އޭލެވެލްގެ އެއްވަނަ ހާސިލްކޮށް ރައީސްގެ ހާއްސަ ސްކޮލާޝިޕް ލިބުނު 11 ދަރިވަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.--- ފޮޓޯ: ރައީސް އޮފީސް
04 ޖުލައި 2025 - 14:10
މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް އަދި ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުން ދާއިރާއަކުން ކޯސް ކުރިއަށް ގެންދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސްގެ ހާއްސަ ސްކޮލާޝިޕަކީ ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ސްކޮލަޝިޕެކެވެ.
އެ ސްކޮލަޝިޕް ލިބޭނީ 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް މަދުވެގެން ފަސް މާއްދާ އިން އޭ ސްޓާ ހޯދާފައިވާ އަދި އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.
ހައި އެޗީވާސް ސްކޮލަޝިޕް ދެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓު"ގައި ހިމެނޭ ދާއިރާތަކުންނެވެ.
އެ ސްކޮލަޝިޕަކީ މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން އޭ ލެވެލް ނުވަތަ އޭލެވެލް އާ އެއް ފެންވަރެއްގެ އިމްތިހާނަކުން ތިން މާއްދާ އިން އޭ ހާސިލުކުރުމާ އެކު ދިވެހި އަދި އިސްލާމް މާއްދާ އިން އޭ ހާސިލުކުރުމުން ދޭ ސްކޮލަޝިޕެކެވެ. އަދި ދިވެހި އިސްލާމް މާއްދާ ހިމެނޭ ގޮތަށް އޭ ހޯދުމާ އެކު ޝަހާދާ ސާނަވިއްޔާ ސަނަދުން ހުރިހާ މައްދާއެއްގެ ފައިނަލް އެވްރެޖުގައި އޭ ފާހެއް ލިބުމުންނެވެ.
ހައި އެޗީވާސް ސްކޮލަޝިޕްތަކުގައި ކިޔަވޭނީ ރާއްޖެ ހިމެނޭހެން ސާކްގެ ގައުމުތަކާއި މެލޭޝިއާ އާއިި ތައިލޭންޑާއި ފިލިޕީންސާއި ޗައިނާގެ އިތުރުން އޯއީސީޑީގެ ގައުމުތަކުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރައީސް ދޭ ހާއްސަ ސްކޮލާޝިޕް ލިބޭ ކަމަށް އެ މިނިސްޓްރީން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން ސްކޮލާޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް ސްކޮލާޝިޕްގެ އުސޫލުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރުމަށް އެދި މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އުސޫލުގައިވާ ގޮތަށް 18 މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ޖެހޭތީ އެވެ.
ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން ޖެހެނީ މިނިސްޓްރީގެ "މައި އެޑޫ" ޕޯޓަލް އިން މި އަންނަ ސެޕްޓެމްބަރު 30ގެ ކުރިންނެވެ.
މިިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދޭން ބޭއްވި ހަފުލާގައި ވަނީ މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުގައި އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 11 ދަރިވަރަކަށާއި ހައި އެޗީވާސް ސްކޮލާޝިޕް 87 ދަރިވަރަކަށް ދީފަ އެވެ.
މިހާރު ހުޅުވާލަފައި އެވަނީ އެ ކުދިން ބޭނުންވާ ދާއިރާތަކުން ކިޔަވަން ކުރިމަތިލާށެވެ.
ރައީސްގެ ސްކޮލާޝިޕަށް ހޮވުނީ ސީއެޗްއެސްއީގެ ހަ ދަރިވަރަކާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރެކެވެ.
2023 ވަނަ އަހަރު ރައީސްގެ ސްކޮލަޝިޕް މާލޭ ސްކޫލުތަކުގެ 19 ދަރިވަރަކަށް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރަތޭރީ
05 July 2025
ރައީސަށާއި ސަރުކާރަށް ދަންނަވާނީ ރައީސްގެ ސްކޮލަރޝިޕާއި ހައި އެޗީވާރސް ސްކޮލަރޝިޕް ލިބޭ އެއްވެސް ކުއްޖަކު، އިޒުރޭލާއި އެމެރިކާއިން ގައްޒާގައި ހިންގާ ގަތުލުޢާންމަށް އެހީތެރިވާ، އިގިރޭސިވިލާތާއި އެމެރިކާ އަށް ނުފޮނުއްވާށޭ. އޭރުން އަޅުގަނޑުމެންގެ ޓެކްސްފައިސާއިން އެ ޚަރަދުކުރެވެނީ ޔަހޫދީންނަށޭ. ނުސީދާކޮށް ދައުލަތުގެ ފައިސާއިން އިޒްރޭލަށް ފަންޑުކުރެވެޔޭ.
އިންސާފުގާރު
05 July 2025
ރައީސްގެ ސްކޮލަރޝިޕް ވާންޖެހޭނީ ވަރަށް ޚާއްސަ އެންމެ އިނާމަކަށް. ބޮޑު ގުޅައަށްވާ ގޮތަށް ދެވޭ އިނާމަކަށް ވެގެންނުވާނެ. އެ އިނާމު ލިބޭ ފަރާތްހޮވަންވާނީ ، އެންމެ ރަނގަޅުނަތީޖާހޯދި ކުދިންގެ މެދުގައި ފުރިހަމަ އިންޓަރވިއުއެއްކޮށް އެންމެމަތީ މާކުސްހޯދާ ފަރާތަށް...އަދި އެކުއްޖަކު ވާންވާނީ . އިޒުރޭލުގެ ޖެނޮސައިޑް ގައި ހިތްވަރުދޭ އެއްވެސް ގައުމަކަށް ކިޔަވަންނުދާ ކުއްޖަކަށް..
އުފަންގައުމު
05 July 2025
ވަރަށް ރަނގަޅު ބިނާވުރަނިވި ޚިޔާލެއް
ޙަރުގަނޑު 2
05 July 2025
ލޯނާ ބެހޭގޮތުން ވިސްނާ މީހެއްގެ ހައިސިއްޔަތުން ބުނާނީ، ކުއްޖާ ބޭނުންވާ ދާއިރާއަށްވުރެ، ގައުމަށް މުހިއްމު އަދި ކުއްޖާ ބޭނުންވާ ދާއިރާއެއް ނެގުން މުހިއްމު ކަމަށް.. އަދި މާލެ އައިސް ވަޒީފާ ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ފަހި ކަމަށް.. ޓްރޭނިންގ ނީޑް ލިސްޓް އެންމެ ފަހުން އަޕްޑޭޓްކުރި ތާރީޚަކީ ކޮބާތޯ ބަލަން އެބަ ޖެހޭ.. ދުނިޔެ އޭއައި އާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު ރާއްޖެ މިއުޅެނީ އަދިވެސް މާ ފަހަތުގަ..
ދެރަވާ ކަމެއްމީ
04 July 2025
ޢިސްލާމުން ވެސް އޭ ސްޓަރ ހޯދައިގެން ނުކުންނަ އަންހެން ދަރިވަރުންނަށް އަންހެނާގެ އައުރަ އެނގި ތިބެ އޮރިޔާމުން ތިބޭތީ ހާދަ ދެރަވެޔޭ، އަމިއްލަ ނަފްސަށް ޢަމަލުނުކޮށް، މިދުނިޔެ ހޯދުމަށް ހަމައެކަނި ރައީސްގެ ސްކޮލަރޝިޕަށް ޓަކައި މަސައްކަތް ކުރުމުން އެދުނިޔެއިން ލިބޭނީ ކޮންމޮޅެއް؟ ޥިސްނާލަންޖެހޭ ކުދިންނޭ
ދާއޫދު އަލީ
04 July 2025
ވަރަށް ސަޅި. ދަރިވަރުންނަށް ލިބޭ ފަހި ފުރުސަތެއް
ތަހިއްޔާ
04 July 2025
ރައީސް މުއިއްޒު އަކީ ތައުލީމަށް ވަރަށް އިސްކަންދޭ ވެރިއެެއް. މިއީ މިގައުމުގެ މުސަތަގުބަލު ގުޅިފައިވާ ލީޑަރެއް.
ޙަމްޒާ 1
05 July 2025
ޙމމމމ.. އެހެންވެޔޭ އަދިވެސް ސްޓޫޑަންޓް ލޯން ފައިނަލް ނުވެގެން އުޅެނީ.. ލޯން ފައިނަލް ނުވެ ހައި އެޗީވާސް 2 ވަނަ ފަހަރު.. ފަގީރުންގެ ދަރިން އަދި ކިޔަވަން މާމޮޅުނޫން ދަރިވަރުންނަށް މިލިބެނީ ލޯނު.. އެހެންވީމަ ޓޮޮޕްޓެންއަށް ނާރާ ކުދިން އިންތިޒާރުގަ ތިބެންވީ ދޯ؟؟؟
ހަސަން ސިނާން
04 July 2025
ތައުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަހިކޮށްދޭ ރަނގަޅު ފުރުސަތެއް
ދިއްދޫ ރަސީދުބެ
04 July 2025
މި ސަރުކާރުން ވަރަށް ބޮޑަށް ތައުލީމަށް އިސްކަންދޭކަން ފާހަގަކުރެވޭ