ރާއްޖޭގެ ކުރީގެ ރައީސް މައުމޫނާއި މެލޭޝިއާގެ ބޮޑުވަޒީރު މަހާތިރު މާލޭގެ އެންމެ ގަދީމީ އެއް މިސްކިތް ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލްއާ އެކު މިއަދު ފޮޓޯއަަކަށް ހުއްޓި ވަޑައިގެން
09 ޖުލައި 2025 - 20:18
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދުގެ 100 ވަނަ އުފަން ދުވަހާ ދިމާކޮށް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ދައްކައިދޭ މޮޑެލްއެއް މިއަދު އަރުވައިފި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރުކަން 22 އަހަރު ވަންދެން ކުރެއްވި އަދި އެ ގައުމުގެ ތަރައްގީގެ ބާނީގެ ގޮތުގައި ބަލައިގަންނަ މަހާތިރުގެ 100 ވަނަ އުފަން ދުވަހަކީ މާދަމާ އެވެ. އެ މަނިކުފާނު ބޮޑުވަޒީރުކަން ކުރެއްވީ 1981 އިން 2003 އާ ހަމައަށެވެ.
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އަރާފައިވާ ހުކުރު މިސްކިތުގެ މުންނާރައަކީ ރާއްޖޭގެ ދީނީ އަދި ތާރީހީ އެންމެ މުހިންމު އެއް ބިނާ އެވެ. މިހާރު 300 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެ މުންނާރު ބިނާކޮށް ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެއިރު އަރަބިކަރައިގެ މުންނާރުތައް ހުންނަ ގޮތަށް ކަމަށްވެ އެވެ.
ހިރިގަލާއި އުވައިން ބިނާކޮށްފައިވާ މުންނާރަކީ މާލޭގެ އެންމެ މަޝްހޫރު އެއް ބިނާ ވެސް މެ އެވެ.
އުމުރުފުޅުން 88 އަހަރު ގުނަމުން ގެންދަވާ މައުމޫން މި ވަގުތު ޗުއްޓީ ދަތުރުފުޅެއްގައި މެލޭޝިއާ އަށް ވަޑައިގެން އުޅުއްވާއިރު، އެ މަނިކުފާނުގެ އޮފީހުން ބުނީ މަހާތިރުގެ އަރިހަށް ވަޑައިގެން މަހާތިރުގެ 100 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ވަނީ އެ މަނިކުފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެންފައި ކަމަށެވެ.
ޕެޑާނާގެ ލީޑާޝިޕް ފައުންޑޭޝަނުގައި އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ދެ ބޭފުޅުންގެ މެދުގައި އޮތް އެކުވެރިކަމާއި އިހުތިރާމު ދެމެހެއްޓުމުގެ ގޮތުން ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި ލީޑަޝިޕްގެ ދާއިރާއިން ހިއްސާ ކުރެއްވި ތަޖުރިބާތަކަށް އަލިއަޅުއްވާލައްވައިފަ އެވެ. އިސްލާމީ ދުނިޔޭގެ ސުލްހައާއި އަމާން ކަމަށް ދެ ބޭފުޅުން ކުރައްވާ އުއްމީދުތަކަށް ވެސް އަލިއަޅުއްވައިލެއްވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.
މައުމޫން ވަނީ މަހާތިރުގެ ވެރިކަމާއި މުސްލިމުންގެ އެއްބައިވަންތަކަމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައިފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެ ގައުމުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދުނިޔޭގެ ގިނަ ލީޑަރުން ނުކުޅެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި މައުމޫނާ އެކު ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ބައިވެރިވެވަޑައިގަތެވެ.
މައުމޫންގެ ވެރިކަމުގައި ރާއްޖެ އިން މަހާތިރާ އެކު ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ. ހާއްސަކޮށް މައުމޫނާއި މަހާތިރާ ދެމެދު ރަހުމަތްތެރިކަމުގެ ގުޅުން ވެސް ވަރަށް ބޮޑަށް ބަދަހި ކުރެއްވި އެވެ. މީގެ 17 އަހަރު ކުރިން މައުމޫންގެ ވެރިކަން ނިމުނު ފަހުން ވެސް އެ މަނިކުފާނު މެލޭޝިއާ އަށް ކުރައްވާ އެކި ދަތުރުފުޅުތަކުގައި މަހާތިރާ ބައްދަލުކުރައްވަ އެވެ.
މައުމޫންގެ ވެރިކަމުގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް މެލޭޝިއާގެ ސަރުކާރުން ދިން އެހީތެރިކަން ފާހަގަކުރެވެ އެވެ. އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް މަހާތިރު ރާއްޖެ ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޝޑޝޗ
10 July 2025
މައުމޫނު ކުރިން ތުރުކުރައްވާނެ 4 ޖީބުލީ ގަމީސް. އެކަން ވެސް މިހާރު ހުއްޓާލައިފި.
ޑރ ވާންޗޯ
10 July 2025
ނަސީބެއްނު މުންނާރު ނުދީ މޮޑެލްއެއް ދިންކަން.
ވިކާޝް
10 July 2025
މައުމޫނު އަދިވެސް ހާދަ ސްމާޓޭދޯ! ރައީސެއްގެ ވައްތަރާ ސިފަ ހައިބަތު ދައްކުވައިދޭ ފެނުމުންވެސް! އެއީ އަސްލު ރަނގަޅު ވެރިއެއް! ގައުމުގެ ހަމަޖެހުމާ ފިތުނަތަކުން ދުތުކުރުމަށް ވަރައް އިސްކަންދިން ބޭފުޅެއް!
ރާވެރިބެ
10 July 2025
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަހާތިރުއާއި ދިވެހިރާއްޖެގެ ކުރީގެ ރައީސް މައުމޫން އަކީ މުޅި ދުނީޔޭގެ އިސްލާމީ ގައުމުތަކަށް ބަލާލާ އިރު ހޮވާލެވޭ ލާމަސީލު ދެ ލީޑަރުން. ޚާއްސަކޮށް ރ.މައުމޫން އަކީ ފަހުގެ ތާރީހުގަ ރާއްޖޭގަ އުފެދުނު ދެވަނައެއްނުޥާ އިސްލާމީ އިލްމްވެރިއެއް. ދެލީޑަރުން ދެގައުމަށް ކޮށްދެއްވި އަގުނުކުރެވޭ ޚިދުމަތަކީ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް ފޮހެވޭނެ ނުވަތަ ފަޑުވާނެ ޚިދަުމަތެއް ނޫން.
ދަގަތްފާނު
10 July 2025
އެހެންވީމާ އެއަހަރު ރަސްގެފާނުގެ ސަރުކާރުން ހިންގި އެންމެ ބޮޑު މަސްރޫއަކީ ރަސްގެފާނު ހައްޖަށްދިޔައިރު ފެނުނުކަހަލަ މުއްނާރެއް ގޯތިކާރީގަ ހެދުން. އޭރު ރާއްޖޭ ރައްޔިތުން ތިބެނީ ނުކައި ނުބޮއެ. ދެން ކަލޭމެން ބުނާނެ އަފީފުދީދީ ގޯހޭ.
މުޑަހަންޖާ
10 July 2025
މައުމޫނަކީ ރަށުގެ ތަރައްގީއަށް ވަރަށް ގިނަ ހިދުމަތް ކުރެއްވި ބޭފުޅެއް. ސަރުކާރު ހިންގީވެސް ރަށްކުރިއަރުވާ ކޮމެޓީއެއްގޮތަށް. އެމަނިކުފާނު ރާއްޖެ ބަހާފައޮތީ 2 ބަޔަކަށް. އެއްބަޔަކީ އެމަނިކުފާނުގެ ރަށްފުޅު، އެއީ 2 އަކަކިލޯމީޓަރު. ބާކީ 300 އަކަކިލޯމީޓަރަށް ކިޔާއުޅުނީ ރާއްޖެތެރެ.
ހައްޖަ.
10 July 2025
އެއްވަރުގެ ތައުލީމީ ދެ މޮޑެލް އިން.
ތަރައްގީ2.0
10 July 2025
ގައުމު ތަރައްގީނުވޭ ކިޔާމީހުން ނިކަން ފުރަތަމަ އަމިއްލައަށް ތަރައްގީވެތަހުޒީބުވާންޖެހޭ. ގައުމު ތަރައްގީވާނީ މީހުންގެ އެތެރެފުށް ތަރައްގީވުމުން. މިހާރުވެސް މަޖްލީހުގަ އެވްރެޖްކޮށްހުރި މީހުންގެ ތައުލީމީފެންވަރު ބަލާލީމަ އެނގޭނެ އާންމު މީހުންގެ 'ތަރައްގީ" ހުރި ހިސާބު
ބިރުވެރިކަން
10 July 2025
އަޅުގަނޑު ބޮޑަށް ގަބޫލު ކުރަނީ އެމްޑީޕީގެ ސިޔާސަތުތައް، އެކަމަކު މިހާރު ގައުމު އޮތް ހާލަތައް ބަލާފަ އަދި މިހާރު ހުރި ވާނުވާ ނޭގޭ ކުއްވެރިންނާއި މުޖުރިމުންނަށް އިސްކަންދޭ ވެރިއަށް ބަލާފަ އަދި މުޖުތަމައުގަ އޮތް ބިރުވެރިކަމަށް ބަލާފަ، ރައީސް މައުމޫން ވެރިކަމުގަ ހުރި ނަމައޭ މިއަދު ހިތައް އަރާ!!! ރައީސް މައުމޫން ހުރި އިރު މިގައުމުގަ އޮތް ހަމަޖެހުން މާ މުހިއްމު!!!
ކާދަރ
10 July 2025
މައުމޫނުގެ ޖީލު ހުސްވަނީ. ދެން އޮތީ އަހަރެމެންގެ ޖީލު
ކޮންތާކު
10 July 2025
އާނނ ކަލޭމެންގެ ޖީލުގެ ކަންކަން އެބަ ފެނޭ މިހާރު. ވަރަށް ސަލާމް