ސިމް ކާޑުތަކެއް: މީހަކަށް ނޭނގި އޭނާގެ ސިމްކާޑު އީ-ސިމަކަށް ބަދަލުކޮށް އޭނާގެ އެކައުންޓުން 200،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިފައި.-- ފޮޓޯ: މިހާރު
18 ޖުލައި 2025 - 13:42
މީހަކަށް ނޭނގި އޭނާގެ ސިމްކާޑު އީ-ސިމަކަށް ބަދަލުކޮށް، ބޭންކު އެކައުންޓުން 200،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިއްޖެ އެވެ.
ކ. ހިންމަފުށީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު ހަމީދުގެ ފޯނަށް ރޭންޖު ނުލިބޭ މައްސަލައެއް ދިމާވީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ފޯނުގެ މައްސަލައެއް ކަމަށް ބަލައި ޖެހިގެން އައި ދުވަހު މާލެ އައިސް ފޯނު މަރާމާތުކުރާ ތަނަކަށް ދެއްކި އެވެ. އެ ތަނަށް ދެއްކުމުން ފޯނުގައި އެއްވެސް މައްސަލައެއް ނުޅޭކަން އެނގުމުން ސިމް ކާޑަށް މައްސަލައެއް ދިމާވީ ކަމަށް ބަލައި އޭނާ ދިޔައީ ދިރާގަށެވެ.
ދިރާގުގެ ހެޑް އޮފީހަށް ދިއުމުން ބުނީ އެ މީހާގެ ސިމްކާޑު މަސައްކަތް ނުކުރަނީ އީ-ސިމަކަށް ބަދަލުކޮށްފައި އޮތުމުން ކަމަށެވެ.
ހަމީދު "މިހާރު" އަށް އިއްޔެ ބުނީ އޭނާގެ ސިމްކާޑު އީ-ސިމަކަށް ބަދަލުކުރަން އަމިއްލަ އަށް ރިކުއެސްޓް ނުކުރާ ކަމަށެވެ. އެކަމަކު، އޭނާގެ ނަމުގައި ނަގާފައިވާ ދެ ފޯނު ނަންބަރެއް އީ-ސިމަކަށް ބަދަލުކޮށްފައިވާކަން ދިރާގަށް ދިއުމުން އެނގުނު ކަމަށް އޭނާ ބުންޏެވެ.
ހަމީދުގެ ދެވަނަ ފޯނު ނަންބަރު ބޭނުންކުރަނީ އޭނާގެ އަންހެނުންނެވެ.
ދިރާގުގެ ސިމްކާޑެއް އީ-ސިމަކަށް ބަދަލުކުރަން ރިކުއެސްޓް ކުރެވެނީ ދިރާގު މައި އެކައުންޓް ނުވަތަ އީމެއިލް މެދުވެރިކޮށް ކިއުއާރު ކޯޑަށް ރިކުއެސްޓްކޮށްގެންނެވެ.
ހަމީދު ބެލިބެލުމުން އެނގުނު ގޮތުގައި، އެ މީހަކު އެކަން ކޮށްފައި ވަނީ އޭނާގެ ދިރާގު މައި އެކައުންޓަށް ވަދެގެންނެވެ. އެކަން ކުރި މީހަކު އޭނާގެ މައި އެކައުންޓުގެ އަދި ޖީމެއިލްގެ ޕާސްވޯޑު ވެސް ބަދަލުކޮށްފައެއް ނުވެ އެވެ.
ހަމީދު ބުނީ އެ ދުވަހު ރަށަށް ގޮސް އޭނާގެ ބީއެމްއެލްގެ ބޭންކް އެކައުންޓުގެ ބެލެންސް ބެލިއިރު، އެކައުންޓުގައި ހުރި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. އޭނާގެ އަމިއްލަ އެކައުންޓާއި ވިޔަފާރި އެކައުންޓުން އަދި އަންހެނުންގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާ ހުސްކޮށްލާފައިވާ ކަމަށް ހަމީދު ބުންޏެވެ.
ހިންމަފުށީގައި "ހުޅަނގު ލޮޖް" ގެސްޓް ހައުސް ހިންގާ ހަމީދުގެ އަމިއްލަ އެކައުންޓުގައި 65،000ރ. އާއި އޭނާގެ ވިޔަފާރި އެކައުންޓުގައި ހުރި 8،600 ޑޮލަރު އަދި އަންހެނުންގެ އެކައުންޓުގައި ހުރި 9،800ރ. ވަނީ މަކަރާއި ހީލަތުން ބަޔަކު ފޭރިގަނެފަ އެވެ.
"[ވިޔަފާރިއަށް ބޭނުންކުރާ] ޑޮލަރު އެކައުންޓުން އަޅުގަނޑުގެ ޕާސަނަލް އެކައުންޓަށް ޓްރާންސްފާ ކޮށްގެން އެ އެއްޗެހި މި ހުރީ 15.42ރ. ގެ ރޭޓުން މާރުކޮށްލައިފައި ނަގައިފައި،" ހަމީދު ބުންޏެވެ.
ހަމީދު ބުނި ގޮތުގައި، އޭނާގެ އެކައުންޓުގައި ހުރި ފައިސާ ވަނީ އެކި މީހުންގެ އެކައުންޓުތަކަށް ފޮނުވައިފަ އެވެ. ގިނަ މީހުންގެ އެކައުންޓުތަކަށް ފޮނުވާފައި ހުރީ 25،000ރ. އިންނެވެ.
"ޖުމްލަ ބަލައިފިއްޔާ އެއީ 200،000 އަށް ވުރެ ގިނަ ރުފިޔާ. ހުރިހާ އެއްޗެއް އެ ދިޔައީ. އެންމެ ލާރިއެއް ވެސް ނެތް،" އޭނާ ބުންޏެވެ.
ހަމީދު ވަނީ އޭނާގެ އެކައުންޓުން އޭނާއަށް ނޭނގި ފައިސާ ފޮނުވާފައި ހުރި ދެ އެކައުންޓެއްގެ ވެރިފަރާތަކަށް ބޭންކް މެދުވެރިކޮށް ގުޅައިފަ އެވެ.
"ގުޅީމަ އެ މީހުން ބުނާ އެއްޗަކީ އަހަރެމެން އެކައުންޓަށް ރައްޓެސަކު ފައިސާކޮޅެއް ފޮނުވާފައި ނަގައި ދޭން ބުންޏޭ. އެއީ ދަންނަ މީހެއް ވީމަ އެ ރުފިޔާ ނަގައިދިނިއްޔޭ. ނަގައިދިނީމަ ސައިބޯލާށޭ ކިޔާފައި އެ މީހަކު 150ރ. ވެސް ދިނޭ ބުނި،" އޭނާ ބުންޏެވެ.
"އެބަހުރި މާލޭގެ ބިޒްނަސް އެކައުންޓަކަށް ވެސް ފޮނުވާފައި 50،000ރ."
އެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށާއި މައްސަލައަށް ދެމަހެއްހާ ދުވަސްވާއިރު އަދިވެސް އެއްވެސް ކުރިއެރުމުން ނުލިބޭތީ ވަރަށް ކަންބޮޑުވާ ކަމަށް ހަމީދު ބުންޏެވެ.
ސްކޭމްގެ މައްސަލަތައް ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވާއިރު، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަޕްގްރޭޑްސް މެދުވެރިކޮށް، ޖީމެއިލް އެކައުންޓުތަކަށް މުޅިން އާ ނުރައްކާތަކެއް ކުރިމަތިވަމުން ދާތީ އެކަމަށް ސަމާލުވާން ގޫގުލްއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު678
20 July 2025
ހުރިހާ ކަމެއްވެސް ރާއްޖޭގެ ހުރީ އަތްނުފޯރާ ފަށުގައި ސްކޭމް ހިންގުމާއި، ސްނެޕާއި، ޓެލެގްރާމް ބޭނުންކޮށްގެން، ހަށިވިއްކުންވެސް ހައްދު ފަހަނައަޅާފަ، މިކަންކަން ކޮށްގެން އަތުލެވުނުމީހުނާއި ދެމެދު އެޅުނު ފިޔަވަޅެއް ނެތް، ހަށިވިއްކުންވެސް އެހެރީ ހަމަ އިސްތިހާރުކޮށްލާފަ، ދިވެހި އަންހެންކުދިން ފައިސާގަ ބޭނުމުގައި މިކަންކަން ކުރަމުންދަނީ އޭގެ ސަބަބުން ކުރެވޭ ބޮޑު ފާފައާ، ޖެހޭނެ ބަލިތަކަށް ކުޑަކޮށްވެސް ވިސްނާލުމެއްވެސް ނެތް..
އަހުމަދު މުހައްމަދު އަލީ
20 July 2025
އީ ސިމް އެއް ނެގުމަކީ އެހާ ފަސޭހަ ކަމެއް ތޯ ؟ އެހެން އެކަން އޮތުން ރަނގަޅެއް ނޫން. ރަނގަޅަށް ވެރިފައި ކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭނެ ނޫންތޯ ؟ މީ ކިހާ ދެރަކަންކަން . މީހުން ކުރާ ބުރަ މަސައްކަތް 1 މިނެޓުން ގެއްލި ގެން ދާ ގޮތަށް ކަންކަން ބެހެއްޓުން ރަނގަޅެއް ނޫން. ބޭންކުގަ ވެސް މިކަން ހޮނގާ. މީހުންނަށް ނޭނގި އެމީހުންގެ ނަމުގަ ލޯނު ނެގުމާއި ކާރޑް ހެއްދުމާއި ކަންކަން މިފަދަ ޒަމާނެއްގައި ރަނގަޅަށް ވެރިފައި ކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭނެ.
ފޮނިޓައްޕު ހަސަނު
19 July 2025
ރީތިކޮށްލަން ސްކޭމޭ ކިޔާނެ ކަމެއް ނެތް. ތިޔަށް ކިިޔަން ޖެހެނީ ވައްކަން. ތިފަދަ ވައްކަން ކުރަން ކެރެނީވެސް ކުރަނީ ވެސް ތަންފީޒީ އިދާރާގެ ދޯހަޅިކަން އަދި ހެދިފައިވާ ގާނޫނުތަކުގެ ބަލިކަށިކަމުން. ތިފަދަ ކުށްތައް ކުރާ މީހުންނަށް ހުކުމް ކުރަންވީ ބުރަމަސައްކަތާއި އެކު 10 އަހަރު ޖަލުހުކުމެއް.
ވަހީދުނަޖީބު
19 July 2025
އީސިމް އެއް އެކުޓިވޭޓު ކުރާނަމަ ކުރީގެ ސިމަށް އޯޓީޕީ އެއް އަންނަ ގޮތަށް ހަދާ، ނޫނީ ކައުންޓަރަށް ގޮސް އައިޑީ ޕުރޫފު ކޮއްދީގެން ވާގޮތަށް ހަދާ.
އުސްމާނުބެ
19 July 2025
ގުޅީމަ އެ މީހުން ބުނާ އެއްޗަކީ އަހަރެމެން އެކައުންޓަށް ރައްޓެސަކު ފައިސާކޮޅެއް ފޮނުވާފައި ނަގައި ދޭން ބުންޏޭ. އެއީ ދަންނަ މީހެއް ވީމަ އެ ރުފިޔާ ނަގައިދިނިއްޔޭ. ނަގައިދިނީމަ ސައިބޯލާށޭ ކިޔާފައި އެ މީހަކު 150ރ. ވެސް ދިނޭ ބުނި،" އޭނާ ބުންޏެވެ. މީން ކޮންމެ މީހެއްވެސް ތަންކޮޅެއް ޒިންމާދާރު ވާންވެއްޖެ ، އެބުނާ ރައްޓެއްސަކު އިގޭނެތާ މިހާރު އެހެން ވެއްޖެޔާ ، އެމީހަކު ހައްޔަރު ކޮއް ސުވާލު ވުރެވެން ވާނެތާ
ޕޯލު ސަމްބޯލް
19 July 2025
ތިޔަ އެކައުންޓާ ކުޅުނު މީހާ އާއި ފައިސާ ޓްރާންސްފަރ ކުރި އެކަނުޓް ތަކާއި އޭގެ ވެރި ފަރާތް މިހާރު ފުލުހުންނަށް އެގޭން. އެފައިސާ އަތުލެވޭނެ ނިޡަމެއް ނެތީމާ ފުލުހުން ކުރާނެ ކަމެއް ނޯންނާނެ. އެކަމަކު އަތުލެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ ބާރު ފުލުހުން އަތުގައި އޮންނާނެ. ގާނޫނު ހަދާ މަޖިލީހުން މިކަމަށް އިދިކޮޅު ހަދާ އެކަކު ވެސް ދައްކަބަލަ. ޕްލީޒް!؟
ކިއުއާރުކޯޑުގެބޭބެ
18 July 2025
ވިހި ތިރީސް ޕާސްވޯޑަކާއި ހަމަ އެވަރަށް އޯޓީޕީ ފޮނުވއިގެން ސެކިއުރިޓީވެރިފައި ކުރާއިރު މިވީ ކިހިނެއްކަން ދިރާގުންވެސް ބުނެދޭންޖެހޭ. އަނެކޮޅުން ބޭންކު އެކައުޓެއް ރޮލާ ނޮޅައިގެން ކުދިކުދި ބިޑި ބޮނޑިތަކެއްހެން އަބުރައިގެ އެކިއެކި ލޯވަޅުތަކަށް ވައްދާއިރު ހަމަ ވާއެއްނުވާއެއް އަހާވެސް ނުލަނީތަ.
މަންސޫރު
18 July 2025
ތިކަން ހަމަ އެކަނި ކުރެވޭނީ ދިރާގު އޮންލައިންތެރެއިން އެކަނި
އޮނަރަބަލް ނައިބު
18 July 2025
ރައްޔިތުން ހިތިބޭސް ބޯނީ. ހިތިރަހަލާނީވެސް ރައްޔިތުންގެ ކަރުގެ. ވެރިންނަށް އޮތީ ހިތިފިލުވައިގެން ފައިސާ ގުނުން.
ނާޑުވާ
18 July 2025
ދިވެހި ފުލުހުންގެ ތަހުޤީގަށް އައްސަރިބަހާ ސާބަސް ޙައްޤު. ފައިސާ ޖަމާކުރި އެކައުންޓް ތަކާ ނެގި މީހުންނާ އެމީހުންގެ ބައިވެރިން ހޯދަން ސްކޫލް ކުއްޖަކަށް ބާރު ދީފަ ބުންޏަސް ހޯދާނެ. އެކަމަކު ދިވެހި ފުލުހުންނަކަށް ނުވާނެ. ނިމޭއިރު ބުނާނީ ޤާނޫނު އޮތް ގޮތުން ބޭންކް އެކައުން ގެ މައުލޫމާތު ހޯދޭކަށް ނެތޭ އެހެންވީމަ ކަންކުރި މީހުންވެސް ނޭނގޭ.