މޭޖާ ޖެނަރަލް ރިޓަޔަޑް އަދި އެންސީޓީސީގެ ޑިރެކްޓަ ޖެނަރަލް ވައިސް ވަހީދު: އޭނާ އަށް ލިބުނު ފްލެޓެއް އަތުލީ ދޮގު މައުލޫމާތު ދީފައި އޮތުމުން، ރަނގަޅަށް ކަމަށް ވަނީ ހުކުމްކޮށްފައި.
17 ސެޕްޓެމްބަރ 2025 - 10:33
ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު ސިފައިންގެ ވަޒީފާގައި ހުންނެވި އިރު ސައްހަ ނޫން މައުލޫމާތު ހުށަހަޅައިގެން ސިފްކޯގެ ފްލެޓެއް ހޯދުމުން އެތަން ހަވާލުނުކުރަން ސިފްކޯއިން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވައިސް ވަހީދުގެ ދައުވާގައި ބުނެފައި އޮތީ "ސިފްކޯ ހިޔާ" މަޝްރޫއުގެ 300 ފްލެޓަށް ކުރިމަތިލާން ނޮވެމްބަރު 28، 2013 ގައި އިއުލާނުކުރުމާ އެކު، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ހުށަހެޅުމުން އެ ބަލައިގަނެ ފްލެޓަށް ފުރަތަމަ ޕޭމަންޓް ބަލައިގަނެ ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް އަދި ފްލެޓްގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.
އެކަމަކު ވައިސް ވަހީދު ފްލެޓަށް ފޯމު ހުށަހެޅި އިރު ވެސް އޭނާގެ ނަމުގައި 600 އަކަފޫޓުގެ ބިމެއް މާލޭގައި އޮތްކަން އެނގުމުން ފްލެޓް ހަވާލު ނުކުރަން ނިންމީ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމާ އެކު ދެފަރާތުގެ ދެމެދުގައި ވިޔަފާރީގެ އަގުދެއް އުފެދިފައިވާ ކަމަށާއި ފްލެޓް އަތުލުމަކީ އެއްބަސްވުމާ ހިލާފުވުން ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.
ހުކުމުގައިވާ ގޮތުން، ފްލެޓް ގަންނަ ފަރާތަކީ، މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި އަދި ގިރާވަރު ފަޅު ހިމެނޭހެން، މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައިވާ މީހެއް ނަމަ، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ތަނެއް ދޫކޮށްލާނެ ކަމަށް އެއްބަސްވުމުގައި އޮވެ އެވެ. ހަމަ އެ އެއްބަސްވުމުގައި، ބިމާއި ގޯތިގެދޮރާއި ފްލެޓާ ބެހޭ ގޮތުން ދީފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތުކަން ސާބިތުވެއްޖެ ނަމަ އެ ހިސާބުން އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ.
ޝަރީއަތުން އިތުރަށް ބެލި އިރު 3،800 އަކަފޫޓުގެ ހ. ސޯސަންވިލާ، ވައިސް ވަހީދު ހިމެނޭހެން ހަ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތުމަށް ފަހު އޮކްޓޫބަރު 1، 2014 ގައި އެ ގޯތި ދެ ބަޔަކަށް ބަހާލި އެވެ. އަދި އޭގެ ތެރެއިން 1،900 އަކަފޫޓުގެ އެއްބައި ވައިސް ވަހީދާއި އިތުރު ދެ މީހަކަށް ހަމަހަމައަށް ލިބޭ ގޮތަށް ރަޖިސްޓްރީ ހަދާފައިވެ އެވެ. ހުކުމުގައިވާ ގޮތުން ވައިސް ވަހީދު ވެސް އޭނާއަށް މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮތް ކަމަކަށް އިންކާރެއް ނުކުރެ އެވެ. އަދި އޭނާ އަކީ މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮތް މީހެއްކަން އޮޅުމެއް ނެތި އެނގޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
އެހެންވެ ހުކުމުގައިވަނީ ވައިސް ވަހީދު އެއްބަސްވުމާ އެއްގޮތަށް، ގޯތި ދޫކޮށްލާފައި ނުވާކަން އެނގޭ ކަމަށެވެ. މި ހާލަތުގައި، "އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް" ޝަރީއަތުން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
"... ދައުވާކުރާ ފަރާތުން ބުނެވުނު އެއްބަސްވުމުގެ 14 ވަނަ މާއްދާއާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން ދައުވާކުރާ ދައުވާ ލިބޭ ފަރާތުގެ ބަހުންނާއި، ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާ އެކު، ސިފްކޯގެ ފަރާތުން ދައުވާކުރާ ވައިސް ވަހީދަށް ފްލެޓް ހަވާލުކޮށްފައިނުވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައެޅޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި މިގޮތުގެ މައްޗަށް މި ގަޒިއްޔާ ނިންމަންޖެހެ އެވެ." ގާޒީ އަބްދުއްނާސިރު ޝަފީގުގެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަތޫ
17 September 2025
600 އަކަފޫޓަށް ވުރެ ކުޑަ ފުލެޓްހުރި މީހުނަށް ވެސް ފުރުސަތެއް ދީ، ފުލެޓް ބަދަލު ކޮއްލަން ނަމަވެސް.
ވައިސް އަމީރު
17 September 2025
ތިޔަ މައްސަލާގައި ވައިސް ވަހީދުއާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާއާއި މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކުރަންޖެހޭ
މަރީނާދީދީ
17 September 2025
ރަނގަޅު. އެއްވެސް މީހަކަށް 2 ގޯތި ނުވަތަ 2 ފްލެޓް ނުވަތަ ގޯއްޗެއްއޮއްވަ ފުލެޓެއް ދީގެން ނުވާނެ. އިތުރަށް ފްލެޓެއް ނުވަތަ ބިމެއް ބޭނުންވާނަމަ ވިއްކާ ތަންތަނުން ފައިސާ ދީފަ ގަންނަންވީ.
ސިފްކޯ 2.0
17 September 2025
ވައިސް ވަހީދު ފަދަ މާލޭގަ ބިންއޮތް މާލޭ ބޭފުޅުން ތިހެން އުޅުއްވީމަ އާދައިގެ މީހާ ކިހާ މަކަރެއް ހަދާނެ؟
ސަނދުބަަރަކާ
17 September 2025
ރިޓަޔަރ ކޮށްފާ މިއަދު އޭނަގެ ބާރެއްނެތީމަ އަތުލެވުނީ، ނުފޫޒު އޮތް މީހެއްނަމަ ލާހިކެއްނޫން އަތުލާކަށް، ކިތަށް މީހުންނަށް އެއޮތީ ދެތިން ފްލެޓް ލިބިފަ
ވޯލް
17 September 2025
އެހެންވީ "ވައިސް" އެއް ނުވިތާ.
ތިވަރަކުންނުފުދޭ
17 September 2025
ދޮގުމައުލޫމާތު ދިނުމުގެ ކުށުގެ އަދަބު ކޮބަޔޯ؟
ސަސި
17 September 2025
އެހެންވީމަ މަރުހަބާ ވައިސް
ކަޅުސޮރު
17 September 2025
ކީކޭ ދެން ބުނާނީ ﷲ ގަންދީ ހުވާ ކޮށްގެން ތިބޭއިރު ހަމަ އެކައްޗެއްވެސް ހިތަށް ނާރާ؟ ހިތަށް އަރާ އުމުރު ދެބައިން މައްޗަށް ގޮސް އަދުތޯ މާދަންތޯ ވެފަ ތިބޭއިރުވެސް މަރުވީމަ މުދާތައް ނުގެންދެވޭނެ ކަން ހިތަށް ނާރާބާއޭ...!؟