އިސްލާމިކް މިނިސްޓަރު ޝަހީމް، އިސްލާމީ މަރުކަޒުގެ އާކިޓެކްޓް ރާއްޖެ ވަޑައިގަތުމުން އެ މިސްކިތުގެ މޮޑެލްއެއް އަރުވަނީ.
22 ސެޕްޓެމްބަރ 2025 - 20:38
މީގެ 40 އަހަރު ކުރިން ރާއްޖޭގައި ބިނާ ކުރި އިސްލާމީ މަރުކަޒުގެ ކުރެހުންތައް ކުރެއްސެވި މެލޭޝިއާގެ އާކިޓެކްޓު ހާޖީދާރު ބިން އަބްދުލް މާޖިދު ރާއްޖެ ވަޑައިގެންފި އެވެ.
އިސްލާމީ މަރުކަޒަކީ މެލޭޝިއާގެ ދުވަސްވީ މިސްކިތެއް ކަމަށްވާ ބަންގްސާ މިސްކިތް ނަމޫނާއަކަށް ބަލައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިރުޝާދުގެ ދަށުން އިމާރާތް ކުރި ރާއްޖޭގެ އެންމެ މުހިންމު އިސްލާމީ ބިނާ އެވެ.
ހާޖީދާރަށް މަރުހަބާ ދެންނެވުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ހަފުލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މައުމޫނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއާމަން އަބްދުﷲ ކަމާލުއްދީން ވެސް ބައިވެރިވެޑައިގަތެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ އިސްލާމީ މަރުކަޒަކީ "މާސްޓަޕީސް" އެއްގެ ގޮތުގައި ސިފަ ކުރައްވައި ޒަމާނީ ކޮންސެޕްޓަކާ އެކު، ސަގާފީ އިސްލާމީ އާކިޓެކްޗާއެއް ރަމްޒުކޮށްދޭ އެ ފުރިހަމަ ބިނާގެ މަސައްކަތަށްޓަކައި ހާޖީދާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޝަހީމް ވިދާޅުވީ މިއީ ތާރީހީ ވަގުތެއް ކަމަށާއި އިސްލާމީ މަރުކަޒުގެ ޑިޒައިނުގެ ފަހަތުގައިވާ "މާސްޓާމައިންޑް" އާ ބައްދަލުކުރުމަކީ ދިވެހިން ކުރަމުން އައި ދިގު އުއްމީދެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވަނީ ހާޖީދާރަށް އެ މިސްކިތުގެ މޮޑެލްއެއް ވެސް ހަދިޔާކުރައްވައިފަ އެވެ.
އިސްލާމީ މަރުކަޒުގެ އާކިޓެކްޓް ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވައި އެ މިސްކިތުގެ މޮޑެލްއެއް އަރުވަނީ.
އިސްލާމީ މަރުކަޒުގެ މުހިއްމު ކަމަށް އަލިއަޅުއްވާލައްވާ ޝަހީމް ވިދާޅުވީ އެއީ ހިދާޔަތުގެ އަލިކަމާއި އިލްމާއި އަޅުކަމުގެ ގެއެއް ކަމަށާއި ރާއްޖޭގެ އިސްލާމީ ވެރިކަމުގެ މައި ހަބު ކަމަށެވެ.
ޖުމްހޫރީ މައިދާން ކައިރީގައި ނޮވެމްބަރު 11، 1984 ގައި ހުޅުވި އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ ބިނާ އެވެ. މާލެއަށް އަރައިފައިބާ ޓޫރިސްޓުންގެ ލޯތައް ވެސް ހުއްޓޭ އެ އިސްލާމީ މަރުކަޒުގެ 133 ފޫޓުގެ މުންނާރާ އެކު ދައްކައި ދެނީ ދިވެހިންގެ އިސްލާމީ ވަންތަކަމެވެ.
ހަ މިލިއަން ޑޮލަރު ހޭދަކޮށްގެން އިމާރާތްކޮށްފައިވާ އެ ބިނާގެ މަސައްކަތަށް ސައުދީ އަރަބިއްޔާ އާއި ބުރޫނާއީ އާއި ކުވޭތާއި ޕާކިސްތާނާއި މެލޭޝިއާ އަދި ޔޫއޭއީ އިން އެހީތެރިވި އެވެ.
އިސްލާމީ މަރުކަޒުގެ އިންޖިނިއަރިންގެ ހުރިހާ މަސައްކަތެއް ކުރީ ވެސް މެލޭޝިއާގެ ކުންފުނިތަކުންނެވެ. ހުރިހާ މަސައްކަތެއްގައި އެ ގައުމުގެ ހަތަރު ކުންފުންޏެއް ހިމެނޭއިރު، އެ ގައުމުގެ ފަންސާހަކަށް މީހުން އެ މަސައްކަތްތަކަށް ގެނަ އެވެ.
އެއް ފަހަރާ 4،500 މީހުންނަށް ނަމާދު ކުރެވޭނެ އެ މިސްކިތް ހަދާފައި ވަނީ ތިން ބުރިއަށެެވެ. އިމާރާތުގެ އެންމެ ތިރީބައިގެ ބޮޑުމިނަކީ 27،066 އަކަފޫޓު ހުންނައިރު އެތަނުގައި ފަސް ކްލާހާއި ލައިބްރަރީއަކާއި ކޮންފަރެންސް ހޯލެއް ހުރެ އެވެ.
މައުމޫންގެ އިސްނެންގެވުމާއި އެ މަނިކުފާނުގެ އަގުހުރި މަސައްކަތްޕުޅުތައް ވެސް މި ތަނުން ފެނިގެންދާއިރު މިސްކިތުގެ ނަން ބޯޑުންނާއި މިހުރާބުގެ ތެރެއިން ވެސް ފެންނަނީ މައުމޫންގެ އަތު ލިޔުއްވުމެވެ. މިސްކިތުގެ ނަން "މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް" ބޯޑުގައި ލިޔުއްވީ ސީދާ މައުމޫންގެ އަތްޕުޅުންނެވެ. މިހުރާބުގެ ތެރޭގައި ފާތިހާ ސޫރަތާއި އާޔަތުލް ކުރުސި ލިޔުއްވީ ވެސް އެ މަނިކުފާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދިލް
24 September 2025
އިސްލާމީ މަރުކަޒަކީ މިގައުމުގައި ހުރި އެންމެ ނަލަ އަދި އެތަނަކަށް ވަނުމުން ހިތަށް އެތަކެއް ފަސޭހަކަމެއް ލިބޭ މިސްކިތް. ހިތާމައަކީ އެމިސްކިތް ހުޅުވީއްސުރެ ދެހާހުގެ މެދުތެރެއާއި ހަމައަށްވެސް އެ މިސްކިތުގެ މުންނާރުން އިވޭ ބަންގީގެ އަޑު މިހާރު އަޑު މަޑުކޮށްފައިވާކަން. ނުވަތަ އެކުގައި އެ ތާޅަފިލިތަކުން އަޑު ކަނޑާލާފަ މިސްކިތުގެ ބޭރުފަރާތުގެ އަސްކަނިދަށުގައި ހުރި ކުދި ތާޅަފިލިން ބަންގީގެ އަޑު އިވޭކަން. އެކަން ރަގަޅުކުރުން އެދެން.
އެޓެންޝަންސީކާ
23 September 2025
ކޮންމެ ކަމެއްގަ މި ސަހީމް ފޮޓޮ ޖަހައިގެން މަޝްހޫރުވުން މި އޮންނަނީ! ހާދަ ބޮޑު އެޓެންޝަން ސީކާ އެކޭ އިނގޭ!
މަހާރަދުން
23 September 2025
މައުމޫނުގެ ދުރުވިސްނުމުން ނަސީބެއް ތި ދިވެހި ކުންފުންޏަކާ ހަވާލު ނުކުރިކަން ...އެހެން ނޫންނަމަ އަރައްބިއްޔާ ސްކޫލު ވެއްޓުނުހެން ވެއްޓުނީސް މާކުރިން...
ހައދަރު
23 September 2025
އެއްމެ ފަސޭހަ އަދި އެއްމެ ރީތި މިސްކިތް.
ނޫސަންގު
23 September 2025
އިސްލާމީ މަރުކަޒަކީ އިޚްލާސްތެރި ފުރިހަމަ ގިނަ ދުވަހަށް ހުންނަ ގޮތަށް ހަދާފައިވާ ބިނާއެއް. އެއާ ޚިލާފަށް ސަލްމާން މިސްކިތް ބައްލަވާ ލައްވާ. މިހާރުވެސް އެތަން ހަލާކުވަމުންދާ ތަން ފެނޭ. ޢިމާރާތް ކުރުމުގެ ފެންވަރު ދަށްވެފައި ޑިޒަައިންވެސް އެހާ ހިތްގައިމެއް ނޫން. ބޭރުވެސް އެތެރެވެސް.
ހަމީން ސަލީމް
23 September 2025
މިރާއްޖޭގެ ބަލިފަޔަކީ އެހެން ބަޔަކަށް މީހަކަށް ތަޢުރީފުގެ ބަހެއް ބުންޏަސް އެއީ ގޯހެކެވެ. ރައީސް މައުމޫން ކުރިޔަސް މޮޅުކަމެއް، ރަނގަޅުކަމެއް ވާނީ ހަމަ މޮޅު ރަނގަޅު ކަމަކަށެވެ. އަމިއްލައަށް ސިޔާސީ ވަރުގަދަ ލީޑަރުންކަމަށް ހެދިގެން އުޅުނަސް އެހެންމީހުންނަށް އިޙްތިރާމުކުރަން ނުދަންނަ އަނގަދަ ސިޔާސީ މީހުންނަކީ ތާކުންތާކު ޖެހޭ ބައެއްނޫނެވެ. ރައީސް މައުމޫން މިޤައުމަށް ކޮށްދެއްވި ޚިދުމަތް އެޒަމާނަށް ބަލާއިރު ހަމައެކަނި އިސްލާމީ މަރުކަޒުންވެސް ފެނޭ.
ކޮންބައެއް
23 September 2025
އެއީ ހަމަ ހަސަދަވެރިން
ދޮންކަރާ
23 September 2025
ޑިޒައިނަރެއް ނޫން.. އާކިޓެކްޓު..
ަސދަސދގފ
23 September 2025
ޑިޒައިން ކުރީ ވެސް އަދި ބުރޫނާއީީ އިން އެހީ ހޯދައިދިނީ ވެސް އެބޭފުޅާ. ބުރޫނާއީގެ ރަސްގެފާނާއި އެބޭފުޅާ އަކީ ކްލާސްމޭޓުން.
ޑޮކްޓަރ މޮންރޯ މަސީހް އާރުއެމްޕީ
23 September 2025
ދިވެހިރާއްޖޭގައި އެންމެ އުހުގައި އެންމެފަލަކޮށް ރަންއަކުރުން ލިޔެފައިވާތީ އެފެންނަނީ މުހައްމަދު ތަކުރުފާނުގެ ނަންފުޅު. އޭގެ ތިރިން ދެން ލިޔެފައި އެވަނީ މައުމޫނުގެ ނަންފުޅު. ވިސްނާ ބަޔަކަށް މިކަން އިބުރަތަކަށް ވާނެކަމަށް ދެކެން. އެއީ އިސްލާމީ މަރުކަޒުގެ މިސްކިތުގައި ހަރުކުރެވިފައިވާ ނަންބޯޑު.
ކުރުމު
23 September 2025
މިއީ މައުމޫނުވެގެން ވާކަމެއް ނޫން. އަރަބި ކެލިގްރަފީގެ ޢުރުފެއް އެއީ އެލިޔާމީހެއްގެ ނަންޖެހުން. އިސްލާމީ މަރުކަޒުގެ އެތެރޭގަ ހުންނާނެ ތަބައް އަލިފުޅުގެ ލިޔުންވެސް އޭގައިވެސް އިންނާނެ އޭނާގެ ނަމުގެ ރަމްޒު. މައުމޫނަކީ ލިޔުންތެރިއެއް އޭނާ ލިޔުނު އެއްޗެއްގައި އެފާހަގަ ޖެހުމުގެ ހައްގު އޮންނަންވާނެ. ތިބޭފުޅާ އެލިޔުން ލިޔުއްވި ނަމަވެސް އެކަން އޮންނާނީ އެހެން.
ކޮން
23 September 2025
މަށަށް ތި އިބުރަތް ލިބިއްޖެ
އަސަރަފަ
23 September 2025
ވަރަށް ފުރިހަމަ ޑިސައިނެއް، ވެންޓިލޭސަނަށް ބެލިޔަސް، ނެޗުރަލް ލައިޓިންއަށް ބެލިޔަސް. މިހާރު މިހަދާ ޒަމާނީ މިސްކިތްތަށް އަދިވެސް މިއަށްވުރެ ގޯސް
ޢީލް
23 September 2025
އަދިވެސް ރައީސްމައުމޫން ކުރެއްވި މަސައްކަތެއްނުން ކަމެއް މިގައުމަކުން ފެންނާކަށް ނެތް.