ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުރިހާ މެމްބަރުން ވޯޓު ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މަޖިލިސް ހިންގަން މަގު ފަހި ކުރުމަށް މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ނަގާ ވޯޓުގައި ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެން، މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ޖެހެ އެވެ.

އަމިއްލަ ދަތުރުފުޅެއްގައި މި މަހުގެ އަށް ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރަށް ފުރާވަޑައިގަތުމުގެ ކުރިން ވެސް މައުމޫން ވަނީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ތާއީދު ކުރައްވައިފަ އެވެ.

އެ މަނިކުފާނު އެ ދުވަހު ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅި ވޯޓަކީ ގައުމު ހަމަ މަގަށް އެޅުވުމުގެ ފެށުމެވެ. އެ މަނިކުފާނު ވިދާޅުވީ އެ ވޯޓު ވަރަށް ރަނގަޅު އަޣުލަބިއްޔަތަކުން ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވާނީ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، އިދިކޮޅު ފަރާތްތަކަށް 42 ވޯޓު ލިބިގެންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ބޭނުންވާ އަދަދަށް މި ފަހަރު ވޯޓު ހަމަވެފައިވާ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ އިރު، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނީ ފަސޭހަކަމާ އެކު ކަމަށެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކި ކުރަން ކައުންސިލުން މިއަދު ނިންމި އިރު، ޕީޕީއެމްގެ މެމްބަރުން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ދަރުބާރު ފެކްޝަނަށް ނެތް ކަމަށް ވިދާޅުވެ އެ މަނިކުފާނު ވަކިކުރަން ކައުންސިލުން ނިންމި ނިންމުމަށް އެ މަނިކުފާނު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.