އެ ކުންފުންޏެއްގެ ވަޒީފާ އަށް ވަދެ އެންމެ ދުވަހެއް ވާ މުވައްޒަފަށް ވެސް އެ ވަޒީފާގައި ހޭދަކުރި މުއްދަތަށް ބެލުމެއް ނެތި ފްލެޓު ލިބެ އެވެ. އެ މުވައްޒަފަކަށް ފްލެޓު ލިބެނީ އެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާތީ ކަމަށް ވިޔަސް އެ ހައިސިއްޔަތު އެންމެ މަހަކުން ގެއްލުނަސް ފްލެޓު ދާއިމީވީ އެވެ. ސިޔާސީ ގޮތުން ވަޒީފާ ހޯދަނީ ދާއިމީވާނެ ކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތި ކަމަށް ވިޔަސް އެ ބާރުވެރިކަން ގެއްލުނަސް އެ ކުންފުނީގެ "ޕްރިވިލެޖު" ގެ ދަށުން ބޯހިޔާވަހިކަން ކަށަވަރުވެ އެވެ. 

މިއީ ދައުލަތުގެ ކުންފުނިތަކާއި ސަރުކާރުގެ ބައެއް އޮފީސްތަކުގެ މުވައްޒަފުންނަށް އެ ތަންތަނުން ހިންގާ ހާއްސަ ހައުސިން ސްކީމްތަކުގެ ތެރެއިން ނުކުންނަ ހަމަހަމަކަމާއި ނާއިންސާފުގެ މިސާލުތަކެކެވެ. އާ ވާހަކަތަކެއް ވެސް ނޫނެވެ. ދައުލަތުގެ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުން ހިންގާ ހައުސިން ސްކީމްތަކާ މެދު އަބަދުވެސް ޝަކުވާ އޮވެ އެވެ. އެއީ ރަނގަޅު ނިޔަތެއްގައި ދޫކުރާ ފްލެޓުތަކެއް ކަމަށް ވިޔަސް އެކި ސްކީމްތަކުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. 

ބައެެއް ފަހަރު އެ ސްކީމުތަކުން ފްލެޓުތައް ދޫކުރަނީ އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގެ ވަޒީފާގައި އުޅޭ މީހުންގެ ދިރިއުޅުމުގެ ހާލަތަކަށް ރިއާޔަތް ކޮށެއް ނޫނެވެ. އެ ކުންފުންޏެއްގެ ބޯޑުގެ ބާރު އޮތް ކޮޅަކަށް "ނުފޫޒުގެ ތެރެއިން" ނިންމާ ފަހަރު ވެސް ދިމާވެފައި އެބަހުއްޓެވެ. އެ މައްސަލަތައް ފެންމަތިވެ، ދައުލަތުގެ ކަމާ ގުޅޭ މުައްސަސާތަކުގެ ރިކޮމެންޑޭޝަންތައް ވެސް ލިޔުމުން ދީފައި ވެ އެވެ.

އަނެއްކޮޅުން "ހާއްސަ ސްކީމް" ތަކުގެ ތެރެއިން ދޫކުރާ ފްލެޓުތައް ކުއްޔަށް ދޫކޮށްގެން ބޮޑު އާމްދަނީއެއް ހޯދާ އެތައް އާއިލާއެއް އެބައުޅެ އެވެ. އެއް މިސާލަކީ ސިފައިންނާއި ފުލުހުންނަށް ދޫކޮށްފައިވާ ފްލެޓުތަކެވެ. 

ދެވަނަ ފަރާތަަކަށް ކުއްޔަށް ދޫކުރަން މަނާވާގޮތަށް އެއްބަސްވުން ހަދާފައި އޮތަސް ސިފައިންނަށް ދޫކުރި ގިނަ ފްލެޓުތައް މިހާރު ވެސް ހުރީ ކުއްޔަށް ދީފަ އެވެ. ފްލެޓުތައް ލިބުނު ސިފައިންގެ ބައެއް އާއިލާތައް ދިރިއުޅެނީ އެހެން ތަންތަނުގަ އެވެ. ހުރިހާ ދިމާލެއްގައި ވެސް ފެންނަނީ ހަމަ މި މަންޒަރެވެ.

ބައެއް ކުންފުނިތަކުން މުވައްޒަފުން ވަކިވެގެން ދިޔަޔަސް އެ މީހުންގެ ވަޒީފާގެ ހައިސިއްޔަތުން ލިބުނު ފްލެޓުތައް ދާއިމީވެ އެވެ. ބައެއް ކުންފުނިތަކަށް ސިޔާސީ ގޮތުން ވަން "ނުފޫޒުގަދަ" ބައެއް ބޭފުޅުން އެ ތިއްބެވީ އެ ކުންފުނިތަކުގައި އެ ބޭފުޅުންގެ އާރާއިބާރު ގެއްލުނަސް "ހާއްސަ ބޯހިޔާވަހިކަން" ކަށަވަރު ކޮށްގެންނެވެ. މިފަދަ ނާއިންސާފު ކަންކަން ސްކީމްތަކުގެ ތެރޭގައި އެބަހުއްޓެވެ. 

ދާދި ފަހުން ބޭއްވި ސިފައިންގެ 134 ވަނަ އަހަރީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ ސިފައިންނަށް ކޮންމެހެން ލިބެންޖެހޭ ހައްގެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. މިހާރު ސަރުކާރުން ހުޅުވާލާފައިވާ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ވެސް ސިފައިންނަށް ވަކި އަދަދަކަށް ފްލެޓު ކަނޑައެޅީ އެ މަގްސަދުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އެ މަޝްރޫއުގެ ދަށުން ދޫކުރާ 7،900 ފްލެޓުގެ ތެރެއިން 2،400 ފްލެޓު ހާއްސަކުރީ އެކި ކެޓަގަރީއަށެވެ. އޭގެ ތެރެއިން ސިފައިންނަށް 100 އަދި ފުލުހުންނަށް ވެސް 100 ފްލެޓު ކަނޑައަޅާފައިވެ އެވެ. 

ރައީސް ވިދާޅުވީ މިހާރު ހުޅުވާލާފައިވާ މަޝްރޫއުން ސިފައިންނަށް ދޭން ކަނޑައަޅާފައިވާ އަދަދަކީ އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށެވެ. އެހެންވެ ކުރިމަގުގައި ވެސް އެ އަދަދު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެގޮތުން ބަލާއިރު ދިވެހި ރައްޔިތުންގެ ހިތުގައި އެންމެ މަތިވެރި ޝަރަފު އޮތް ދިވެހި ސިފައިންނަށް މި ހައްގު ލިބިގެން ދާންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މިހާރު ހުޅުވާލާފައިވާ ޕްރޮގްރާމުގައި ވަކި އަދަދެއް އޮންނާނެ،" އެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އެހެންވެ، އެ މަނިކުފާނު އިއުލާން ކުރެއްވީ މިހާރު ވެސް ސިފައިންނަށް ދޫކޮށްފައި ހުންނަ ބަންޑޭރިކޮށި ތަރައްގީކޮށް، އެ ތަނުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުއެއް ހިންގުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ޚަބަރެވެ. 

ބަންޑޭރިކޮށީގައި ސިފައިންނަށް ދީފައިވާ ޔުނިޓްތައް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބަންޑޭރިކޮށީގައި ސިފައިންނަށް ދީފައިވާ ޔުނިޓްތައް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ހިންގާ އެ ޕްރޮޖެކްޓަކީ ސިފައިންނާއި ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް ހިންގޭ މަޝްރޫއުއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަގާމުގައި ދެމި ތިބިހާ ހިނދަކު އެ ތަނުގައި އެ މީހުންނަށް އުޅެވޭނެ ކަމަށެވެ. 

ސިފައިންނަށް މުޅިން އާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނައިރު އެ މީހުންނަށް ހާއްސަކޮށް ސިފައިންގެ ކުންފުނި ސިފްކޯ އިން ވެސް ފްލެޓު މަޝްރޫއުއެއް ހިންގާފައިވެ އެވެ. ތިން ޓަވަރުގައި އިމާރާތް ކޮށްފައިވާ 345 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށް، މީގެ ދެ އަހަރު ކުރިން ފެށިގެން އެ ތަނުގައި މީހުން ދަނީ ދިރިއުޅެމުންނެވެ. 

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކެއް: އެތަންތަނަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައިވާއިރު މި ތަނުގެ ބައެއް ތަންތަން ހުރީ ކުއްޔަށް ވެސް ދޫކޮށްފައި.--- ފޮޓޯ: ފަޔާޒު މޫސާ
ސިފައިންނާއި ފުލުހުންގެ ފްލެޓްތަކެއް: އެތަންތަނަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައިވާއިރު މި ތަނުގެ ބައެއް ތަންތަން ހުރީ ކުއްޔަށް ވެސް ދޫކޮށްފައި.--- ފޮޓޯ: ފަޔާޒު މޫސާ

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި 361 ފްލެޓު އަޅާފައިވާއިރު އެ މަޝްރޫއުގެ ހާލަތުގެ ވެސް ގޯހެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުން ފެންނަ ގޮތުގައި އެ މަޝްރޫއު ހިންގާފައި ވަނީ ވެސް ވަކި ބަޔަކަށް ފައިދާވާނެ ގޮތަށެވެ.

ފުލުހުންނާއި ސިފައިންނަށް ވަކިވަކިން އަޅާފައިވާ އެ ފްލެޓު މަޝްރޫއުގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން ވެސް އެ މީހުންނަށް ވަކި އަދަދުތަކެއް ކަނޑައެޅި އެވެ. އެ މަޝްރޫއުގައި ފުލުހުންނަށް 300 އަދި ސިފައިންނަށް 300 ފްލެޓު ދިނެވެ. 

ހިޔާ މަޝްރޫއުގައި ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުން ފަދަ ކެޓަގަރީތަކަށް ފްލެޓުތައް ދޫކުރުމުގެ ނަތީޖާ މިހާރު އެ ސަރަހައްދަށް ބަލާލުމުން ވެސް އެބަ ފެނެ އެވެ. އެހެން ދާއިރާތަކާ އަޅާ ބަލާއިރު ޑޮކްޓަރުންނާއި ނަރުހުން ފަދަ ދާއިރާތަކަކީ ބޮޑު މުސާރައެއް ލިބޭ ބަޔަކަށް ވާއިރު އެ މީހުންނަށް މިހާ ހެޔޮ އަގެއްގައި މި ތަންތަން ދޫކުރުމުގެ ނަތީޖާއަކީ ސޯޝަލް ހައުސިން ސްކީމުތަކުން ލިބޭ ހިޔާވެހިކަމުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމެވެ. 

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތައް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތައް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ މި ތަންތަން، ދުވަހު ކުއްޔަށް ދޫކޮށްގެންނާއި ބޮޑު އަގުގައި އާއިލާތަކަށް ދޫކޮށްގެން އެތައް މަންފާއެއް ހޯދުމަށް ފަހިވީ ސޯޝަލް ހައުސިންއަށް "ޝަރުތު ހަމަނުވާ" ބަޔަކަށް މި ތަންތަން ދޫކޮށްލުމުން ކަމާ މެދު ޝައްކެއް ނެތެވެ. 

ކުންފުނިތަކުގެ ފްލެޓުތައް ލިބުނީ ތަނަވަސް މީހުންނަށް!

  • ސްޓެލްކޯ : ހުޅުމާލެ ދޭއްގައި 384 މެދުފަންތީގެ ފްލެޓް (އެއް ކޮޓަރީގެ 144 އެޕާޓްމަންޓާއި، 1+2 ކޮޓަރީގެ 240 އެޕާޓްމަންޓް ހިމެނޭގޮތަށް).
  • އެމްއޭސީއެލް : ހުޅުމާލެ ދޭއްގައި 384 މެދުފަންތީގެ ހައުސިން ޔުނިޓް.
  • އެމްޕީއެލް : ހުޅުމާލެ ދޭއްގައި މެދުފަންތީގެ 534 ފްލެޓު އެޅުމަށް ( އެއް ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓް)
  • އެމްޑަބްލިއުއެސްސީ : ހުޅުމާލެ ދޭއްގައި 384 މެދުފަންތީގެ ފްލެޓް. 
  • އެސްޓީއޯ : ހުޅުމާލެ ދޭއްގައި 304 ކޮޓަރީގެ އެޕާޓްމަންޓް
  • އެޗްޑީސީ : ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް

އޭގެ އިތުރުން އެމްޓީސީސީން ފްލެޓު އެޅުމަށް މަޝްރޫއު އޭރު ހިންގިޔަސް އެކަން އެކި ސަބަބުތަކާ ހުރެ ހުއްޓުނީ އެވެ. 

އެކަމަކު ހުޅުމާލެ ދޭއްގެ ބޮޑު ސަރަހައްދެއްގައި ހިންގާފައިވާ މި މަޝްރޫއުތަގެ ނަތީޖާ ރަނގަޅު ވާނީ ކިހިނެއް ހެއްޔެވެ؟

އެ މަޝްރޫއުތައް ދިރާސާކުރުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ކުރިން އެކުލަވާލާފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރި ހައުސިން ޕްރޮޖެކްޓްތައް މެނޭޖްކުރުމަށް އެކަށީގެންވާ ޕްލޭނެއް ހަދާފައެއް ނެތެވެ. އެ ފްރޮޖެކްޓުތަކުގެ ދަށުން މުވައްޒަފުންނަށް ފްލެޓް ދޫކުރުމުގައި އަމަލުކޮށްފައި ވަނީ ވެސް ހަރުދަނާ އުސޫލެއް ނެތި އެވެ.

އެ ރިޕޯޓުގައި ބުނީ އުސޫލުތައް ބައްޓަންކުރި ގޮތުން ކުންފުނިތަކުގައި މަސައްކަތްކުރާ ގިނަ ދުވަސްވީ އަދި ބޯހިޔާވަހިކަމުގެ ދަތިތަކަން ތަހައްމަލުކުރާ މުވައްޒަފުންނަށް ފްލެޓަށް އެދުމުގެ ފުރުސަތު ހަނިވާ ކަމަށެވެ. 

ސަރުކާރު ކުންފުންޏަކުން އަޅާފައިވާ ފްލެޓުތަކެއްގެ ބޭރުގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި ބަޔަކު އިށީންދެލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސަރުކާރު ކުންފުންޏަކުން އަޅާފައިވާ ފްލެޓުތަކެއްގެ ބޭރުގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި ބަޔަކު އިށީންދެލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ކުންފުނިތަކުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތައް ދޫކޮށްފައި ހުރި މީހުންގެ ތެރޭގައި ބޯހިޔާވަހިކަން ލިބިފައިވާ މީހުން ވެސް ހިމެނެ އެވެ. ފްލެޓު ގަތުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތްތައް ފަދަ ބައެއް ކުންފުނިތަކުގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ބައެެއް ބޯޑު މެމްބަރުންނަށް ވެސް ފްލެޓު ލިބުނެވެ. އަދި މިހާރު އެ ކުންފުނިތަކުގައި މަސައްކަތް ނުކުރާ މުވައްޒަފުންނަށް ވެސް ފްލެޓު ލިބިފައިވެ އެވެ. 

"ކޮންމެ ސަރުކާރެއްގައި ވެސް އެ އޮންނަ ޑިމާންޑަށް ބަލާފައި ދެނީ. އެ މީހުން ގިނަވެފައި [ސިފައިންނާއި ފުލުހުން] އެ މީހުންގެ ޑިމާންޑު ބޮޑުވީމަ އެ މީހުންނަށް ވެސް ކޮންމެވެސް ގޮތެއް ހޯދައިދޭން ވެގެން. ހަމަ ވަކި ހާއްސަ ބައެއްގެ ގޮތުގައި ދެކެނީ،"
އަކްރަމް

އެހެންވީމަ، ސަރުކާރުން މިހާ ބޮޑެތި ބިންތަކެއް ކުންފުނިތަކަށް ދޫކޮށްގެން މި ހިންގާ މަޝްރޫއުތަކުން ނަތީޖާއެއް ނެރެވޭނީ ކިހިނެއް ހެއްޔެވެ؟ ބޯހިޔާވަހިކަމަށް އެތައް ބަޔަކު ޖެހިފައިވާ އަދި ބިން ކުޑަ ގައުމެއްގައި މިފަދަ ގޮތަކަށް ތަނަވަސް މީހުންނަށް އިތުރު ފުރުސަތުތައް ލިބޭ ގޮތަށް މަޝްރޫއުތައް ހިންގޭ ނަމަ ބޯހިޔާވަހިކަމުގެ ޒަމާންވީ މައްސަލައަށް އަވަހަކު ލުޔެއް ލިބިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. 

ފްލެޓު ހާއްސަކުރަމުން އައީ މުވައްޒަފުން ހިފަހައްޓަން

މި ރިޕޯޓަށް ވާހަކަ ދެއްކި ގިނަ މީހުންގެ ވިސްނުމުގައި ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ހައުސިން ސްކީމް ހިންގައި އެ ދޫކުރުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ހައްލެކެވެ. އެއާ އެކު، އެ ސްކީމްތަކުން ފްލެޓުތައް ދޫކުރުމުގެ ކަންކަން ވަރަށް ބޮޑަށް އިސްލާހު ކުރަންޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. ހާއްސަކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަން ކުރިއަށް ނެރެން ޖެހެ އެވެ. 

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ އެކި ސަރުކާރުތަކުގައި ވެސް އެކަން ކުރަނީ އެ އޮންނަ ޑިމާންޑަކަށް ބަލާފައި ކަމަށެވެ. 

"ކޮންމެ ސަރުކާރެއްގައި ވެސް އެ އޮންނަ ޑިމާންޑަށް ބަލާފައި ދެނީ. އެ މީހުން ގިނަވެފައި [ސިފައިންނާއި ފުލުހުން] އެ މީހުންގެ ޑިމާންޑު ބޮޑުވީމަ އެ މީހުންނަށް ވެސް ކޮންމެވެސް ގޮތެއް ހޯދައިދޭން ވެގެން. ހަމަ ވަކި ހާއްސަ ބައެއްގެ ގޮތުގައި ދެކެނީ،" އަކްރަމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފިޔަވައި ކޮންމެ ވެރިކަމެއްގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ވަނީ މިގޮތަށް އެކި ފަރާތްތަކަށް އިސްކަންދީގެންނެވެ. 

ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން. --
ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން. --

އަކްރަމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް 4،000 ފްލެޓުން ވަކި އަދަދެއް ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކުރި ކަމަށެވެ. އެކަމަކު ވަކި ބަޔަކަށް ހާއްސަ ކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ގޯސްކަމެއްގެ ގޮތުގައި ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ. 

އެކަމަކު އެ ކެޓަގަރީތަކުން ހާއްސަ އެހީއަށް ބޭނުންވާ ކުދިން އިސްތިސްނާ ކުރި އެވެ. އެ ކުދިންނަށް ވަކިން ކެޓަގަރީއެއް ހެދުމަކީ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. 

"ބޯހިޔާވަހިކަން މިއީ އެންމެންނަށް ހައްގުވާ އެއްޗެއް ކަމަށް މި ބުނަނީ ދެއްތޯ. އެހެންވެއްޖެއްޔާމުން ވަކި ބައެއް ހާއްސަކޮށްގެން ނެގުން އެއީ ރަނގަޅު ކަމެއް ނޫން ކަންނޭނގެ،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ވަކި ބަޔަކަށް ހާއްސަކޮށްގެން ފްލެޓު ދިނުމަކީ އެ މުއައްސަސާއެއްގައި މުވައްޒަފުން ހިފެހެއްޓުމަށް ކުރަމުން އައި ކަމެއް ކަމަށެވެ.

"ދެން މިއީ ގޯސްކަމެކޭ ރަނގަޅެކޭ ބުނާކަށް ނުވާނެ. އެ ހިދުމަތްތަކެއްގައި ތިބޭ މީހުން ހިފެހެއްޓުމަށްޓަކައި ކުރާ ކަމެއް އެއީ. އެހެން ނޫނިއްޔާ ސަރުކާރު މުއައްސަސާތަކުގައި މީހުންނަށް އުޅެން ވަރަށް އުނދަގޫވާނެ. އެހެންވީމަ ސިފައިންނާއި ފުލުހުން ވެސް ކުރަނީ ހިދުމަތް. އެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުތަކުން އޭރު އެކަންކަން ކުރަމުން ގޮސްފައި އެ އޮތީ،" އަކްރަމް ވިދާޅުވި އެވެ.

އެކަމަކު އެ މީހުންނަކީ ވެސް ނިކަމެތިންތޯ ބެލުމާއި އެ މީހުންގެ ފިރިން/ އަނބިންގެ ބޯހިޔާވަހިކަމެއް އޮތްތޯ ބަލައި އެފަދަ ތަނެއް ނެތް ނަމަ ބޯހިޔާވަހިކަން ދިނުމުގައި މައްސަލައެއް ނޯންނަ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން [ކުރީ ސަރުކާރުގައި] ބުނެފައި އޮންނާނީ ތިބޭފުޅުން ކަނޑައަޅާ އުސޫލެއްގެ މަތިން ހޮވާށޭ. އެކަމަކު ބަލަންޖެހޭނެއޭ އެ މީހުންނަށް ގޯއްޗެއް ލިބިފައި ނެތްކަން. އާއިލާގެ އެހެން މީހަކަށް ގޯއްޗެއް/ފްލެޓެއް ލިބިފައި ނެތްކަން. އޭރުންނޭ އެ އުސޫލަށް ފެތޭނީ،" އަކްރަމް ވިދާޅުވި އެވެ.

"މިސާލަކަށް 100 ފްލެޓު ސިފައިންނަށް ދީފިއްޔާ އެ މީހުން އެ ކަނޑައަޅާ އުސޫލެއްގެ މަތިން، އެކަމަކު އަޅުގަނޑުމެން މި ބުނާ ޝަރުތުތަކަށް ފެތެންޖެހޭ ގޮތަށް. އެއީ އަނތްބަކަށް ފިރިއަކަށް ނޫނީ އެމީހަކަށް ގޯއްޗެއް/ ފްލެޓެއް އޮވެގެން ނުވާނެއޭ." 

ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކު "މިހާރު" އަށް ވިދާޅުވީ ރާއްޖެ އިން މޮޑެލްއެއްގެ ގޮތުގައި ބަލަމުން އަންނަނީ ސިންގަޕޫރުގައި ވެސް ސިވިލް ސާވިސް މުވައްޒަފުންނާއި އެކި ދާއިރާތަކަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތް ކަމަށެވެ. 

އެކަމަކު ސިންގަޕޫރުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑު (އެޗްޑީބީ) އިން ވެސް ސަރުކާރުގައި މަސައްކަތްކުރާތީއޭ ބުނެ ވަކި ކެޓަގަރީތަކެއް ނޯވެ އެވެ. އޭގެ ބަދަލުގައި އެ މީހުންނަށް ވެސް ބޯހިޔާވަހިކަމަށް ކުރިމަތިލެވެނީ ގޭބިސީގެ އާމްދަނީ އާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ފަދަ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގަ އެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނާއި ފުލުހުންނާއި ޓީޗަރުންނަށް ވެސް އެ މަޝްރޫއުތަކަށް ކުރިމަތިލެވެނީ ހަމަ އާންމު މީހުންނަށް އޮންނަ ފުރުސަތުގެ ދަށުންނެވެ.  

"ސިންގަޕޫރުގައި ވެސް ސޯޝަލް ހައުސިންގެ ހައްލު ހޯދުނުއިރު އެޗްޑީބީ ތެރެއިން އެގޮތަށް ވަކި ސެކްޓާތަކަށް ހާއްސަ ކޮށްގެން ގޮސްފައި އެބަ ހުއްޓޭ. އެހެންވީމާ އެ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ކޮމާޝަލް ހައުސިން ނުލިބޭ ކަމަށް ވަންޏާ އެ ފުރުސަތު އޮތުމަކީ ހަމަ ރަނގަޅު ކަމެއް،" މަސްލަހަތަށްޓަކައި ނަން ހާމަކުރަން ބޭނުން ނުވާ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ބަޔަކަށް ހާއްސަ ކޮށްގެން އެފަދަ ފުރުސަތުތައް ކުރިއަށް ގެންދަން ވާނީ ހަމަހަމަ ގޮތެއްގައި ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ވަކި ބަޔަކަށް ހާއްސަ ކޮށްގެން ފްލެޓު ދިނުމުގެ ފުރުސަތަށް ހުޅުވާލަން ވާނީ އެންމެ ނިކަމެތިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަހު އެވެ. 

"އެ މީހުންނަށް އިސްކަންދެވެން ވާނެއޭ. އިސްކަން ދީފައިއޭ ދެން މި ސެކްޓާތަކަށް ދާން ވާނީ." 

ސްޓެކްލޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި ކުރިން އެތަނުގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ހުސައިން ފަހުމީ ވަނީ އޭނާގެ އަމިއްލަ ހިޔާލު ވެސް އެކަމުގައި ހިއްސާ ކުރައްވައިފަ އެވެ. 

ސަރުކާރު ކުންފުންޏަކުން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ފްލެޓުތަކެއް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސަރުކާރު ކުންފުންޏަކުން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ފްލެޓުތަކެއް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަހުމީ ވިދާޅުވީ ވަރަށް ގިނަ ބަޔަކު ބޯހިޔާވަހިކަމަށް އެދި ސަލާންޖަހަމުން ދާއިރު، ދައުލަތުގެ ކުންފުނިތައް މެދުވެރިވެ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެކަމަކު ފްލެޓުތައް ދޭނެ އުސޫލު މީގެ ކުރިން ކުންފުނިތަކުން ކަނޑައަޅަމުން އަޔަސް އޭގެ ބަދަލުގައި އެކަން ސަރުކާރުން ކުރުމަކީ ދެފުށް ފެންނަ ގޮތެއްގައި ފްލެޓުތައް މީހުންނަށް ދޫކުރެވޭނެ ކަމެއްގެ ގޮތުގައި ފަހުމީ ދެކެވަޑައިގަންނަވަ އެވެ. 

"ކުރިއަށް އޮތް ތަނުގައި ކުންފުނިތަކުން އަޅާ ފްލެޓުތަކުގެ އުސޫލު ސަރުކާރުން ކަނޑައަޅާ ނަމަ އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ޓްރާންސްޕޭރެންޓް ވާނެހެން. ދައުލަތާ ގުޅިގެން ކުންފުނިތައް މަސައްކަތް ކުރުމަކީ އަޅުގަނޑަކަށް ނުފެނޭ ގޯސް ކަމެއް ކަމަކަށް. އެކަމަކު ވޭތުވެދިޔަ ތަޖުރިބާއަށް ބަލާފައި އިސްލާހު ކޮށްލެވޭނެ ކަންކަން ހުރި ކަމަށް އަޅުގަނޑު ގަބޫލުކުރަން." ފަހުމީ ވިދާޅުވި އެވެ. 

ފަހުމީ ވިދާޅުވީ ހެޔޮ އަގެއްގައި ކުންފުނިތަކަށް ފްލެޓު އެޅުމަށް ސަރުކާރުން ބިން ދޭއިރު ފްލެޓު ދޭނީ ކިހިނެއްތޯ ކޮން އުސޫލަކުންތޯ ނުވަތަ ކޮން ބަޔަކަށްތޯ ކަނޑައެޅުމުގައި ސަރުކާރުގެ ބައިވެރިވުން މުހިއްމުވާނެ ކަމަށެވެ. އަދި އެ ފްލެޓުތަކުން ވިއްސަކަށް ޕަސެންޓް އާންމުންނަށް ދޫކޮށްފި ނަމަ އާންމުންގެ ކަންބޮޑުވުންތަކަށް ލުޔެއް ލިބޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.  

އެއް އަހަރު ނުވާ މުއައްސަސާ ވެސް ފްލެޓު ލިބޭ ކެޓަގަރީގައި!

މި ފަހުން ސަރުކާރުން އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ވެސް ގިނަ މުއައްސަސާތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިން އަދި ސިވިލް ސާވިސް މުވައްޒަފުންގެ ހިމެނޭ ގޮތަށް 28 އިދާރާ ހިމެނެ އެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވެސް މި ލިސްޓުގައި އެބަ އޮތެވެ. އެކަމަކު ވުޖޫދުވިތާ އެންމެ އަހަރެއް ނުވާ މުއައްސަސާއެއް ވެސް ހިމަނައިގެން ފްލެޓު ދިނުމާ މެދު މީހުންގެ ކަންބޮޑުވުން އެބައޮތެވެ. 

ވަކި ހާއްސަކޮށް އެ މުއައްސަސާއަކީ ސަރުކާރު ބަދަލުވެއްޖެ ނަމަ، "އުވާލާނެ" ކޮމިޝަނެއް ކަމަށް އިދިކޮޅުން ބުނަމުންދާއިރު އެފަދަ ތަންތަނެއް ހިމަނައިގެން ފްލެޓުތައް ދިނުމާ މެދު ނުރުހުން އެބަ އޮތެވެ. 

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދިން ގޯއްޗެއްގެ ރަޖިސްޓްރީ މީހަކު ހިފަހައްޓާލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދިން ގޯއްޗެއްގެ ރަޖިސްޓްރީ މީހަކު ހިފަހައްޓާލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިތުރު މީހަކު ބުނީ ބޯހިޔާވަހިކަމަކީ ވަކި މީހަކު ކުރާ މަސައްކަތަކާ ގުޅިގެން ދޭން ޖެހޭ އެއްޗެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެންމެން ވެސް ވަޒީފާ އަދާކުރަނީ މުސާރަ ދީގެން ކަމަށް ވެފައި ވަކި ބަޔަކު ހާއްސަ ވާންޖެހޭ ސަބަބެއް އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ބުންޏެވެ. 

"ހައުސިންއަކީ ވަކި މީހަކު ކުރާ މަސައްކަތަކާ ގުޅޭ ކަމެއް ނޫން. އެއީ އެ މީހެއްގެ ހާލަތަށް ބަލާފައި ދޭން ޖެހޭ އެއްޗެއް. އެއްވެސް މީހަކު ހިލޭއެއް ނޫން މަސައްކަތް ކުރަނީ. އެހެންވީމަ ޕްރިވިލެޖެއް އޮންނާކަށް ނުޖެހޭ،" އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކި މީހަކު ބުންޏެވެެ. 

ބޯހިޔާވަހިކަމަށް މި ފަހަރު ރިކޯޑު އަދަދަކަށް ފޯމު!

ބޯހިޔާވަހިކަމަށް އެދި އެންމެން ފެންބޮވައިގެންފައި އޮތް މިންވަރު އެންމެ ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާންމުކުރެއްވި ތަފާސްހިސާބުތަކުން ސާފެވެ. 

"ކުރިއަށް އޮތް ތަނުގައި ކުންފުނިތަކުން އަޅާ ފްލެޓުތަކުގެ އުސޫލު ސަރުކާރުން ކަނޑައަޅާ ނަމަ އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ޓްރާންސްޕޭރެންޓް ވާނެހެން. ދައުލަތާ ގުޅިގެން ކުންފުނިތައް މަސައްކަތް ކުރުމަކީ އަޅުގަނޑަކަށް ނުފެނޭ ގޯސް ކަމެއް ކަމަކަށް.
ފަހުމީ

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ބޯހިޔާވަހިކަމަށް އެދި ހުށަހެޅީ 20،000 ފޯމު ކަމަށެވެ. އެކަމަށް އެދި ހުށަހެޅުމުގެ މަރުހަލާގައި 17،000 ފޯމު ހިމެނޭއިރު އެ އެންމެން ފޯމު ލައިފި ނަމަ ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅި އަދަދު 37،000 އަށް ވުރެ މަތިވާނެ އެވެ. އެހެންވެއްޖެ ނަމަ އެއީ ރާއްޖޭގައި މިހާތަނަށް ހުޅުވާލި ސޯޝަލް ހައުސިން ސްކީމަކަށް ފޯމު ހުށަހެޅި އެންމެ ގިނަ އަަދަދަށް ވާނެ އެވެ. 

މީގެ ކުރިން މިނިސްޓްރީން ދީފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ ސަރުކާރުން ހިންގި 4،000 ފްލެޓާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއުއަށް ކުރިމަތިލި މީހުންގެ އަދަދު އުޅެނީ 25،000 އިން ދަށުގަ އެވެ. 

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުމަށް ފޯމު ހިފައިގެން މީހުން ހައުސިން މިނިސްޓްރީގެ ބޭރުގައި ކިޔުގައި-- މިހާރު ފައިލް ފޮޓޯ
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުމަށް ފޯމު ހިފައިގެން މީހުން ހައުސިން މިނިސްޓްރީގެ ބޭރުގައި ކިޔުގައި-- މިހާރު ފައިލް ފޮޓޯ

އެ އަދަދުތަކުން ސާފުވަނީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ހާލަތު އޮތް މިންވަރެވެ. މި ސްކީމަކީ މާލޭގައި 15 އަހަރު އުޅެފައިވާ މީހުންނާއި މާލޭ މީހުންނަށް ހިންގާ ސްކީމަކަށް ވާއިރު ފްލެޓަށް ކުރިމަތިލުމުގައި ހިމެނޭ ޝަރުތުތަކުގެ ތެރޭގައި ދެމަފިރިން ކުރެ މީހެއްގެ ބިމެއް/ ގޯއްޗެއް އޮތް ނަމަ ނުލެވެ އެވެ. އެކަމަކު އެފަދަ ޝަރުތުތަކެއް އޮއްވާ މިހާ ގިނަ ބަޔަކު ކުރިމަތިލުމަކީ ބޯހިޔާވަހިކަމަށް އެތައް ބަޔަކު ޖެހިފައިވާކަން ހާމަވާ ކަމެކެވެ. 

މުއްތަލިބު ވިދާޅުވީ އެ ނަމްބަރުތަކުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ރާއްޖޭގައި އޮތް މިންވަރު ކަމަށެވެ. އަދި މި ފަހަރުގެ ޕްރޮގްރާމުގައި ބޯހިޔާވަހިކަމަށް އެދެވެނީ ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ބޯހިޔާވަހިކަމެއް ނެތް ގޮތަށް އޮތުމުން ކަމަށާއި އެހެންވެ، ކޮންޓްރޯލް ކޮށްގެން ކުރިއަށް ގެންދާއިރު ވެސް އެހާ ބައިވަރު އެޕްލިކޭޝަން ހުށަހެޅުމަކީ ބޯހިޔާވަހިކަމަށް މީހުން ބޭނުންޖެހިފައިވާ މިންވަރު ވަރަށް ބޮޑަށް ސާފުވާ ކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވި އެވެ. 

"މި ނަމްބަރުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންގެ އަދަދު. މި ފަހަރުގެ ޕްރޮގްރާމުގައި މި ލިބެނީ ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ބޯހިޔާވަހިކަމެއް ނޫނީ ބިމެއް ނެތް ކަމަށްވާ ނަމަ،" މުއްތަލިބު ވިދާޅުވި އެވެ. 

"އެގޮތަށް ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރު ވެސް މިހާ ބައިވަރު އެޕްލިކޭޝަންތައް ލިބުން ދޭހަކޮށްދެނީ އެކަމަށް ބޭނުންވެފައިވާ ފަރާތްތައް ގިނަކަން،"

ވަކި ކެޓަގަރީއެއް ނޫން، ބޭނުންވަނީ ދިވެއްސަކަށްވީތީ ލެވޭނެ ސްކީމެއް!

ރައީސް ވިދާޅުވާ ގޮތުގައި ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެކެވެ. އެއީ ދިވެއްސަކަށް ވީތީ ލިބެންޖެހޭ އެންމެ އަސާސީ ހައްގުކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތެއްގެ ގޮތުގައި ބޯހިޔާވަހިކަން ކަނޑައެޅީ އެހެންވެ ކަމަށާއި ގައުމާއި މިނިވަންކަން ދިފާއުކުރުމަށް ފަހު ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެންމެ މުހިއްމުކަމަކީ އަސާސީ ބޯހިޔާވަހިކަން ކަމަށެވެ. އެހެންކަމަށްވާ ނަމަ އެއް ބަޔަކު އުފައްދާ ސުވާލަކީ ހާއްސަ ކެޓަގަރީތަކެއް ކަނޑައަޅައިގެން އެކަން ކުރަންޖެހޭ ސަބަބެއް އެބަ އޮތް ހެއްޔެވެ؟ 

މި ފަހުން ފުލުހުންނާއި ސިފައިންނަށް ބަންޑާރަކޮށީގައި ހައުސިން މަޝްރޫއުއެއް ހިންގަން އިއުލާންކުރުމުން ވެސް އާންމުންގެ ސުވާލަކަށްވީ އެކަމެވެ. ވަކި ކެޓަގަރީއެއްގައި ނުހިމެނޭ މީހުންނަށް، ވަކި ދާއިރާއެއްގައި ނޫޅޭ ބަޔަކަށް މި މަޝްރޫއުތަކަށް ލައްވާލާނެ ދުވަހަކާ މެދު އެވެ. 

ސިފްކޯ ފްލެޓްތައް: އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވޭ --- ފޮޓޯ/މިހާރު
ސިފްކޯ ފްލެޓްތައް: އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވޭ --- ފޮޓޯ/މިހާރު

އާމްދަނީގެ ބޮޑު އަދަދެއް ކުއްޔަށް ކޮންމެ މަހަކު ހަރަދުކުރަމުން ދާއިރު ސޯޝަލް ހައުސިން މަޝްރޫއުތަކަށް މީހުން ކުރާ އުއްމީދަކީ ފްލެޓެއް ލިބިއްޖެ ނަމަ ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ލުޔެވެ. މާލޭގައި އާންމުކޮށް ކުއްޔަށް ދޫކުރާ ތަންތަނުގެ އަގާ ބަލާއިރު އެތައް ގުނައެއް ހެޔޮކޮށް ހިންގާ މި މަޝްރޫއުތަކަށް އެންމެން ވެސް އިންތިޒާރުކުރަނީ އެހެންވެ އެވެ. 

މީހުންގެ ހިތްހަމަނުޖެހުން މި މައްސަލާގައި ބޮޑުވެފައި ވަނީ ރާއްޖޭގައި އިމާރާތްކުރާ މަދު ފްލެޓުތައް ވަކި ކެޓަގަރީއަކަށް އަދަދުތައް ކަނޑައަޅައިގެން ދޫކުރުމުން ފުރުސަތު ހަނިވެ، މިކަމުން މަހްރޫމްވާތީ އެވެ. އަދި އެ ލިބޭ ބަޔަކު ވެސް ފްލެޓުތަކަށް އެތައް އަހަރެއް ވަންދެން ކުލި ނުދީ ނުވަތަ ފްލެޓު ކުއްޔަށް ދީގެން އާމްދަނީ ހޯދާއިރު އެކަމާ ގުޅިގެން އެތަން އަތުލުން ފަދަ ފިޔަވަޅެއް ސަރުކާރުން ނޭޅުމަކީ ނުރުހުން އިންތިހާއަށް އޮތް ކަމެކެވެ. 

މި ފްލެޓުތަކަށް ބަރާބަރަށް ކުލި ދައްކައިގެން އުޅެން ބޭނުންވާ އެތައް ބަޔަކު ތިއްބެވެ. 

"މިއީ މަޖާ ގައުމެއް. އާއްމު ރައްޔިތުން ބުރަ މަސައްކަތްކޮށްގެން ދައުލަތަށް ޓެކްސް ފައިސާ ދިނުމުން އެ ފައިސާއިން ދައުލަތުގެ މުއްވައްޒަފުންނަށް މުސާރަދީ އަދި އެ ފައިސާ ހަރަދު ކޮށްގެން ހަދާ ފުލެޓްތައް ވެސް ދޭން ޖެހެނީ މި މީހުންނަށް،" ނުރުހުން ފާޅުކޮށް "މިހާރު" އަށް މީހަކު ކޮމެންޓްކޮށްފައިވެ އެވެ. 

ހުޅުމާލޭގައި ކުންފުންޏަކުން އަޅާފައިވާ ފްލެޓުތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލޭގައި ކުންފުންޏަކުން އަޅާފައިވާ ފްލެޓުތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފްލެޓު ދޭނެ ވަކި ކެޓަގަރީތަކެއް ކަނޑައެޅުމަކީ އެހެން މީހުންނަށް ވެވޭ ބޮޑު ހިޔާނާތެއްގެ ގޮތުގައި ވެސް މީހުން ސިފަ ކުރެ އެވެ. ދަނޑުވެރިންނާއި މަސްވެރިންނާއި މިހެން ގޮސް ފްލެޓު ކެޓަގަރީތަކުގައި ނުހިމެނޭ އެތައް ދާއިރާއެއްގައި ދިވެހިން މަސައްކަތް ކުރަމުން އެބަދެ އެވެ. ވަކި އަދަދުތަކެއް ވަކި ބަޔަކަށް ކަނޑައަޅާ ނަމަ، ފްލެޓު ލިބެން އޮންނަ ފުރުސަތުތައް ހަނިވާނެ ކަމަށް މީހުން ދެކެ އެވެ. 

"މުއައްސަސާތަކަށް ފްލެޓް ބަހާލީމަ ނަރުސް ކުދިން ދަރިޔަކު ނެތް މީހުންނަށް ވެސް ފްލެޓް ލިބުނު ކުރިން ވެސް ތިހެން ހެދީމަ، އެކަމަކު އަހަރެމެން ދަރިންނާ އެކީ ގަނަތެޅެނީ ތަނެއް ނުލިބި،" އިތުރު މީހަކު ބުންޏެވެ.

ސަރުކާރުތަކުން މި ހާއްސަކުރަމުން އަންނަ ފްލެޓުތަކުގެ ބަދަލުގައި ދިވެހިން ބޭނުންވަނީ ދިވެއްސަކަށްވީތީ ލެވޭނެ ކެޓަގަރީއެކެވެ.

"މުއައްސަަސާތަކަށް ފްލެޓް ހާއްސަ ކުރުމުގެ ބަދަލުގައި ޝަރުތު ހަމަވާ ދިވެހި ރައްޔިތުންގެ ކެޓަގަރީ އެކަނި ބޭއްވުމުން ނިމުނީ. ވަކި މުއައްސަސާއެއްގަ އުޅޭތީ ބޯހިޔާވަހިކަން ލިބޭކަށް ނުޖެހޭނެ. އެއީ ދިވެހި ރައްޔިތަކަށްވީތީ ލިބެންޖެހޭ ހައްގެއް."

ދައުލަތުގެ ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ހާއްސަ ފްލެޓު ދޫކުރުމުން ޝަކުވާ ބޮޑުވަނީ ހަމަހަމަކަމާއި އިންސާފުގެ މައްސަލައިގަ އެވެ. ފްލެޓަށް އެދި ސަލާންޖަހާތާ އެތައް އަހަރެއް ވެފައިވާ މީހުން ތިއްވާ "ހާއްސަ ސްކީމްތައް" ތައާރަފުވެ، ހާއްސަ އުސޫލުން ފްލެޓުތައް ލިބޭ ގޮތް ވާތީ އެވެ. އަދި "ހާއްސަ ސްކީމްތަކުގެ" ތެރޭގައި ވެސް ހަމަހަމަކަން ނޯންނާތީ އެވެ.