ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، މަގު ފުޅާކުރުމުގެ މަސައްކަތް ފެށުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
21 އޯގަސްޓް 2025 - 17:15
މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ސަތޭކަ ސާޅިސް ހަތަރު މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ މަގު ތަރައްގީކުރާނީ މަގު ފުޅާކޮށް ހަތަރު ލޭނަށެވެ. މުޅި އެ މަޝްރޫއަށް ހޭދަވާނީ 455 ދުވަހެވެ.
މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި މަޝްރޫއުއަކީ މާލޭގެ ތޮއްޖެހިފައިވާ ވެހިކަލްތަކުން ދަތުރުފަތުރަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ އެންމެ މުހިއްމު ބައިގެ ފެށުން ކަމަށެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މަޝްރޫއު ކުރިއަށް ދާނީ އެކި ސެގްމެންޓްތަކަށް ބަހާލައިގެން ރައްޔިތުންނަށް ދަތިތައް އެންމެ ކުޑަވާނެ ގޮތަށެވެ.
"މި މަސައްކަތާ އެއްކޮށް އެންމެ ބޮޑަށް އުއްމީދުކުރަނީ ބޮޑު ފާލަމާއި އަދި މާލޭގެ މާރުކޭޓު ސަރަހައްދަށް ދަތުރުކުރާ އުޅަނދުތަކަށް ދަތިތައް ފިލައިގެން ދާނެ ކަމަށް. ދެން ހުރި ސެގްމެންޓްތައް ނިމުމުން އެ މަގުން ދިމާވާ ދަތުރުފަތުރުކުރުމުގެ އުނދަގޫތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، މަގު ފުޅާކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަ ދައްކަވަނީ .-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ ޓެކްނިކަލް މަސައްކަތްތަކުގެ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ވެސް ޗައިނާގައި ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މާލޭގެ ހުރިހާ މަގެއްގެ މަސައްކަތް ފެށުމުން މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެ މަސައްކަތުގެ ދަށުން މުއްތަލިބު ވަނީ ސަރުކާރުން ޖުމްހޫރީ މައިދާން ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ވެސް ފެށޭނެ ކަމަށް ވިދާޅުވެފަ އެެވެ. އަދި ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ރަސްފަންނު ވެސް އިތުރަށް ތަރައްގީކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކޮށް، މަގު ފުޅާކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރާއި ޓްރާންސްޕޯޓް މިނިސްޓަރާއި އެމްޓީސީސީގެ ސީއީއޯ އަދި އިތުރު ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މުއްތަލިބު ވިދާޅުވީ ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަކަށް މަސައްކަތްތައް ކުރުމަކީ ދަތި ކަމަކަށްވާނެ ކަމަށެެވެ. އެހެންވިޔަސް މާލޭގެ ތޮއްޖެހުން ބޮޑުވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގަތެވެ.
"ހަމަ ހަގީގަތުގައި ވެސް ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަކަށް މަސައްކަތެއް ފަށައިގެން ކުރިއަށް ދިއުމަކީ ދަތި އުނދަގޫ ކަމެއް. އެެހެންކަމުން އެ ވަރަށް ޕްލޭންކޮށްގެން ރާވައިގެން މަސައްކަތް ކުރިއަށް ގެންދަން މި ޖެހެނީ."
އެ މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް އެ މަގު ބަންދުވާނެ އެވެ. އެ މަގު ފުޅާކުރާއިރު، އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އެ ސަރަހައްދުގެ ފަޅު ވެސް އެ މުއްދަތަށް ބަންދުވާނެ އެވެ.
އެ މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމްކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ އެމްޓީސީސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުމްޝިދު
22 August 2025
މިކަންވެސް ބަޔަކަށް ހަޖަމެއް ނުވާނެ. ބުނާނެ ބޮޑު އަގޭ. ނަމަވެސް އެހެން ނޫންތާ މިވަނީ. މީ ހަމަ ބޮޑުތަނުން މަގު އިތުރަށް މޫދަށް ފުޅާ ކޮށްގެން ހަދާ ރަނގަޅު ޒަމާނީ މަގެއް
އަކްމަލް ސިއްދީގް
22 August 2025
މީ ވަރަށް ރަނގަޅު ކަމެއް. އެއްމެ ކާރު ބާރު ބޮޑު ސަރަހައްދު މިއީ. މީގެ ސަބަބުން ދެން މަގު ފުޅާވެ މަގު ބޭނުން ކުރާ ފަރާތްތަކަށް ލުއި ލިބޭނެ
އަހްމަދު މަފާޒް
22 August 2025
މުޅި މާލެ އަދި މުޅި ރާއްޖެ އެހެން ލެވެލްއެއްގައި މިސަރުކާރުން ތަރައްގީ ކުރާނެ. މަބުނީތީ ބަލަން ތިބޭ،
މައުމޫން މުހައްމަދު
22 August 2025
ނަތީޖާ ނެރޭނެ ގޮތް މިދައްކަނީ މިސަރުކާރުން. ބަލަން ތިބޭ
ނޫހް އިބްރާހިމް
22 August 2025
ރައީސް މުއިއްޒް ގަދަ. ހުސްވައުދު ނުވޭ ހަމަ
ނަސްރު45
22 August 2025
455 ދުވަހުން ތިޔަހާ ކުޑަ ސަރަ ހައްދެއް ނިންމެންޏާ، ދެން މުޅި ބޮޑުތަކުރުފާނު މަގު ފުޅާ ކޮށް ނިންމަން 10 ވަރަކަށް އަހަރު ނަގާނެ ދެއްތޯ؟
އޮނަރަބްލް އަފީފު ދީދީ
21 August 2025
އެތައް ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން ދައުލަތުގެ ކުންފުންޏަކުން ކ.އަތޮޅު ފަޅެއް ހިއްކައިގެން ހަަދާފައިވާ ބިންތައް އިބްރާހިމްގެ ސަރުކާރުން ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން ބަހާލުމުގެސަބަބުން ރާއްޖެއަށް އެފަދަ ލޯނުދިނުމަށް ޗައިނާގެ އެގްޒިމް ބޭންކް ފަދަ އެންމެބޮޑު މާލީ އިދާރާތަކުންވެސް މިހާރުދަނީ ދެކޮޅުހަދަމުން. އަދި އިބްރާހިމް ބަހާލި 19 ހާސް ގޯތީގެތެރެއިން ހުޅުމާލޭގައި އޮތް 9 ސަތޭކަ ބިމަށްވެސް އިންވެސްޓްކުރަން ބޭންކްތަކުން ބޭނުމެއްނޫން.
އޮނަރަބްލް އަފީފު ދީދީ
21 August 2025
މި މުސީބާތުން އަރައިގަތުމަށްޓަކާ "ޔުނިޓަރީ ރިޔާސީ ނިޒާމެއްގެ ނަމުގައި ހިންގަމުންދާ" އެއްރަށް ދައުލަތް ނިޒާމް ކަފުންކޮށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައި ކަޑައަޅާ 3 ރީޖަނެއްގެ މައްޗަށް އިޤްތިސޯދީ އިދާރީ ބާރުވެރިކަން ދީގެން ހިންގާ ފުރިހަމަ Federal parliamentary System ރާއްޖޭގައި ޤާއިމް ކުރަން ތުރާކުނުން އައްޑުއަށް ހިމެނޭ ރައްޔިތުން ތެދުވާން ޖެހޭ.
ނަނާ241
21 August 2025
10 ލޭންހެދިޔަސް ބައެއްޓެކްސީ ޑްރައިވަރުން ހިތށްއެރި ލޭނަކުން ދުއްވާނީ. ހައިވޭމަތީގައިވެސް ސައިކަލްލައިނަށްނާރާ ހަމަ އެންމެ ދަތުރެއްވެސް ނުނިންމާނެ. މިކަންހުއްޓުވަން ތިބޭ އެސް އަކުރުޖެހި ކާރުތަށްވެސް އެގޮތަށްހަދަނީ. ވީމާ މިއުޅެނީ އަޙްލާގީ މައްސަލައެއްހެން ހީވަނީ.
އަލީި
21 August 2025
ދެން ޑަބަލް ޕިކަޕް ޑަބަލް ޕާކިން ކޮށްފަ ބާއްވަން ދޫކޮށްލާ