ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާ އެކު: ނަޝީދާ އެކު މަސައްކަތްޕުޅު ކުރައްވަނީ ގައުމު އިސްކުރައްވައިގެން ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
04 ޖުލައި 2017 - 00:50
ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މިވަގުތު އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް މިއަދު ހުށަހެޅުމަށް ފަހު އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވަނީ އެމަނިކުފާނާއި ނަޝީދު އެކުގައި މަސައްކަތްޕުޅު ކުރައްވާތީ އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައިފަ އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެން މިހާރު މަސައްކަތް މި ކުރަނީ ފަރުދީ ފެންވަރެއްގައެއް ނޫނޭ. ޒާތީ ފެންވަރެއްގައެއް ނޫނޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އުސޫލީ ފެންވަރެއްގައޭ،" މައުމޫން ވިދާޅުވި އެވެ.
މިހެން ވިދާޅުވުމާ އެކު އެމަނިކުފާނުގެ ވާހަކަފުޅަށް ތާއީދުކުރެއްވުމުގެ ގޮތުން، ޖަލްސާގެ ބައިވެރިން އަތްތިލަބަޑި ޖެހި އެވެ. އެ ޖަލްސާގައި އެމްޑީޕީ އާއި ޖުމްހޫރީ އާއި އަދާލަތު ޕާޓީގެ މެމްބަރުންގެ އިތުރުން އިދިކޮޅު ސިޔާސީ ހަރަކާތަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ.
"އަޅުގަނޑުގެ ފަރާތުން ވެސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން އެންމެ އެކަށީގެންނުވާ ގޮތަށް ކަންތައްތައް ކުރެވިފައި އޮވެދާނެ. އެމަނިކުފާނަށް ވެސް އަޅުގަނޑާ ބެހޭ ގޮތުން ކަންތައްތަކެއް ކުރެވިފައި އޮވެދާނެ. އެކަމަކު އެކަންތައްތައް މާޒީވެ ގޮސްފި،" މައުމޫން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި މައުމޫން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަޅުގަނޑުމެން މިހާރު ބަލަންވީ ޒާތީ ކުރިއެރުމަކަށް ނޫން، ފަރުދީ ކުރިއެރުމަކަށް ނޫން. ބަލަންވީ ގައުމަށް. އަޅުގަނޑު ދެކޭ ގޮތުގައި ގައުމަށް ރަނގަޅު ގޮތަކީ އަޅުގަނޑާއި ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރުން."
ގައުމަށް މިއަދު މުހިއްމީ، މައުމޫން ވިދާޅުވި ގޮތުގައި، އެ ދެ ބޭފުޅުންގެ ދޭތެރޭގައި ހިނގާ ކަންކަމަށް ވުރެ ގައުމީ މަސްލަހަތެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިތުބާރު ނެތް ކަމުގެ ވޯޓުގައި ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވެއްދުމަކީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ މަސައްކަތަށް ލިބުނު ނަސްރެއްގެ ގޮތުގައި މައުމޫން ސިފަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނަސްރަކީ މާތްﷲ ދެއްވާ އެއްޗެއް ކަމަށާއި ބޭނުން ގޮތަކަށް ނަސްރު ނުލިބޭނެ ކަމަށެވެ. އެހެންވެ އިސްލާމީ ރީތި އުސޫލްތަކުގެ މަތީގައި އެންމެން ދެމިތިބެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ގާސިމް ކުރެއްވި މަސައްކަތަށް ވެސް މައުމޫން ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ. ރެ އާއި ދުވާލު އެ މަސައްކަތުގައި ވަރަށް ބުރަކޮށް ގާސިމް މަސައްކަތް ކުރެއްވީ، ނުރައްކާ އޮތް ކަން އެނގިވަޑައިގެން ހުންނަވައި ހިތްވަރާއި ހިކުމަތްތެރިކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
"ކިތައް ފަހަރުތޯ ފުލުސް އޮފީހަށް ގެންދިޔައީ، ކިތައް ފަހަރުތޯ ޖަލަށް ގެންދިޔައީ. ކިތައް ފަހަރުތޯ ޝަރީއަތަށް ގެންދިޔައީ. މި ހުރިހާ ކަމަކީ ވެސް އެމަނިކުފާނުގެ މަސައްކަތަށް އެޅޭ ހުރަހެއް ކަމަކަށް ނުބައްލަވާ،" މައުމޫން ވިދާޅުވި އެވެ.
އިސްލާހީ މަސައްކަތުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މަސައްކަތް ފާހަގަކުރެއްވިއިރު މައުމޫނު ހުންނެވީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. މޫނުފުޅުމަތިންނާއި އަޑުފުޅުން ވެސް އެކަން އެނގުނެވެ.
މައުމޫން ވިދާޅުވީ އިމްރާނަކީ އެކި ކަންކަމުގައި ޚިޔާލުބަދަލުކުރައްވާ، ވަރަށް ދުވަސްވީ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އިމްރާނަކީ ވަރަށް އިޚްލާސްތެރި ގައުމަށް ވަފާތެރި، ހިތްވަރުގަދަ ބޭފުޅެއް ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މިތިބީ މިތާނގައި މިނިވަންކަމާ އެކީގައި. އެހެނެއް ނޫން އިމްރާން މިއަދު ހުންނެވީކީ. ޖަލުގެ ކުޑަ ގޮޅީގައި. އެހެން ނަމަވެސް އެމަނިކުފާނުގެ ހިތްވަރުފުޅަކަށް އެއްވެސް ބަދަލެއް ނާދޭ. އަޒުމްފުޅަކަށް ގުޑުމެއް ނާދޭ. ކުރިން ހުންނެވި ވަރަށް ވުރެ ވެސް ވަރުގަދަ އަޒުމެއްގައި މިހާރު ހުންނެވީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ސިޔާސީ ލިޑަރުން މިހާރު ފައްޓަވައިގެން އުޅުއްވާ މަސައްކަތަކީ އެއްގޮތަކަށް ވެސް ޒާތީ މަސައްކަތެއް ނޫނެވެ. މަގްސަދަކީ ސިޔާސީ ވަކި ބޭފުޅަކާ ދިމާކުރުމެއް އަދި ވަކި ބޭފުޅަކު ރައީސް ކަމަށް ގެނައުމުގެ މަސައްކަތެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިސޯޓް ހިއްސާ .އާއިލީޑަކްޓަރު .އަލަތުކައިވެންޏާ އެކު ފުލެޓް .ބެޔަސް ނުބެޔަސް .ހެއްދިޔަސް ނެހެއްދިއަސް ބެޔަސް ނުބެޔަސް
04 July 2017
ބާކީ އަހަރަކާ ދެތިންމަސް ވައުދުފުއްދޭ ކަމުގެ ކޮަޅުމަތި ނުފެނޭ !އަވަހަށް މިކަންކޮަށްދީ .ސިޔާސީ މީހުން ޖަލަށް ލުމަކީ ވައުދެއް ތޯ؟
ޑިމްޕަލަ
04 July 2017
ތިއުޅުއްވަނީ ގައުމީ މަސްލަހަތަކަށް ނޫންކަން ދިވެހިރައްޔިތުންނަށް އިނގޭ! ފާރިސް މައުމޫން އަށް ވެރިކަން ނުދެވިގެން 2018 ޖެހޭއިރު ނަށީދު އަރާނެ މައުމޫނުގެ ބޮލަ ފައިން ބޮޑު މަންޒަރު މިހާރުވެސް އަޅުގަނޑުމެންނަށް އެބަފެނޭ
ޝާނާ
04 July 2017
އަޅުގަނޑު ހިއެއްނުކުރަން ރައީސް މައުމޫން ތިޔަހެން ވިދާޅުވެދާނެ އެކޭ މަނިކުފާނު ކުރިން ދެއްކެވި ހުރިހާ ވާހަކަ އެވީ ފަރިއްސަށް ދެއްތޯ
ބެލީމޭ
04 July 2017
ކުރިންވެސް ގައުމަށް ބަލާފައޭ މަނިކުފާނު ވިދާޅުވެގެން ނަޝީދަށް ވޯޓްނުދިނީ. ކިތައް ފަހަރު ރިޕީޓްކޮށްކޮށްފަ ޓީވީ ޗެނަލްތަކުން ދައްކަދިނީ ނަޝީދު ވިދާޅުވެފަހުރި ދީނާ ފުށުއަރާ ގޮތަށްހުރި ވާހަކަކޮޅުކޮޅު؟ ގައުމަށް ބެލުމަކީ ދީނަށްވެސް ބެލުންނޫންތޯ؟ ދީނަށް ބަލަންޔާ އަދިވެސް ހަމަ އެވާހަކަތައް އެގޮތަށް އެބަހުރިނޫންތޯ؟ ޒާތީނުވިއަސް ފަރުދީނުވިއަސް ދީނަށް ފުރަތަމަ ބެލެންވާނީ.
ދއ
04 July 2017
އަންނި އަށް ވޯޓެއް ނުދެވޭނެ. ރ. ޔާމީނަށް ވެސް ވޯޓް ދޭނަމޭކޭއް ނޫން
މަނޭސް
04 July 2017
ހިސާބައްވުރެ ބޮޑަށް ވެރިކަމާ ޖާހައް ބޫތުކޭމަ ތިހެންވެދާނެ.މިހާރު ތިހުރީ ކީހާޅެން ފަރިއްސަވެނިމިފަ.ދައްކަންހުރި ތަނެއް ދައްކަވާފަ ގެންދަވާނީ
ހިނި
04 July 2017
އަންނި އަރާ ތިއެންމެން ބޭރުކުރާނެ.. ކުރިން ވެސް ހަމަހެދީ އެހެން.. އަނެއްކާ އޭރުން ހަމަ މި ހުރިހާ ވާހަކަ އިދިކޮޅަށް ޖަހާ ހަރުތާލު ކުރަން ނުކުންނާނެ... އޭނާގެ އައުވާނުން ނަށް އެކަނި ފައިދާ ވާނީ.. މިރާއްޖޭގައި ސިއާސީ މައިދާނުގައި އުޅޭ އެންމެން ބޭރުކޮއްލަންވީ.. އާ ފެށުމަކުން ފަށަން ވީ..
ރަސްޓީ
04 July 2017
ކެނެރީގޭ މުޙައްމަދު ނަޝީދު އަކީ ވެރިކަމަށް ކުފޫހަމަވާ ބޭފުޅެެއް ނޫން ކަމަށް ވިދާޅުވި ހަންދާން ނެތުނީތޯ؟ މިހާރު ދެން މަނިކްފާނު އެފަދަ ބޭފުޅަކާއެކު މަސައްކަތް ކުރަން ހުރިވާހަކަ ވިދާޅުވީމާ އަޅުގަނޑު މިހުރީ ބުނާނެ އެއްޗެ ނޭގިފަ!!!!!
ތުވާރު
04 July 2017
މައުމޫނު ވިދާޅުވީ އެއީ މާޒީއޭ
އަލިފު ބާ ދަސްކޮަށް ބަލަ
04 July 2017
މައުމޫން ވިދާލުވިތޯ ކެނެރީ ނަޝީދު ވެރިކަމަށް ކުފޫހަމަވެޔޭ އެއްފަހަރުވެސް
އިބޫ
04 July 2017
ކުރީގެ ރައީސް މައުމޫން އަދި ރަޢީސް ނަޝީދުއާއި ގާސިމް އިބްރާހިމް އަދި އިމްރާން ގުޅިގެން، މި ގައުމުގެ އިސްތިގްލާލް ސަލާމްތް ކުރމަށް ތިޔަ ކުރައްވަ މަސައްކަތުގައި ބަރަކާތް ލައްވާށި. ކުރިމަގު އުޖާލާ ކުރައްވާށި...
ޒަޢީމް
04 July 2017
އަދިވެސް ވަކި ފަރުދަކަށް ބެލިޔަސް، ސިޔާސީ ބޭފުޅަކަށް ބެލިޔަސް ރައީސް މައުމޫންގެ މަޤްބޫލުކަން އެތައްގުނައެއް އިތުރުކަމާމެދަކު އެއްވެސް ޝައްކެއް ނެތް.
ރަންއަޑު
04 July 2017
ﷲ އަކްބަރު... ﷲ އަކްބަރު... ﷲ އަކްބަރު... މާތްﷲ ތިއެންމެ ބޭކަލުންގެ ހެޔޮމަސައްކަތުގައި ބަރަކާތް ލައްވާ އަދި ކާމިޔާބީ ދެއްވާށި... އާމީން