ރިޕޯޓް

އިސްލާމީ މަރުކަޒަކީ ހާޖީދާރު ގެންނެވި ބޮޑު ބަދަލުގެ ރަމްޒެއް

ހާޖީދާރު "މިހާރު" ގެ ނޫސްވެރިންނަށް ފޮޓޯއަކަށް ތައްޔާރުވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ފޮޓޯ، ވީޑިއޯ ނަގާނަންތަ؟ އެހެންވިއްޔާ އަންނާނަން ރީތިވެގެން" ހިނިގަނޑަކާ އެކު މިހެން ވިދާޅުވެފައި ޑރ.ހާޖީދާރު އަބްދުލް މަޖީދު ވަޑައިގަތީ މި އިންޓަވިއު އަށް ތައްޔާރުވެ ވަޑައިގަންނަވާށެވެ. އެއީ، ކުރައްވާ ކޮންމެ ކަމެއް އެހާ ގަޔާވެގެން، އެންމެ ފުރިހަމައަށް ކުރައްވަން ބޭނުންވާ ބޭފުޅަކަށް ވާތީ އެވެ. ރާއްޖޭގެ އިސްލާމީ އެންމެ ވަރުގަދަ ބިނާ، އިސްލާމީ މަރުކަޒު އެކަމަށް ހެކިދެ އެވެ.

ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ތާރިހީ، ރީތި އެ އިމާރާތަކީ އޭނާގެ ޑިޒައިނެކެވެ.

އެ ބިނާ ހިމެނެނީ، އޭނާގެ ޒުވާން ދުވަސްވަރު މިސްކިތްތައް ފަރުމާކުރުމުގައި ގެންނެވި އެންމެ ބޮޑު ބަދަލުގެ ތެރޭގަ އެވެ. މިސްކިތްތައް ހަމައެކަނި ނަމާދުކުރަން ހާއްސަކުރުމަށް ވުރެ އިލްމީ އަދި އިޖުތިމާއީ ކަންކަން ކުރެވޭ ގޮތަށް ފަރުމާ އޭނާ ބަދަލުކުރެއްވި އެވެ. މެލޭޝިއާގައި، ގެންނެވި އެ ބަދަލު ރާއްޖެއަށް ވެސް ކަމުދިޔައީ އެވެ. އެ ފަރުމާ އަށް މީހުންގެ ރުހުން ހޯދުމަކީ އެންމެ ބުރަ މަސައްކަތެވެ.

އެއީ އެންމެ ފުރަތަމަ ރޭޑިކަލް ޗޭންޖް، ބަދަލުކުރަން ޖެހުނީ ޑިޒައިން އެކަންޏެއް ނޫން، އެ ޑިޒައިން ބަލައިގަތުމަށް މީހުންގެ ވިސްނުން ވެސް ބަދަލުކުރަން ޖެހުނު، --ހާޖީދާރު

އިސްލާމީ މަރުކަޒުގެ އާކިޓެކްޓް، ހާޖީ ދާރު ރާއްޖެ ވަޑައިގަތީ އެ އިމާރާތަށް 40 އަހަރު ފަހުން މިދިޔަ ހަފުތާގަ އެވެ. ކުޑަވަގުތުކޮޅަކަށް ދިމާވުމުން، ތައާރަފަކަށް ނޭދެމެވެ. ފުރަތަމަ ވެސް ސުވާލުކުރީ އާކިޓެކްޗާގެ ތެރެއަށް ވަދެވުނު ގޮތާ ބެހޭ ގޮތުންނެވެ.

އިސްލާމީ މަރުކަޒު ކުރެހި، މެލޭޝިއާގެ އާކިޓެކްޓް ހާޖީދާރު އަބްދުލް މަޖީދު "މިހާރު" ގެ ނޫސްވެރިންނާ މިދިޔަ ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަޅުގަނޑަކީ ކުރަހާ ހިތްވާ މީހެއް. ކުޑަ އިރު ގޭގެ ފާރުތަކުގައި ކުރަހާ އުޅެން. އަޅުގަނޑުގެ ބެލެނިވެރިން، އަދި ވަކިން ހާއްސަކޮށް މަންމަ ހިތްހަމައެއް ނުޖެހޭ ފާރުގައި ކުރަހާތީ. އެކަަމަކު ފަހުން މަންމަ ބުނީ ކީއްވެހޭ ކަރުދާހުގައި ނުކުރަހަނީ، ކަރުދާސް ގެނެސްދީފާނަމޭ،" ކުރެހުމުގެ އެންމެ ކުރީގެ ހަނދާންތައް އާ ކުރައްވަމުން ހާޖީދާރު ވިދާޅުވި އެވެ.

ގިނަ ދުވަސްތަކެއް ނުވެ، އޭނާގެ ހުނަރު ސްކޫލުގެ ޓީޗަރުންނަށް ފާހަގަވެގެން ބައިނަލް އަގުވާމީ ކުރެހުމުގެ މުބާރާތެއްގައި ސްކޫލުގެ ފަރާތުން ބައިވެރިކުރި އެވެ. އެ ފަހަރު ކުރަހަން ޖެހުނީ ރެފިއުޖީންނަށް އެހީތެރިވުމާ ބެހޭ ގޮތުން އދ. އަށް ބޭނުންކުރާނެ ޕޯސްޓަރެކެވެ.

"އެ ޕޯސްޓަރުގެ މައުލޫއަކީ ވޯލްޑް ރެފިއުޖީސް ނީޑްސް ހެލްޕް [ދުނިޔޭގެ ރެފިއުޖީންނަށް އެހީތެރިކަން ބޭނުންވޭ]، އެ މައުލޫ ދީފައި ބުނީ ތައްޔާރުވާން ތިން ގަޑިއިރޭ ލިބޭނީ،" އެއް ވަނަ ލިބުނު އެ މުބާރާތުގެ ވާހަކަ ފެއްޓެވީ އެ ހިސާބުންނެވެ.

އދ.ގެ ކުލަޔަކީ ނުލާއި ހުދު ކަމަށް ވާތީ އެ ޕޯސްޓަރު ކުރައްސަވަން ބޭނުންކުރެއްވީ ނޫކުލައިގެ ކަރުދާހަކާއި ހުދު ކުލަ އެވެ. އޭގައި ކުރެއްސެވީ ވަރަށް ސާދާ ކުރެހުމެކެވެ. މުންޑެއް އަނދެގެން ހުރި، އުމުރުން ދުވަސްވީ އަނަަރޫފަ މީހެކެވެ. އެ މީހާ ވަށައިގެން ލިއުއްވީ ރެފިއުޖީއެއްގެ އިހުސާސްތަކެވެ.

އެ މުބާރާތުން ހޯއްދެވި އެއް ވަނައާ އެކު ލިބިވަޑައިގަތީ ފައިސާގެ އިނާމެއް ނޫނެވެ. ހާޖީދާރަށް އެއަށް ވުރެ މާ އަގުބޮޑު އިނާމެކެވެ.

"އެ މީހުން ދިނީ ފޮތެއް، އާޓްސްގެ އެންސައިކްލޮޕޭޑިއާ އެއް. ޅަ ކުއްޖެއްވީމާ އަޅުގަނޑު ވަރަށް އުފާވި އެ ފޮތް ލިބިގެން، ފޮތް ހުޅުވައި ބަލައި ލުމުން ފެނުނީ ދުނިޔޭގެ މަޝްހޫރު އާޓިސްޓުން، މައިކަލް އެންޖެލޯ އިން ފެށިގެން، ގޮގާން އަދި ޕިކާސޯއާ ހަމައަށް. އެހިސާބުން ކުރެހުން ވީ ޕެޝަން އަކަށް އަދި ހޮބީއަކަށް."

ވާން ބޭނުންވީ ސައިކޭޓްރިސްޓަކަށް

ކުރެހުމަކީ ހޮބީއަކަށް ވިޔަސް، އޭނާ ބޭނުންވީ ސައިކޭޓްރިސްޓެއްގެ ގޮތުގައި ހިދުމަތަށް ނުކުންނަވާށެވެ. އެއީ ކުޑައިރު ދިރިއުޅުއްވި ގެއާ ޖެހިގެން ހުންނަ ހޮސްޕިޓަލްގެ ނަފުސާނީ ބަލީގެ މީހުންގެ ވޯޑަކުން ދޫވެގެން ނުކުތް ބަލި މީހެއްގެ ހާލަތު ފެނިގެން ކުރެއްވުނު ހިޔާލެކެވެ.

"އަޅުގަނޑު ފަހުން ބޮޑުދައިތަ ގާތު ބުނިން އެ މީހުންނަށް އެހީތެރިވާން ބޭނުމޭ. ދެން ބޮޑުދައިތަ ބުނީ އެހެންވިއްޔާ ވާން ޖެހޭނީ ސައިކޭޓްރިސްޓަކަށޭ. އަޅުގަނޑު ބުނިން މައްސަލައެއް ނެތޭ ސައިކޭޓްރިސްޓަކަށޭ ވާނީ،" ހާޖީދާރު ވިދާޅުވި އެވެ.

ސްކޫލް ދައުރުގެ ފަހު މަރުހަލާގައި އޭނާއަށް ޖެހިވަޑައިގަތީ އެ ހިޔާލު ދޫކޮށްލައްވާށެވެ. ސްކޫލްގައި ޓީޗަރުން މައުލޫމާތު ދެއްވި ގޮތުގައި އެއީ ކިޔެވުމުގައި މާ ދިގު މުއްދަތެއް ހޭދަކުރަން ޖެހޭ ކަމަކަށް ވާތީ އެވެ.

ސައިކޭޓްރިސްޓަކަށް ވުމުގެ ހިޔާލު ދޫކޮށްލެއްވުމުން ދެވަނަ ޗޮއިސްއަކަށް އޭރު އޮތީ އެކައުންޓެންޓަކަށް ވުމެވެ. އެއީ އޭނާ ހިސާބަށް މޮޅުވީމަ އެވެ.

"ދެން އެކަމާ ބެހޭ މައުލޫމާތު ހޯދި އިރު އެއީ ވަރަށް ފޫހި ކަމެއް، ކޮންމެ ދުވަހަކު ކުރަން ޖެހެނީ އެއް ކަމެއް، މުޅި އުމުރަށް."

އެހިސާބުން ޓީޗަރު އިރުޝާދު ދެއްވީ ކުރާ ހިތުން ކުރެވޭނެ ކަމެއް އިހުތިޔާރު ކުރުމަށެވެ. ހާޖީދާރަށް އެ ގޮތަށް ފެންނަން އޮތީ ކުރެހުމެވެ. އާކިޓެކްޗާގެ ދާއިރާއިން ކުރިއަށްދާން ޓީޗަރު ލަފާ ދެެއްވީ އެހެންވެ އެވެ. އެ އިރުޝާދަށް ނިންމެވި ނިންމެވުމާ އެކު ކުރެއްވި މަސައްކަތުން އޭނާ އަކީ މިހާރު މެލޭޝިއާގައި ވަރަށް ގަދަރުވެރި އާކިޓެކްޓެކެވެ.

ހާޖީދާރު "މިހާރު"އާ ވާހަކަ ދައްކަވަނީ. --- ފޮޓޯ : ފަޔާޒް މޫސާ | މިހާރު

އެ ގައުމުގެ މަޝްހޫރު އެތައް ބިނާއެއް އޭނާ ކުރެއްސެވި އެވެ. އޭގެ ތެރޭގައި ބަންގްސާރުގައި ހުންނަ މަސްޖިދު ސައްޔިދުނާ އަބޫ ބަކުރުއް ސިއްދީގް މިސްކިތާއި 22. ބުރީގެ މެނާރާ ސެލްކޮމް ބިލްޑިންގާއި އެމްއެންއައި ޓްވިން ޓަވަރު ހިމެނެ އެވެ. އެކި ބޭނުންތަކަށް ކުރެއްސެވި އިމާރާތްތަކުގެ އިތުރުން ހަމަ އެކަނި މިސްކިތްތަކަށް ބެލިޔަސް އޭނާ 14 މިސްކިތެއް ފަރުމާކުރެއްވި އެވެ.

"އެހެންވެ، ދަރިވަރުންނަށް ވެސް އަޅުގަނޑު މި ދޭ ނަސޭހަތަކީ ބަލާށޭ، މީހާގައި ހުރީ ކޮން ޕޮޓެންޝަލް އެއްތޯ،" އޭނާ ވިދާޅުވި އެވެ.

ބަންގްސާ މިސްކިތް، މުސްކުޅި ގޮތްތަކާއި ޒަމާނީ ގޮތްތައް އެއްކޮށްލި

އާކިޓެކްޗާގެ ދާއިރާއިން ކިޔަވާ ވިދާޅުވާން ހާޖީދާރު ސަރުކާރުގެ ސްކޮލަޝިޕެއް ހޯއްދެވި ގޮތް އެއީ ދިގު އަދި މަޖާ ވެސް ވާހަކަ އެކެވެ. އެ ވާހަކަ ދޫކޮށްލަމާ ހިނގާށެވެ. އޭނާ 1966 ވަނަ އަހަރު އިންގްލެންޑްގެ ޕޮލިމައުތުން އާކިޓެކްޗާ ކިޔަވަން ފުރުސަތު ހޯއްދެވި ހިސާބަށް އެ ވާހަކަ ކުރުކޮށްލާނަމެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ރަށް ބޭރުގައިވާ ބަންގްސާ ސަރަހައްދުގައި 1982 ވަނަ އަހަރު ބިނާކޮށް ނިމުނު މަސްޖިދު ސައްޔިދުނާ އަބޫ ބަކުރު ސިއްދީގް މިސްކިތަކީ ކިޔަވައި ވިދާޅުވެ ނިމި، އަމިއްލަ އާކިޓެކްޗާ ކުންފުނި އުފެއްދި ފަހުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އޭނާ އެންމެ ފާހަގަ ކުރައްވާ މަސައްކަތެވެ.

"އެއީ ސަގާފީ ގޮތްތައް އަޅުގަނޑުމެން ދޫކޮށްލި ފުރަތަމަ ފަހަރު، އެއީ އޭގެ ކުރިން [މެލޭޝިއާގައި] މިސްކިތްތަކަކީ ހަމަ އެކަނި ނަމާދުކުރަން ހާއްސަކޮށްފައި ހުންނަ ތަންތަން. އެކަމަކު އަޅުގަނޑު ވިސްނަން ފެށީ މިސްކިތްތައް ވާން ޖެހޭނީ އިޖުތިމާއީ މަރުކަޒުތަކަކަށޭ،" ހާޖީދާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މިސްކިތުގައި ޒަމާނީ ސިފަތަކެއް ހިމަނުއްވަން، އެތައް ބަޔަކަށް ވިސްނައިދޭން ޖެހުނެވެ. މިސްކިތްތަކުގެ އިމާމުން ހިމެނޭ ގޮތުންނެވެ.

"އެއީ އެންމެ ފުރަތަމަ ހިންގި އެންމެ ބޮޑު މަޝްރޫއެއް ނޫން. އެއީ އެންމެ ފުރަތަމަ ރޭޑިކަލް ޗޭންޖް، ބަދަލުކުރަން ޖެހުނީ ޑިޒައިން އެކަންޏެއް ނޫން، އެ ޑިޒައިން ބަލައިގަތުމަށް މީހުންގެ ވިސްނުން ވެސް ބަދަލުކުރަން ޖެހުނު،" އޭނާ ވިދާޅުވި އެވެ.

އެކަމަށްޓަކައި ސާވޭ ކުރެއްވި އިރު އޭނާއަށް އެނގިވަޑައިގަތީ ގުއްބަކާއި މުންނާރެއް އަދި މަދީނާގެ މިސްކިތުގައި ހުންނަ ފަދަ ބައްޓަންތަކުގެ ދޮރޯށި ލީމާ، ބަލައިލަން ރީތިކުރުމުގެ ބައިން މީހުންނަށް ފުދޭ ކަމެވެ.

"މީހުންނަށް އެ މިސްކިތް ކަމުދިޔަ، އެއީ އެތުގައި އަޅުގަނޑު ހިމެނިން ކަށުކަމާ ކެމީގެ ކަންތައް ކުރާނެ ބައެއް ވެސް. ކިޔަވައިދޭނެ ކްލާސްރޫމްތަކާއި ލައިބްރައީ އަދި މަލްޓިޕާޕާސް ހޯލެއް ވެސް،" ހާޖީ ދާރު ރޭޑިކަލް ބަދަލެއްގެ ގޮތުގައި ސިފަކުރައްވަނީ އެ ބައިތައް ހިމެނުމެވެ.

ރައީސް މައުމޫނާއި ރާއްޖޭގެ އެހެން ބޭފުޅުންނަށް ބަންގްސާ މިސްކިތް ކަމުދިޔައީ ވެސް އެހެންވެ އެވެ.

އިސްލާމީ މަރުކަޒުގައި ހިމެނީ ރާއްޖޭގެ ގޮތްތައް

އިސްލާމީ މަރުކަޒުގެ ގުއްބު އާއި މުންނާރު: މިއީ ރާއްޖޭގެ އިސްލާމީ ވަންތަކަމުގެ ރަމްޒު.

"މިނިސްޓަރު އިލްޔާސް އިބްރާހީމް އަކީ ވިޔަފާރިވެރިޔާ [ކޮލި] އަލިމަނިކުގެ ރައްޓެއްސެއް، އެ ދެ ބޭފުޅުން އުޅުއްވީ [މިސްކިތެއްގެ] މޮޑެލް އެއް ހޯއްދަވަން. އެ ބޭފުޅުން މެލޭޝިއާގެ ގިނަ މިސްކިތްތަކެއް ބެއްލެވި، ކޭއެލް އާއި ޝަލާންގައި ހުރި. ދެން ކޮންމެސް މީހަކު އެ ބޭފުޅުންނަށް ދަންނަވައިފި ބަންގްސާގައި އަލަށް ހުޅުވި މިސްކިތެއް އެބަ ހުއްޓޭ ވަޑައިގެން ބައްލަވައިލައްވާށޭ،" ރާއްޖޭގެ އިސްލާމީ މަރުކަޒު ފަރުމާ ކުރައްވަން ލިބިވަޑައިގެންނެވި ގޮތުގެ ތަފްސީލު ދެއްވަމުން ހާޖީދާރު ވިދާޅުވި އެވެ.

އެ ދެ ބޭފުޅުން މިސްކިތް ބައްލަވައި ލެއްވުމަށް ފަހު ފުރަތަމަ ވާހަކަ ދެއްކެވީ، ހާޖީދާރު ވިދާޅުވި ގޮތުގައި، މިސްކިތުގެ އިމާމާ އެވެ. އެދިވަޑައިގަތީ މިސްކިތުގެ ޕްލޭން ވިއްކުމަށެވެ.

"އިމާމު ވިދާޅުވީ ނޫނެކޭ، އާކިޓެކްޓް ގާތަށް ވަޑައިގަންނަވާށޭ. އަޅުގަނޑުގެ އޮފީހާއި ގެ ހުންނަނީ މިސްކިތާ ކައިރި ހިސާބެއްގައި،" އޭނާ ވިދާޅުވި އެވެ.

ހާޖީދާރު އަރިހަށް އެ ދެ ބޭފުޅުން ވަޑައިގަތީ އަލިމަނިކާ އެކު އޭރު ވިޔަފާރިކުރައްވާ އުޅުނު ހައްޖާޖް ނަމަކަށް ކިޔާ ބޭފުޅަކު މެދުވެރިވެގެންނެވެ. އެ ބޭފުޅުން ވަޑައިގެން އިސްލާމީ މަރުކަޒު ފަރުމާކުރަން ހުށަހެޅުއްވުމުން އެކަމަށް އެއްބަސްވެވަޑައިގަތީ އެވެ.

ބަންގްސާ މިސްކިތުގައި އަދި ރާއްޖޭގެ އިސްލާމީ މަރުކަޒުގައި ވެސް ބޭނުންކުރި ސިފަތަކުގެ ތެރެއިން ހާޖީދާރު އެންމެ ބޮޑަށް ފާހަގަކުރެއްވި ދެ ސިފަ އަކީ ބޮޑު ސިޑިބަރިއަކުން އަރައިގެން ގޮސް ވަންނަ، މައި މިސްކިތުގެ (ގުއްބުގެ އެތެރެ ފެންނަ ބައި) އުސްވެފައި ތަަނަވަސްވުމެވެ.

"ގްރޭންޑް ސްޓެއާ ކޭސް އިން އަރަން ޖެހޭނީ، އެއީ އަމިއްލަ ޒާހިދުކުރުވުމަށް ޓަކައި [އަމިއްލަ ނަފުސުގެ ކުޑަކަން އިހުސާސްކުރުމަށް ޓަކައި]،"

ސައިކޮލޮޖިކަލީ އެކަންވާ ގޮތް ކަރުދާހުގައި ކުރައްސަވައިގެން ހާޖީދާރު ވަރަށް ރަނގަޅަށް ސިފަކޮށްދެއްވި އެވެ.

މިސްކިތް ފަރުމާ ކުރެއްވުމުގައި ވިސްނުން ގެންގުޅުއްވާ ގޮތް ތަފްސީލުކޮށްދެއްވަން ހާޖީދާރު ކުރައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ބަންގްސާ މިސްކިތެކޭ އެއްގޮތަށް އިސްލާމީ މަރުކަޒުގައި ވެސް ހިމެނީ މައި މިސްކިތާއި އެ ތަނުގެ ދެ ފަރާތުން ތިންބުރި އަށް ހުރި ނަމާދުކުރާ ދެ ބަ އެވެ. އެންމެ ތިރީގައި އޮފީހާއި މާލަމާއި ލައިބްރަރީ އެވެ.

ރާއްޖޭގެ ގޮތްތައް ހިމަނަން ލަކުޑީގެ ކަނޑައި ނެގުންތައް ދޫކޮށްލީ ދިވެހި ވަޑިންނަށެވެ.

އިސްލާމީ މަރުކަޒަށް ފައިސާގެ އެހީ ވެސް ދެއްވި

އިސްލާމީ މަރުކަޒު ޑިޒައިންކުރުމުގެ މަސައްކަތާ ހަވާލުވެވަޑައިގެން، ހާޖީ ދާރު ރާއްޖެއަށް އެތައް ފަހަރަކު ވަޑައިގެންނެވުމުގެ އިތުރުން އޭނާގެ ކުންފުނީގެ ކޮންސަލްޓެންޓުން ވެސް ރާއްޖޭގައި ބޭތިއްބެވި އެވެ. އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަަސައްކަތަށް އޭނާ ފައިސާގެ އެހީއެއް ދެއްވީ އެ މަސައްކަތުގެ އަގުގެ ގޮތުގައި އޭނާ އަށް ލިބުނު ފައިސާ އިންނެވެ.

އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުްނ ދިޔަ ދުވަސްވަރު މައުމޫން އެ ތަނަށް ވަޑައިގެން އިރުޝާދު ދެއްވަނީ.

"އަޅުގަނޑަށް ޕްރޮފެޝަނަލް ފީ ލިބުމުން، ކޮންސަލްޓެންޓުންގެ މެދުގައި އެ ފީ އަޅުގަނޑު ބަހައިލިން، ހަމަ އެއާ އެކު ބުނިން، މިއީ ވަަރަށް ރަނގަޅު މަޝްރޫއެކޭ، ތިޔަ ބޭފުޅުން އެއްބަސްވަންޏާ އަޅުގަނޑު ބޭނުމޭ ފީގެ ބައެއް ހަދިޔާކުރަން. ދެން އަޅުގަނޑުމެން އޭގެ ދެބައިކުޅަ އެއްބައި އަނބުރާ ދިނިން،" ހާޖީދާރު ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒު ޑިޒައިންކުރި އަކިޓެކްޓް ހާޖީދާރު 40 އަހަރު ފަހުން ރާއްޖެއަށް ކުރެއްވި ދަތުރުގައި މިދިޔަ ހަފުތާގައި އިސްލާމިކް އެ މަރުކަޒު ބައްލަވައިލައްވަނީ

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަސައްކަތުގެ އަގު ލިބުމުގެ ކުރިން އޭގެއިން ބައެއް އުނިކޮށްލުމުން އެއްޗެއް ހަދިޔާ ކުރެއްވުނު ކަމަކަށް ނުވާނެ އެވެ. އެއީ، ނުލިބި އޮތް އެއްޗަކީ މީހަކަށް ހަދިޔާ ކުރެވޭނެ އެއްޗެއް ކަމަށް ގަބޫލުނުކުރައްވާތީ އެވެ.

"އެގޮތަށް އެކަން ކިޔައިދިނީ [އަލި]މަނިކަށް. ފުރަތަމަ އަޅުގަނޑުމެންނަށް އަގުދެެއްވާށޭ، އޭރުން އަަޅުގަނޑުމެން ހަދިޔާކުރާނަމޭ،" ހާޖީދާރު ވިދާޅުވި އެވެ.

އިންޓަވިއު ނިންމާލައްވަމުން އޭނާ ވިދާޅުވީ އަގީދާ އަކީ ގައުމަށް ވުރެ މާ މުހިއްމު ކަމެއް ކަމަށާއި ގައުމުތަކާއި ވެރިން ބަދަލުވިޔަސް އަގީދާ އެގޮތުގައި އޮންނާނެ ކަމަށެވެ. ރާއްޖޭގެ އިސްލާމީ މަރުކަޒު ދިވެހިންނެކޭ އެއްގޮތަށް އޭނާއަށް ވެސް ވަރަށް ހާއްސަ އެެވެ. އެއީ، އޭނާގެ ހިތުގައި ބިންވަޅު ނަގާފައިވާ ވަރަށް ފަހުރުވެރި މަސައްކަތެކެވެ.

ހާޖީދާރު މިހާރު ވިސްނަވަނީ އިސްލާމީ މަރުކަޒުގެ މަރާމާތު ޕްލޭނަކަށެވެ. އެ ނިމުނުހާ އަވަަހަކަށް އޭނާ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ އެވެ.

3 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 85%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫޝް

28 September 2025

ގުޑް ވޯކް ނަސީމް ބްރޯ. ތީ ގަދަ ނޫސްވެރިއެއް

The name is already taken The name is available. Register?

މިހާރުގެ ހާލަތު

28 September 2025

މިހާރު ކުރާ ކަމެއް ނަމަ، މޮޅަށް އެކަން ކުރާ ބައެއް ހޯދާނީ. ޕާޓީއަށް ބައި ލިބޭފަދަ ކުންފުންޏެއް ހޯދާނީ. އެމީހުންވެސް ބަލާނީ މަސައްކަތުގެ ފެންވަރު ދަށް ވިއަސް ވީހާ ޚަރަދު ކުޑަކޮށް އެކަން ކުރެވޭތޯ. ނުވިތާކަށް މިސްކިތްތަކުގެ ޕްރޮޖެކްޓަށް ޑިއުޓީ ފްރީކޮށް ތަކެތި އެތެރެ ކުރެވޭތީ މިސްކިތުގެ ނަމުގައި އެ ޕްރޮޖެކްޓް ހަވާލުވާ ކުންފުނިން އެތައް ސާމާނެއް ޑިއުޓީ ފްރީކޮށް އެތެރެކޮށް ވިއްކާ ބޮޑު ފައިދާއެއް ހޯދާނެ، އަރަބިއްޔާ ސްކޫލް މިސާލަކަށް ފުދޭނެ.

The name is already taken The name is available. Register?

11112111

28 September 2025

ސުރުހީ ވަރަށް ތެދު!!!! އެގެންނެވި ބަދަލާ އޭގެ ނަތީޖާ ކިހާ ފޮނި!!!! އަހަރުމެން މިދަނީ އެކަން ތަޖްރިބާ ކުރަމުން!!! ތަޖްރިބާގެ ފޮނި މީރުކަން އެއީ އެމެނަށް އެއްގޮތްވާނެ އެއްޗެއް ނޫން!!!! އަހަންނަށް ލާ ރަހަ ބުނާ ކަން ބޭނުމެއް ނުވޭ!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454