ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ: ސީއެސްސީން މުސްކުޅިކޮށް ވަކިކުރާއިރު ހިދުމަތުގެ މުއްދަތު ގުނާގޮތަށް ވަނީ ބަދަލު ގެނެސްފައި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
03 ސެޕްޓެމްބަރ 2025 - 15:28
ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނާއިރު ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނައިގެން ގުނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.
ސީއެސްސީން ބުނިގޮތުގައި ވަޒީފާ އިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ނިންމާފައިވާ ކަމަށެވެ.
އެހެންވެ، މިހާރު ސިވިލް ވަޒީފާގައި ތިބި މުވައްޒަފުންގެ އެފަދަ ވަޒީފާއެއްގެ ރެކޯޑެއް އޮތްނަމަ، ބާ ކައުންސިލްގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާ ބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ތައްގަނޑު ޖެހުމަށްފަހު، ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބަޔަށް އަޕްޑޭޓްކުރަން އެދޭ ކަމަށް ސީއެސްސީން ނެރުނު އިއުލާނުގައިވެ އެވެ.
އެ އިއުލާނާ އެކު ވަނީ ސީއެސްސީގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުގައި ލާޒިމުކުރާ މައުލޫމާތުތައް ހިމެނޭހެން، ތަޖުރިބާ އަންގައިދޭ ލިޔުން ތައްޔާރުކުރާނެ ގޮތުގެ ނަމޫނާއެއް ވެސް ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުބެއްޔާ
04 September 2025
އެސްޓީއޯ ނުވަތަ އެމްޓީސީސީގަ އުޅުފެފަހުރި "ބޭފުޅަކު" ސިވިލްސާވިސްގެ ހިދުމަތުން ރިޓަޔަރ ކުރައްވަނީބާ!!!!!!
އަޒީބެ
04 September 2025
ދެން ކީއްވެތޯ ސިވިލް ސާވިސް ވަޒީފާއަށް މީހުން ހޮވާއިރު ދައުލަތުގެ ހިއްސާ އޮންނަ ތަންތަނާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގައި އުޅެފައިވާ މުއްދަތު އެކްސްޕީރިއެންސް ގެ ގޮތުގައި ނުބަލަނީ... ވަރަށް އަންފެއަރ ކަމެއް ދޯ..؟
ތަނަކޫނު
04 September 2025
މިއީ އަންނަން އޮތް ޖީލުތަކަށްވާ ހިޔާނާތެއް. ހަމަހަމަކަން ގެންނަނީޔޭ، ހާމަނައިޒޭ އެންމެ ގިނައިން ކީ ރިޔާސީ އިންތިހާބު މިއީ. ދެން މުސާރަ ބޮޑުކުރަން ވައުދުވީ މަހު، މުސާރަ ބޮޑުކޮށްދީފަ، ރިޓަޔަމަންޓު ބޮޑުކޮށްދީފަ، ދައުލަތުގެ ފައިސާ ވަކި ބަޔަކަށް މިހެން އުމުރަށް ބަހާލުމަކީ ބޮޑު ނަހަމަ ކަމެއް! ބޮޑު ނާ އިންސާފެއް! ބޮޑު ކަރަޕްޝަނެއް!
ހުސައިން
04 September 2025
ކޯހުގައި އުޅުނު މުއްދަތުވެސް ހިމަނާލިނަމައޭ ހިތަށް އަރާ. 5 އަހަރު 7 އަހަރު ކޯހެއްގައި އުޅުނީމަ ބޮޑުބައެއް އެބަކެނޑޭ. ކޯރސް ނަހަދާ ހުންނަ މީހާއަށް އެދުވަސްތައް އެބަ ގުނާ. ކޯހުގައި އުޅެނީ ވެސް ސަރުކާރުން ފޮނުވައިގެން ނުވަތަ ހުއްދަ ދީގެން.
ކީސްކުނޑި
04 September 2025
ޕުރީ އިސްކޯލު ދުވަސްވަރުވެސް ހަމަ ލާންވީ. ސަރުކާރު ވަޒީފާޔަށް ދާން ރެޑީވާން އަކުރު ފިލި ކިޔެވީތީ. ކިހާ ބޮޑުވެއްޖެ ކަމެއްތަ މިއީ!
ޑަރޯގާ
04 September 2025
ތިޔައީ ސަރުކާރަށް ޚިދުމަތް ކުރީމަ ލިބޭ އެއްޗަކަށް އޮތުން ބަލައެއް ނުގަނެވޭ. ދެންޏާ ރާއްޖެއަށް ޚިދުމަތް ކުރާ އެންމެނަށް ދޭންޖެހޭނެ. އެހެން ނޫނީ ދިނުން ހުއްޓާލާ
ފިނދަނަ
03 September 2025
ދަނޑުވެރިން އުމުރު ދުވަހު ދަނޑުވެރިކަން ކުރުމުން އެ ނުވޭދޯ ދައުލަތަށް ހިދުމަތް ކުރި ކަމަކަށް. ދަނޑު ނުހައްދާނަމަ ދިވެހި ގިތެޔޮ މިރުސް، ފަޅޯ، ތޮރާ، ކަރާ ނުލިބުނީސް ރައްޔިތުނަކަށް. ސިވިލް ސަރވިސް މީ މާ މާތް ބަޔަކީތަ؟
ގައުމު ރޮލާ ކެޔުން
03 September 2025
އަހަރެން ހިތުން އިނާޔަތްތަކާމެދު ގޮތް ނިންމުމަކީ ޕޭކޮމިޝަނުގެ މަސްއޫލިއްޔަތެއް. ދެން އުމުރުދުވަހު ބޮޑު މުސާރައިގަ ކުންފުނިތަކުގައި އުޅުމަށްފަހު ފަންސާސްފަހެއް ވީމަ ސަރުކާރު އޮފީހަކަށް ގޮތަކުން ވަދެލައި އެ ވީ އުމުރު ދުވަހަށް ރައުސުލް މާލުން ބަޔެއް ނަގަން. މިފަހުން ފަހާލި ޕޮލިޓިކަލް މީހުންގަނޑުން ބަޔެއް ސިވިލް ސަރުވިހަށް ވައްދާފައި ރާޑަރަށް ނާރާގޮތަށް ބައިތުލްމާލުން އުމުރު ދުވަހު ބައި އެޅޭ ގޮތަށް ފަހިކުރަން ގަތް ގަނޑަކާ ވައްތަރީ.
ރައްޔިތު
03 September 2025
ސިވިލްސާރވިސަސް ވަޒީފާ ގައި އުޅޭ މީހުން ވަކި މުއްދަތަކަށް ވަޒީފާ އަދާ ކުރުމަށްފަހު ރިޓަޔަރ ކުރުމުން އެމީހަކު ވަޒީފާގައި އުޅުނު ޖުމްލަ ދުވަސްތަކަށް ބަލައި އެދުވަސްތައް ކަލްކިއުލޭޓް ކުރުމަށްފަހު އެމީހަކަށް މާލީ ޢިނާޔަތް ދޭކަމަށްވޭ. އެކަމަކު ދައުލަތުން ރައޔިތުންނަށް އަސާސީ ޚިދުމަތްދޭ ސަތޭކަ ޕަސެންޓް ދައުލަތުގެ ކުންފުނިތަކުގައި އެތައް އަހަރަކު ޚިދުމަތް ކޮށްފައި ވަޒީފާއިން ވަކިވާ މީހާއަށް މާލީ ގޮތުން މިދެންނެވި ގޮތަށް އެއްޗެއް ނުލިބޭ..މިއީ އިންޞާފުތޯ
ޗަކް
03 September 2025
ތިގޮތަށް ދެވެނީ އެންމެންނަކަށް ނޫން. ޕޭ ކޮމޮޝަނުގެ އައު އޮނިގަނޑުގައި ހިމެނޭ ޓީޗަރުންގެ ފަންތިއާއި ސިއްހީދާއިރާގެ ޕްރޮފެޝަނަލުން 60 އަހަރު ޚިދުމަތުގައި އުޅުނަސް ރިޓަޔަރ ކުރާއިރު ބަލާނީ 30 އަހަރަށް. އެދޭ އެއްޗެއް ދެނީވެސް 30 އަހަރު ވަޒީފާގައި އުޅުނު ކަމަށް ބަލައިގެން. އަނެއްކާ އެހެން ސިވިލްސާވަންޓުންނާ ޚިލާފަށް މަހުންމަހަށް އެލަވަންސެއްވެސް ނުލިބޭނެ.
ކޯނީ
04 September 2025
ޕެންޝަން އޮފީހަށް ކޮންމެ މަހަކު ޖަމާކުރާނެ ރިޓަޔަމަންޓަށް ލާރި ކޮންމެ ވަޒީފާއެއްގަވެސް. އޭގެ ބޭރުން މިދެނީ ހަމަ ނާއިންސާފުން ދޭ ޑަބަލް ޕެންޝަނު. ނާއިންސާފަކަށްވަނީ ވަކި ތަނެއްގަ އުޅުނީތީ އެމީހުނަށް ދައުލަތު ހަރަދުގައި ފައިސާ ދޭތީ.
އިންފްލޭޝަން
03 September 2025
ސިވިލް ސާރވިސް ކޮމިޝަނުގައި ތިބޭ އުސޫލު ހަދާ މީހުންނަކަށް ނޭނގޭ އިންފްލޭޝަން އެއީ ކޮންޗެއް ކަމެއް.
12061987
03 September 2025
މިހާރު ވެސް ޑަބަލް ޕެންޝަންގެ މައްސަލަ ބޮޑުވެފައި އޮތް އިރު، ބަޔާނީ މަންފާގެ ޕެންޝަން (ޑިފައިންޑް ބެނެފިޓް ޕެންޝަން) އަށް ކުރާ ހޭދަ އިންތިހާ އަށް އިތުރުވާނެ ގޮތް ތިޔަ ހަދަނީ.