މަގުމަތީގައި މީހަކު ސިނގިރެޓް ބޮމުން ހިނގަނީ. --ފޮޓޯ/މިހާރު
30 ސެޕްޓެމްބަރ 2025 - 11:42
ސިޒޭޝަން ކްލިނިކުން ފަރުވާ ހޯދައި، މިދިޔަ އެއް އަހަރު ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި ހަލީމް ވިދާޅުވީ، ހިތުގެ ބައްޔަކީ މިހާރު ވެސް ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ މައިގަނޑު އެއް ސަބަބު ކަމަށް ވިޔަސް އެއީ އެންމެ ބޮޑަށް ރައްކާތެރިވެވިދާނެ އެއް ބަލި ކަމަށެވެ.
އެ މައްސަލަތަކާ ގުޅުން ހުރި ކަންކަމުގައި ޒުވާން އާބާދީއެއް ޝިކާރައަކަށް ވެފައިވާތީ ހަލީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އެފަދަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭނީ ހަމައެކަނި ހޮސްޕިޓަލްތަކުން އެކަނި ނޫން ކަމަށެވެ. އެއީ ސިއްހީ ސިޔާސަތުތައް އެކުލަވާލާ އެންމެ މަތީ ފަންތީގައި ވެސް ވަރަށް އަވަހަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، ހަލީމް ވިދާޅުވީ، ކަމާ ގުޅުން ހުރި އިދާރާތަކުން ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން، ގިނަ ބަލިތަކަށް ހުށަހެޅިގެންދާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން އެހީތެރިވުމަށް ހިންގާ ޕްރޮގްރާމްތައް އިތުރުކޮށް، ކާމިޔާބީތައް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޒޭޝަން ކްލިނިކްތަކުގައި މިދިޔަ އަހަރުގެ އޮގަސްޓް 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް 356 އަށް ވުރެ ގިނަ މީހުން ބައިވެރިވެ 101 މީހުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައި، ތިން މަހަށް ވުރެ ގިނަ ދުވަސް އެގޮތުގައި ދަމަހައްޓާފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
ދުންފަތުން ދުރުކުރުމަށް ސިޒޭޝަން ކްލިނިކުން ދޭ އެއް ފަރުވާއަކީ ނިކޮޓިކް ރިޕްލޭސްމަންޓް ތެރަޕީ އެވެ. ތިން މަސް ދުވަހަށް ދޭ އެ ތެރަޕީގެ ހަރަދުތައް އާސަންދައިން ކަވަރުކުރެ އެވެ.
ހަލީމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ބަލިތަކުން ރައްކާތެރިވުމާއި އަވަހަށް ބަލިތައް ދެނެގަތުމެވެ. އާއްމު ފަރާތްތަކާ ގުޅިގެން، ސިއްހީ ހިދުމަތް ދޭ އެކި އިދާރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ބާއްވަމުން އަންނަ ކަމަށާއި ލޭގެ ޕްރެޝަރު މަތިވުމާއި ކޮލެސްޓްރޯލް މައްޗަށް ދިއުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރައްކާތެރި ކަންކަން ދެނެގަނެ، އެ ކަންކަން ބެލެހެއްޓުމަށް އެކަމުގެ ސަބަބުން މަގުފަހިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ހިތުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ޑޯންޓު މިސް އަ ބީޓް" އެވެ. އެ ޝިއާރުން ގޮވާލަނީ ހިތުގެ ސިއްހަތާ މެދު ސަމާލުވުމާއި ސިއްހީ ޗެކަޕްތައް ލަސްނުކުރުން އަދި ހިތުގެ ބައްޔެއްގެ އަލާމާތްތައް ފާހަގަކުރެވޭތޯ ވިސްނުން ބެހެއްޓުމަށެވެ.
އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލް ހިންގާ ގްރޫޕުން އަންނަނީ ހިތާއި ލޭ ހޮޅިތަކުގެ ފަރުވާ ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.
އޭގެ ތެރެއިން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައިޖީއެމްއެޗުގައި ވަނީ ކެތު ލެބު ހުޅުވައިފަ އެވެ. އެއީ، ބޭރުގެ އެއްވެސް ބައެއްގެ އެހީތެރިކަމެއް ނެތި، ދިވެހި ކްލިނިޝަންގެ އެހީގައި ރާއްޖޭގައި ފުރަތަމަ ކުރި ތާރީހީ މަސައްކަތެކެވެ. އެންޑޮވެސްކިއުލާ ނިއުރޯ ސާޖަރީ އަދި ކާޑިއޯތޮރެސިކް ސާޖަރީ ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޓޭކޯ
30 September 2025
ރައީސް މުޢިއްޒުގެ ދުރުވިސްނުންފުޅާއި އެކު ނަންގަވާ ޑިޝިސަން ވަރަށް ސަތޭކަ. ރައީސް މުއިއްޒަކީ ރައްޔިތުންގެ ވެރިއެއް. ދުންފަތާކުޅުމަކީ ބަޑިބޭހާއި ކުޅުން ފަދަ ކަމެއް. އެކަމަކު ރައީސް މުއިއްޒުކުރައްވަނީ އެހެން ސަރުކާރުތަކުގައި ކުރަން ނުކެރިފައި ހުރި އަންނަން އޮތް ޖީލުތަކަށް ފައިދާހުރި ކަންކަން. ސިޔާސީ ފައިދާ ނަގަން ބޭނުންވާ މީހެއް ނޫން މުއިއްޒަކީ. ހަމަ އޮބި. ތަރައްޤީ ބޭނުމިއްޔާ އަދި އެއް ދައުރު ދޭން ފެންނަނީ. އިރާދަކުރެއްވިއްޔާ ވޯޓުން އެކަން ފެންނާނެ
އެރފެރ88
30 September 2025
845 މީހުން އަލަށް ސިނގިރެޓް ބޯންވެސް ފަށައިފި. 700 ކުޑަކުދިން ހިމެނޭގޮތައް.
ސަސި
30 September 2025
ޔަގީންތަ ހަމަ ސީދާ 100 މީހުުން ކަން؟
ސަނީސައިޑްބޮންޑް
30 September 2025
ހަމައެއާއެކު އަހަރަކު 2000+ މީހުން ދުންފަތާ ކައިރިއަށްދާނެ. މިހެންވާން ޖެހޭ އެންމެބޮޑުސަބަބަކީ ބޮޑުވެ ފުރާވަރަށް އަރާއިރުވެސް ދިރިއުޅުމުގެ މުސްތަޤްބަލާމެދު އެއްވެސް ޔަޤީންކަމެއްނެތި ސްޓްރެސްމަތީ އުޅެންޖެހުން.