09 ޖުލައި 2025 - 11:50
އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނުކަން އެނގުނީ އެ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު ކަސްޓަމްސް އަށް އަންގައި އޭގެ ފަހުން ސްޓޮކް ގުނުމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ނާޒިމް މިކަން ހާމަކުރެއްވީ ދެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލަ އާއި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ވަގަށް ބޭލި މައްސަލައިގައި މަޖިލީހުގެ 241 ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގަ އެވެ.
އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އެ ބައްދަލުވުމުގައި، ހޯކްސް މައްސަލައިގައި ތައްޔާރުކުރި ރިޕޯޓުގައި ކަސްޓަމްސްއާ ގުޅޭ ބައެއް ކަންކަން ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓްގައި، އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ރަޖިސްޓްރީގައިވާ ބޮންޑެޑް ވެއާ ހައުސްގައި ހުއްޓައި ގެއްލުނު 575 ސިނގިރޭޓް ކޭހުގެ މައްސަލަ ހިމެނެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ ސިނގިރޭޓު ކޭސްތައް މަދުވިކަން އެނގުނީ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު އެކަން ކަސްޓަމްސް އަށް އަންގައި، އަލުން ސިނގިރޭޓުތައް ގުނުމުން ކަމަށެވެ.
މިއީ، އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ދުރާލައި ރާވައިގެން ހިންގި "ޖަރީމާ" އެކެވެ.
"ވަރަށް ސާފުކޮށް އެއް މެނޭޖްމަންޓުން އަނެއް މެނޭޖުމަންޓަށް ކުންފުނީގެ ވެރިކަން ބަދަލުވެފައި މި އޮތީ. ބަދަލުކުރުމަށް ފަހު ސިނގިރޭޓުތައް މި ވަނީ އެ ތަނުން ނެރެ، ވަގަށް ވިއްކާލާފައި،" ނާޒިމް ވިދާޅުވި އެވެ.
ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި އެގްޒޯޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުންނަށް ތިބީ މުހައްމަދު ޝަރީފާއި އަބްދުލް އަހަދު އަދުނާނެވެ. އެ މީހުން އެ ކުންފުނީގެ ޑިރެކްޓަރުންނަށް އައްޔަންކުރީ ޖެނުއަރީ 14، 2024 ގަ އެވެ.
ބޮންޑެޑް ވެއާ ހައުސްއަށް އަށް އެ ކުންފުނީގެ ދަށުން ހުއްދަ ދީފައި އޮތީ ނޮވެމްބަރު 2023 ގަ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެގްޒޯޓިކްގެ ހިއްސާ ފަހުން ލިބުނީ މާލީ ގާބިލްކަމެއް ނެތް ބަޔަކަށެވެ. އެ މީހުންގެ އަތުން އެއްވެސް މަންފާއެއް ނުލިބި، ކުންފުނީގެ އަސްލު ވެރިން ހިއްސާ ދޫކޮށްލާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ތުހުމަތުކުރެއްވި ގޮތުގައި އެގްޒޯޓިކްގެ ހިއްސާ ބަދަލުކުރީ ކަސްޓަމްސްގެ ބައިވެރިވުމާއެކުގަ އެވެ.
"މި ހުންނަނީ ބޮޑެތި މައްސަލަތައް،" ނާޒިމް ވިދާޅުވި އެވެ.
ސިނގިރޭޓު އެތެރެކުރިއިރު [އޭގެ އަގު] 30-40 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ތުހުމަތުކުރެއްވި ގޮތުގައި އެއީ ވިޔަފާރިވެރިއަކު އަޑީގައި ހުރެގެން ފަންޑުކޮށްގެން ހިންގާފައިވާ ބޮޑު ހިޔާނާތެކެވެ. އެކަމުގެ ސަބަބުން ދައުލަތަށް 67 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކަސްޓަމްސް އިން ވަނީ ސިނގިރޭޓަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި 67 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްދިނުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ކުރިން ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަސިވިލްލޯމޭން
10 July 2025
އިންސައިޑަރ ޑީލިންގ އަކީ ބޮޑު އަދަބު ލިބޭ ކުށަކަށް ހަދަންޖެހޭ! ގާނޫނު ތަންފީޒު ނުކުރާނަމަ ގާނޫނުގެ ބޭނުމެއްނެތް
ރަސިލާ
10 July 2025
ދިވެހި ރާއްޖެ ވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައި. އަނިޔާވެރިން، ފަސާދަވެރިންނާ ކޮރަޕްޝަންގެ ނުބައި އަމަލުގައި ނުޖެހޭ މަހުޖަނެއް ނިކަމެއްޗެއް ވެސް މިހާރު މަދުވާނެ. ގިނަ ވެރިންނާއި، މުއައްސަސާތަކާއި، ރައްޔިތުންވަނީ މިކަމުގައި ޖެހި އެއީ ރަގަޅުކަމެއް ކަމަށް އަމިއްލައަށް ޤަބޫލުކޮށްގެން. މާތް ﷲ ގެ ކޯފާ އަންނަ ހިނދު ހެޔޮ، މިއަމަލުތަކުގައި ނުޖެހި ތިބި އެންމެނަށް ސަލާމަތްކަން ލައްވާށި.
ބަޑިތަކުރު
10 July 2025
ފައިސާ ހުރިއްޔާ ކަސްޓަމްސްގެ ތެރެއިން ކޮންމެ ކަމެއްވެސް ކުރެވޭނެއެވެ. މި ޚަބަރުން ވެސް ކަސްޓަމްސްގެ ބަޔެއްގެ އަތެއްވާކަން ފާހަގަކުރެވެއެވެ. ކޯޓާހަމައިންވެސް ހިސާބަށްވުރެ ގިނަ ފައިސާ ހިމެނޭ މައްސަލައެއް ވިއްޔާ ނިމޭތަން ފެންނަނީ އެއްވެސް ތާކުންތާކު ނުޖެހިއެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްކަމަށް ބުނެފައި މިފަދަ ކަންކަން ހައްލުކުރެވޭނެ ގޮތަކަށް ޤާނޫނުތައް އިޞްލާޙުކުރާތަން ނުފެންނަނީ ކީއްވެބާވައެވެ. ޤާނޫނެއްގައި ބާގަނޑެއް ނެތިއްޔާ އިޖްރާޢަތޭ ކިޔާޤާނޫނ
ދޫލަ
10 July 2025
ސަރުކާރުން ގައުމުގެ ހާލަތަށް ނުބަލައި ސިނގިރެޓަށް ގެނައި ބަދަލުން މުޅި ގައުމުގައި ސިގިރޭޓުގެ މައްސަލަ ޑްރަގަށްވުރެ ބޮޑުވެފައި ވާއިރު އެކަމުން ދިމާވާން ފެށި މައްސަލަ ހައްލުނުވެ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް މިދިޔައީ.
ރާއްޖެ
09 July 2025
މިގައުމުގަ "ރަގަޅަށް" ކުރާ ކަމަކަށް އޮތީ ވައްކަން ކުރުން. އެހެން އެއްވެސް ކަމެއް ރަގަޅެއް ނޫން. ފާލުން ނެއްޓިފަ.
ތިކިބަރި
09 July 2025
ނޫހުގަ ހޯކުސްގެ ސިނގިރޭޓުވާހަކަ ޖަހައިލީމަ 241 ކޮމިޓީ ހޭލައިފި. އެކަމަކު މައިގަނޑުވާހަކައޮތްތަން މިފެންނަނީ އޭގެއެކޮޅެއް މިކޮޅެއް ބެލެންނެތް ނިދީގައިއޮރިޔާންވީމައި ވެދާނެގޮތަށްގޮސްފައޮތް ބޮންޑުން ގެއްލުނު ސިނގިރޭޓުތަކެއްގެވާހަކަ. ހޯކުސްގެ ބޯޓުންބޭލި ސިނގިރޭޓަށްވީގޮތް މިފެންނަނީ ހަނދާނުންނެތޭތަން. ކަންވާނީވެސް އެހެންތާއެވެ. އެކަމުގެހަގީގަތް އެނގޭނީ އަނެއްކާވެސް ބިތުފަންގަނޑެއް ހިއްލާލީމައެވެ. ކެންޕޭނުތަކަށް ޚަރަދުކުރާ ބޮޑުންނާގުޅޭ މައްސަލަތައް ...
ބުރަތޭރީ
09 July 2025
ތިޔަ ކުންފުނީގެ އެހާރާއި އަދި މިހާރުގެ ހިއްސާދާރުންނަށް ދައުވާކުރެވެންޖެހޭ..އަދި ކަސްޓަމްސް ގެ ބައިވެރިވާ ފަރާތްތަށް މަގާމުން ވަކިކުރަންޖެހޭ..
އެކްސްް
09 July 2025
ތިހުރިހާ ކަމަކީވެސް ގުޅިގެން ހިންގާ ޖަރީމާތައް. ތިކަމުގައި ޝާމިލުވާ އެއްވެސް މީހަކާއިމެދު ފިޔަވަޅެއްނޭޅޭނެ.
މިސް
09 July 2025
ރާއްޖެއަކީ އަމިއްލަ މީހުންގެ ގޭގޭގައި ބޮންޑެޑް ވެއަރހައުސް ހަދައިގެން އެފަދަ ތަންތަނަށް މުދާ ރައްކާ ކުރަންލާވަރަށްވުރެ ކޮރަޕްޓް ގައުމެއް، ރާއްޖޭގައި ހަދަންވީ ކަސްޓަމްސްގެ 100 ޕަރސެންޓް ކޮންޓްރޯލް ނެތް ތަނެއްގައި ބޮންޑެޑް ވެއަރހައުސް ނުހެދޭގޮތަށް، ހުސް ވަގުން އުޅޭ ތަނެއްގައި އަގުބޮޑު މުދާ ގުދަނަކަށްލައިފައި ތަޅު ނުލައި ބަހައްޓާފައި އެ ވަގަށް ނުނަގާނެ ކަމަށް ބަލައިގެން ތިބުމަކީ ކުރަން ހެޔޮވާވަރު ކަމެއްނޫން،
ބަޑިތަކުރު
10 July 2025
ކަސްޓަމްސްގެ ބަޔެއްގެ އަތެއް އޮވެގެން ކަންކަންކުރާއިރު ކަސްޓަމްސްއަށް 100 ޕަސެންޓް ކޮންޓްރޯލް ދީގެން ހައްލުވާނެގޮތެއް އެބައޮތްބާ؟
ކާކަ
09 July 2025
މިވާހަކަ މި ދައްކަނީވެސް އަލިފެއް....