އެމްއޭސީއެލްގެ އެމްޑީ ޝަރީފު "ހޭޔަންބޯ" އަށް އިންޓަވިއު ދެއްވަނީ.
18 ޖުލައި 2025 - 22:14
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ހުޅުވާއިރު އެންމެންނަށް ފެންނަން ހުންނާނީ ވަރަށް ފުރިހަމަ ޓާމިނަލެކެވެ. އެ ޓާމިނަލްގެ ފުރިހަމަ ކަމަށްޓަކައި މުޅި ގައުމުގެ އެންމެން އަތް ޖަހާނެ އެވެ. ތައުރީފާ އެއްވަރަށް ފާޑުކިޔުންތައް އޮއްސާލާނެ ބަޔަކު ވެސް ތިބޭނެ އެވެ.
ނަމަވެސް މިހާ ބޮޑު މަޝްރޫއެއް ނިންމާލުމަށްޓަކައި ފޮރުވިގެން ތިބެ ކުރި މަސައްކަތާއި ގޮންޖެހުންތައް އޮންނަނީ ގިނަ ފަހަރު ނުދައްކަ އެވެ. އެކަމަކު، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެކަން ހަނދާން ނައްތައެއް ނުލައްވަ އެވެ. ޓީވީއެމްގެ މިއަދުގެ "ހޭޔަންބޯ" ޕްރޮގްރާމްގައި ޝަރީފުގެ މައިގަނޑު އެއްބަޔަކީ ވެސް އެ ވާހަކަތަކެވެ.
ޓާމިނަލް ނިންމުމުގެ ހުރިހާ މަސައްކަތެއް ޝަރީފާ ހަވާލު ކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑަށް އެެދިވަޑައިގަތީ "ހެޑް އޮފް ސްޓޭންޑް ރޯޑް" ގެ މަސައްކަތް އަވަސް ކޮށްދެއްވުމެވެ. އެއިރު އެ މަސައްކަތް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ވެސް ނެތް ކަމަށް ޝަރީފު ވިދާޅުވި އެވެ.
"ހެޑް އޮފް ސްޓޭންޑް ރޯޑް" އަކީ ޓާމިނަލާއި އެޕްރަންއާ ގުޅުވައިދޭ ބްރިޖެވެ.
"ހެޑް އޮފް ސްޓޭންޑުގެ ދަށުގައި ހުންނާނެ ހުރިހާ ސާވިސްތަކެއް. ކަރަންޓަކަސް ފެނާއި ނަރުދަމާ އާއި ކޮމިއުނިކޭޝަނާއި މި ހުރިހާ ވަސީލަތެއް. އޭގެ އިތުރަށް ހެޑް އޮފް ސޭޓްޑް ރޯޑަކީ މި ތަނަށް އަންނަ ހުރިހާ ބެގޭޖު ކާރުތަކާއި ފަޔާ ލޮރީ އާއި ބަސްތަކާއި ދެން ވެސް މި ދެންނެވި މެޝިނަރީ ދުއްވާ މަގު. އެއީ އޭޕްރަން އިން މި ތަނަށް [އާ ޓާމިނަލަށް] އަންނަ މަގު،" ތަފުސީލް ކޮށްދެއްވަމުން ޝަރީފު ވިދާޅުވި އެވެ.
ހެޑް އޮފް ސްޓޭންޑް ރޯޑް ނުހަދާ ނަމަ ކިތަންމެ ފުރިހަމަ ޓާމިނަލެއް ހެދިޔަސް ހިދުމަތް ފަށައި ވެސް ނުގަނެވޭނެ ކަމަށް އެމްޑީ ވިދާޅުވި އެވެ. އެހެންވެ، އެ ބުރަ މަސައްކަތް އެންމެ ފުރަތަމަ އެއް ކަމަކަށް ނިންމި އެވެ.
އެއާޕޯޓް އޮޕަރޭޓްކުރާ ދުނިޔޭގެ އެހެން އޮޕަރޭޓަރުންނާ ހިލާފަށް ރާއްޖޭގެ މައި އެއާޕޯޓް ހިންގާ އެމްއޭސީއެލްއަކީ އަބަދުވެސް އެއް ރަށެއްގައި މުނިސިޕަލްގެ ހުރިހާ ހިދުމަތެއް ދޭ ބައެކެވެ. ފެނާއި ކަރަންޓު އުފައްދަން ޖެހެ އެވެ. ނަރުދަމާގެ ނިޒާމު ގާއިމްކޮށް އެ ބަލަހައްޓަނީ ވެސް އެމްއޭސީއެލުންނެވެ. އެއާޕޯޓުގެ ގަސްގަހާހެގީގެ ހުރިހާ ކަމެއް ބަލަައްޓަން ޖެހެ އެވެ.
ޝަރީފު ވިދާޅުވިގޮތުގައި އޭނާ އެމްއޭސީއެލްއާ ހަވާލުވެވަޑައިގެންނެވިއިރު މިހާ ބޮޑު ޓާމިނަލަކަށް ކަރަންޓު ދެވޭނެ ގާބިލް ކަމެއް ވެސް އެމްއޭސީއެލްގައި ނެތެވެ. ވީއައިއޭ އަށް ކަރަންޓު ދޭން ބޭނުންކުރަމުން އައީ ތިން ޖަނެރޭޓަރު ކަމަށް ވިޔަސް އާ ޓާމިނަލަށް ވެސް 12-16 މެގަވޮޓުގެ ކަރަންޓު ބޭނުންވެ އެވެ.
"އަޅުގަނޑުމެން އެހެރީ އަލަށް ކަރަންޓު ޖެނެރޭޓްކޮށް، ކަރަންޓު ވިއުގާއެއް މުޅި ރަށުގައި ގާއިމްކޮށްފައި. މި ތަނަކީ ފެނުން ފިނިކުރާ ތަނެއް. އެ އަށް ބޭނުންވާ ފެން އުފައްދާ ކެޕޭސިޓީ އިތުރު ކޮށްފައި ޕައިޕްލައިން އަޅައިގެން މި ތަނަށް [އާ ޓާމިނަލަށް] ވާސިލް ކޮށްދީފިން،" އާ ޓާމިނަލްގައި ދެއްވި އިންޓަވިއުގައި އެމްޑީ ވިދާޅުވި އެވެ.
"މި ތަން ކޮންޓްރެކްޓަރު ނިންމިޔަސް މި ދެންނެވި ވަސީލަތްތައް ނުދީ މިތަން އޮޕަރޭޝަނަލައިޒް ނުވާނެ. މި ތަން ޓެސްޓެއް ވެސް ނުކުރެވޭ. މި ތަން ކަމިޝަން ވެސް ނުކުރެވޭނެ."
އަޅުގަނޑު އުފާވޭ، ފަހުރުވެރިވާ ކަމެއް މިހާ ޓެކްނޮލޮޖިކަލީ އެޑްވާންސްޑް ފެސިލިޓީއެއް ރަން ކުރަން މި ތިބީ ސަތޭކަ ޕަސެންޓު މައްދިވެހިން. ހާއްސަކޮށް ޒުވާން ދިވެހިން،"--- ޝަރީފު
ޝަރީފު ވިދާޅުވީ، އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ނިމިފައި ހުރީ ފުރިހަމަ ޓާމިނަލެއް ހިންގަން ބޭނުންވާ އެންމެ 40 ޕަސެންޓު މަސައްކަތް ކަމަށެވެ. ހަމައެކަނި ޓާމިނަލަށް ބަލާ ނަމަ ނިމިފައި ހުރީ 54 ޕަސެންޓެވެ.
"ވަރަށް ގިނަ ގޮންޖެހުންތައް ހުރި. އެކަމަކު އިރާދަކުރެއްވިއްޔާ އެ ހުރިހާ ގޮންޖެހުންތަކަކުން އަރައި ގަނެވި މިއަދު މި ވަނީ [ޓާމިނަލް] ހުޅުވަން ތައްޔާރުވެފައި."
ޝަރީފު ވިދާޅުވިގޮތުގައި ވީއައިއޭގެ މިހާރުގެ ބާ ޓާމިނަލް ބޭނުންކުރާ މީހުންގެ 95 ޕަސެންޓަށް ވުރެ މަތީގައި އުޅެނީ ޓޫރިސްޓުންނެވެ. އެހެންވެ، އަލަށް ހުޅުވާ ޓާމިނަލާ އެކު މާ ރަނގަޅަށް އެ މީހުންނަށް ޖާގަ ބޮޑު ތަނަކުން ހިދުމަތް ދެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ.
އެއާ އެކު، އިޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ އެންމެ މަތީ މިންގަނޑުގެ ދަށުން "ސާވިސް ގެރެންޓީ" ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެންގެ ވެއިޓް ޓައިމް އާއި ސެކިއުރިޓީ އާއި ސޭފްޓީ އާއި މި ތަނުން ލިބޭ ޑިއުޓީ ފްރީ އާއި ކާބޯތަކެތީގެ ހިދުމަތް ދިނުމާއި މި ހުރިހާ ކަމެއްގެ ސާވިސް އެހެރީ ދުނިޔޭގެ ފެންވަރަށް ގެނެވިފައޭ. ޓޫރިޒަމް އިންޑަސްޓްރީ އަށް މައިގަނޑު ގޮތެއްގައި ހިދުމަތް ދޭ ތަނަކަށް ވިއްޔާ އަޅުގަނޑުމެން ދޭ ހިދުމަތްތައް ވެސް އެބަޖެހޭ އެ ލެވެލަށް ގެންދަން،" އެމްޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އާ ޓާމިނަލްގައި ގިނައިން ހުންނާނީ އޮޓަމޭޓެޑް ހިދުމަތްތައް ކަމަށެވެ. އޭގެ ތެރޭގައި ޓާމިނަލް ފިނިކުރާ ނިޒާމާއި އަލިކަމާއި ސައުންޑާއި ފަސިންޖަރުންގެ ހިދުމަތްތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
އާ ޓާމިނަލްގެ ހިދުމަތް ފެށުމުގެ ކުރިން ހިންގި ޓެސްޓު ބުރެއްގައި އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ބައިވެރިވަނީ.--ފޮޓޯ: އެމްއޭސީއެލް
"ފަސިންޖަރުންގެ ޓަޗް ޕޮއިންޓްސް ނުވަތަ ކޮންމެ ކަމަކަށް މަޑުކުރަންޖެހޭ ވަގުތުތައް ފުދޭވަރަކަށް، ވަރަށް އެކަށީގެންވާ ވަރަކަށް ކުޑަވާނެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ސާވިސްތައް އިމްޕްރޫވް ވާނެ،" އެމްޑީ ވިދާޅުވި އެވެ.
ދިވެހިން ފަހުރުވާ ވަރުގެ އާ ޓާމިނަލެއް ހުޅުވާއިރު، ޝަރީފަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ އޭނާ ވިދާޅުވި ގޮތުގައި އެ ތަނުގައި ހިދުމަތް ދޭން ތިބޭނީ މުޅިން ވެސް ދިވެހިން ކަމަށް ވުމެވެ. މިހާރު އެ ހުރިހާ މުވައްޒަފުން ތިބީ ތަމްރީނު ކޮށްފަ އެވެ.
"އަޅުގަނޑު އުފާވޭ، ފަހުރުވެރިވާ ކަމެއް މިހާ ޓެކްނޮލޮޖިކަލީ އެޑްވާންސްޑް ފެސިލިޓީއެއް ރަން ކުރަން މި ތިބީ ސަތޭކަ ޕަސެންޓު މައްދިވެހިން. ހާއްސަކޮށް ޒުވާން ދިވެހިން،" އެމްޑީ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުސްތަގުބަލް ވަރަށް އުޖާލާ. އަޅުގަނޑު މި އަށް ވުރެ އުފާވާ ކަމެއް ނެތް ސަތޭކަ ޕަސެންޓު ދިވެހިން، ޒުވާން ދިވެހި ކުދިން މި ކަންތައްތަކުގައި އުޅެ ޓެކްނިކަލީ އެންމެ ހައި ލެވެލްގައި މަސައްކަތް ކުރަނީ."
އާ ޓާމިނަލްގެ އޮޕަރޭޝަން ފެށުމުގެ ތައްޔާރީތަކުގައި ހަރަކާތްތެރިވާ އެމްއޭސީއެލްގެ މުވައްޒަފެއް.---ފޮޓޯ: އެމްއޭސީއެލް
ޝަރީފު ވިދާޅުވިގޮތުގައި، އޮޕަރޭޝަނަލް ރެޑިނެސް އެންޑް އެއާޕޯޓް ޓްރާންސްފާ (އޮރާޓް) ގެ ދަށުން ވަރަށް ތަރުތީބުކޮށް ކަންކަން ވާނީ ކޮށްފަ އެވެ. އާ ޓާމިނަލް އޮޕަރޭޝަނަށް ގެންނަނީ ބައިނަލްއަގްވާމީ ހާއްސަ ކޮންސަލްޓަންސީ ފާމެއްގެ ލަފާގެ ދަށުންނެވެ. ތަމްރީނުތައް ވެސް ކުރިއަށް ގެންދިޔައީ އެ ފާމުގެ ލަފާގެ މަތިންނެވެ.
އެމްއޭސީއެލްގެ އެމްޑީގެ މަގާމުގައި ޝަރީފު ވެއަތު ކުރެއްވި މި މުއްދަތުގައި ގިނަ ވަގުތުތަށް ހޭދަކުރައްވައި އެންމެ ބޮޑަށް ބެއްލެވީ އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތަށެވެ. ހާއްސަކޮށް އެ ދުވަސް ގާތްވަމުން އަންނަ ވަރަކަށް 24 ގަޑިއިރު ވެސް އެ ހީވާގިކަން އެބަ ދައްކަވަ އެވެ.
"އުފާ އަޅުގަނޑު ދަންނަވަންޏާ އަޅުގަނޑަށް ފުރަތަމަ ދަރިފުޅު ލިބުނީމާ ވަރަށް އުފާވި. ދެވަނަ އަށް އެންމެ އުފާވާ ދުވަހަކީ މިއީ،" އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އިހުސާސް ބަންޑުން ކުރައްވަމުން ޝަރީފު ވިދާޅުވި އެވެ.
މިއަދުގެ ހޭޔަންބޯގެ ޕްރެޒެންޓަރުން އާ ޓާމިނަލް ނިންމުމުގެ އެންމެ އިސް އެއް މޭސްތިރިއަކީ އޭނާ ކަމަށް ބުނުމުން އެކަން ރަނގަޅު ކޮށްދެއްވައި އެ ކްރެޑިޓް ދެއްވީ ރައީސް މުއިއްޒަށެވެ.
އޭނާ ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު، ޓްރާންސިޝަން މުއްދަތުގައި ރައީސް މުއިއްޒު އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވި ތަނަކީ ވީއައިއޭ ކަމަށާއި އެ ދުވަހުން ފެށިގެން ރައީސް އެންމެ އިސްކަން ދެއްވި އެއް ކަމަކީ އާ ޓާމިނަލް އަވަހަށް ނިންމުމަށް ކަމަށެވެ.
"ހަގީގަތުގައި މޭސްތިރިއެކޭ ދަންނަވަންޏާ އަޅުގަނޑު ދަންނަވަން ޖެހެނީ މިކަމުގެ މޭސްތިރިއަކީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" އެމްޑީ ޝަރީފު ވިދާޅުވި އެވެ.
އާ ޓާމިނަލްގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރަކަށް ބޮޑުކޮށް، ހިދުމަތް ހޯދާ މީހުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރު ކުރާނެ އެވެ. ޕްރޮޖެކްޓަށް ގެނައި އާ ބަދަލުތަކާ އެކު، އެ ތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުކުރި ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެ އެވެ.
ވީއައިއޭގައި މިހާރު ބޭނުން ކުރަނީ 1978 ވަނަ އަހަރު ހުޅުވި ޓާމިނަލެކެވެ. އެ ތަނުގައި ދުވާލެއްގެ މައްޗަށް ހިދުމަތް ދެވޭނީ އެންމެ ގިނަވެގެން 2،000 އެއްހާ ފަސިންޖަރުންނަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޕެސެންޖާ ބޯޑިން ބްރިޖުތަކަށް ހާއްސަކުރި މުވައްޒަފުން ފޮޓޯއަކަށް ތައްޔާރު ވެގެން.---ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ކުރިއަށް އޮތް އަހަރެއްްހާ ދުވަހުގެ ތެރޭގައި 10 ޕަސެންޓަށް އިތުރު ވާނެ ކަމަށް ޝަރީފު ކުރިން ވިދާޅުވެފައި ވެ އެވެ. އެކަން ހާސިލު ކުރަނީ، ޓާމިނަލްގެ ކޮމާޝަލް އޭރިއާ އިތުރު ކޮށްގެންނާއި ފިއުލް ވިއްކާ އަދަދު އިތުރު ކޮށްގެންނެވެ.
އެމްއޭސީއެލް އިން ބުނެފައި ވަނީ އާ ޓާމިނަލާ އެކު، ހެނދުނު 8 އިން މެންދުރު 1 އަކަށް އެއާލައިންތަކަށް އިތުރު 16 ޖާގަ ލިބޭނެ ކަމަށެވެ. އެއާ އެކު، އާ އެއާލައިންތައް އެ ގަޑިތަކުގައި ޖެއްސުމަށް ފުރުސަތު ހުޅުވޭނެ އެވެ.
އެ އެއާޕޯޓުގެ ކޮމާޝަލް ސްޕޭސް ނުވަތަ ޑިއުޓީ ފްރީއަށް ދޫކުރާ ޖާގަ އާ ޓާމިނަލާ އެކު ތިން ގުނަ އިތުރު ކުރެވޭނެ އެވެ. ގާތްގަނޑަކަށް 13،000 އަކަފޫޓުގެ އެ ޓާމިނަލްގެ 4،000 އަކަފޫޓު ހާއްސަ ކުރަނީ ޑިއުޓީ ފްރީއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެތަންކޮޅު
20 July 2025
އެއްތަންކޮޅު މަދު. މިހާރު ޚިދުމަތް ދެވެނީ ދުވާލަކު ގިނަވެގެން 2000 މީހުންނަނަށް ނަމަ، އާ ޓާމިނަލާއެކު ޚިދުމަތްދެވޭނެ އަންދާޒާ ބުނެލިނަމަ އަދި ފުރިހަމަވީސް.
ދޮގު ހެދުން
19 July 2025
ގައުމީ އެއާލައިނަށް ވެސް އެދަނީ ބޭރު މީހުން ނަގަމުން. މަތިންދާބޯޓުގެ މަރާމާތައް. ފޭލްވެފަ ތިބި ވެރިން ހިންގަމުން ގެންދާ ތަނެއް އެ ވެސް. ކޮބާ ސަރުކާރުން ބޮޑު ޚަރަދު ކޮށްގެން އެ ދާއިރާއިން ކިޔަވައިގެން އައިސް ތިބި ދިވެހި ޒުވާނުން. އެތާ މެނޭޖުމެންޓުން ވެސް ބަލަނީ ގަވާއިދުގެ ދަށުން ސަލާމް ބުނެލިއަސް އެމީހަކު ހަރުގެއަށް ލެވޭތޯ.
ެމެލްބަން
19 July 2025
ވީއައިއޭގައި މިހާރު ބޭނުން ކުރަނީ 1978 ވަނަ އަހަރު ހުޅުވި ޓާމިނަލެކެވެ. އެ ތަނުގައި ދުވާލެއްގެ މައްޗަށް ހިދުމަތް ދެވޭނީ އެންމެ ގިނަވެގެން 2،000 އެއްހާ ފަސިންޖަރުންނަށެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ދުވާލަކަށް ފަސްހާހުން ހަހާހުން ޓްއަރިސްޓުން އައިކަމަށް އިއުލާނުކުރި، މީގެ ތެރެއިން ދެހާހަށް ވުރެ އިތުރުވި މީހުން ދޫކޮށްލީ ޚިދުމަތް ނުދީބާ،
ރަމަ
19 July 2025
ކަލޭމެންމީ ދުވާލޭ ބުންޏާސް ޤަބޫލު ކުރާނެ ބަޔަކު މިހާރަކުނެތް ތި އެއާރޕޯރޓްގެ ކްރެޑިޓް 3 ރައީސުންނަށްވެސް ޙައްޤު ނަމަވެސް އެއާރޕޯރޓޤގެ ބޮޑުބައި ނިންމައި މިހާރުތިފެންނަވަރަށް ހަދާ ނިންމީ ރައީސް ޞާލިޙު. މީޤަބޫލުކުރަންޖެހޭ ހަގީގަތް.
ސަބީލަ
19 July 2025
9 އަހަރުން 600 މިލިއަން ޑޮލަރު ލޯނުނަގައިގެން. ނިމުނީމަ އުފާވޭ އެކަމަކު ހާދަ ތަތޭދޯ.
ވިނުރި
19 July 2025
މުޅި ތަން އޮޕަރޭޓް ކުރާނީ ދިވެހިން މިއީ އިތުރުފުޅެއް. ދިވެހިން ކުރިން ތިބި މަސައްކަތައް ފިލިޕީންސް އަދި ނޭޕާލް މީހުން ލާފަ ހުރީ. ރޭމްޕު މަތީ ކުރިން ދިވެހިން ފެނޭ މިހާރު ފެންނޭ ބޭރު މީހުން.
ބޯއި
19 July 2025
ރޭމްޕާ ޓާރމިނަލް ދަސްކޮށްބަލަ.
ތެފައާސާ.
19 July 2025
[......މިއަދުގެ ހޭޔަންބޯގެ ޕްރެޒެންޓަރުން އާ ޓާމިނަލް ނިންމުމުގެ އެންމެ އިސް އެއް މޭސްތިރިއަކީ އޭނާ ކަމަށް ބުނުމުން އެކަން ރަނގަޅު ކޮށްދެއްވައި އެ ކްރެޑިޓް ދެއްވީ ރައީސް މުއިއްޒަށެވެ......] ހަމަ ކިރިޔާ ތި ސަލާމަތްވީ!!!
ދެޔޯގެ ރައިވަރު
19 July 2025
ތިޔަހެން ތިޔަކަން ވާނޭބާ. ރައީސް ދަތުރުފުޅު ނިންމަވާލައްވައި، ރާއްޖެ ވަޑައިގެން މަޝްވަރާ ހޯދުމަށްފަހު ދޯ އިއުލާނު ކުރަންވާނީ. ނޫނީ އޯލްރެޑީ އިނގިރޭސި ޕްރިންސް އިންވެސްޓަރެއް އޮވެދާނެއަނު ޝައުގުވެރިވެގެން އެކަން ހުށަހަޅާފައި؟
ބުރުދާ ސަމާ
19 July 2025
އައު އެއާޕޯޓްތަ ނޫނީ އައު ޓާމިނަލްތަ؟ އެކިމީހުން އެކިގޮތަށް ކިޔާތީ މި އަހާލީ. ކޮންމެވެސް އެކައްޗެއް ކިޔާބަލަ.
ގުރުދާ ސަފާ
19 July 2025
ޖުމްލަކޮށް މުޅި އެއަރޕޯޓު އާވެއްޖެ. މިހާރު ބޭނުން ކުރާ ބާ ޓާމިނަލް ތަޅާލާފަ އެތާ ވެސް އާ ޓާމިނަލެއް އެޅީމަ ދެން ބާކީ އިންނާނީ ކުރީގެ ރަންވޭ އެކަނި. އެހެންވީމަ އާ އެއަރޕޯޓެއް.
ޓެކްސީވޭ
19 July 2025
ކުރީގެ ރަންވޭވެސް އެއޮއްގެން އަލުން އައުކުރަނީ.
ބަރުބާދު.
19 July 2025
މިހާރު ބޭނުން ކުރާ ޓާމިނަލުގައި އުޅެނީ މުޅިން ބޭރު މީހުން ކަމުގައިވިޔަސް އައުޓާމިނަލުގައި ތިބޭނީ ދިވެހިން
އާބާދު
19 July 2025
ކޮއްކޯ. ދިވެހި ގަނޑީގަ ނުކިޔެވީމަ ވާގޮތްތީ. ދޭހަނުވަނީ ރަނގަޅަށް. މިހާރުވެސް އުޅެނީ ދިވެހިން. ދެން އުޅޭނީވެސް ދިވެހިން. ޓެކްނިކަލް މަޤާމުތަކަށް ދިވެހިން ބިނާކުރީ. ނޭނގޭތީ މިބުނެދިނީ