މައުރޫފް ވިދާޅުވީ އޭނާ މެނޭޖިން ޑިރެކްޓަރުކަން ދޫކޮށްލައްވައި ރިޓަޔާކުރެއްވި ނަމަވެސް އެޑްވައިޒަރީ މަގާމެއްގައި ހުރުމުގެ ވިސްނުން އެބަހުރި ކަމަށް
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް: އޭނާ ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގަތް އިރު ވެސް ވިސްނުމަކީ އަވަހަށް ރިޓަޔާކުރެއްވުން ކަމަށް. -- ފޮޓޯ: މިހާރު
08 ޖުލައި 2025 - 23:26
މަގާމާ ހަވާލުވެ ވަޑައިގަތް އިރު ވެސް އެ މަގާމުގައި ގިނަ ދުވަހު ހުންނެވުމުގެ ވިސްނުމެއް ނެތް ކަމަށާއި އެކަމަކު ހަވާލުވެ ވަޑައިގަތީ ހާސިލްކުރައްވަން ބޭނުންވި ލަނޑުދަނޑިތަކެއް ހުރުމުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ރިޓަޔާކުރައްވަން ނިންމަވާފައި މައުރީފް ޖަމީލް މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި މަގާމާ ހަވާލުވެ ވަޑައިގަތް މައުރޫފް ރިޓަޔާކުރައްވަން ނިންމައިވައި އެކަން މުވައްޒަފުންނަށް ވަނީ އަންގަވައިފަ އެވެ. އޭނާގެ މި ނިންމެވުމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވިދާޅުވީ މަގާމުގައި ހުންނަވައިގެން ހާސިލްކުރައްވަން ބޭނުންވި ގިނަ ކަންކަން ހަ މަސް ތެރޭ ހާސިލް ވެފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި އޭނާއަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ރައީސް ޑރ މުހައްމަދު މުއިއްޒު ހުށަހެޅުއްވީ ވެސް ރިޓަޔާ ކުރައްވަން ނިންމަވައިގެން ހުއްޓާ ކަމަށެވެ.
"ގާތްގަނޑަކަށް ސެމީ ރިޓަޔާ ކޮށްގެން ހުއްޓާ ރައީސް، އާދަޔަ ހިލާފު އެ ފުރުސަތެއް އަޅުގަނޑަށް ދެއްވީ. އަޅުގަނޑަކީ މީގެ ސައްވީސް އަހަރު ކުރިން ހުޅުމާލެ އުފެއްދުމުގެ މަސައްކަތުގައި ވެސް އުޅުނު މީހެއް. ސައްވީސް އަހަރު ފަހުން އެޗްޑީސީގެ އެމްޑީގެ މަގާމު ގަބޫލުކޮށްފާނެތޯ އެއްސެވުމުން އަޅުގަނޑު ބުނީ މިއީ ވަރަށް ޔުނީކް ފުރުސަތެކޭ. އެހެންވެ ދޫކޮށްލާކަށް ނުވާނެއޭ. އެއީ ފުރަތަމަ ހިތަށް އެރި އެއްޗަކީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގަތް އިރު ވެސް، އުމުރުގެ ގޮތުން އެހާ ގިނަ ދުވަހު މަސައްކަތް ނުކުރެއްވޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެއީ ކުރަން ބޭނުންވެފައި ހުރި ކަމަކަށްވާތީ ފުރުސަތުގެ ބޭނުންހިއްޕެވީ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"ހަވާލުވިއިރު ވެސް އެހާ ގިނަ ދުވަހު އެ މަގާމުގައި ހުރުމުގެ އިންޓްރެސްޓެއް ވެސް ނެތް. ކިތަންމެ ކުރު ނަމަވެސް މިކަމުގައި އުޅެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އެކަން ގަބޫލުކޮށް މަގާމާ މި ހަވާލުވީ. މަގުސަދަކީ ރިޓަޔާ ކުރަން ކައިރިވެފައި ހުއްޓަސް ވެސް، ހަ މަސް ދުވަހުން ވެސް ޓާގެޓް ހާސިލް ވެދާނޭ،" އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އެތަނުގެ ލޭންޑްޔޫޒް ޕްލޭން. އެޗްޑީސީގެ ހިންގުން ހަރުދަނާ ކުރުން. މިހަކަލަ ލަނޑުދަނޑިތަކެއް ހުރި. އޭގެ ގިނަ ކަންތައްތައް މިހާރު އެ ހުރީ ހާސިލް ވެފައި. އެހެންވެ ރިޓަޔާކުރުން އެއީ ރަނގަޅު ކަމެއް އަޅުގަނޑު މި އުމުރަށް ދާއިރު."
މައުރޫފް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ރިޓަޔާ ކުރެއްވި ނަމަވެސް އެ ކުންފުންޏާ އެއްކޮށް ދުރަށް ވަޑައިގަތުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. ކޮންސްޓްރަކްޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މައުރޫފު ވިދާޅުވީ އަންނަ މަހުގެ 18 ގައި ރިޓަޔާ ކުރެއްވުމަށް ފަހު ވެސް އެޗްޑީސީގެ އެޑްވައިޒަރީ މަގާމެއް ފުރުއްވުމުގެ ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ.
"އަޅުގަނޑުގެ އިންޓެންޝަނަކީ އެޑްވައިޒަރީ ކަހަލަ މަގާމެއްގައި ހުރުން. މަގާމުން ރިޓަޔާ ކުރިޔަސް އަޅުގަނޑުގެ އިންޓެންޝަނަކީ ހުޅުމާލެ އަދި އެޗްޑީސީ ނުވަތަ އެ ދާއިރާގައި އުޅުން. އެހެން ދާއިރާތަކަށް، ޑިވެލޮޕްމެންޓަށް ވެސް ކޮންޓްރިބިއުޓް ކުރަން ބޭނުންވޭ އަޅުގަނޑުގެ ޕްރޮފެޝަނަަލް ދާއިރާއިން ވެސް. އެއްކޮށް ހުއްޓާލަނީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ރިޓަޔާ ކުރައްވަނީ ކުރިމަތިވި ޕްރެޝަރުތަކެއްގެ ސަބަބުން ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ޝޯގެ ޕްރެޒެންޓަރު ސުވާލުކުރި އެވެ.
"މި މަގާމަކީ ވަރަށް ޕްރެޝަރު ބޮޑު މަގާމެއް. ވޯކް ލޯޑު، ސްކޭލް އޮފް އޮޕަރޭޝަން، އެކަނި ވެސް އެއީ ވަރަށް ބޮޑު ޕްރެޝަރެއް. މިކަހަލަ މަގާމެއްގައި ހުންނައިރު ހުންނާނެ ހުރިހާ ކަހަލަ ޕްރެޝަރެއް ވެސް. މަގާމާ އެކީގައި އަންނަ އެއްޗެއް އެއީ،" މައުރޫފު ޖަވާބު ދެއްވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މައުރޫފް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަަލަތަކެއްގެ ތަހުގީގު ފެށުމާ އެކު އޭނާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫންް
10 July 2025
ދެން އަނެއްކާ އަނެކަކު ބޮޑު ފެންސަނުގަ ބަލަދު އެރީ
ބިސްބެ
09 July 2025
މާއްޓޭ މީ ވަރަށް ކަޑަ މީހެއްތާ
ޑރ ވާންޗޯ
09 July 2025
މީއަނެއްކާ އަނެއްހަކަންތައް މިހާރު ކޮންމެދުވަހަކު މުޅިއޮޑީގަ ހަސަނުދެފައި.
ނަސީމް.
09 July 2025
އެޗްޑީސީގެ ފުލެޓް ތަކަށް ލިބެންޖެހޭ އެތައް ބިލިޔަން ރުފިޔާ ހުރިއިރު އެއިން އެއްވެސް ފައިސާ އެއް ހޯދުނީއެއްނޫން. އަދި އެފައިސާ ހޯދަން ޤާނޫނީ ގޮތުން ކުރަންޖެހޭ އެއްވެސް މަސައްކަތެއްވެސް ކުރި މީހެއްނޫން. ހިލޭ ދީފައި ހުރި ކުންފުނީގެ ބިންތައް ހޯދަންވެސް މަސައްކަތެއް ކޮށްފައި ނެތް. ދެން ތިއީ ކުންފުންޏަށް އެހާ މުހިންމު މީހަކަށް ވަނީ ކިހިނެއް؟
ބޭކާރު ވާހަކަ.
09 July 2025
ގިނަދުވަހު ހުންނާކަށްނޫނޭ އުއްތަމަ ފަނޑިޔާރުވެސް މަޤާމާއި ޙަވާލޔވީ. ހުރިހާ އެއްޗަކީ ފައިސާ. ފައިސާ ބޮނޑި ލިބޭނެގޮތްވީމާ ދެން ކީއްކުރާ މަޤާމެއް. ކުންފުންޏަށް ލިބެންޖެހޭ އެތައް ބިލިޔަން ރުފިޔާ ހުރިއިރު އެފައިސާ ހޯދުނުތޯ؟ އަދި ފައިސާ ނުދީ ތިބި މީހުންގެ މައްސަލަ ކޯޓަށް ފޮނުވިންތޯ؟ ދެން ކޮން ކަމެއް ޙާސިލްވެގެން ތިއުޅުއްވަނީ؟
މާއިންގޭ
09 July 2025
ކިތަންމެ ހިދުމަތް ކުރަން ބޭނުންވިޔަސް، ވަޒީފާ ޕާޓީ ކުދިންނަށް ނުދެވޭ މައުރޫފަކަށް. އެމްޕީއިންބުނާ ގޮތަކަށް ނެހެދޭ. ނުހުރެވެނީ އެހެންވެ. މައުރޫފު ހެދި ސްޓްރަކްޗަރ އޮތީ ހުއްޓުވާފަ. ރަނގަޅު މީހުން ވަޒީފާއަށް ނެގުން އޮތީ ހުއްޓުވާފަ.
މާއްޓޭ.
09 July 2025
މައުރޫފުވެސް އެމްޕީ ބުނާ ގޮތަށް ހަދާނެ. ނަހަދާ މަޤާޟްގައި ނުހުރވޭނެކަން މައުރޫފަށްވެސް އިގޭނެ. މައުރޫފަކީވެސް ތިޔަ ހީކުރާ ފަދަ ނަޒާހަތްތެރި މީހެއްނޫން. އަދި އެހާ މޮޅު މޮޅު މީހެއްވެސް ނޫން.
ށަރުކާރިއްޔާ
09 July 2025
މައުރޫފުގެ ނަޒާހަތްތެރި ކަމާ ސުވާލު އުފެދޭ 1 ކަންތައް ދައްކަބަލަ. އަނގައެއްއޮތީމާ ތަޅަނީދޯ
އަހުސަން
09 July 2025
ގައުމަށް ތިމާގެފަރާތުން ބިނާކުރަނިވި އެއްވެސް މަންފާއެއްނުލިބި ރައްޔިތުންނަށް ތިމާކުރި އެތަށްކަމަކުން ދުއްތުރާތަށް ލިބޭއިރުވެސް ދަވްލަތުން އެތަށްފައިސާއަކާއި އުމުރުދުވަހަށް ބެލެހެއްޓުން އެއީ ހައްގުގޮތްތޯ ނުވަތަ ކޮރަޕްޝަނަކީ ކޯއްޗެއްތޯ
އަހުމަދޭ
09 July 2025
މައުރޫފް މެން ކަހަލަ ހައެއްކަ މީހުން އަދި ތިބި ނަމަވެސް، މި ގައުމު ހަމަޔަކަށް އެޅުވިދާނެ
ޑރ ވާންޗޯ
09 July 2025
އެކަކު ހުރެގެން ހަމަޔަކަށް ނޭޅުވުނީމަ، ހަމީހުންތިބެގެން ހަމަޔަކަށް އަޅުވާނީ ބަނޑުމުސާރަޔަށް ބައްދައިގެންތަ؟.
މުހައްމަދޭ.
09 July 2025
މައުރޫފުމެން ކަހަލައޭ ؟؟ އެއީ ވަކި ކޮން މޮޅު ކަމެއް ކޮން އިހްލާސްތެރި ކަމެއް ހުރި މީހެއް. މާލޭގެ ބޮޑެއްގެ ދަރިއަކަށް ވުން ނޫން ކޮން ކަމެއް އޭނާގެ ޙައްސަ ކަމަކަށް ހުރީ ؟
އަހުސަން
09 July 2025
މަނިކުފާނަކީ ގަދަރުވެރި އިއްޒަތްތެރި ބޭފުޅެއް. މިރާއްޖޭގައި އުފެދިފައިހުރި ވަޒީފާތަކުގެތެރެއިން މިވަގުތު ހިތްޕުޅާވާ އެޑްވައިޒަރުކަމެއްކުރައްވާ. އެކަމަކު ޕްރައިވެޓް ސެކްޓަރއަކުނޫން. ދަވްލަތުގެ މަގާމެއްގައި.
ފަރަންޖީ
09 July 2025
އެޗްޑީސީ މަގުއޮޅި ކުރާން ނުވާވަރުގެ އެތައްކަމެއްކޮށް ނުބައިދިމާލަކަށް ހިފާފަހުއްޓާ އަލުން ހަމަމަގަށް ވާސިލްކޮށްދެވޭތޯ ތިކޮށްދެއްވި މަސައްކަތަށް ޝުކުރިއްޔާ. މިރާއްޖެއަކީ މިހާރު ކޮރަޕްޝަންގެ ހާއްޔެއް. ސިޔާސީމީހުން ބޭނުން ކޮންމެ އިރަކުން ކޮންމެކަމެއްވެސް ކުރެވޭތަނެއް. އޭގެ ރީތިމިސާލެއް މިދިޔަ ސަރުކާރުން ހުޅުމާލޭން ގޯތިތަކެއްދީ މުޅި ޕްލޭން ވިއްސިވިހާލި ކޮށްލުން. މިގައުމަށް ތިކަހަލަ ތެދުވެރި ގިނަ ދަރީންތަކެއްގެ ޖީލެއް އެބަބޭނުންވޭ.