ސިފްކޯ ފްލެޓްތައް: ހިޔާ ފްލެޓާއި ގޯއްޗެއް ލިބިފައިވާ މީހަކަށް ސިފްކޯ ފްލެޓް ވެސް ދޭން ވަނީ ހުކުމްކޮށްފައި - ފޮޓޯ: މިހާރު
12 އޯގަސްޓް 2025 - 14:03
ސިފްކޯ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި އޮއްވައި ހިޔާ މަޝްރޫއުން ފްލެޓެއްގެ އިތުރުން ގޯއްޗެއް ވެސް ލިބުނު މީހަކަށް ސިފްކޯ ފްލެޓް ނުދޭން ނިންމި ނިންމުން ސިވިލް ކޯޓުން އިއްޔެ ބާތިލްކޮށް، އެއީ ސިފްކޯ ފްލެޓް ހައްގުވާ މީހެއްގެ ގޮތުގައި ބެލުމަށް ހުކުމްކޮށްފި އެވެ.
މީގެ 10 އަހަރު ކުރިން، 2014 ގައި ވަނީ ސިފްކޯ ފްލެޓްތައް ލިބޭ ސިފައިން ކަނޑައަޅައި، ޑައުންޕޭމަންޓް ދައްކަން އަންގާފައިވެ އެވެ. އެ ފްލެޓްތައް ލިބޭ ސިފައިން ޑައުންޕޭމަންޓްގެ ގޮތުގައި 91،200ރ. ދައްކާފައިވާއިރު، އެ ފްލެޓްތައް ނިމުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ސިފްކޯ ފްލެޓް ދިނުމުގައި އިސްކަންދޭނެ ކަންކަމުގެ ތެރޭގައި، އެ މީހަކަށް ނުވަތަ އެ މީހެއްގެ އަނބިން/ފިރި އަށް އެހެން ބޯހިޔާވަހިކަމެއް ލިބިފައިވާ ނެތުން ހިމެނެ އެވެ. އެކަމަކު އެއީ ޝަރުތެއް ނޫނެވެ.
ފްލެޓްތައް ނުނިމި ދިގުލައިގެންދިޔަ މުއްދަތުގައި، އެ ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާފައި އޮތް ބައެއް މީހުންނާއި އޭގެ ބައެއް މީހުންގެ އަނބިން/ފިރިން ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވެ އެވެ.
މީގެ ތެރެއިން ބައެއް މީހުންނަކީ ސިފްކޯ ފްލެޓަށް ޝަރުތު ހަމަވެ، ފައިސާ ދައްކަމުން ދިޔަ މީހުން ކަމަށް ވިޔަސް، ފަހުން ނިންމީ އެ މީހުންނަށް ސިފްކޯ ފްލެޓް ނުދޭށެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް ދިޔަ ބައެއް މީހުންނަށް ފްލެޓް ދޭން މީގެކުރިން ނިންމާފައިވެ އެވެ.
ނަމަވެސް، އެ ނިންމުން ބަދަލުނުކޮށް އޮތް މީހެއްގެ ދައުވާއާ މެދު އިއްޔެ ސިވިލް ކޯޓުން ވަނީ ގޮތް ނިންމައިފަ އެވެ.
ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯ އިން ކޯޓުގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ހުށަހެޅި މީހާއަކީ ސިފްކޯ ފްލެޓަށް ޝަރުތު ހަމަނުވާ މީހެއް ކަމަށް ކަނޑައެޅީ އޭނާގެ ނަމުގައި 525 އަކަފޫޓްގެ ފްލެޓަކާއި އޭނާ އާއި އިތުރު ހަތަރު މީހެއްގެ ނަމުގައި 2000 އަކަފޫޓްގެ ބަންޑާރަ ގޯއްޗެއް އޮތްކަން އެނގުމުންނެވެ. އެކަމަކު އޭނާ އެ ފްލެޓާއި ގޯތި ހޯދާފައިވަނީ ސިފްކޯ ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފަހުންނެވެ.
އަދި އޭނާ ހިޔާ މަޝްރޫއުއިން ފްލެޓެއް ހޯދާފައިވަނީ ސިފްކޯ ފްލެޓްގެ މައުލޫމާތު ނުދީ ކަމަށް ވެސް ސިފްކޯ އިން ބުނެފައިވެ އެވެ.
މި މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޝަރުތެއް ހަމަވޭތޯ ބެލޭނެ އެންމެ ފަހުގެ ތާރީހަކީ ޝަރުތުގެ މައްޗަށް ބިނާކޮށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅައި ފްލެޓްގެ ހައްގުވެރި ފަރާތަށް އަންގާ ހިސާބު ކަމަށެވެ. އޭނާ ޑައުންޕޭމަންޓް ވެސް ދައްކާފައި އޮތުމުން، ޝަރުތު ހަމަވޭތޯ ބެލުމުގެ މަރުހަލާ ނިމި އެއްބަސްވުމެއް އުފަންވެފައިވާ ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، ފްލެޓް ދޫކޮށްފައިވާ އުސޫލުގައި ބުނާ ޝަރުތުތަކެއް އުނިވިކަމަށް ބަލައި ފްލެޓް ނުދިނުމަކީ ކުރިން ނެތް ޝަރުތެއް ކުރިމަތިކޮށް، ގޯސްކޮށް ނިންމާފައިވަނީ ނިންމުމެއް ކަމަށް ކަނޑައެޅި އެވެ.
އެހެންވެ، ދައުވާކުރި މީހާގެ ނަން އުނިކުރަން ނިންމާފައިވާ ނިންމުން ބާތިލްކޮށް، ދައުވާ ކުރި މީހާގެ ނަމަކީ ފްލެޓް ލިބޭ މީހުންގެ ދަފްތަރުން އުނިކޮށްފައިވާ ނަމެއް ކަމަށް ނުބެލުމަށާއި ފްލެޓްގެ އެއްބަސްވުމުގައި ސޮއިކޮށް އެ ތަނުގެ ތަޅުދަނޑި އޭނާއާ ހަވާލުކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
14 August 2025
އުސޫލުގެތެރޭންއެކަކަށް ދެތިންފުލެޓާގޯއްޗެއް ލިބޭގޮތަށްކަންކަންވާނަމަ ތީވަރަށްބޮޑުމައްސަލައެއް، ކޯޓުގެނިންމުންގޯހީކީނޫން، ފުލެޓުދިނުމުގައިއަމަލުކުރަންހެދިފައިވާއުސޫލުތަކާގަވައިދުތައް ދޯހޮޅިވީމަވާގޮތްތީ! ސިފައިންގެފުލެޓުތަށްނުނިމި 10ވަރަކަށްއަހަރުވުން މިމައްސަލަދިމާވާންމެދުވެރިވިސަބަބެއްކަމުގައި ފެނުނަސް ފުލެޓުލިބިފައިވާމީހުން އަނބިން ފިރިންވެސް އެމައުލޫމާތުނުދީ ފޯމުލައިގެން ފުލެޓުހޯދުންތީ އާންމުކޮށްހިނގާކަމެއް، ފުލެޓުހޯދަންމީހުންވަރިވެގެންވެސްއުޅޭ
ހަސަންބޭ..
13 August 2025
ސާޅިހުން މައްޗަށް ދިޔައީ މި.. ބިންކޮޅެއް އަމިއްލަ ގެ ދޮރެއް ލިބޭނެ ވަގުތު އަދި ނުޖެހެނީ ތޯއްޗެއް. 5 ދަރިންނަށް ދޭނެ ބޯހިޔާވަހިކަމެއް ނެތް. ވަރަށް ސަލާމް..
ވަރަށް ދެރަވޭ
13 August 2025
ރައްޔިތުން ތެދުވެރިވެފަ، ވެރިން އިޙްލާޞްތެރިވެ، ރަނގަޅަށް ބެލިގެން ސޯޝަލް ހައުސިންގެމަޝްރޫޢުތައް ގެންދެވޭނަމަ މިހާރު ބޯހިޔާވަހިކަމަށް ވަރަށްބޮޑު ތަނުން ލުއިވާނެކަން ޔަޤީން، އެކަން ހައްލު ނުވެގެން މި އުޅެނީ ސިޔާސަތުތަކުގައި ކޮންމެ ކަމެއް ސިޔާސީ ކުރާތީ، އަޅުގަޑު ދަންނަ އެތަށް މާލޭގެ ރައްޔިތުންނާ ކުއްޔަށް އުޅޭ މީހުންވެސް ވަރަށް ދަތިކޮށް އުޅެމުން، އޮންނައުސޫލުން ފޯމުލާއިރުވެސް ފްލެޓެއް އަޅައިގަންނަވަރެއް ނުވޭ، އަނެއްބަޔަކު ފޯމު ލާން ކެރުނު ވަރެއް....
ދޮންބޭ
13 August 2025
އަދިވެސް އިތުރު ދެތިން ތަނެއް ދޭންވީ. ސަލްޓަން ޕާރކާއި ރަސްފަންނާއި އާޓިފިޝަލް ބީޗާއި އުސްފަސްގަނޑުވެސް ތިޔަމީހާއަށް ދޭންފެނޭ. ހިޔާ ޓަވަރެއް އެއްކޮން ހަވާލު ކޮށްލަންވެސްފެނޭ. އެމީހާ ކުއްޔަށްދޭނެ ރަނގަޅު ތަންތަން ހަމަ ވީހާވެސް ގިނައެއްކޮށް ދޭންވީ. އޭނަގެ ނިދުމާ ކެއުންވެސް ތީމުގޭގަ ހަމަޖައްސައިދޭން ފެންނަނީ. ބޮއެހަލާކު. އިންސާފުގެ ޒައްރެއްގެ މިންވަރުވެސް ފެންނަން ނެތް ގައުމެއް.
raajje
14 August 2025
ދޮންބޭ: އެކިމީހުނަށް ލިބޭނީއެކިނަސީބު އެކިގޮތްގޮތަށް، ތިބޭފުޅާވެސް މަސައްކަތްކުރޭ، ކިތަންމެފުލެޓެއްލިބުނަސް އަހަރެމެންނޫޅޭނަން އަތުލާކަށް
ފޫހި
13 August 2025
ކޯޓަށް ނުގޮސްވެސް ސަރުކާރުން ދިން ހިޔާ ފްލެޓާއި ގޯތި އަތުލެވޭނެ. ސަބަބަކީ އޭނާ ދޮގު މަޢުލޫމާތު ދިނުމާއި، ގޯއްޗަށް ޝަރުޠު ހަމަވާ މީހުންގެ އެއް ޝަރުޠު އޭނާގެ އުނިވެފައިވާތީ. ހުވާކޮށްގެން ހުރެ ދޮގުމަޢުލޫމާތު ދީގެން ފްލެޓް ހޯދީމާ އޭނާއާމެދު ފިޔަވަޅުއަންޖެހޭނެ. އަދި ދީފަހުރި ފްލެޓާއި ގޯތި އަތުނުލާނަމަ އަހަރެން ވެސް އަމިއްލައަށް ބިން އޮތްތާކުން ބިން ފޭރޭނީ. ހަމަހުވާ ވަރަށް ރުޅިއާދޭއެބަ
ފޫހި
13 August 2025
އެންމެ ހެއްވާކަމަކީ ޖޮއިންޓް ވެގެންވެސް އެމީހެއްގެ ނަމުގައި ފްލެޓް އޮތްމީހުން ޝަރުޠެއް ހަމައެއްނުވާނެ. ދެން މީނާއަށް ފްލެޓް އޮވެ ގޯތިދިން މީހުންގެ މައްޗަށް ޝަރީޢަތް ހިންގަންޖެހޭނެ. މިއީ އާދައިގެ ކަންކަމެއްނޫން. ދެން މީނާވެސް މަޤާމުގެއްލެންޖެހޭނެ. ދޮގުމަޢުލޫމާތު ދީގެން ނުހައްޤުން ގޯތި ހޯދީމަ. އަދި ހައުސިން ނުވަތަ އެޗްޑީސީ މީހުންނަށް ހަމަ ރަނގަޅަށްވެސް އެނގޭނެ ފްލެޓް ލިބިފަތިބިމީހުންގެ މަޢުލޫމާތު. މިއީ މިގައުމުގަ ބޯހިޔާވަހިކަން ހައްލުނުވާ ސަބަބަކީ.
ޑޮކްޓަރމޮންރޯމަސީހް އާރުއެމްޕީ
13 August 2025
ކޯޓުން މިމައްސަލަ ނިންމާފައިވަނީ ވަރަށް އިންޞޯފުން، ސިފްކޯ ފުލެޓަކީ އޭނާއަށް ލިބެންޖެހޭހައްގެއް. ކުރިއާލާ ފައިސާ ވެސްދައްކާފައިވާތަނެއް. ހިޔާ ފުލެޓާއި ގޯއްޗަކީ މިމައްސަލައާ ގުޅޭކަމެއްނޫން. ހިޔާ ފުލެޓާއި ގޯތި އޭނާއަށްދިން ބަޔަކު ދިނީ ބަލަންވާވަރަށް ނުބަލާ ނޫނީ ބަލަން ބޭނުން ނުވެގެން. ގަވާއިދުތަކާޚިލާފަށް. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން އެކަންކަންބަލާ އެތަންތަން އަތުލުމަކީ ކުރަންޖެހޭކަމެއް.
ލިޓުލް މާ މައިޑު
13 August 2025
ލިބެން އޮތް ހުރިހާ އެއްޗެއް ވާނެ ހޯދާލަން ނިޒާމުގައި ހުންނަ ބަލިކަށިކަން ބޭނުންކޮށްގެން. އަހަރެންގެ ޢުމުރު މި ހުސްވަނީ އުފަންވީއްސުރެ މިހެން އުޅެ އުޅެ ހުއްޓާ. އުންމީދަކީ ރަޙުމަތެއްގެ ގޮތުން ކަމަށްވުން ދާއިމީ ބޯހިޔާވަހިކަމެއް މިންވަރު ނުކުރައްވަނީ އަދިވެސް.
ލިިޓޭރު
13 August 2025
މި ޤައުމުގައި ބޭއިންސާފު އޮތްވަރާއި އަހަރެމެންގެތެރެއިން ގިނަބަޔަކަށް އާޚިރަތަށްވުރެ ދުނިޔެ މުހިންމުވެފައިވާކަމުގެ ހެއްކެއް މިއީ. އުމުރު އެއްކޮށްހެން މާލޭގައި މި އުޅެނީ، ބަލަންޖެހިފައި ތިބި ޢާއިލާ އަދި މައިންބަފައިންނާއި އެކު.މިފަދަ އެތަށް ބަތަކު އެބަތިބި އެއްވެސް ބޯހިޔާ ވަހިކަމެއް ނުލިބޭ އަދި.ރަށުގަ ހަމަ އުޅެވެންނެތް ސަބަބުތަކެއް ހުރީމަ މިތާ އުޅެނީ. މި ދައްކަނީ އެކަކަށް 2 ފުލެޓާއި 1 ގޯތި ދީގެން އުޅޭ ވާހަކަ..ސަހަރޯ ހީވޭ. ސަލާމް.
ޑިނގާ
13 August 2025
ސާބަހޭ! ތި ހުރިހާ ފްލެޓަކާއި ގޯތިވެސް ހިފައިން އިނގޭ ކައްވަޅަށްދާނީ!