ލަންކާގެ ރައީސް ޑިސަނަޔަކެގެ ޝަރަފުގައި ރައީސް މުއިއްޒު ރޭ ބޭއްވެވި ރަސްމީ ޖާފަތަށް ވަޑައިގެންނެވި ރާއްޖޭގެ އެއް މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ޑިސަނަޔަކެ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
29 ޖުލައި 2025 - 08:48
ސްރީ ލަންކާގައި ބޭރުގެ އިންވެސްޓަރުންނަށް އިތުބާރުކުރެވޭނެ، ފަހި މާހައުލެއް އެބައޮތް ކަމަށް ވިދާޅުވެ، ލަންކާގައި އިންވެސްޓުކުރަން ދިވެހި ވިޔަފާރިތަކަށް އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ ދައުވަތު ދެއްވައިފި އެވެ.
ޑިސަނަޔަކަ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ޖޮއިންޓު ސްޓޭޓްމަންޓުގައި، ޑިސަނަޔަކެ ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ގާއިމުކޮށްދިނުމަށް، ސިންގަލް ވިންޑޯ ނިޒާމެއްގެ މަސައްކަތްކުރަމުން އަންނަ ކަމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރެއްވި ކަމަށެވެ.
އެހެންވެ، ލަންކާގައި ގާއިމުކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީ ޕާކުތަކުގައި ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާބެހޭ މަޝްވަރާތައް ކުރެއްވި ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ.
"ހާއްސަކޮށް އައިޓީ/އޭއައި، ފިޝަރީޒް އެންޑް އެގްރޯ ޕްރޮސެސިން، ޓޫރިޒަމް، ރިއަލް އެސްޓޭޓް އަދި އުމްރާނީ ތަރައްގީގެ ދާއިރާއަށް އިންވެސްޓް ކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު ދިނީމެވެ،" އޭނާ ވިދާޅުވި އެވެ.
ލަންކާގެ ރައީސް ޑިސަނަޔަކެގެ ޝަރަފުގައި ރައީސް މުއިއްޒު ރޭ ބޭއްވެވި ރަސްމީ ޖާފަތުގައި ޑިސަނަޔަކެ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ޑިސަނަޔަކެ ވިދާޅުވި ގޮތުގައި، ޓޫރިޒަމަކީ ދެ ގައުމުގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށްވާއިރު، އެކަމުގައި ދެ ގައުމުގެ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން ވެސް ރައީސް މުއިއްޒާ އެކު މަޝްވަރާކުރެއްވި އެވެ.
މީގެއިތުރުން، މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރަށް އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފުޅާކުރުމާ މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ދައުވަތުތަކަށް ޑިސަނަޔަކެ ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، ރާއްޖޭގައި ހުންނަ ލަންކާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ދިވެހި ވިޔަފާރިތަކަށް ބާއްވާ ބިޒްނަސް ފޯރަމެއްގައި ޑިސަނަޔަކެ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ޑިސަނަޔަކެގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ވަނީ ދެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.
ލަންކާގެ ރައީސް ޑިސަނަޔަކެގެ ޝަރަފުގައި ރައީސް މުއިއްޒު ރޭ ބޭއްވެވި ރަސްމީ ޖާފަތުގައި އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ދެ ރައީސުންގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު، ސޮއިކުރި ދެ އެއްބަސްވުމުގެ ތެރޭގައި ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި ދިވެހި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީން ދިނުމަށް ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީސް އާއި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އާ ދެމެދު ސޮއިކުރި އެއްބަސްވުން ހިމެނެ އެވެ.
ރާއްޖެ އާއި ލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ޑިސަނަޔަކެ ކުރައްވާ މި ދަތުރުފުޅަކީ، މިދިޔަ އަހަރު ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ޑިސަނަޔަކެ ރާއްޖޭން ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ވަގުތެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަކީނާއްތަ
30 July 2025
ލަންކާ ގައި ރިއެލްއެސްޓޭޓް ވިޔަފާރިތެރެއަށް ދިވެހިން ވަދެވޭނެ ފަހިމާހައުލްއެއް އޮތުނ ްވަރަށް މުހިއްމު. މިހާރުވެސް ފްލެޓް ތަކާއި ގެ ގަނެގެން އުޅޭދިވެހީން އެތަންތަން ވިއްކާ އެފައިސާ ޑޮލަރަށް ބަދަލުކޮއްގެންރާއްޖެއަށް ގަވާއިދުތެރެއިން ގެނެވޭކައްނެތް.
އަބްޑޫލް +
30 July 2025
އެ ނަމަކީ ޑިސާނާޔަކަ.
އައުޒަމް މުހައްމަދު
29 July 2025
ރައީސް މުއިއްޒް ތަފާތު. އެމްޑީޕީ އެހާ އެމްޑީޕީ ވެގެން އުޅޭ ބަޔަކަށްވެސް ނުލިބޭ ކަހަލަ މުހިއްމު އެއްމެ ބޭނުންތެރި ކަންކަން މިދަނީ ވަމުން. މީ ހާދަ ފަހި ފުރުސަތެކޭ މިއީ
ރިޔާޒް މުހައްމަދު
29 July 2025
މީ ރަނުގެ ފުރުސަތެއް މިގައުމަށް ލިބޭ. އެއްމެން މިކަން ކުރަންވީ. ލަންކާ އަކީ އިންވެސްޓަރުންނަށް ވަރަށް ފަހި ފުރުސަތު އޮތް ގައުމެއް.
މުހައްމަދު ސަނީހް
29 July 2025
ރަނގަޅު ހާރިޖީ ސިޔާސަތެއް މިސަރުކާރުން ގެންގުޅުމުގެ ނަފާ މި ލިބެނީ.
ނަސީރުބ
29 July 2025
މީ ޙާރިޖީ ގުޅުމާ ބެހޭ ކަމެއް ނޫން. ދިވެހިރާއްޖޭގެ ޓުއަރިޒަމް ކުރިއަރާފަ އޮތްވަރުން ދިވެހި ވިޔަފާރި ވެރިން ލައްވާ ސްރީލަންކާގަ އިންވެސްޓު ކުރުވަން އެގައުމުން ބޭނުންވަނީ. ރާއްޖޭގަ ދިވެހި ވިޔަފާރި ވެރިން މުހިއްމު ނޫނަސް ސްރީ ލަންކާގަ މަރުހަބާ ކިޔަނީ
އައިމެން
29 July 2025
ރާއްޖޭ މިއަދު މި ދެކޭ ހާރިޖީ ގުޅުމުގެ ހަގީގީ އަދި ހުރިހާ ކުރެޑިޓް އެއް ހައްގުވަނީ ރ.ސޯލިހް ގެ ދުރުވިސްނުން ފުޅުގެ މައްޗަށް، އެ ގުޅުން ބަލިކަށިވީ ވަކި ސިޔާސީ ޕާރޓީ އަކާ އެ ޕާރޓީގެ ބޮޓުންތަށް އަވަށްޓެރި ގައުމުތަކުގެ ވެރިން އަށް ހަޖޫޖަހާ ކުޑާމީސް ކުރަން ފެށުމުން.
ރާވެރިބެ
29 July 2025
މިހާރު ރާއްޖޭގަ އޮތީ ދިވެހި ވިޔަފާރި ވެރިންނަށް އެމީހުންގެ ޗިޔަފާރި ކުރިއަރުވަން ވަރަށް ދަތި މާހައުލެއް. ޕޮލިސީ ލެވެލްގަ ވަރަށް އުދަގޫ ކުރިމަތި ކުރުވާ. އަދި ހުރަސް އެޅުމުގެ އިތުރަށް ސަރުކާރުން ބޮޑެތި ވިޔަފާރިތަކާ ދެކޮޅަށް ޕަބްލިކުކޮށް ވާހަކަ ދައްކާ. އެހެންވީމަ ވިޔަފާރި ވެރިންނަށް މަރުހަބާ ކިޔާ އަދި ދިވެހިންގެ އިންވެސްޓްމަންޓަށް ފަހި މާހައުލެއް ސްރީލަންކާގަ އޮތީމަ އެދިމާލަށް އަވަހަށް ދާން ފެނޭ.
raajje
29 July 2025
ލަންކާގެ ރައީސްކޮންމެއެއްޗެކޭވިދާޅުވިޔަސް ދުނިޔޭގައިވާނުވާ މިހާރު ބަލާކޮންމެމީހަކަށް ސާފުވާނެ، ލަންކާއަކީ ބަނގުރޫޓުވެފައޮތް ކަރަޕުޓުގައުމެއް، ތިޔަ އަޑިގަނޑުން އަރައިގަންނަންޖެހޭނީ ލަންކާގެސަރުކާރާ ރައްޔިތުންގެ މަސައްކަތުން އެހެންގައުމުތަކުގެމީހުން ތިޔަތަނުގައި މިހާރުތިއޮތް ހާލަތުގައި އިންވެސްޓުކުރާކަށްނުދާނެ، އަނެއްކޮޅުންބަލާއިރު މިރާއްޖޭގައި އިންވެސްޓަރުންއެބަތިބިތަ؟؟ ރާއްޖޭގެ ރިސޯޓުތަކުގަޔާ ބޮޑެތިކޮންޕެނީތަކުގެ ވެރިންނަކީ ބޭރުމީހުން ދެނޯ؟
އެޑްވައިސް
29 July 2025
އިގްތިސާދު ދަށްކޮށް އޮންނަ ގަޑީގަ އިންވެސްޓު ކުރަން އަގުހެޔޮވާނެ! "ބައި ލޯ ސެލް ހައި".
ކުރުސީ69
29 July 2025
މިހާރުވެސް ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ލަންކާގައި އިންވެސްޓް ކޮށްގެން އެބަތިބި. މިސާލަކަށް ސަން ސިޔާމްގެ ވެސް ވަރަށް ބޮޑު ރިސޯޓެއް ލަންކާގައި އޮވޭ. އަޑުއިވޭ ގޮތުގައި ސަރުކާރުގެ ނޮހޮރޮއްޕާނާ، ވަސީލަތްތައް (ވަކިން ހާއްސަކޮށް ދަތުރުފަތުރު) ދަތިވުމުގެ ސަބަބުން މާބޮޑު ފައިދާއެއް އެތަންތަނަކުން ނުނެރެވޭ.
ގަބުޅި ކަތީބު
29 July 2025
ޓުއަރިޒަމާ މަސްވެރިކަން ފިޔަވައި އިތުރު އިގްތިސާދެއް ނެތް ބަޔަކަށް ކޮން އިންވެސްޓްމެންޓެއް ކުރެވޭނީ؟ މިރާއްޖޭގަ ތިބި ފައިސާވެރިންނަށް މިރާއްޖޭގެ މަސްވެރިކަމަށް އިންވެސްޓް ނުކުރެވޭ އިރު އަމުދުން ބޭރު ގައުމެއްގަ ކޮން އިންވެސްޓްމެންޓެއްތަ ކުރެވޭނީ؟ އެވަރުގެ ހަރުދަނާ ބަޔަކު މިރާއްޖެއަކު ނެތް.