ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް މެމްބަރުން ވޯޓު ދެއްވާނީ "ހޫނު ފެނަށް އެރެން ބޭނުންވާ ނަމަ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އިންޒާރު ދެއްވި މައްސަލަ ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.

އެ މައްސަލަ ބަލައިދޭން އެދި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ފުލުހުންނަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ ޕީޕީއެމްގެ ފޯމު ހަވާލުކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލްހާމް މެމްބަރުންނަށް ބިރުދައްކަވައި އިންޒާރު ދެއްވާފައިވާ ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުން އިލްހާމް ދެއްކެވި ވާހަކަތަކުގެ ވީޑިއޯ ރެކޯޑިން ވެސް ފޮނުވާފައިވާ ކަމަށް ހުސެއިން އަރީފް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވެފައި ވަނީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންގެ ފައިމައްޗަށް ހޫނުފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށާއި އޭރުން ބުނެވެން އޮންނާނީ "ނޯ" ކަމަށެވެ.

"ހޫނު ފެނުގައި އަތްލާން ބޭނުމިއްޔާ [މަސީހު ވަކިކުރަން] ވޯޓުލާންވީ. އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓުލާނީ ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖިއްޔާ. ބޭރުން ވެސް އައިސް ވެސް މި ވޯޓުގައި އަތްލާނީ، ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖިއްޔާ،" އިލްހާމް ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.