދަތުން އެއް އަހަރަށް ވުރެ ގިނަ ދުވަސް ބާކީ އޮއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަގަރ
04 July 2025
އޭ ކީއްވެބާ؟
ބާސިތު
04 July 2025
މިވެރިންގެ ލަދުކޮބާ؟ މީނައަކީ ހައްދަވައިގެން ކަމެއްކުރާ މީހެއްނޫން. 55 އަހަރުވިދުވަހު އީސީން ކަނޑާލި މީހެެއް. މެންބަރަކަށް ގެނައީ އިބޫ، ޝާހިދު ބުނެގެން. އެއްވެސް އެއްޗެއް ދަންނަމީހެއް އެނގޭ މީހެއްނޫން. އަނގަ އ ފިޔަވައި. ޕްރޮކިޔުމެންޓަށް ވަދެ އަނހނ މައްލަވަކުރުން ކަމަކީ. ޗީޕް މީހެެއް. ވަކިކުރިލެއް މާލަސް. މިހާރު މުވައްޒަފުން ތިބީ އުފަލުން، މީނަ ނޫޅޭތީ. ވަރަށް ސަލާން ފ ގެ
ފިސް
04 July 2025
އަޅުގަނޑުގެ ސުވާލަކީ އޮޅުވާލުމުގެ އަމަލުތަކެއް ހިންގައި، އީސީގައި ހުރި މައުލޫމާތު ވިއްކި ކަމަށް ތުހުމަތުކޮށް މެމްބަރުކަމުން ވަކިކުރީމަ ނިމުނީތޯ؟ އެވަރު ތުހުމަތެއްއޮވެ ޖިނާއީ ތަހުގީގު ހިންގާ ދައުވާކުރުމެއް ނޯވޭތޯ؟ ގާނޫނު ރަގަޅަށް ނޭނގޭތީ މިއަހާލީ.
ހަހަހަހަ
03 July 2025
ކެވުނު ވަރު މަދީ؟