ހިޔާ މަޝްރޫއުގެ ޓަވަރުތަކެއް-- ފޮޓޯ: މިހާރު
15 ޖުލައި 2025 - 00:03
ހިޔާ ފްލެޓު ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިޔުން ދިނުމަށް ފަހު، ކުރީގެ ސަރުކާރުން ފްލެޓު އަތުލި މީހުންނަށް، މި ސަރުކާރުން ގެންދާ ފުރަތަމަ ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓު ދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
"އަހާ ފޯރަމް" ގައި އާއްމުންގެ މީހަކު ވީޑިއޯ މެދުވެރިކޮށް ކުރި ސުވާލާ ގުޅިގެން މުއްތަލިބު ވިދާޅުވީ ވަކި ނިންމުމެއްގެ ގޮތުގައި، ކުރީގައި ފްލެޓު ލިބޭނެ ކަމުގެ ލިޔުން ދިނުމަށްފަހު ފްލެޓު ނުލިބޭ މީހުންނަށް އިސްކަންދިނުން އެބައޮތް ކަމަށެވެ.
އެ މަސައްކަތް ކުރިއަށްދާނެ ކަމަށް، ޕީއެސްއެމްއިން ގެންދިޔަ ލައިވް ފޯރަމްގައި މިނިސްޓަރު ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ހުޅުމާލެ 2 ގައި އެޅި ހިޔާ ފްލެޓުތައް ބަހާލާފައިވަނީ އެކި ކެޓަގަރީތަކަށެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޓީޗަރުންނާއި ނަރުހުންނާއި ސިފައިންނާއި ފުލުހުން އަދި ސިވިލް ސާވިސް ކެޓަގަރީ ހިމެނެ އެވެ. އަދި 7،000 ފްލެޓުގެ ތެރެއިން އެޕާޓްމަންޓެއް ލިބޭނެ ކަމަށް ބުނެ ޔާމީންގެ ވެރިކަން ނިމެން ކައިރިވެފައި އޮއްވައި ހައުސިން މިނިސްޓްރީން އޭރު ލިޔުން ދިނެވެ.
ޕީއެސްއެމް އިން މިރޭ ގެންދިޔަ އަހާ ފޯރަމްގައި ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ނަމަވެސް، އެ ވެރިކަން ބަދަލުވުމުން، ކުރީގެ ސަރުކާރުން ހިޔާ ފްލެޓުގެ ލިސްޓު އަލުން އެކުލަވާލި އެވެ. އެއާއެކު، ފްލެޓު ލިބޭނެ ކަމަށް ބުނެ ކުރިން ލިޔުން ދިން ބައެއް މީހުން ލިސްޓުން އުނިކުރި އެވެ.
ފޯރަމްގައި މިރޭ ސުވާލުކުރި މީހާ ބުނިގޮތުގައި އޭނާއަކީ ޓީޗަރުންގެ ކެޓަގަރީން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބުނު މީހެކެވެ. ނަމަވެސް، ފޯމުތައް އަލުން ބެލިއިރު އެ ލިސްޓުން އުނިވެފައިވާ ކަމަށާއި އެ ހާލަތުގައި ތިބި މީހުންނަށް ގޮތެއް ހަމަޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، އެކަމުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް އޮޅުންފިލުވައިދިނުމަށް އޭނާ އެދުނެވެ.
މުއްތަލިބު ވިދާޅުވީ މިހާރު ވެސް 10،000 ފްލެޓު އެޅުމަށް ފައިނޭންސް ހޯދަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ގުޅީފަޅުގައި އެޅުމަށް އަވަހަށް ސޮއިކުރަން ހަމަޖައްސާފައިވާ 4،000 ހައުސިން ޔުނިޓު ހިމެނެ އެވެ.
އޭގެ ތެެރެއިން ކޮންމެ މަޝްރޫއަކުން ވިއަސް ހިޔާ ފްލެޓުގެ ލިޔުން ލިބި، ފްލެޓު ނުލިބުނު މީހުންނަށް އިސްކަންދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޕީއެސްއެމް އިން މިރޭ ގެންދިޔަ އަހާ ފޯރަމްގައި އާއްމުންގެ ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ކޮންމެ މަޝްރޫއެއް ނަމަވެސް، އެންމެ އަވަހަށް ފެށިގެންދާ މަޝްރޫއުގެ ތެރޭގައި އަޅުގަނޑުމެން އިސްކަންދޭނެ މި ދެންނެވި ގޮތަށް ހިޔާ ފްލެޓުގައި އޭރު ފްލެޓު ދީފައި އެ ކެންސަލްކުރި ފަރާތްތައް، އޭރު ލިސްޓު އިއުލާންކޮށްފައި ލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން ނުދިން ފަރާތްތަކުގެ ތެރޭގައި މިހާރުގެ ހާލަތަށް ބަލާއިރު އެ ފަރާތަކީ ބޯހިޔާވަހިކަމެއް ނެތް ފަރާތެއް ނަމަ އެ ފަރާތަށް އިސްކަންދެވޭނެ ކަހަލަ ނިޒާމެއް ގާއިމްކުރާނެ،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިޔުން ދިނުމަށްފަހު ލިސްޓުން އޭރު ވަކިކުރީ އިންސާފުން ނޫން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން މުއްތަލިބު ދެއްކެވީ ދިރިއުޅޭ ތަނުގެ ފާރުގައި ރެނދު ނެތުމުން ވެސް ލިސްޓުން އުނިކޮށްފައި އެބަހުރި ކަމަށެވެ.
"އެ ފަރާތްތަކަށް މިދިޔަ ފަސް އަހަރު މި ދިޔައީ އެއްވެސް ކަހަލަ އިންސާފެއް ނުލިބި. އެހެންވީމަ، އަޅުގަނޑުމެން ހިންގާ ޕްރޮޖެކްޓެއްގެ ތެރެއިން އަޅުގަނޑުމެންނަށް މި ދެންނެވި ގޮތަށް ހިޔާ ފްލެޓުގެ ލިޔުންތައް ލިބި ކެންސަލްކުރި ފަރާތްތަކަށް އިސްކަންދޭ މެކޭނިޒަމެއް ގާއިމްވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަނުވާ.
16 July 2025
ތިޔަ ފުރަތަމަ މަޝްރޫޢު ފަށަނީ ވެރިކަން ވެއްޓުނީމާތަ؟ މިދިޔަ ޖޫންގައިވެސް ފުރަތަމަ ފުލެޓު އަޅަންފެށި. ގައިމު މިއަޅާ ކޮމާޝަލް ތަންތަނުންވެސް ކޮންމެ ތަނަކުން ފަންގިފިލާއެއް އަތުލާފައި ދިންނަމަވެސް މިހާރު އެކަން އޮތީހީ ނިމިފައި.
ބޮޑުރިޔާ
16 July 2025
އަހަރެން ބުނީތީ ވެސް މިކޮމެންޓް ހިތުގައި ރައްކާކޮއްލާފާއިބާއްވާތި މިނިސްޓަރު ތިޔަވީ ވައުދު ދާނީ ރުކައްއެރިބޭގޭ ވަޢުދައް މިއީ ޔަގީން ކަމެއް
އަލިމަނިކުފާނެ
15 July 2025
2 ކޮޓަރީގެތޯ ނުވަތަ 3 ކޮޓަރިތޯ؟
ބޯހަލާކު.
16 July 2025
5 ކޮޓަރި. މިހާރު 2 ލިބުނު މީހުންނަށްވެސް 3+ ޙައްޤުވާހާ ދުވަސްވެއްޖެ. ގެއްލުން ފޫބައްދައިދޭންވާނެ ސަރުކާރުން
ައަދުރޭ
15 July 2025
މިނިސްޓަރު ހަނދުމަފުޅު އެބަހުރިބާ ތިޔަވިދާޅުވާ ފްެލެޓްތަކަށް އެޕްލައިނުކުރެވޭ މީހުންނަށްވީގޮތް. ރައީސް އޮފީހުގައި އުޅޭތީ، މިނިވަން މުައައްސަސާއެއްގައި އުޅޭތީ
ވާނުވާ.
16 July 2025
ކޮންމެ ތަނެއްގައި އުޅޭ ކޮންމެ މީހަކަށްވެސް ކަޓަގަރީއެއް ޔާމީނު ދައުރުގައި އޮތް. ނޯންނާނީ އޭގެފަހު ް
ބޮއްތުރޭ
15 July 2025
ގުޅިފަޅުގެ އެލްޔޫޕީ ބަލާލީމައި އެނގޭނެ އެތަން އެއީ ފުރަތަމަ ދުވަހުން ތޮއްޖެހޭނެ ތަނެއްކަން….އަނެއްކާ 4000 ފްލެޓް އެތާ އަޅަނިއްޔޯ….މިނިސްޓްރީ ތަކުގަ މިތިބެނީ ބުރާންތީން ބާވައޭ ހިތަށް އަރާ….
ހަލިމް
15 July 2025
މިހެން ކޮންމެސް އެއްޗެކޭ ދޭތެރެއަކުން ބުނެލާ ގަސް އަހަރު ނިންމާލަން ކަމެއްނުވެ މި މީހުން
ޢަލީ ކުރުސީ
15 July 2025
މިސަރުކާރުގެ ފުރަތަމަ މަޝްރޫޢޭ؟ ކޮންތާކު އޮތް މަޝްރޫއެއް؟ އެންމެ ގާބުރިއެއްވެސް ބޭއްވުނީތަ؟ އެއްކަމެއްވެސް ނުވެ މި ދައުރު ނިމޭނީ! ހުރިހާ މަޝްރޫއެއް ހުއްޓިފަ ހުރީ! ރަށްރަށުގައި މަސައްކަތް ކުރި ކުންފުނިތައް ފައިސާ ނުދީ ފުނޑާލީ! ކަރުދާހު މަޝްރޫޢު ސަރުކާރުގެ ކުންފުނިތަކަށް ދީގެން ތިބީ! ދެން ރައްޔިތުންވީ މި ސަރުކާރުގެ ދުވެލި ފެނިފަ ހޭނެތޭށޯ އުފަލުން!
ނާޑުވާ
15 July 2025
ރަސްމާލެ ނޫން ޕްރޮޖެކްޓެއް ފެށުނީކީނޫން. ހިނގަމުން އައި ޕްރޮޖެކްޓްތައްވެސް ހުއްޓުވާލައިފި. އަދި އެއްވެސް ކަމެއް ނުކޮށް އަދި ބްރިޖް ނިމުމުން ނޫނީ ބޭނުންކުރަން ނުފެށޭނެ ފެނާ ނަރުދަމާ އަދި ކަރަންޓްގެ ޕްލޭނެއް ނެތް ގުޅިފަޅުގަ މި ސަރުކާރުން ފްލެޓް އަޅާ އަދި ފްލެޓްތައް ހަވާލުކުރާވާހަކަ ބުނީމަ މަ ނޫނަސް އެތައްބަޔަކު ހިނި އަންނާނެ. ކައުންސިލް އިންތިޚާބަށް ތިފެށި އާ ވާހަކަ ހިނގާފާނެބާ? އެއްބަޔަކު ކޭބަލްކާރަށް ވޯޓް ދިންއިރު އަނެއްބަޔަކު ކަނޑުގެ ހައެއްކަސަތޭކަ މީޓަރު އަޑިން އަޅާ ޓަނަލަށް ވޯޓްދިން ޤައުމެއް މީ.
ކިނާރީ
15 July 2025
ކުރީސަރުކާރުން ލިޔުން ދިން ފަރާތް ތަށް ސަރުތު ހަމަނުވާ ކަމަށް އާއްމު ރައްޔިތުން ގަބޫލު ކުރެވޭނަމަ ދެވަނަ ފުރުސަތަކަށްހުޅުވާލަބަލަ . ދޮގާމަކަރުން ކަމަށް ގަބޫލު ކުރެވޭނެ ނަމަ . އަހަރުންނަށް އެގޭ ފޯމްފުރިއިރުވެސް 84 މާކްސް ލިބޭ ކަށް . އިބޫ ސަރުކާރުން އިބޫ އަށް ވޯޓް ނުދިނީތީ ފުލެޓް ދޭން ބޭނުން ނުވާތީ ޕޮއިންޓް ދަށް ކުރީ . ދިވެހިރައްޔިތުން ނަށް ގެދޮރު ވެރިކަން ނެތް މީހުނަށް ލިބެން ޖެހޭ އަސާސީ ހައްގަކަށް ވާއިރު ކޮންޕޮއިންޓެކޭ މިކިޔަނީ
އުދުހޭ
15 July 2025
މަރުވެފަ ތިބި މީހުންނަށް ފްލެޓްދޭގޮތަށް ނުހަދާނެބާ؟ ޝަކުވާއެއް އޮތިއްޔާ ހާޒިރުވާން އެންގީމަވީނުން