ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ދޭ ގޯތިތަކުގެ އާ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ
28 އޯގަސްޓް 2025 - 21:54
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1،200 އަށް ވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން ދޫކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް ޖުމްލަ 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށް ފަހު، ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅިފަޅުން ދޭގޮތަށް ހަމަޖެއްސި އެވެ. އެހެންވެ، ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅަން ވަނީ ގުރުއަތު ނަގައިފަ އެވެ.
އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ ފުރަތަމަ ދުވަހެވެ. އެކަމަކު ގޯތި ލިބުނު ބައެއް މީހުން ދަނީ ގޯތިތަކުގެ ރަޖިސްޓްރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދައިފަ އެވެ. އެއީ އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ހައުސިން މިނިސްޓްރީން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވިޔަސް، އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާ އެކު، އެތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ނުވަތަ ބިމުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ގޯތި ދޭނެ ސަރަހައްދުތައް ކަނޑައެޅީ އަލުން ގުރުނަގައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރީގެ ސަރުކާރުން އެ މީހުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރިކަން ފާހަގަވި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ. އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކަ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫބެ
30 August 2025
ކޮންމެ ސަރުކާރަކުން އައިސް ރަޖިސްޓަރީއޭ ކިޔާފަ ފޮތްގަނޑެއް ހަވާލުކުރީމަ ވީތޯ؟ ކޮބައިތޯ ބިން؟ އެ ލިބޭނީ ކޮން އިރަކުންބާ؟
އޮނަރަބްލް އަފީފު ދީދީ
29 August 2025
ދައުލަތުގެ ހުރިހާ މުައްސަނދި ކަމަކާއި ވަސީލަތް ތަކުގެ މައްޗަށް ދައުލަތުގެ ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާން ތިބި ކ.މާލޭ މީހުން ވެެރިވެގެންފި. ނަތީޖާ އެއްގެ ގޮތުން ތުރާކުނުން އައްޑުއަށް ހިމެނޭ ރާއްޖޭގެ ރަށްތަކުގެ ރައްޔިތުނަށް ވަނީ "ކުލީ އަޅުންގެ ގޮތުގައި" ކ.މާލޭ މީހުންގެ ގެދޮރާއި، އާމްދަނީ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި މާލޭސަރުކާރުން އެރަށު މީހުނަށް ދީފައިވާ ފުލެޓްތަކާއި، ހުޅުމާލެއިން ބަހާލި ބިންތައް ކުއްޔަށް ހިފައިގެން އެތަންތަނުގައި ދިރިއުޅެން.
ނަފާ
29 August 2025
މިނިސްޓަރ މުއްތަލިބަކަށް މިކަމެއްނުވާނެ އަދި ދެވަނަބުރުންދޭ ގޯތިތައް އޮތްގޮތައް އޮތީ ސަރުތު ހަމަވާ ރައްޔިތުންނަން ގޯތިތައް ހަވަލުކޮއްދެއްވާ ރައިސްވިދާޅުވީ ދިންތަނަކުން އެއަށްވުރެ ރަގަޅަށް ދޭނެ ކަމަށް ކަނޑުންވިއަސް ގޯތިތަކުގެ ރަޖިސްޓްރީ ދެއްވާ އަހަރަމެން ނަފުސާނީ ނުޖުރައްވާ !!
ގުދުގުދާބެއްޔާ
29 August 2025
! ކޮބައިހޭ ބިން!
އ.މވ
29 August 2025
އެޕޮއިންޓުމަންޓު ހައްދައިގެންވެސް ރަޖިސްޓަރީ އަދި ނުލިބެއި. ގުޅީމަ ފޯނުނަގާ، އީމެއިލްކުރަންބުނީމަ އީމެއިލްކޮށް ޖަވާބުނުލިބެއި. އެތަނުން ޝަކުވާ ހުށަހެޅީމަ ނުގުޅާ! ޒިމްމާދާރު ފަރާތެއްނެތް؟ ވާނުވާގަ ކުރިޔައްމިދަނީ؟
ގުދުގުދާބެއްޔާ
29 August 2025
މިސަރުކާރު ކަންތައް ކުރަނީ އެގޮތައް ވާނުވާނެގޭ! އެއްޗެއް ބަޔަކަށް ދޭން ދެއަހަރު ސުލޯ ސަރުކާރު!