ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އޮފީހުގައި ނަގާފައި ހުރި ގައުމީ ދިދަ ފުލުހުން މިއަދު ބާލުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ދިދަ ބޭލީ ހޯމް މިނިސްޓްރީން ދާދި ފަހުން އެކުލަވައިލި ގައުމީ ދިދަ އާ ބެހޭ ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ. މީގެ ކުރިން ވެސް އެކަން އިސްލާހުކުރަން މައުމޫންގެ އޮފީހުގެ އިސްބޭފުޅުންނަށް ނަސޭހަތްތެރިވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި މަހު އަމަލުކުރަން ފެށި ގައުމީ ދިދަ ބޭނުން ކުރުމާ ބެހޭ އުސޫލުގައި ބުނެފައިވާ ގޮތުން ހެނދުނު 6:00 އިން ހަވީރު 6:00 އަށް ގައުމީ ދިދަ ނަގަންޖެހޭ ތަންތަނުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ އޮފީހެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ އޮފީސްތައް ހިމެނެ އެވެ.
ޕީޕީއެމް ދެފަޅިވެ އެ ޕާޓީގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ކޯޓުން ހަވާލުކުރުމުން، އެމަނިކުފާނު ވަނީ ހ. ތެމާގައި "ޕީޕީއެމްގެ ރައީސްގެ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް ގާއިމް ކުރައްވައިފަ އެވެ.
ގައުމީ ދިދަ ނެގުމާ ބެހޭ ގަވާއިދާއެކު، ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުން ކުރުމާ ގުޅޭގޮތުން ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭ ގޮތް ކަމަށް އުސޫލުގައި ބުނެފައި ވަނީ، ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. މިއީ ރައީސަށް ހާއްސަ ދިދައަކަށް ވާތީ، އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ. ރައީސްގެ ދިދަ އާ ވައްތަރު ދިދަ ބޭނުންކުރުން މި އުސޫލުގެ ދަށުން މަނާކުރިިއިރު، ޖުމްހޫރީ ޕާޓީގެ ރަސްމީ ދިދައިގައި ވެސް ހަނދުފަޅި އަކާއި ތަރިއެއް ހިމެނެ އެވެ.