މީޑިއާ ބިލާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް ފަހު އެމްޖޭއޭ އިން ނޫސްވެރިންނާ ބައްދަލުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
28 އޯގަސްޓް 2025 - 20:45
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުން ބޭރުކުރަން 21 އަމިއްލަ ޖަމިއްޔާއަކުން މިއަދު ގޮވާލައިފި އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އިތުރު 20 ޖަމިއްޔާއެއް ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އެ ބިލަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތިކޮށްލާނެ ބިލެއް ކަމަށެވެ. ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމުގެ ރައްކާތެރިކަމަށްޓަކައި އެ ބިލު މިހާރުން މިހާރަށް މަޖިލީހުން ބޭރުކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެއީ، އެމްޖޭއޭގެ އިތުރުން ހިއުމަން ރައިޓްސް ވޮޗް، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލަސިސްޓްސް (އައިއެފްޖޭ)، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)، ޓްރާންސްޕޭރެންސީ މޯލްޑިވްސް، އިންޓަނިއުސް، ސައުތު އޭޝިއާ ފޯ ހިއުމަން ރައިޓްސް އަދިވެސް އިތުރު އެހެން ވަރަށް ގިނަ، ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތައް ގުޅިގެން ނެރުނު ބަޔާނެކެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލު ފާސްކުރުމަށް ފަހު އުފައްދާ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދެވޭ ގޮތަށް އޮތުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ބޮޑެތި އަދަދުތަކުން މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތަށް އޮތުމަކީ ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާތަކުން ބުންޏެވެ.
މިފަދަ ބިލެއް އެކުލަވާލަން ޖެހޭނީ ނޫސްވެރިންނާއި މީޑިއާތަކުގެ މަޝްވަރާ ހޯދައިގެން ކަމަށް ވާތީ، ބިލު އަނބުރާ ގެންދަން މި ބިލު ހުށަހެޅުއްވި، ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނަށް ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.
"މީޑީއާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހަށް ބަލައިގަތީ ދައުރުން ބޭރުގައި މަޖިލީހުން އިއްޔެ ބޭއްވި ޖަލްސާގައި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ފުރިހަމަ ތާއީދާއެކު އެވެ.
އެ ބިލު ބަލައިގަނެ، ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ. އަދި އެ ބިލަށް އާންމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކޮމިޓީން މިއަދު ވަނީ ހުޅުވާލައިފަ އެވެ.
އެމްޖޭއޭ އާއި ބައެއް ސީނިއާ ނޫސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ މި ސަރުކާރަކީ 100 ޕަސެންޓް "މިޑިއާ ޕްރޯ" ސަރުކާރެއް ކަމަށް ވިދާޅުވެފަ އެވެ. މީޑިއާ ރެގިއުލޭޓް ކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި އަދި މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމުގައި ވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅުނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ހުށަހެޅި އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ނޫސްވެރިން މިއަދު ވެސް ވަނީ ރައީސް އޮފީސް ދޮށުގައި އިހުތިޖާޖުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުބެއްޔާ
30 August 2025
ބެއްޔާ އެންމެ ދެރަވަނީ 21 ޖަމިއްޔާއަކުން ބިލް ބޭރުކުރަން ގޮވާލިއިރު ބިލް ހުށައެޅި ހަންނާނު ވީތަނެއްގެ ހަބަރެއް ހިމެއްވެސް ނެތީމައެވެ. ދޮންކަލޯ ފިލާނުހުރެ ރައްޔިތުންގެ ހައްގުގާ ބަހެއްބުނެލާން ނުކެރިފަ ތިހުރީ ކީއްވެހެއްޔެވެ؟
މުލޭ
30 August 2025
މީހުންގެ އަބުރާއި ޢިއްޒަތުގެ ވާހަކަ ގާނޫނު އަސާއިން ނުފެނޭތަ ނޫސްވެރިންނަށް. ހަމައެކަނި މީޑިއާގެ މިނިވަންކަންތަ ފެންނަނީ. އެއްގޮތަކަށް ވެސް ބިލް ބޭރުކޮށްގެން ނުވާނެ. އެއްވެސްކަމެއްގައި އިމެއްނެތް މިނިވަންކަމެއް ނުދެވޭނެ. ތިމީސް މީހުންނާ ބެހޭގޮތުން ދޮގުވާހަކަތައް ލިޔަންފަށައި ތިމީސްމީހުންގެ އަބުރު ކަތިލަން ފެށީމަ ނޫނީ ތިމީހުންނަށް ވިސްނޭނެހެން ހީނުވޭ.
ރާވެރިބެ
30 August 2025
މުޅި ދުނިޔެއިން އެދުނަސް މިސަރުކާރުން ތިކަމެއް ނުކުރާނެ. އެއަށް ވުރެ މާބޮޑަށް މީޑިއާ ދެކެ ބިރުގަނޭ. އަޑު އަހަން ބޭނުންވަނީ މުޅިން ސަނާ ކިޔާ އަޑު. ސަރުކާރުން ކުރާ ކަންކަމަށް ފާޑު ކިޔާތީ ކެތެއް ނުވޭ.
އެންޓާރެސް
29 August 2025
ގާނޫނު އަސާސީގައި އޮއްވާ ނޫސްވެރިންނަށް ފެންނަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ އެކަނިހެން ހީވޭ! ގާނޫނު އަސާސީއާއި އިލާހީ ގާނޫނުގައިވެސް އަނެކާގެ އަބުރާ އިއްޒަތުގެ ރައްކާތެރިކަމާ މިނިވަންކަމުގެ ހައްގު އޮތްކަން ނޭނގެނީ ކީއްވެ؟ އަނެކުންގެ މި ހައްގަށް އަރައިގަތުމަކީ މައްސަލައެއް ނޫނޭ ތި މީހުން ބުނާކަހަލަ. އެހެންވެ ނޫންތޯ ބައެއް ނޫސްވެެރިންގެ ކަމަކީ ބުހުތާނު ދޮގު ފެތުރުމާ މީހުންގެ އަބުރުކަތިލުންކަމަށް ވެފައި އޮތީ. މިކަން ހުއްޓުވެންވާނެ.
އަންތަރީސްް
29 August 2025
އަޖައިބު އަންތަރީސް! ކަންކަން މޮނިޓަރކޮށް ރެގިއުލޭޓްކޮށް ފިޔަވަޅު ނޭޅޭތީ އެންމެ ގިނައިން ފާޑުކިޔަނީވެސް ތިމީހުން. އެކަަމަކު ނޫސްވެެރިކަން ވިއްޔޯ ލާހޫރެން ދޫކޮށްލަން. މައުސޫމް މީހުންގެ އަބުރު ނަގައިލައި، ހިތަށްއެރިހާ ދޮގެއްވެސް ފެތުރުމަކީވެސް މިނިވަންކަމޯ. ސިޔާސީ އަދި ޒާތީ ހަސަދަ ފިލުވަން އޮތް ނިވާފަތްގަނޑަކަށް މިތާގެ ނޫސްވެރިކަން މިހާރު ވެފަަ އޮތީ. ދޮގެއް ތެދެއް ވަކިވާވަރެއް ނޫން. މާދަމާ މަ ހަދާފާނެ ރާބޯ މީހަކަށްވެސް. މިކަންކަން ހުއްޓުވެންވާނެ!
އޮޑިހަނު
29 August 2025
ކޮބާ އަހަރުމެން ރައްޔިތުންގެ ހައްޤު؟ ކޮންމެ ކޮންމެ މީހަކަށް "ނޫސް" ވެރިއަކަށްވެ، "ނޫހެއް" ހަދައި ހަމަ އަބުރު ކަތިލައި ހަދަނީ އެއްވެސް ބެލުމެއް ނެތި. ކުޑަ ދަރިފުޅު ސްކޫލަށް ދާތަން އެބަ ފޮޓޯ ނަގާފަ ޖަހާ އެއްވެސް ބެލުމެއް ނެތި. އަދި އެކަމާ މައްސަލަ ޖެއްސުމުންވެސް އޭތި ނުނެގި.
ޔަހުޔާކާޅު
29 August 2025
ހައްތާވެސް އުވާލަންޖެހޭ .. ޖަމްއިއްޔާތައް.
ޖަމީ
28 August 2025
ކޮބާ ވޭޕު މަނާކުރީ ޖަމިއްޔާތަކުން ގޮވީމައެއްނު؟ އެހެންވީމަ ބިލު އަނބުރާ ގެންދަމާ؟؟