މަހާތީރުގެ ދައުވަތަކަށް މައުމޫން މެލޭޝިއާ އަށް

މެލޭޝިއާގެ ބޮޑުވަޒީރު، ޑރ. މަހާތީރު މުހައްމަދުގެ ދައުވަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.


މިއީ، މައުމޫނާ ވަރަށް ގާތް ގުޅުމެއް އޮންނަ މަހާތީރު، މިދިޔަ މެއި މަހުގެ ތެރޭގައި އަލުން ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތް ފަހުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. މަހާތީރު އުމުރުފުޅުން 92 އަހަރުގައި އިންތިޚާބު ކާމިޔާބު ކުރެއްވި އިރު މައުމޫން ހުންނެވީ، ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލަށް ލައިފަ އެވެ.

މައުމޫން ރިފޯމް މޫވްމަންޓުގެ ތަރުޖަމާން ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މައުމޫންގެ ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރަށް އަރުވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ ސިޓީފުޅެއް ހަވާލު ކުރެއްވި ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ރައީސް ކަމުގެ ހުވާކުރެއްވި ފަހުން، ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާ އަށް އަދި ވަޑައެއް ނުގަންނަވަ އެވެ.

މައުމޫން، އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސާފައި ވަނީ މި މަހު 21 ގަ އެވެ. މައުމޫން، މަހާތީރްއާ ބައްދަލުކުރައްވާ އިރު، ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު މަހާތީރްއާ ބައްދަލުކުރައްވައިފަ އެވެ.

މައުމޫންއާ އެކު ޕީޕިއެމްގެ ކުރީގެ ނައިބު ރައީސް އައިމިނަތު ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ބައިވެރިވެވަޑައިގަންނަވަ އެވެ.