ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އެ ގަރާރުގެ ދަށުން، ފެންނަ ނުފެންނަ ވޯޓު ނެގުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދެފި އެވެ.

އެ ޕާޓީން ހުށަހެޅި މައްސަލައިގައި ބުނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސް ޖުމްހޫރިއްޔާއަށް ލާޒިމްކޮށްފައިވާ ގޮތަށް، މިދިޔަ ހަފުތާގެ ހޯމަ ދުވަހު ނެރުއްވި ގަރާރު އޮތީ، ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނަށް ގެނައި ބަދަލާ ހިލާފަށް ކަމަށެވެ.

އެހެންވެ، ގަރާރުގައި ގާނޫނީ ހައިސިއްޔަތު ނެތް ސަބަބަށްޓަކައި އެ ގަރާރު ބާތިލްވާކަމަށް ކަނޑައަޅައިދިނުމަށް އެދި، މައްސަލަ ހުށަހެޅީ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގަ އެވެ. އަދި އެ ގަރާރު ބާތިލްކުރުމުގެ މައްސަލަ ކޯޓުން ނިމެންދެން ވޯޓު ގުޅޭ ގޮތުން އެއްވެސް ކަމެއް ކުރުން ހުއްޓިވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެ އެވެ. 

ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ރައީސްގެ ގަރާރު ގާނޫނާ ހިލާފުވާ ކަމަށް އެމްޑީޕީން ގަބޫލުކުރާ ހަ ކަމެއް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި؛

  • ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ގާނޫނުން ލިބޭ ކެމްޕެއިންކުރުމުގެ ހައްގު ހަނިވުން
  •  އިންތިހާބުތަކާއި އާއްމުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުތަކުގައި ވޯޓުދިނުމުގެ ހައްގަށް އުނިކަން އައުން
  • ސިފައިންގެ އެންމެ މަތީ ވެރިއަކީ ރައީސްކަމަށް ކަނޑައަޅާފައިވަނިކޮށް، ދައުލަތުގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް އެ ވާޖިބު އަދާކުރަން އިހުމާލުވެފައިވުން

އެމްޑީޕީން ބުނީ އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓުން ލާޒިމްކުރާ ފަދަ މައުލޫމާތު ކަރުދާހެއް، ރައީސްގެ ގަރާރާ އެކު ހިމަނާފައިނުވާތީ އަދި އޭގެ ފަހުން ވެސް އެކަންކަން ތަފްސީލުކޮށްފައިނުވާތީ، ކެމްޕެއިން ކުރަން އެމްޑީޕީއަށް ލިބިފައިވާ ހައްގު ހަނިވާ ކަމަށެވެ. އަދި ވަގުތީ އަމުރު ނުނެރެ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ، ދައުވާކުރާ ފަރާތަށް ސިޔާސީގޮތުން ބޮޑު ގެއްލުމެއް ލިބި އަދި ގަރާރު ބާތިލްކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި އެ މައްސަލައިގެ ވޯޓާގުޅޭ ކެމްޕެއިނަށް ކުރާ ހަދަދުތަކުގެ ސަބަބުން އިއާދަނުކުރެވޭ މާލީ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ވެސް ބުންޏެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ބެހޭ ވޯޓު ނެގުމާ ދެކޮޅަށް މަސައްކަތް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުން ހުއްޓުވުމަށްޓަކައި އެމްޑީޕީން ގިނަ މަސައްކަތެއް ކުރާނެ ކަމަށެވެ. މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިން ހަރަކާތްތަކާއި އަންނަ މަހު ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުން ހުއްޓުވުމަށް އެމްޑީޕީން އެ ނޫން ވެސް އެތައް މަސައްކަތެއް ކުރަމުން ގެންދާނެ އެވެ. މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިން ހަރަކާތްތަކާއި އަންނަ މާޗް މަހު ބާއްވާ ބޮޑު އެއްވުމެއް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ދެ އިންތިހާބު އެއްކޮށްލާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. 

ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. 

ރައީސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ.