ރައީސް މުއިއްޒު މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގަތުމުން ކުޑަކުދިންތަކަކަށް ސޮއި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
11 އޯގަސްޓް 2025 - 23:05
އެކި ރަށްރަށުން ގޯތި ދިނުމުގެ ބޭނުމުގައި އެކި ދުވަސްވަރު ހިއްކާފައިވާ އެކަމަކު އެއްވެސް ބޭނުމެއް ނުކޮށް ހުރި ބިންތައް ތަރައްގީ ކުރުމަށްޓަކައި ޔުޓިލިޓީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހާއްސަ މަޝްރޫއެއް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅު އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގެ ހިއްކި ބިން ވެސް އޮތީ ނަމެއްގައި ހިއްކާފައި ކަމަށާއި ކަރަންޓާއި ފެނާއި މަގުތައް ހެދޭނެ ގޮތެއް ނެތި ކުރިއެރުން ހުއްޓިފައިވާ ކަމަށެވެ. އޭދަފުށީގެ އިތުރުން ވެސް މި ގޮތަށް ހިއްކި ބިން ތަރައްގީ ކުރެވޭނެ ގޮތެއް ނެތް އެތައް ރަށެއް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އަންނަ އަހަރަށް ބަޖެޓު މި ހަދަނީ މިކަމަށް ހާއްސަ ޕްރޮގްރާމެއް ހިމަނައިގެން. މި އަންނަ އަހަރުގެ ބަޖެޓު ހަދާއިރުގައި ހާއްސަ ނިއު ޕޮލިސިޓީ އިނިޝިއޭޓިވް ޕްރޮގްރާމެއް އެބަ ހިމަނަން ހިއްކާފައި ހުރި ބިންތަކަށް ބޭނުންވާ ޔުޓިލިޓީސް ގާއިމް ކޮށްދިނުމާއި އިންފްރާސްޓްރަކްޗާ ގާއިމް ކޮށްދޭން. އޭގެ ތެރޭގައި އެންމެ އިސްކަންދޭނީ އާބާދީ އާއި ތަރައްގީ އެއްފަސްކުރެވޭނެ ރަށްތަކަށް. ދެން އާބާދީ ބޮޑެތި ރަށްތަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭގެ ތެރެއިން ވެސް އެންމެ އިސްކަންދޭނެ އެއް ރަށަކީ އޭދަފުއްޓެވެ. މި އަހަރު ވެސް އެ ރަށުގައި މަސައްކަތް ފެށޭނެ ގޮތެއް އޮތްތޯ ބައްލަވައި އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މިއަދު ހަވީރު އޭފުއްޓަށް ވަޑައިގަންނަވާތީ އެ ރަށުން މަރުހަބާ ދަންނަވަން މަގުތަކަށް އެއްވި މީހުން ކިޔޫ ހަދާފައި: ހޫނު މަރުހަބާއެއް ދެންނެވި.---ފޮޓޯ: ރައީސް އޮފީސް
"ހަމަ ޔަގީނުން ވެސް މި އަންނަ އަހަރަށް މި ކަނޑައަޅާ ބަޖެޓުގެ ތެރޭގައި ހިމެނޭނެ މި ދެންނެވި ގޮތަށް ހިއްކި ބިންތަކަށް ބޭނުންވާ ފެން، ކަރަންޓު، ނަރުދަމާ، މަގު ހިމެނޭ ގޮތަށް ވަރަށް ބިޔަ ބޮޑު ޕްރޮގްރާމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އޭދަފުށީގެ ރައްޔިޔުންނަށް ދެއްވި ޔަގީންކަމަކީ އެ މަނިކުފާނު އެ ރަށަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވައި ދެއްވާނެ ކަމެވެ.
ރައީސް ވިދާޅުވީ، އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ބޭރުގެ ބަޔަކާ އެކު ސޮއިކޮށްފައިވާނެ ކަމަށާއި ދެއްވަން ބޭނުންފުޅުވާ ޔަގީންކަމަކީ އޭގެ އަމަލީ މަސައްކަތް މި އަހަރު ފަށައި މި ދައުރުގައި ނިންމައިދޭނެ ކަމެވެ.
ރައީސް މުއިއްޒު މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެ 1،000 ހައުސިން ޔުނިޓު މި ރަށުގެ ރައްޔިތުންނާއި އަދި އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ތެރެެއިން އަންނަން ބޭނުންވާނެ ފަރާތްތަކާއި އެކިއެކި ބޭނުންތަކަށް، ކިޔެވުމަށާއި އިގުތިސާދީ ބޭނުންތަކަށާއި ކަންކަމަށް މި ރަށުގައި ގާއިމްވެ ތިބެން ބޭނުންވާ ފަރާތްތަކަށް މިހެން ގޮސް ހުރިހާ ފަރާތްތަކަށް މިއީ ވަރަށް މުހިންމު ސަތޭކަ ޕަސެންޓު ފީޒަބަލް މަޝްރޫއެއް،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީހާން އިސްމާއިލް
12 August 2025
މިކަންކަން މީ ވަރަށް މުހިއްމު ކަންކަން. މިކަންކަން ނުކޮށް ކުރީގެ ސަރުކާރުން ދިޔުމަކީ ދެރަކަމެއް. މީ ބަލައިގަނެވޭނެ ކަމެއް ނޫން
ރުވޭދާ ރަމީޒް
12 August 2025
މިގައުމު ތަރައްގީ ކުރާނެ މިރައީސް. މި ރައީސް ތަފާތުވާނެ
އަބްހާލު
12 August 2025
އުއްމީދު ކުރަނީ ރައީސް ތިޔާ ކުރައްވާ ބުރަމަސައްކަތް ރައްޔިތުންގެ ހަމަލޮލަށް ފެނި އެ ރައްޔިތުން އުފާވުމެވެ
އަމްޝާދު
12 August 2025
ވިއްކާފައިވާ ބިން ތަކަށް އަރޯކަން ގެނެސް އެ ބިންތަކުން ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ރައީސް ތިޔަ އިއުލާނު ކިރެއްވީ، ވަރަށް ބޮޑަށް ރައްޔިތުން ބޭނުންވާ ކަމެކެވެ
ހަސަންޓޭ
12 August 2025
މުއިއްޒު އަކީ ރާއްޖޭގައި އެންމެ ގިނަ ފުލެޓު އެޅި ވަޒީރު، އެހެންވީމާ މި ދައްކާ ވާހަކަ ގަބޫލު ކުރެވޭ
ބުހުތާނު
12 August 2025
ކަނޑުއަޑީގައި؟ ނޫނީ ދެވަނަ އުޑުގައި؟ މަށަށް ނުފެންނާތީ ހަމަ އަހާލީ..
ތިނަދޫސިޓީންކަމަނަ
11 August 2025
ކޮބާތަ ތިނަދޫގަ ހަދަން ބުނި ތަންތަން. އުންމީދުކުރަނީ ތިނަދޫ އެއާޕޯޓަށް ވަޑައިގެން ލޯންޗުގަ ތިނަދުއަށް ޒިޔާރަތް ކުރާނެކަމަށް