ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ "އިސްލާމީ ކުތުބުޚާނާ".-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
12 ޖުލައި 2025 - 22:04
މާލޭ ސަލްމާން މިސްކިތުގައި ހެދި ލައިބްރަރީ "އިސްލާމީ ކުތުބުޚާނާ" މިރޭ ހުޅުވައިފި އެވެ.
ރާއްޖޭގެ ލައިބްރަރީ ދުވަހާ ދިމާކޮށް މިރޭ މި ލައިބްރަރީ ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމެވެ.
އެ ލައިބްރަރީ ހުންނަނީ ސަލްމާން މިސްކިތުގެ ތިންވަނަ ފުލޯގަ އެވެ.
ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ "އިސްލާމީ ކުތުބުޚާނާ".-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ލައިބްރަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިން އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދައުވަތުދެއްވައިފަ އެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައް ވެސް އެ ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ލައިބްރަރީގައި 15،000 އަށް ވުރެ ގިނަ ފޮތް ހުންނާނެ ކަމަށެވެ. އެއީ އިސްލާމީ އިލްމު ހާސިލުކުރަން ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ މީހުންނަށް ވަރަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ލައިބްރަރީ ހުޅުވުމަށް މިނިސްޓްރީގެ މުވައްޒަފުންނާއެކު ޒުވާނުންގެ ޓީމެއް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ "އިސްލާމީ ކުތުބުޚާނާ".-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މާލެ އާއި ރަށްރަށުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އިސްލާމީ ކުތުބުޚާނާ. ކުތުބުޚާނާ ތަކަކީ އިސްލާމީ ޙަޟާރަތުގެ ދަންމަރު. pic.twitter.com/l7ALbk6lFI
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 12, 2025
ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އިސްލާމީ މަރުކަޒުތަކުގައި ހަދަން ނިންމާފައިވާ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60،000 ފޮތް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ގައުމާއި ޔުނިވާސިޓީގެ ނަން ފަހުން އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހާލަނީ
13 July 2025
ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވައިފިތޯ؟
ފަންކްޝަނަލް ޑިޒައިން
13 July 2025
މިތަނުގެ އިންޓީރިއާ ޑިޒައިން ކުރީ މާ ބޮޑެ ވިސްނުމަކާ ނުލާތަ؟
ބެލެނިވެރި
13 July 2025
ދާދި ފަހަކުން ފޮތެއް ބަލާލުމަށް ގައުމީ ލައިބްރަރީއަށް ވަނިން. މަތީ ތަޢުލީމުދޭ އެތައް މަރުކަޒެއް މި މާލޭގައި ހިންގާއިރު ހައެއްކަ އަށެއްކަ ދަރިވަރުން ނޫނީ ދިރާސާކުރަން ލައިބްރަރީގައި ތިއްބާ ނުފެނުނު.
އުފާ
13 July 2025
ލައިބްރަރީ ހުޅުވުމަކީ އުފަލެއް. ލާމަރުކަޒީ ގާނޫނުގައި ކޮންމެ ރަށެއްގައި ލައިބްރަރީއެއް ހެދުމަށް ކައުންސިލްތަކަށް ލާޒިމުކޮށްފައިވޭ. ނަމަވެސް ކައުންސިލްތަކުން އުޅެނީ އަބަދުވެސް މަޖާކުރާނެ ޕާކުތަކާއި ކުޅިވަރުކުޅޭނޭ ތަންތަނާއި އެއްވާނެ ހަޓުތައް ނެހެދިގެން. އުފެއްދުންތެރި ވިސްނުންތެރި ބަޔަކަށް ވެވޭނީ ތަޢުލީމު ލިބިގެން ސިކުނޑިތައް ހުޅުވިގެން.
ހުޅުވިދޯރި
13 July 2025
ހުޅުވާފައި ހުންނާނެ ގަޑިތަކާއި ތި ތަނަށް ވަދެވޭނީ ރަޖިސްޓްރީއެއް ކޮށްގެންތޯ ފަދަ މަޢުލޫމާތުތައް ހިމަނާލަންޖެހޭނެ ދޯ. ތަންތަން ހުޅުވާފަ މެޑަަލްޖަހާ ވާހަކަ އެކަނި ތި ލިޔަނީ
ހަހަ
13 July 2025
ސަލްމާން މިސްކިތް ހުޅުވިވާހަކައެއް އަޑެއްނާހަން. އެކަމަކު އެތާތެރޭ އެތައްކަމެއް ހުޅުވައިފި. ސަޅި
ސުފްޔާން
13 July 2025
ހުރިހާ ވަސީލަތްތަކާ އެކު މި ހުޅުވިގެން ދިޔައީ ވަރަށްވެސް ފުރިހަމަ ލައިބްރަރީއެއް... މިކަމުގެ ފުރިހަމަ ޝުކުރެއް ހައްގީ ރައީސް މުއިއްޒުއަށް
ހުމާމް
13 July 2025
ކިޔަވާކުދިންނަށް ވަރަށް ފަހި ފުރުސަތެއް މިލިބިގެންދިޔައީ.. މިހާރަކަށް އައިސް ކުދިން ކިޔަވަން ތިބެނީ މިސްކިތް ތަކުގަ.. މި ލައިބްރަރީން އެ ކުދިންބޭނުންވާ މައުލޫމާތު ހޯދާ ދިރާސާކޮށް ކިޔެވުމަށް އިތުރު ފުރުސަތު ހުޅުވިގެންދިޔައީ
މަސްއޫދް
13 July 2025
ވަރަށްވެސް ސަޅި.. ލައިބްރަރީގެ ހުރިހާކަމެއްވެސް ވަރަށް ފުރިހަމަ
މުސްތަފާ ކަރީމް
13 July 2025
އަހަންނަކީ މިސަރުކާރަށް ވޯޓް ދިން މީހެއް ނޫން.އެކަމަކު މިކަން ވަރަށް ބޮޑަށް ފާހަގަކޮށްލާނަން. މިސަރުކާރު އައިފަހުން އިސްލާމީ ކަންތަކަށް ދޭ އަހައްމިއްޔަތުކަން ވަރަށް ބޮޑަށްވެސް އިތުރުވެއްޖެ.