ޚަލީލް ވިދާޅުވި ގޮތުގައި، "މީޑިއާ ކޮންޓްރޯލްކޮށް، ތަޅުއަޅުވައި، އެއްވެސް ހަނިކަމެއް" ގެންނާނެ ބިލަކަށް މި ސަރުކާރުން ތާއީދު ނުކުރާނެ. ނަމަވެސް، އެ ބިލު މަޖިލީހަށް ބަލައިގަތީ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރައްވާ ޕީއެންސީގެ މެމްބަރުންގެ ފުރިހަމަ ތާއީދާ އެކު.
މީޑިއާ ބިލާ ގުޅިގެން ނޫސްވެރިންގެ ފަރާތުން ކުރިމަތިކުރުވި ޕްރެޝަރާ އެކު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
28 އޯގަސްޓް 2025 - 12:15
މީޑިއާ ކޮންޓްރޯލްކުރުމާ ބެހޭ ބިލުގައިވާ ގޮތަށް މީޑިއާތައް ރެގިއުލޭޓްކުރަން އުފައްދާ ކޮމިޝަނުގައި ރައީސްގެ އައްޔަންކުރާ ތިން މެމްބަރުން ތިބެން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން ނޫސްވެރިން ޕްރެޝާކުރަމުން ދަނިކޮށް، ރައީސް އޮފީހުގެ ބޭރުގައި ހުންނަ މި ސަރުކާރުން ހެދި "މީޑިއާ ފެންޑާ"ގެ ކުރިމައްޗަށް ޚަލީލާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ނުކުމެވަޑައިގަތުމާ އެކު ނޫސްވެރިން ވަނީ އެ ދެ ބޭފުޅުންނަށް ވަރަށް ގިނަ ސުވާލުތައް ކުރިމަތިކޮށްފަ އެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޚަލީލް ވިދާޅުވީ އެ ބިލުގެ ދަށުން އުފައްދަން ހުށަހަޅާ މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނުގައި ރައީސްގެ އެއްވެސް ބާރެއް އޮންނަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.
ރައީސް މުއިއްޒު ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި މަހު 25 ގައި ބޭއްވި ޖަލްސާގައި ވިދާޅުވެފައި ވަނީ އެ ބިލުގައިވާ ގޮތަށް މީޑިއާތައް ރެގިއުލޭޓްކުރަން އުފައްދާ ކޮމިޝަނަށް ރައީސަކު އައްޔަންކުރަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެއްވެސް ބާރެއް ނޯންނަ ގޮތަށް އެ ބިލު އިސްލާހުކުރަން މަޖިލީހުގެ ޕީއެންސީގެ މެމްބަރުން ދަންނަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު، ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު މަޖިލިހާށް ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް މަޖިލީހުގެ ރުހުމާ އެކު، ތިން މެމްބަރުން އައްޔަންކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑައަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.
"މިހާރު އޮތް ބިލުގައި ވެސް އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުގައި ހަތް މެމްބަރުންގެ ކޮމިޝަނެއް ހަދާއިރުގައި ހަތަރު މެމްބަރުން އަންނަނީ ވެސް މީޑިއާތަކުން ވޯޓުލައިގެން. ދެން ތިބި ތިން މެމްބަރުން ރައްޔިތުންގެ މަޖިލިހުން ވޯޓުލައިގެން ހޮވަނީ. އެ ހަތް މީހުންގެ ތެރެއިން ވެސް ރައީސް ނަގަން އަޅުގަނޑު ބޭނުންވަނީ އެ ހަތް މީހުން ވޯޓުލައިން،" ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޚަލީލް މިއަދު ވިދާޅުވީ، އެ ބިލުގައި ބުނެފައިވާ ކޮމިޝަނުގެ ރައީސްގެ އިތުރުން ތިން މެމްބަރުން އައްޔަންކުރައްވަން ވެސް ރައީސް ބޭނުންފުޅު ނުވާ ކަމަށެވެ.
"ނޫން، ނޫން، މެމްބަރުން އައްޔަންކުރުމުގައި ވެސް ރައީސްގެ އެއްވެސް ރޯލެއް ބާއްވާކަށް ރައީސް ބޭނުންފުޅެއް ނުވޭ،" ޚަލީލް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވި ގޮތުގައި، "މީޑިއާ ކޮންޓްރޯލްކޮށް، ތަޅުއަޅުވައި، އެއްވެސް ހަނިކަމެއް" ގެންނާނެ ބިލަކަށް މި ސަރުކާރުން ތާއީދު ނުކުރާނެ އެވެ.
އޭނާ އެގޮތަށް ވިދާޅުވި ނަމަވެސް، މަޖިލީހުގައި ސަރުކާރު ތަމްސީލުކުރައްވާ ޕީއެންސީގެ މެމްބަރުންގެ ފުރިހަމަ ތާއީދާއެކު، މީޑިއާ ކޮންޓްރޯލްކުރުމާ ބެހޭ ބިލު މަޖިލީހަށް އިއްޔެ ވަނީ ބަލައިގެންފަ އެވެ.
ސަރުކާރުގެ ސްޓޭންޑަކީ އެއީ ކަމަށްވާ ނަމަ، އެ ބިލު އަނބުރާ ގެންދާނެތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ.
"ސަރުކާރުގެ ސްޓޭންޑް އަޅުގަނޑު އިރުކޮޅެއް ކުރިން ދަންނަވައިފިން. އަނބުރާ ގެންދިއުމާއި ނުގެންދިއުމާ ގުޅޭ ގޮތުން އަޅުގަނޑު މި ވަގުތު އެއްވެސް ކޮމެންޓެއް ކުރާކަށް ނެތިން. ޕީއެންސީގެ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ލަފާފުޅު. އަޅުގަނޑު ދެންނެވީ ސަރުކާރެއް ތާއީދެއް ނުކުރާނެޔޭ، ރައީސެއް ތާއީދެއް ނުކުރައްވައޭ މީޑިއާ ކޮންޓްރޯލްކުރާ ކަމަށް ތިބޭފުޅުން ތި ވިދާޅުވާ ގޮތަކަށް އެއްވެސް ކަމެއް ދާކަށް،" ޚަލީލް ވިދާޅުވި އެވެ.
"މީޑިއާގެ ބަސް އަޑުއަހައިގެން މީޑިއާ ވެސް ބޭނުންވާ ގޮތަކަށް މަޖިލީހުން އެ ބިލު ފާސްވެގެން ދާނީ އަޅުގަނޑު ދެކޭ ގޮތުގައި."
މީޑިއާ ބިލާ ގުޅިގެން ނޫސްވެރިންގެ ފަރާތުން ކުރިމަތިކުރުވި ޕްރެޝަރާ އެކު، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ކުރިމައްޗަށް ނުކުމެވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޚަލީލް ވިދާޅުވީ އެ ބިލުގައި "ވަރަށް ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން" ވެސް އެބަހުރި ކަމަށެވެ. ހަލީލަށް އެ ބިލުން ފާހަގަކުރެއްވޭ ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން ތަފުސީލުކޮށްދޭން ދޭން ނޫސްވެރިން އެދުނެވެ.
"ރަނގަޅުކަމަކީ ދެތަން އެއްކޮށްލުން. ވަރަށް ރަނގަޅު ކަމެއް،" އޭނާ ވިދާޅުވި އެވެ.
"އެއޮތް ބޮޑު އިނގިރޭސިވިލާތުގައި ހުރޭތޯ މީޑިއާގެ އެކި ތަންތަން ރެގިއުލޭޓްކުރަން އެކި ތަންތަން. މިސާލަކަށް އޮފްކޮމް [އިނގިރޭސިވިލާތުގައި މީޑިއާ ކޮންޓްރޯލްކުރާ ސަރުކާރުގެ އިދާރާ] އިން މުޅި ތަން ކޮމިއުނިކޭޝަން އާއި އިންފޮމޭޝަން އާއި ރެގިއުލޭޓްކުރުމުގައި މީޑިއާ އާއި އާންމުންނަށް ވަރަށް ފަސޭހަ ގޮތަކަށް ކަންކަން ރާވައިފައި އޮންނަނީ."
ޚަލީލް އެގޮތަށް ވިދާޅުވި ނަމަވެސް، އިނގިރޭސިވިލާތުގައި ވެސް މީޑިއާތަކަށް އޮންނަނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެކެވެ. މީޑިއާތަކާ ގުޅޭ ޝަކުވާތައް ބެލުމުގެ ކަންކަން ކުރަނީ، ސަރުކާރުގެ އެއްވެސް ބާރެއް ނުހިނގާ އިންޑިޕެންޑަންޓް ޕްރެސް ސްޓޭންޑާޑް އޮގަނައިޒޭޝަން (އައިޕީއެސްއޯ) އާއި ދަ އިންޑިޕެންޑަންޓް މޮނިޓާ ފޯ ޕްރެސް (އިމްޕްރެސް) ކަހަލަ ތަންތަނުންނެވެ. ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި ޕްރެސް އަދި މީޑިއާތަކުން އަމަލުކުރަން ޖެހޭ ކަންކަން ބެލުން އޮފްކޮމްގެ ޒިންމާތަކުގެ ތެރޭގައި ނުހިމެނެ އެވެ.
އެ ބިލުގައި އޮތް އެއް ގޯހަކީ، ބްރޮޑްކާސްޓިން ނުވަތަ މީޑިއާ ރެގިއުލޭޓްކުރަން އޮންނަ އިދާރާ ބައިޕާސްކޮށްފައި ސީދާ ފުލުހަށް ނޫސްވެރިޔާ ހާޒިކުރެވޭ ގޮތަށް އޮތް އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. ބިލުގައި ހުރި އެ ކަހަލަ ގޯސް ކަންކަން އިސްލާހުކުރަން ޖެހޭ ކަމަށާއި އެ ކަންކަން ކުރެވޭނީ ނޫސްވެރިންނާއި މަޖިލީހާ ދެމެދުގައި މަޝްވަރާތައް ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ޝައުގެއް ނެތް މީޑިއާ ރެގިއުލޭޓްކޮށް، ތަޅު އަޅުވައި، ފިއްތާ، ތިބޭފުޅުން ތި ވިދާޅުވާ އުލުބައިންދާކަށް،" ޚަލީލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރަބޯ ސިއްތި
28 August 2025
އެ ބިލުގައި އޮތް އެއް ގޯހަކީ، ބްރޮޑްކާސްޓިން ނުވަތަ މީޑިއާ ރެގިއުލޭޓްކުރަން އޮންނަ އިދާރާ ބައިޕާސްކޮށްފައި ސީދާ ފުލުހަށް ނޫސްވެރިޔާ ހާޒިކުރެވޭ ގޮތަށް އޮތް އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. ބިލުގައި ހުރި އެ ކަހަލަ ގޯސް ކަންކަން އިސްލާހުކުރަން ޖެހޭ ކަމަށް.. ނޫސް ވެރިން ބިރުގަންނާނެދޯ މިހެން ވީމަ ..ފުލުހުން މިސޮރުމެން ގުދާރު ބިންދާނެ ގެންގޮސް ހެއްހެއްހޭ
އަންދަލޫސިޔާ
28 August 2025
ބޭނުންފުޅު ނުވީމަތޯ؟ ނޫސްވެރިން އުލުބައިންދައި އުލަށް އަމުނައި މަރާ، އިރަށް ދޮންކުރަން ފަލާހު ގޮވާލުމުން އެކަން ކުށްވެރިކުރި މީހާ ވަގުތުން މަޤާމުން ވަކިކުރީ؟ ނިޔަތް ވަރަށް ސާފު. ރައީސް ޔާމީން ހިނގެންވި މަގުން ރައީސް ޑރ. މުޢިއްޒު ތިޔަ ހިންގަވަނީ. ނަތީޖާ އަކަށް ވާނީ ވެރިކަމުގެ ދައުރު 1 ދައުރުކަމުގައި ހަމަޖެހި ނިމުން. ރައްޔިތުން މަޑުން ތިބެން މިއީ 2000 ގެ ކުރިއެއް ނޫން. 2025!
ކަނބިލު
28 August 2025
ބޭނުންފުޅު ނޫނަސް ދެން ބައިތިއްބާލެވިދާނެތާ، މިނިވަން މެންބަލަކު ހުށަހެޅި ބިލެއް ވީމާ
ހަމަދު ސަލީމް
28 August 2025
ރައީސް މުއިއްޒް ނޫޅޭ މީޑިޔާތައް އަތް މުށަށް ލާން.
ޢެހެންތޭ
28 August 2025
މުށު ތެރެއަށް ނުލާ ދިރުވާލަން ދޯ
ރާވެރިބެ
28 August 2025
ހުސް ހޮޅި ވާހަކަ! ކާކު ތި ވާހަކަ ގަބޫލު ކުރާނީ؟ ހުރިހާ ވާހަކަ އެއް ދައްކާފަ އެންމެ ފަހުން އަވަސް ކޮށްލައިގެން ވޯޓަށް އަހާ ރާސްލާފަ ފާސްކޮށްލާ އިރު އޮންނާނީ ސިއްރުން ލިބޭ މައުލޫމާތު ދޭ ފަރާތް ހާމަ ކުރަން މަޖުބޫރުކޮށްފަ. އަދި މައްސަލައެއް ބަލަމުންދާއިރު ފިޔަވަޅު އެޅޭ ގޮތަށާ ވަކވަކި ނޫސްވެރިންނަށް ބޮޑެތި އަދަބުދޭން ކަޑައަޅާނެ. މަގުސަދަކީ މީހުން ބިރުން ޚިޔާލު ފާލުކުރަން ޖެހިލުންވާވަރު ކުރުން. ބޭނުންވަނީ ހަމަ އެކަނި ސަނާ ކިޔުއްވަން.
މޮޑަން
28 August 2025
ރައިސް ބޭނުންފުޅެއްނުވޭ ތިއިން އެއްވެސް ބާރެއް މުށުތެރެއަށް ލާކަށެއް. އެކަމަކު މަޖްލިހުން ނިންމީމަ ރައިސް ކުރާނީ ކީއްތޯ. މިމީހުންނަށް ހީވަނީ ރައްޔިތުންނަކީ ގަމާރުންކަމަށްދޯ. މީގެ ކުރިން ޔާމީނުވެސް އުޅުނު މީޑިޔާ އުލުބައިންދަން. އޭނަޔަށް ވެރިކަން ދިފާއުކުރެވުނުތަ؟ މިމީހުންނަށް ފިލާވަޅެއް ނުލިބޭދޯ މިކަންކަމުންވެސް.
ސަސި
28 August 2025
ދެން ރައީސް ބޭނުންވާ ގޮތަށް އެކަން ކުރަންވީނު
ހުސަ
28 August 2025
މީޑިޔާތަށްވެސް ޖަވާބުދާރީ ކުރުވޭނެ ރަގަނޅު ނިޒާމެއް އެކުލެވޭގޮތަށް ތިޔަ ބިލް ވީހާވެސް އަވަހަކަށް ފާސްވެ ތަންފީޒު ކުރެވޭތަން ދެކެން ބޭނުންވޭ! ކޮންމެ މުއައްސަސާއަކީވެސް އެބަޔަކުކުރާ ރަގަނޅު/ނުރަގަނޅު ކަންކަމަށް ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭ ބަޔަކަށް ވާންޖެހޭނެ! ގާނޫނޫ އަސާސީން ލިބިދީފައިވާ ހުރިހާ ޙައްގެއް ދިވެހި ކޮންމެ ރައްޔިތަކަށް އޮންނަންވާނެ! އެޙައްގުތަކަށް އެއްވެސް ބަޔަކަށް އަރައިނުގެނެވޭނެ! އެމަގަށް ގާނޫނުތައް ފަރުމާކުރަންޖެހެނީ!
އޭކު ސަވާލް
28 August 2025
ޑޮލަރުގެ އަގު މައްޗަށް ނާރާނެތޯ؟
ރުފިޔާ
28 August 2025
ޑޮލަރު އިންނާނީ ވަލެއް ޖަހާފަ ގަލެއްގަ ބަނދެފަ! ނޭރޭނެ މައްޗަކަށް!
އަފުން
28 August 2025
ވަކި ބަޔަކު ތަފާތުނުކޮށް އެންމެންގެ ހައްގުތަކަށް އިޚްތިރާމު ކުރަންވާނެ، އެއްވެސް މީހެއްގެ އަބުރަށް އަރައިގެންފިނަމަ ހައްގު ހޯދަން ކޯޓަށް ދިއުމުގެ ފުރުޞަތު ކޮންމެ ދިވެހި ރައްޔިތަކަށް އޮންނަންވާނެ. މީހަކު ބުނާ ބުނުމަކުން، ދައްކާ ވާހަކަޔަކުން ނުވަތަ ލިޔާ ލިޔުމަކުން މީހެއްގެ އަބުރަށް އަރައިގެންފިނަމަ އެ އަމަލު ހިންގިފަރާތުން އެއީ ތެދެއްކަން ކޯޓްގައި ސާބިތު ނުކޮށްދީފިނަމަ އަދަބު ދެވެން ޖެހޭނެ.