ކޮފީ ރެސިޑެންސްގައި މިރޭ ހިނގި ހާދިސާގައި އެ ތަނުގެ ބިއްލޫރިތައް ތެޅިފައި.-- ފޮޓޯ: ރާއްޖެޓީވީ
22 ޖުލައި 2025 - 23:33
ހުޅުމާލެ 1 ގައި ހުންނަ ކެފޭއެއްގައި ގޭސް ލީކުވެ، ގޮވުމުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެ އެވެ.
ވަރަށް ފަހުން ހުޅުމާލޭގައި ހުޅުވި ކެފޭއެއް ކަމަށްވާ ކޮފީ ރެސިޑެންސްގައި މި ހާދިސާ ހިނގީ މިރޭ 9:00 ހާއިރު އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ އުނދުން ރޯކުރި ވަގުތު ގޭސް ލީކުވެފައި ހުރުމުން ކަމަށެވެ. "ގޭސް އެކްސްޕްލޯޝަން" ގައި މީހަކަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އަލިފާނުގެ އަސަރެއް ވެސް އެ ކެފޭއަށް ކޮށްފައި ނުވި ނަމަވެސް އެ ތަނުގެ ބޭރު ދޮރާއި އެތެރޭގެ ބައެއް ބިއްލޫރިތައް ތެޅި، ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ގޭސް ލީކުވެގެން މީގެ ކުރިން ވެސް ރާއްޖޭގެ އެކި ރަށްރަށުގައި އެކި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެފަދަ ހާދިސާތަކުގައި ބައެއް މީހުން މަރު ވެސް ވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
23 July 2025
ގޭސް ސިލިންޑަރުތަކުގެ ނޮޒުލްތަކުގެ ސީލްގެ ހަލާކުވެ ޕިންތާށިވެގެން ގޭސް ލީކުވާން މެދުވެރިވޭ. އަދި ގޭސް އުނދުނާއި ރެގިއުލޭޓަރއާއި ހޮޅިއާއި ކަނެކްޝަންތަކުގެ ހާލަތު މަހަކު އެއްފަހަރު ނަމަވެސް ބަލާލުން ރަނގަޅު.
ކޮރަލް
23 July 2025
މާލޭގަ ގިނަކެފޭ ހޮޓާ ރެސްޓޯރަންޓް ތަކުގަ ދިވެއްސަކު ނުހުންނާނެ އެވެ. ދިވެއްސަކަށް ވަޒީފާ ވެސް ނުދޭނެ އެވެ. ހާދިސާ އެއް ދިމާވީމަ ފުލުހުންނަށް ގުޅަން ވެސް އެމީހުންނަށް ނޭނގޭނެ އެވެ. ސަރުކާރެއް އެބަ އޮތް ތޯ އެވެ؟