06 އޯގަސްޓް 2025 - 21:38
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަސް ނިމުނުއިރު، ދައުލަތުގެ ބަޖެޓު އަދިވެސް ސާޕްލަސް ނުވަތަ އަރަނީގައި ހިފެހެއްޓިފައިވާކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، ނިމުނު ޖުލައި މަހުގެ ނިޔަލަށް، ދައުލަތުގެ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 17.4 ޕަސަންޓުން ދަށްކޮށް، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ 314.3 މިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ދަމަހައްޓައިފަ އެވެ.
މިގޮތުން ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ހުރީ 6.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. އަދި އޭގެ ކުރިން، 2023 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސްވެސް ހުރީ 4.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.
ދައުލަތުން ތަންފީޒު ކުރަމުންދާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ދަށުން، މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދުތައް ވަނީ ކުޑަކޮށްފަ އެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 21.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 17.4 ޕަސަންޓު ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 2.2 ޕަސެންޓުން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 60.8 ޕަސެންޓުން ދަށްވެފަ އެވެ.
ރިކަރަންޓް ހަރަދުގެ 56.2 ޕަސެންޓު ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.3 ޕަސެންޓު ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 20 ޕަސެންޓުން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 20.1 ޕަސެންޓުން ދަށްވެފަ އެވެ. އަދި، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ، 2024 އާ އަޅައިބަލާއިރު 5.1 ޕަސެންޓުން ދަށްވެފަ އެވެ. މީގެއިތުރުން، ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތަކަށް ކުރެވުނު ހޭދަ މިދިޔަ އަހަރާ އަޅައިބަލާއިރު 10.7 ޕަސެންޓުން ދަށްވެފައި ވެ އެވެ.
ދައުލަތުގެ ޖުމްލަ ހަރަދުން އެންމެ ބޮޑު އަދަދެއް ސަލާމަތް ކުރި، ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދުގެ ބޮޑު ބައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައިވިޔަސް، މި އަހަރު ހަރަދުގެ ބޮޑު ބައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށެވެ.
އެގޮތުން މިފަދަ މަޝްރޫއުތަކަށް ޖުމުލަ 2.2 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ވަނީ ހަރަދުކޮށްފަ އެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 114.6 މިލިއަން ރުފިޔާ ވަނީ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޖެޓްފުޅު
08 August 2025
ރާއްޖޭގެ ރަށްތަކުގައި ތަރައްގީއައް ކުރަމުންދިޔަ މަޝްރޫއުތައް ހުއްޓާލާ ބަލިމީހުންނާ ބޭސްކޮލުވެސް އާސަންދައިން ނުލިބޭގޮތްހަފައި ކަރަންޓު ބިލާއި ފެންބިލުން ރައްޔިތުންފެލާ ފަޅުއޮޑިފަހަރު މާލެއަށް ކައިރިކޮއްލުމާ ހިސާބުން އެކިގޮތްގޮތުން ރައްޔިތުންފެލަމުން ދިޔައީމަ ފެން ބަޖެޓް އަރަވެޔޭ
އަލީ
07 August 2025
ޑެފިސިޓުން ސަރޕްލަސްއަށް - މީކުޑަ ކަމެއް ނޫން
ވިސްނާލުމަށް އެދެމޭ
07 August 2025
ދައުލަތުގެ އަރަނި އޮތީ ބަރަނީގަ..ދައުލަތްއޮތީ ސުތުލީގަ.. ސަރުކާރުއޮތީ ކިސުޅީގަ... ވެރިންތިބީ އަރޮޅީގަ..ރައްޔިތުންތިބީ ކިފުޅީގަ...އޯކޭ މިވަރު އަހަރެމެން ހެޕީހެޕީ ދެވުނު ވޯޓަކާހެދި މާޔޫސްވެ ގޮތްހުސްވެއްޖެ....ކޮއްމެ އޮޅުވާލުމަކާ ހަދާން ނައްތާލި އަހުދުތަކާ ވައުދުތަކަށް އާޙިރަތުގަ ބަދަލުލިބޭނެކަމަށް އުއްމީދުކުރަނީ މަގޭވޯޓާމެދު މަބޭނުން ބަދަލުލިބެން އާޙިރަތުގަ.ﷲދެނެވޮޑިގެންވޭ މިބައިމީހުން އަހަރެމެންނަ އޮޅުވާލިކަން ރޔާމީނާއެކު ކުރިޔަށްދާނެކަމަށްބުނީ.
ސަކީނު
07 August 2025
ދައުލަތް އަރަނި، ސިޔާސީ ވެރިން މުއްސަންތި. ރައްޔިތުން ބިކާރި!
އަބްޑޫޅް +
07 August 2025
ދައުލަތުގެ ބަޖެޓު، އަބަދު އަރަނީގަ ހިފެހެއްޓުމަކީ، އެކަމުގެ ޒާތުގަ، ކޮންމެހެން، މާ ބުއްދިވެރިކަމެއް ނޫން. މި ބުނަނީ، ދާއިމަށް ދަރަނިވެރި ވުމަކީ ބުއްދިވެރި ކަމެކޭނޫން.
ގާސިމް
07 August 2025
މިއަވަުރެއް ބޮޑަށް ދައްލެއް އަރަނިވާ ބޭނުން ނަމަ ހިޔާލެއް އެއްބައޮތެވެ. ދައުލަތުގެ ވަރަށް ގިނަ އޮފީސްތަށް ކުއްޔަށް ގޭގޭގައި ހިންގާތަން ފެނެވެ. މިގޮތަށް ހިންގާ އޮފީސްތަށް ދައުލަތުގެ އޮފީސް އިމާރާތެއް އަޅައި އެއް އޮފީސް އިމާރާތަށް ބަދަލުކުރުން މުހިންމެވެ.
ޒުލޭހާ
07 August 2025
އަހަރެންގެ ދަރިންކޮޅަށް ތިންއިރުގެ ބަދަލުގައި މިހާރު ކާންދެނީ އެއްފަހަރު. ގޭ ފުރާޅުން ފެންފައިބާތަން ނުބައްދާތާ އަހަރެއް. ސަޕްލައިފެން ހުއްޓާލާފަ މިހާރުބޮނީ ވަޅުފެން. މިހާރު ދަރިން ސްކޫލަށް ފޮނުވުންވެސް ހުއްޓާލައިފިން. ކޮފީއަށާ މަސާޖަށް ދެން ކުރިންވެސް ދާހެން އަދި އެބަދެވޭ. މި ހަރަދު ކުޑަކުރުމުގެ ޕޮލިސީގެ ދަށުން ގޭ ހަރަދު މިދިޔަ އަހަރަށްވުރެ 25% ދައްކުރެވިއްޖެ.
ވޯލް
07 August 2025
އަރަނީގައި ހިފަހެއްޓުން އެއީ ރަގަޅު ކަމެއް. އެކަމަކު ރައްޔިތުންނަށް ދޭންޖަހެ ޒަރޫރި ޚދިުމަތްތަތައް ނުދޭ ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް ރިކަނަރަންޓް ޚަރަދުގެ ގޮތުގައި އިސްރާފު ކޮށްގެން އަރަނި ކުރުން ބަލައެއް ނުގަނެވޭ.
އެކަލޯބެއްޔާ
07 August 2025
މިއުޅޭ ނުކިޔަވާތިބި ސްޓޭޓް މިނިސްޓަރުންތަކާއި ނާއިބުންތައް ވަކިކޮށް މަދުކުރުން މުހިއްމު، މިމީހުންނަކީ އެއްވެސް ބޭނުމެއްހިފޭ ބައެއްނޫން.
ޝައިމަން ސައީދު
07 August 2025
ހިންގުންތެރި މާލިމީއެއް މިގައުމުގެ ވަލިއްޔުލްއަމްރަކަށް ލިބުމުގެ ނަފާ މިއީ. އަލްހަމްދުﷲ